ފީފާ ވޯލްޑް ކަޕް: އެފްރިކާގެ އެއްމެ ފަހު ޓީމް ގާނާ މުބާރާތުން ކަޓައިފި
ޖުލައި 03:
ގައުމު ދިފާއުކުރުމަށްޓަކައި ކުޅުންތެރިއެއްގެ ހައިސިއްޔަތުން ކުރާނެ އެއްމެ ފަހު ކަންތައް ރޭގެ މެޗްގައި އުރުގުއޭގެ ސުއަރޭޒް ކުރިއެވެ. މެޗްގެ ފުރިހަމަ ވަގުތު ހަމަވިއިރު 1 – 1 ގެ ނަތީޖާއިން ދެޓީމް އެއްވަރުވުމުން، ކުޅުނު 15 މިނެޓްގެ ދެވަނަ ހާފް ނިމެންން ސިކުންތު ކޮޅަކަށްވެފައި ވަނިކޮށް ގާނާއިން އުރުގެއޭގެ ގޯލަށް ފުލު ފުލުން ފޮނުވާލި ހަމަލާތައް ގޯލް ލައިން މަތީގައި ހުރެގެން ދިފާއުކުރަންޖެހުނީ ސުއަރޭޒް އަށެވެ. ގައުމީ ޓީމްގެ ކުޅުންތެރިއެއްގެ ހައިސިއްޔަތުން އަދާކުރަންޖެހޭ ގައުމީ ވާޖިބް އަދާކުރުމުގައި އެއްމެ ފަހުން އޭނާއަށް މަޖްބޫރުވީ އިދިކޮޅު ޓީމަށް ޕެނެލްޓީއެއް ހޯދައިދީ، ރަތްކާޑަކާއެކު ދަނޑުން ފައިބާށެވެ. އެއްމެފަހުން ގާނާގެ ޑޮމިނިކް އަދިޔާ ބޮލުން ފޮނުވާލި ބޯޅަ ސުއަރޭޒް އަތުންޖަހައި ބޭރުކުރިއެވެ.
މެޗުގެ އެއްމެ ފަހު ސިކުންތުކޮޅުގައި ގާނާއިން ފޮނުވާލި ބޯޅަ ގޯލް ލައިން ހުރަސްކޮށް އެތެރެއަށް ވަނުމުގައި ހުރަހަކަށް ސުއަރޭޒްގެ އަތް ބޭނުން ކޮށްފައިވާތީ، އެކަމުގެ ބަދަލުގައި އޭނާއަށް ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލުމަށްފަހު، ޕޯޗްގަލްގެ ރެފްރީ ގާނާއަށް ޕެނަލްޓީއެއް ދެއްވިއެވެ. އެވަގުތުކޮޅު ވެގެންދިޔައީ ސޮކާރ ސިޓީ ސްޓޭޑިއަމްގައި މެޗް ބަލަން ތިބި 88 ހާހަށްވުރެ ގިނަ މީހުން ލޯތައް އެއްފަހަރާ އެއް ދިމާލަކަށް ހުއްޓުނު ވަގުތު ކޮޅަކަށެވެ. އެވަގުތުކޮޅަކީ މުބާރާތުގައި މޮޅު ކުޅުމެއް ދައްކާފައިވާ ގާނާގެ މަޝްހޫރު ކުޅުންތެރިޔާ ޖިއާން ޕެނެލްޓީ ޖެހުމަށް ގޮސް ހުއްޓިގެން ހުރި ވަގުތުކޮޅެވެ. އަދި އެއީ މުޅި އެފްރިކާ އެޓީމަކަށްޓަކައި ފަޚްރުވެރިވާ ގާނާގެ ޤައުމީ ފުޓްބޯޅަ ޓީމް މުބާރާތުގެ ސެމީފައިނަލަށް ގެންގޮސްދިނުމުގެ ޒިންމާ ޖިއާންގެ ކޮނޑުގައި އެޅިފައި އޮތް ވަގުތުކޮޅެވެ. ނަމަވެސް ޖިއާން ޖެހި ޕެނަލްޓީ ވެގެންދިޔައީ އޭނާގެ މުޅިހަޔާތުގައި އެޕެނަލްޓީ ޖެހުނު ގޮތާއިމެދު ދެރަވަ ހިތާމަކުރާނެ ޕެނަލްޓީއަކަށެވެ. ޖިއާން ޖެހި ޕެނަލްޓީ ގޯލް ހުރަސް ދަނޑީގައި ޖެހިފައި ނުކުތުމާއެކު، މެޗްގެ ކުޅުން ނިމުނީއެވެ.
