Live News From S.Meedhoo

ފަޓުލޫނު ލައިގެން ކުރާ ނަމާދު ޞައްޙަވާނެތަ؟

الحمد لله ربّ العالمين والصلاة والسلام على من أرسله رحمة للعالمين، وعلى آله وصحبه أجمعين، أمّا بعد:
ކަމުގެ ދެކޮޅު ބެލުމެއްނެތި މުޖްތަމަޢުގެ ތެރެއަށް ބައެއް ބޭފުޅުން ފާޅުކުރާ ދީނީ ފަތުވާތަކުގެ ސަބަބުން އުފެދޭ ފިތުނައިގެ ރާޅުތައް އަޅުގަނޑުމެންގެ މިސްކިތްތަކަށް ދަނީ ތާއަބަދުމެ ބީއްސަމުންނެވެ. މިހާރު އެންމެ ބާރު އޮއިވަރެއް އުފެދިފައިވަނީ ފަޓުލޫނު ލައިގެން ނަމާދު ކުރުމުން އެނަމާދު ޞައްޙަ ނުވާނޭކަމަށް ދެކެވޭ ވާހަކައެވެ. މި މައްސަލައިގައި އަޅުގަނޑުގެ ވާހަކަތަކުގެ ބަދަލުގައި ތިރީގައި ހުށަހަޅާލާފައި އެވަނީ ސަޢޫދީ ޢަރަބިޔާގެ ބޮޑެތި ޢިލްމުވެރިންގެ ބައެއް ފަތުވާތަކެވެ.
ސ: ފަޓުލޫނު ލައިގެން ނަމާދު ކުރުމުގެ ޙުކުމަކީ ކޮބާ؟ ޚާއްޞަކޮށް ފަޓުލޫނުލައިގެން ނަމާދުކުރާ ބައެއް މީހުން ރުކޫޢު ކުރުމުގައްޔާއި ސަޖިދަކުރުމުގައި އެމީހުންގެ ޢައުރައިން ބައެއް ކަޝްފުވެގެން ދެއެވެ.
މި ސުވާލުގެ ޖަވާބުގައި އަލްޢައްލާމާ ޢަބްދުލް ޢަޒީޒް ބިން ޢަބްދުﷲ ބިން ބާޒް ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. “އެ ފަޓުލޫނަކީ ފިރިހެނާގެ ފޫޅާއި ކަކުލާ ދެމެދު ނިވާކޮށްދޭ އެއްޗެއް ކަމުގައިވަނީނަމަ، އަދި ގަޔަށް ބާރުނޫން ދޫ ފަޓުލޫނެއްނަމަ އޭގައި ނަމާދު ޞައްޙަވާނެއެވެ. އަދި އެންމެ ހެޔޮވެގެންވާ ގޮތަކީ އޭގެ މަތީން، ފޫޅާއި ކަކުލާ ދެމުދު ފޮރުވޭވަރުގެ ގަމީހެއް ލުމެވެ. އަދި އެހެދުން އޭނާގެ ކަށިމަތީގެ މެދާއި ހަމައަށް ނުވަތަ ތަނބިކަށީގެ މައްޗާއި ހަމައަށް ހުންނަވަރުގެ ހެދުމެއް ލުމެވެ. އެއީ ޢައުރަ ނިވާކުރުމުގެ އެންމެ ފުރިހަމަ ގޮތެވެ.”
އައްޝައިޚް ޞާލިޙުލް ފައުޒާނު ވިދާޅުވެފައިވެއެވެ. “ނަމާދު އޭގެ ޒާތުގައި، ތިފަދަ ހެދުމެއްގައި ކުރިކަމުގައިވިޔަސް، މީހަކު އޭނާގެ ޢައުރަ ނިވާކޮށްގެންހުރެ ނަމާދު ކުރަނީނަމަ އޭނާގެ ނަމާދު ޞައްޙަ ވާނެއެވެ. ނަމަވެސް ގަޔަށް ބާރު ހެދުމެއްގައި ނަމާދު ކުރަނީނަމަ އެފަދަ މީހަކު ފާފަވެރިވާނެއެވެ. އެއީ ނަމާދުގެ ޝިޢާރުތަކުގެ ތެރެއިން ޝިޢާރަކަށް އުނިކަން ލިބޭނޭފަދަޔަކުން އޭނާ ހުރީތީއެވެ. ހަމައެފަދައިން، ގަޔަށް ބާރު ހެދުމެއް ލައިގެން ހުރެ ނަމާދު ކުރުމަކީ އެހެން މީހުންގެ ނަޒަރު އޭނާގެ މައްޗަށް ލަންބުވައި، ފިތުނަވެރިކަން އުފައްދުވާ ކަމެކެވެ. ޚާއްޞަކޮށް އެއީ އަންހެނަކު ކަމުގައިވަނީނަމަ އެއިން އުފެދޭ ފިތުނަވެރިކަން ވަކީން ބޮޑެވެ.”
