ފީފާ ވޯލްޑް ކަޕް: ސްލޮވާކިއާ ބަލިކޮށް ހޮލެންޑް ކުއާޓަރ ފައިނަލަށް ހިނގައްޖެ

ޖޫން 29:
ވޯލްޑް ކަޕްގެ ދެވަނަ ބުރުގައި ރޭ ސްލޮވާކިއާ އާއި ހޮލެންޑް ބައްދަލުކުރި މެޗް 2 – 1 އިން މޮޅުވީ ހޮލެންޑެވެ. މިމެޗުން މޮޅުވުމުން މުބާރާތުގައި ކުޅުނު 4 މެޗުން މޮޅުވެގެން ހޮލެންޑް ވަނީ ކުއާޓަރ ފައިނަލަށް ގޮސްފައެވެ. މިއީ އާޖެންޓީނާ ފިޔަވައި ކުޅުނު 4 މެޗުން މޮޅުވުގެން ކުއާޓަރަ ފައިނަލަށް ދިޔަ ހަމައެކަނި ޓީމެވެ. އަދި މިއީ ވޯލްޑް ކަޕްގައި ހޮލެންޑް ޓީމަށް ޖެހިޖެހިގެން 4 މެޗް ކާމިޔާބުކުރެވުނު ފުރަތަމަ ފަހަރެވެ.
ހޮލެންޑުން މިމެޗްގައި ގޯލްޖެހީ މެޗްގެ 18 ވަނަ މިނެޓްގައި ރޮބެން އާއި 84 ވަނަ މިނެޓްގައި ޝްނައިޑާއެވެ. ސްލޮވާކިއާގެ ގޯލްޖެހީ މެޗްގެ 90 މިނެޓް ހަމަވެގެން ކުޅުނު އިތުރު ވަގުތުގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުން ވީޓެކް އެވެ.
ކުއާޓަރު ފައިނަލްގައި ހޮލެންޑާއި ބްރެޒިލް ބައްދަލުކުރާމެޗް ކުޅުމަށް ހަމަޖެހިފައިވަނީ 2 ޖުލައި 2010 ވަނަ ދުވަހުގެ ރޭ 7.30 ގައެވެ.