އިތުރު ވަގުތުގެ ދެ ހާފްގައިވެސް ގޯލެއް ނުޖެހި، 1 – 1 އިން ދެޓީމް އެއްވަރުވުމުން، ނަތީޖާ ނެރުނު، ޕެނަލްޓީ ޝޫޓް-އައުޓްގެ ފުރަތަމަ ޕެނަލްޓީ ޖެހީ އުރުގުއޭގެ ކެޕްޓަން ފޯލާންއެވެ. ގާނާގެ ފުރަތަމަ ޕެނަލްޓީ ޖެހީ، ޕެނަލްޓީ ޕެނަލްޓީ ޝޫޓް-އައުޓަށް ނުގޮސް މެޗުން މޮޅުވުމުގެ ފުރުސަތު ލިބުނު ޕެނަލްޓީ ކާމިޔާބު ނުކުރެވުނު ޖިއާންއެވެ. ނަމަވެސް މިފަހަރު އޭނާ ޖެހި ޕެނަލްޓީ ގޯލަށް ވެއްދިއެވެ. އުރުގުއޭގެ ދެވަނަ ޕެނަލްޓީ އެޓީމްގެ ވިކްޓޮރީނޯ ކާމިޔާބުކުރިއިރު ގާނާގެ ދެވަނަ ޕެނަލްޓީ އެޓީމްގެ އައްޕިއާ ކާމިޔާބުކޮށްދިނެވެ. އުރުގުއޭގެ ތިނަވަނަ ޕެނަލްޓީވެސް އެޓީމުން ކާމިޔާބުކޮށްފައި ވަނިކޮށް، ގާނާގެ ކެޕްޓަން މެންސާހް ޖެހި ޕެނަލްޓީ އުރުގުއޭގެ ކީޕަރު ދިފާއު ކުރިއެވެ. އެއްގޯލްގެ ކުރީގައި އޮވެ، އުރުގުއޭއިން ޖެހި ހަތަރު ވަނަ ޕެނަލްޓީ އެޓީމަށް ކާމިޔާބު ނުކުރެވުމުން، ގާނާއަށް އެއްވަރު ކުރުމަށް ލިބުނު ފުރުސަތު ގެއްލިގެންދިޔައީ ޑޮމެނިކް އަދިޔާ ޖެހި ޕެނަލްޓީ އުރުގުއޭގެ ކީޕަރު ދިފާއު ކުރުމުންނެވެ. އުރުގުއޭގެ ފަހު ޕެނަލްޓީ ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އަބްރެއު އެވެ.
ޕެނަލްޓީ ޝޫޓް-އައުޓްގައި 4 – 2 އިން އުރުގުއޭ މޮޅުވުމުން އެޓީމް ވަނީ ސެމީފައިނަލަށް ގޮސްފައެވެ. މިއީ 1970 ވަނަ އަހަރުގެ ފަހުން އުރުގުއޭ ވޯލްޑް ކަޕްގެ ސެމީފައިނަލަށް ދިޔަ ފުރަތަމަ ފަހަރެވެ. ސެމީ ފައިނަލަށް އުރުގުއޭ ގެންދިއުމުގައި އެޓީމްގެ މޮޅު ކުޅުންތެރިއާ ސުއަރޭޒް ހޯދި ރަތްކާޑުގެ ސަބަބުން ސެމީފައިނަލް މެޗްގައި އޭނާއަށް ނުކުޅެވޭނެއެވެ. ސެމީފައިނަލްގައި އުރުގުއޭ ކުރިމަތިލާން ޖެހިފައިވަނީ ބްރެޒިލް ބަލިކޮށް ސެމީފައިނަލަށް ދިޔަ ހޮލެންޑާއެވެ. މިމެޗް ކުޅުމަށް ހަމަޖެހިފައިވަނީ ޖުލައި 6 ވަނަ ދުވަހުގެ ރޭ 11:30 ގައެވެ.
