Live News From S.Meedhoo

ފީފާ ވޯލްޑް ކަޕް: ޖެހިޖެހިގެން ތިންވަނަ ފަހަރަށް ޗިލީ ބަލިކޮށް ބްރެޒިލްއިން ހެޓްރިކް ހަދައިފި

ޖޫން 29:

ވޯލްޑް ކަޕްގައި ޖެހިޖެހިގެން ތިންފަހަރު ޗިލީ ބަލިކޮށް ބްރެޒިލް އިން ހެޓްރިކް ހެދީ ދެވަނަ ބުރުގައި ރޭ ކުޅުނު މެޗުން ޗިލީގެ މައްޗަށް 3- 0 އިން ކުރި ހޯދައިގެންނެވެ. މީގެ ކުރިން 1962 ވަނަ އަހަރު ސެމީ ފައިނަލްގައި އަދި 1998 ވަނަ އަހަރު ދެވަނަ ބުރުގައި ބްރެޒިލް ވަނީ ޗިލީ އަތުން މޮޅުވެފައެވެ. މިދެފަހަރުވެސް ޗިލީއަތުން ބްރެޒިލް މޮޅުވެފައިވަނީ 4 – 0 ގެ ބޮޑު ތަފާތަކުންނެވެ. ބްރެޒިލް ވަނީ މިމުބާރާތުގެ ކޮލިފައިންގ ދެމެޗުންވެސް ޗިލީ ބަލިކޮށްފައެވެ.

ޑުންގާގެ ޓީމުން މެޗްގެ ކޮންޓްރޯލް ހޯދީ ފުރަތަމަ ހާފް ނިމެން 10 މިނެޓަށް ވެފައިވަނިކޮށް ޖުއާން އާއި ލުއިސް ފަބިއާނޯ ޖެހި އަވަސް ދެގޯލުންނެވެ. ދެވަނަ ހާފްގައި ޗިލީއިން ބަދަލުތަކެއް ގެނެސް ބްރެޒިލް ކޮޅަށް ގޯލެއްޖެހޭތޯ މަސައްކަތް ކުރިއެވެ. ނަމަވެސް ޗިލީއަށް އެކަން ކާމިޔާބު ނުވަނީސް ބްރެޒިލްގެ ރޮބީނިއޯ ޗިލީގެ ޑިފެންސް ފޫއަޅުވާލުމަށްފަހު 3 ވަނަ ގޯލް ޖެހިއެވެ. މިއީ ރޮބީނިއޯ ޗިލީއާއި ދެކޮޅަށް ކުޅުނު 6 މެޗުގައި ޗިލީކޮޅަށް ޖެހި 8 ވަނަ ގޯލެވެ.

ކުއާޓަރ ފައިނަލްގައި ބްރެޒިލް އާއި ހޮލެންޑް ބައްދަލުކުރާ މެޗް ކުޅުމަށް ހަމަޖެހިފައިވަނީ 2 ޖުލައި 2010 ވަނަ ދުވަހުގެރޭ 7.30 ގައެވެ.

މިލިޔުމަށް ޚިޔާލު ނުފޮނުވޭ.