Live News From S.Meedhoo

ފީފާ ވޯލްޑް ކަޕް: ޕެރަގުއޭ ބަލިކޮށް ސްޕެއިން ސެމީފައިނަލަށް ހިނގައްޖެ

ޖުލައި 04:

ފީފާ ވޯލްޑް ކަޕްގެ ތާރީޚްގައި ސްޕެއިން ދެވަނަ ފަހަރަށް ސެމީފައިނަލަށް ދިޔައީ ރޭ ކުއާޓަރ ފައިނަލްގައި ޕެރަގުއޭއާއި ބައްދަލުކޮށް 1 – 0 އިން މޮޅުވެގެންނެވެ. މީގެ ކުރިން ސްޕެއިން ވޯލްޑް ކަޕްގެ ސެމީފައިނަލަށް ގޮސްފައިވަނީ 1950 ވަނަ އަހަރުއެވެ. އެފަހަރު ސްޕޭނަށް ލިބުނީ މުބާރާތުގެ ހަތަރުވަނައެވެ.

ރޭގެ މެޗްގައި ސްޕެއިންގެ ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ 2005 ވަނަ އަހަރުން ފެށިގެން ޤައުމީ ޓީމަށް ކުޅެމުން އަނަން ފޯވާޑް ކުޅުންތެރިޔާ ޑޭވިޑް ވިޔާއެވެ. މިއީ އޭނާ ޤައުމީ ޓީމަށް ކުޅުނު 63 މެޗްގައި ޖެހި 43 ވަނަ ގޯލެވެ. މިގޯލާއެކު އޭނާ ވަނީ މިމުބާރާތުގައި މިހާތަނަށް އެއްމެ ގިނަ ގޯލް ޖެހި ކުޅުންތެރިންގެ ލިސްޓްގެ ކުރި ހޯދާފައެވެ. މިލިސްޓްގެ އެއްވަނަ 5 ގޯލާއެކު ޑޭވިޑް ވިޔާ ހޯދާފައިވާއިރު، ޖަރުމަންގެ ތޯމަސް މުލާ އާއި މިރޮސްލާވް ކްލޯސާ، ހޮލެންޑްގެ ވެސްލީ ޝްނައިޑަރ، އާޖެންޓީނާގެ ގޮންޒާލޯ ހިގުއިން، އަދި ސްލޮވާކިއާގެ ރޮބަޓް ވިޓެކް ވަނީ މިމުބާރާތުގައި 4 ގޯލް ޖެހި ކުޅުންތެރިންގެ ތެރޭގައެވެ. މީގެ ތެރެއިން އާޖެންޓީނާގެ ހިގުއިން އަށާއި، ސްލޮވާކިއާގެ ވިޓެކް ފިޔަވައި އެހެން ކުޅުންތެރިންނަށް އެޑިޑާސްގެ ރަންބޫޓަށް ވާދަކުރުމުގެ ފުރުސަތު އެބައޮތެވެ.

ސެމީފައިނަލްގައި ސެޕެއިން ބައްދަލުކުރަން ޖެހެނީ ޖަރަމަނާ އެވެ. މިމެޗް ކުޅުމަށް ހަމަޖެހިފައިވަނީ ޖުލައި 07 ވަނަ ދުވަހުގެރޭ 11.30 ގައެވެ. ސެމީފައިނަލްގެ ދެވަނަ މެޗްގައި އުރުގުއޭ އާއި ހޮލެންޑް ބައްދަލުކުރާ މެޗް ކުޅުމަށް ހަމަޖެހިފައިވަނީ ޖުލައި 06 ވަނަ ދުވަހުގެރޭ 11.30 ގައެވެ.

މުބާރާތުގެ ސެމީ ފައިނަލަށް ގޮސްފަައިވާ ހަތަރު ޓީމަށް ބަލާއިރު، ވޯލްޑް ކަޕްގައި ސްޕެއިނަށް މިހާތަނަށް ހޯދިފައިވާ އެއްމެ ބޮޑު ކާމިޔާބަކީ 1950 ވަނަ އަހަރުގެ ސެމީފައިނަލަށް ގޮސް މުބާރާތުގެ 4 ވަނަ ހޯދުމެވެ. ފީފާގެ ރޭންކިންގެ 6 ވަނައިގައި އޮތް ޖަރުމަން މިހާތަނަށް ވޯލްޑް ކަޕްގެ 7 ފައިނަލްގައި ކުޅެ 3 ފަހަރު ތަށި ހޯދާފައިވެއެވެ. މިހާތަނަށް 9 ވޯލްޑް ކަޕްގައި ކުޅެގެން ހޮލެންޑަށް ހޯދުނު އެއްމެ ބޮޑު ކާމިޔާބަކީ 1974 ވަނަ އަހަރާއި 1978 ވަނަ އަހަރުގެ ފައިނަލްގައި ކުޅެ ޖެހިޖެހިގެން ދެފަހަރު މުބާރާތުގެ ރަނަރަޕްކަން ހޯދުމެވެ. މީގެ އިތުރުން ހޮލެންޑް ވަނީ 1998 ވަނަ އަހަރު ވޯލްޑް ކަޕްގެ ސެމީ ފައިލަންގައި ކުޅެ މުބާރާތުގެ ހަތަރުވަނަ ހޯދާފައެވެ. ފީފާ ރޭންކިންގެ 16 ވަނައިގައި އޮތް އުރުގުއޭގެ ތާރީޚަށް ބަލާއިރު އެޓީމަކީ ފުޓްބޯޅައިގައި ގިނަ ކާމިޔާބުތަކެއް ހޯދާފައިވާ ޓީމެކެވެ. 1930 ވަނަ އަހަރު ބޭއްވި ފުރަތަމަ ފީފާ ވޯލްޑް ކަޕް ހޯދުމެގެ ޝަރަފު އުރުގުއޭއިން ހޯދާފައިވާއިރު، 1950 ވަނަ އަހަރުގެ ވޯލްޑް ކަޕް ހޯދާފައިވަނީ ފައިނަލްގައި މުބާރާތް ބޭއްވި ޤައުމު ކަމަށްވާ ބްރެޒިލް 2 – 1 އިން ބަލިކޮށްގެންނެވެ. 3.3 މިލިޔަން އާބާދީގައި ހިމެނޭ އުރުގުއޭ އަކީ މިހާތަނަށް ވޯލްޑް ކަޕް ކާމިޔާބުކުރި އެއްމެ ކުޑަ ގައުމެވެ.

މިލިޔުމަށް ޚިޔާލު ނުފޮނުވޭ.