ފަޓުލޫނު ލައިގެން ނަމާދު ކުރުމާ ބެހޭގޮތުން އައްޝައިޚް އިބްނުލް ޢުޘައިމީން ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. “ދީނުގައި ހުއްދަ ޠާހިރު ކޮންމެ ހެދުމެއްލައިގެންވެސް، އެހެދުމަކުން ޢައުރަ ނިވާވާ ކަމުގައިވަނީނަމަ ނަމާދު ޞައްޙަވާނެއެވެ. ކަނޑައެޅިފައިވާ ވަކި ހެދުމެއްގައި ނަމާދު ކުރުން އެއީ ޝަރުޠެއް ނޫނެވެ. އެހެދުމެއްގައި ތިން ޝަރުޠު ފުރިހަމަވާނަމަ، އެއީ ޠާޙިރު، ދީނުގައި ހުއްދަ އަދި ޢައުރަ ނިވާވާ ފޭރާމެއްނަމަ އޭގައި ނަމާދު ކުރުން ހުއްދަވެގެންވެއެވެ.”
ފަޓުލޫނު ލައިގެން ނަމާދު ކުރުމާމެދު ސަޢޫދީ ޢަރަބިއްޔާގެ ލަޖުނަތުއްދާއިމާގެ ފަތުވާގައި ވިދާޅުވެފައިވެއެވެ.
ފަޓުލޫނާއި އަދިވެސް އެފަދަ ހެދުން ހެދުމުގައި ނަމާދު ކުރުމާމެދު އޮތް ގޮތަކީ، ހެދުން އެޅުމަކީ العادات ގެ ތެރެއިން ހިމެނޭ ކަމަކަށްވާތީ، ކޮންމެ ބާވަތެއްގެވެސް ހެދުމުގެ އަޞްލަކީ ހުއްދަވެގެންވުމެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ އަލް އަޢުރާފް ސޫރަތުގެ 32 ވަނަ އާޔަތުގައި ވަޙީކުރައްވާފައިވެއެވެ. “قُلْ مَنْ حَرَّمَ زِينَةَ اللَّهِ الَّتِي أَخْرَجَ لِعِبَادِهِ وَالطَّيِّبَاتِ مِنَ الرِّزْقِ” މާނައީ: “ކަލޭގެފާނު ވިދާޅުވާށެވެ! اللَّه, އެކަލާނގެ އަޅުތަކުންނަށް ނެރުއްވައިދެއްވި، اللَّه ގެ ޒީނަތާއި، رزق ގެ ތެރެއިން ރަނގަޅު ތަކެތި حرام ކުޅައީ ކާކުހެއްޔެވެ؟” މިއާޔަތުން އިސްތިޘްނާވެގެންވަނީ ދީނުގައި އެއެއްޗެއް ޙަރާމްކަމުގެ މައްޗަށް ނުވަތަ މަކްރޫހަވެގެންވާ ކަމުގެ މައްޗަށް ދަލީލު ލިބޭ އެއްޗިއްސެވެ. މިސާލަކަށް ފިރިހެނުން ފަށުވި ފޭރާން ލުން ޙަރާންވެގެންވެއެވެ. އަދި ޢައުރަ އެނގޭފަދަ، އެތެރެ ފެންނަ ފޮތިން ހަންގަނޑުގެ ކުލަ އެނގޭކަމުގައިވާނަމަ ހުއްދައެއް ނުވާނެއެވެ. ނުވަތަ ބާރުވެގެންގޮސް އަޢުރައިގެ ބައްޓަންތައް ފާޅުވާނަމަ ހުއްދައެއް ނުވާނެއެވެ. މިދެންނެވި ފަދަ ހެދުންތަކަކުގެ ޙުކުމަކީ ޢައުރަ ކަޝްފުވެގެންވުމުގެ ޙުކުމެވެ. ޢައުރަ ކަޝްކުރުން ހުއްދަ ނުވާތީ އެފަދަ ހެދުންތައްވެސް ހުއްދައެއް ނުވާނެއެވެ. ހަމައެފަދައިން ކާފަރުންގެ ސިފަތައް އެހެދުމެއްގައި އެކުލެވިގެންވާ ހެދުންތައްވެސް އެޅުން ހުއްދަވެގެން ނުވެއެވެ. އެއީ މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ ކާފަރުންނާ އެއްގޮތްވުން ނަހީކުރައްވާފައެވެ. އަދި ފިރިހެނުން އަންހެން ހެދުންލުމާއި އަންހެނުން ފިރިހެން ހެދުންލުން ހުއްދަވެގެން ނުވެއެވެ. އެއީ މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ އަންހެނުން ފިރިހެން ދުޅާވެގެންއުޅުމާއި ފިރިހެނުން އަންހެން ދުޅާވެގެން އުޅުން ނަހީކުރައްވާފައެވެ. ހަމައެފަދައިން ގަމީހާ ފަޓުލޫނަކީ ހަމައެކަނި ކާފަރުންނަށް ޚާއްޞަވެގެންވާ ކާފަރުންގެ ހެދުމެއް ނޫނެވެ. އަދި އެއީ ވަރަށް ގިނަ ގައުމުތަކެއްގައި މުސްލިމުންނާއި ޣައިރު މުސްލިމުންވެސް އާންމު ގޮތެއްގައި ލާއުޅޭ އާންމު ހެދުމެކެވެ. ބައެއް ރަށްރަށުގައި އެހެދުން ލުމާމެދު ނަފުރަތު އުފެދެނީ، އެ ރަށްރަށުގެ އަހުލުވެރިން އާންމު ގޮތެއްގައި ލައި އުޅޭ ހެދުމަކަށް އެހެދުން ނުވާތީއެވެ. އަދި އެބައިމީހުންގެ އާދަކާދަޔާ ނުގުޅޭ ހެދުމަކަށްވާތީއެވެ. ވީމާ އެފަދަ ރަށެއްގައި އުޅޭ މުސްލިމަކު ނަމާދުގައިވެސް އަދި ނަމާދުން ބޭރުގައިވެސް އަދި އާންމު ތަންތާނގައިވެސް އެފަދަ ހެދުމެއް ނުލުން އެއީ އެންމެ އައުލާވެގެންވާ ގޮތެވެ.
މިފަތުވާ ދެއްވާފައިވަނީ: އެކޮމެޓީގެ މެންބަރު: عبد الله بن قعود އާއި އަދި މެންބަރު: عبد الله بن غديان އަދި ނާއިބު ރައީސް عبد الرزاق عفيفي އަދި ރައީސް عبد العزيز بن عبد الله بن باز ވެ. މިފަތުވާގެ ނަންބަރަކީ 1620
ދީނީ މައްސަލައެއް އޮޅުންއަރާފައިވާނަމަ، ކޮންމެ މީހަކުވެސް އެކަމެއް ސާފުކުރުމަށް މަސައްކަތް ކުރުމަކީ ލާޒިމުވެގެންވާ ކަމެކެވެ. އަދި އެފަދަ އޮޅުން އަރާ މައްސަލަތަކުގައި އިތުރު މަޢުލޫމާތު ސާފުކުރަން ނޫޅެ ކައްނެތްކަމާއެކު ހުރުމަކީ ހުއްދަވެގެންވާ ކަމެއް ނޫނެވެ.
“ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! އަޅަމެނަށް ފައިދާހުރި ޢިލްމެއް ދެއްވާނދޭވެ! އަދި އަޅަމެނަށް ދެއްވާ ޢިލްމަކުން ނަފާކޮށްދެއްވާނދޭވެ! އަޅަމެނަށް ޢިލްމު އިތުރުކޮށްދެއްވާނދޭވެ!”

ނޯޓް: މިއީ ރާއްޖެ އިސްލާމް ވެބްސައިޓުން ނަގާފައިވާ ލިޔުމެކެވެ.

މިލިޔުމަށް ޚިޔާލު ނުފޮނުވޭ.