ފީފާ ވޯލްޑް ކަޕް: ފަސޭހަކަމާއެކު ބޮޑު ތަފާތަކުން އާޖެންޓީނާ ބަލިކޮށް ޖަރުމަން ސެމީފައިނަލަށް ހިނގައްޖެ
ޖުލައި 03:
ހުނަރުވެރި މޮޅު ކުޅުމާއެކު 4 – 0 އިން އާޖެންޓީނާ ބަލިކޮށް ޖަރުމަން ވޯލްޑް ކަޕްގެ ސެމީފައިނަލަށް ހިނގައްޖެ. 2006 ވަނަ އަހަރުގެ ކުއާޓަރ ފައިނަލުގައި ޖަރުމަނާއި ބައްދަލުކޮށް 1 – 1 އިން އެއްވަރުވެ ޕެނަލްޓީން ބަލިވި ޑިއޭގޯ މެރަޑޯނާގެ ޓީމް މެޗަށް ނުކުތީ ޖަރުމަން ޓީމުގެ ކިބައިން ބަދަލު ހިފުމުގެ ވަރުގަދަ އަޒުމްގައެވެ. އެކަމަކު މިމެޗުން ޖަރުމަން ބަލިކޮށްލެވޭނެ އުކުޅެއް އާޖެންޓީނާއަކަށް ނުހޯދުނެވެ. މިމެޗުން އާޖެންޓީނާ ބަލިވުމުން އެޓީމް ވަނީ މުބާރާތުން ކަޓާފައެވެ.
މެޗްގެ 3 ވަނަ މިނެޓްގައި ޖަރުމަން ޓީމުން އާޖެންޓީނާ ކޮޅަށް ވެއްދި ގޯލްވެގެން ގޮސްފައިވަނީ މިމުބާރާތުގައި މިހާތަނަށް ޖެހި އެއްމެ އަވަސް ގޯލްގެ އިތުރުން ފާއިތުވި 32 އަހަރުތެރޭގައި ޖަރުމަން ޓީމުން ޖެހި އެއްމެ އަވަސް ގޯލަށެވެ. އަދި މިއީ ފީފާ ވޯލްޑް ކަޕްގައި ޖަރުމަން ޓީމުން ޖެހި 200 ވަނަ ގޯލެވެ. މި ގޯލް ޖަރުމަނަށް ކާމިޔާބުކޮށްދިނީ ޒުވާން ފޯވާޑް ކުޅުންތެރިއާ ތޯމަސް މުލާއެވެ. މިއީ މިވޯލްޑް ކަޕްގައި މުލާ ކުޅުނު 5 މެޗުން އޭނާ ޖެހި 4 ވަނަ ގޯލެވެ.
މެޗްގެ ފުރަތަމަ ހާފް 1 – 0 އިން ނިމުނުއިރު ގިނަ އިރު ބޯޅަކުޅެ މެޗް ކޮންޓްރޯލް ކޮށްފައިވަނީ ޖަރުމަން ޓީމެވެ. މެޗްގެ ދެވަނަ ހާފްގައިވެސް ފެނިގެންދިޔައީ ޖަރުމަންގެ ޒުވާން ކުޅުންތެރިންގެ މޮޅު ކުޅުމެވެ. ނަތީޖާއެއްގެ ގޮތުން މެޗްގެ 68 ވަނަ މިނެޓްގައި ގައުމީ ޓީމަށް 100 ވަނަ މެޗް ކުޅެމުންދިޔަ ހުނަރުވެރި ފޯވާޑް މިރޮސްލާވް ކްލޯސާ ގޯލެއް ޖަހައި ނަތީޖާ ފުޅާ ކުރިއެވެ. މެޗްގެ ތިނަވަ ގޯލް ޖަރުމަނަށް ކާމިޔާބުކޮށްދިނީ ޑިފެންޑަރ ފްރީޑްރިކް އެވެ. މިއީ އޭނާ ގައުމީ ޓީމަށް ކުޅުނު 77 މެޗްގެ ތެރޭގައި ޖެހި ފުރަތަމަ ގޯލެވެ. މެޗް ނިމެން ދެމިނެޓަށް ވެފައިވަނިކޮށް ޖަރުމަންގެ ހަތަރުވަނަ ގޯލް ކާމިޔާބުކޮށްދިނީ އެޓީމްގެ ދެވަނަ ގޯލްވެސް ޖަހެ މިރޮސްލާވް ކްލޯސާއެވެ. މިއީ އޭނާ ގައުމީ ޓީމަށް ޖަހައިދިން 52 ވަނަ ގޯލެވެ.
