ފީފާ ވޯލްޑް ކަޕް: ސެމީ ފައިނަލް – އުރުގުއޭ / ހޮލެންޑް

ޖުލައި 06:
ވޯލްޑް ކަޕް ފެށުމުގެ ކުރިން ފުޓްބޯޅައަށް ޝައުގުވެރިވެލައްވާ ބޭފުޅުންގެ މެދުގައި ތަށި ކާމިޔާބު ކުރާނެކަމަށް ލަފާކުރެވޭ ޓީމްތައް ކަނޑައަޅައި ނިންމަމުން ގޮސްފައިވެއެވެ. މުބާރާތް ފެށުމާއެކު ފުޓޯޅަ އެއްގޮތަކަށްވެސް ނުބަލާ މީހުންވެސް ދިޔައީ ތަފާތު ޓީމްތަކަށް ތަށި ދެމުންނެވެ. ނަަމަވެސް ސެމީ ފައިނަލްގައި ހޮލެންޑާއި އުރުގުއޭ ބައްދަލުކުރާނެ ވާހަކަ، ނުވަތަ މިދެޓީމުން ކުރެ ޓީމެއް ފީފާ ވޯލްޑް ކަޕް 2010 ގެ ފައިނަލަށް ހިނގައިދާނެކަމަށް ލަފާކުރި މީހުން ވަރަށްމަދެވެ. ގަބޫލުކުރަން ދަތިވިޔަސް ފީފާ ވޯލްޑް ކަޕް 2010 ގެ ސެމީފައިނަލް ގައި ކޭޕްޓައުންގެ ގްރީން ޕޮއިންޓް ސްޓޭޑިއަމްގައި މިރޭ މިދެޓީމް ބައްދަލުކުރާނެއެވެ. ދެޓީމަކީވެސް ޑިފެންސް ލައިން ވަރުގަދަ، ލިބޭ ފުރުސަތުތަކުން ނަތީޖާ ނެރުމުގައި ދެވަނައެއް ނެތް ފޯވާޑް ލައިނެއް އޮތް ދެޓީމެވެ.
ދެޓީމަށް ބަލާއިރު، އުރުގުއޭ ކުއާޓަރ ފައިނަލަށް ދިޔައީ ފޯރިގަދަ މެޗަކަށްފަހު، ޕެނަލްޓީ ޝޫޓް-އައުޓުން ގާނާ ބަލިކޮށްގެންނެވެ. މިއީ ފާއިތުވި 40 އަހަރުގެ ތެރޭގައި އުރުގުއޭއަށް ސެމީފައިނަލަށް ދެވުނު ފުރަތަމަ ފަހަރެވެ. އެއްމެ ފަހުން އުރުގުއޭ ސެމީ ފައިނަލްގައި ކުޅެފައިވަނީ 1970 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ބްރެޒިލް އާއި ދެކޮޅަށެވެ. އެމެޗުން 3 – 1 އިން ބަލިވެ އުރުގުއޭ އަށް މުބާރާތުން ލިބުނީ ހަތަރުވަނައެވެ.
ހޮލެންޑް ސެމީފައިނަލަށް ދިޔައީ ފަސްފަހަރު މުބާރާތުގެ ތަށި ކާމިޔާބުކޮށްފައިވާ ބްރެޒިލް އާއި ކުއާޓަރ ފައިނަލްގައި ބައްދަލުކޮށް، ދެވަނަ ހާފްގައި ފަހަތުން އަރައި ބްރެޒިލް ބަލިކޮށްގެންނެވެ. ހޮލެންޑް މިހާތަނަށް ވޯލްޑް ކަޕްގެ ތިން ސެމީފައިނަލްގައި ކުޅެފައިވެއެވެ. އެއީ 1974، 1978 އާއި 1998 ގެ ވޯލްޑް ކަޕްގައެވެ. މީގެ ތެރެއިން 1974 އާއި 1978 ގެ ސެމީފައިނަލް މެޗުން މޮޅުވެ މުބާރާތުގެ ފައިނަލްގައި ހޮލެންޑް ކުޅެފައިވެއެވެ. ނަމަވެސް މިދެފަހަރުވެސް ފައިނަލުގައި ހޮލެންޑް ވަނީ ބަލިވެފައެވެ. 1998 ވަނަ އަހަރު ސެމީފައިނަލްގައި ހޮލެންޑް ބަލިވީ ބްރެޒިލް އާއި ބައްދަލުކޮށް 1 – 1 އިން މެޗް އެއްވަރުވުމުން ޕެނަލްޓީ ޖަހައިގެންނެވެ.
ދެޓީމްގެ މުހިއްމު ކުޅުންތެރިންނަށް ބަލާއިރު، އެއްމެ ފާހަގަކުރެވޭ ދެކުޅުންތެރިންނަކީ ޑިއޭގޯ ފޯލާން އާއި ވެސްލީ ޝްނައިޑާ އެވެ. ފޯލާން ވަނީ ގައުމީ ޓީމަށް މިމުބާރާތުގައި 3 ގޯލް ކާމިޔާބުކޮށްދީފައެވެ. ގާނާ މެޗްގައި ރަތްކާޑު ހޯދި އެޓީމްގެ ސުއަރޭޒް ވެސް މިމުބާރާތުގައި ގައުމީ ޓީމަށް 3 ގޯލް ކާމިޔާބުކޮށްދީފައިވާއިރު، ގައުމީ ޓީމަށް 27 ގޯލް ކާމިޔާބުކޮށްދީފައިވާ ފޯލާންއަށް އޭނާގެ ސްކޯ މައްޗަށް ޖެއްސުމުގެ ފުރުސަތު އެބައޮތެވެ.
ފޯލާންއާއި އިދިކޮޅަށް ނުކުންނަ ވެސްލީ ޝްނައިޑާ އަކީ މިހާތަނަށް ވޯލްޑް ކަޕްގައި ފެނިފައިވާ ނުރައްކާތެރި ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއެކެވެ. އޭނާ ވަނީ މިހާތަނަށް މިމުބާރާތުގައި 4 ގޯލް ޖަހައި އެޑިޑާސް ރަން ބޫޓަށް ވާދަކުރާ ލިސްޓްގެ ދެވަނައިގައެވެ.
