Live News From S.Meedhoo

ފީފާ ވޯލްޑް ކަޕް: ސެމީފައިނަލް – ޖާރމަނީ / ސްޕެއިން

ޖުލައި 06:

ފީފާ ވޯލްޑް ކަޕް ސެމީ ފައިނަލްގައި ޖާރމަނީ އާއި ސްޕެއިން ބައްދަލުކުރާ މިމެޗަކީ ސްޕެއިން އަތުން ބަދަލު ހިފުމަށް ޖަރުމަނަށް ލިބޭ ރަނގަޅު ފުރުސަތަކެވެ. ޔޫރޯ 2008 ގެ ފައިނަލްގައި ފެނާންޑޯ ޓޮރޭޒް ޖެހި ގޯލުން ޖަރުމަން ބަލިވެފައިވާއިރު، އެމެޗްގައި ކުޅުނު 19 ކުޅުން ތެރިން މިދެޓީމްގައި މިހާރުވެސް ހިމެނެއެވެ. އެއީ ޖަރމަނީގެ 8 ކުޅުން ތެރިންނާއި ސްޕެއިންގެ 11 ކުޅުންތެރިންނެވެ.

ދެޓީމަށް ބަލާއިރު މި މުބާރާތުގައި އެއްމެ ގިނަ ގޯލް ޖަހާފައިވާ ޓީމަކީ ޖަރމަނީއެވެ. އެޓީމުން ޖުމްލަ 13 ގޯލް ޖަހާފައިވާއިރު، ތަފާސް ހިސާބުތަކުން ސްޕެއިން ފާހަގަކުރެވިފައިވަނީ މިހާތަނަށް އެއްމެ ގިނަ ހަމަލާ އުފެއްދި ޓީމްގެ ގޮތުގައެވެ. މި މަޢުލޫމާތުތަކަށް ބަލާއިރު، މިމެޗް ވެގެންދާނީ އާދަޔާ ޚިލާފް މޮޅު ކުޅުމެއް ފެނިގެންދާނެ މެޗަކަށެވެ.

ސެމީ ފައިނަލަށް ޖަރުމަން އައިސްފައިވަނީ ތަފާތު މޮޅު ކުޅުމެއް ދައްކާފައެވެ. ފުރަތަމަ ބުރުގައި ހަތަރެއް ސުމަކުން އޮސްޓްރޭލިއާ ބަލިކޮށް، ދެވަނަ ބުރުގައި ހަތަރެއް އެކަކުން އިންގްލަންޑް ބަލިކޮށް، އެއްމެ ފަހުން ކުއާޓަރ-ފައިނަލްގައި ހަތަރެއް ސުމަކުން އާޖެންޓީނާ ބަލިކޮށްފައިވަނީ ކައުންޓަރ-އެޓޭކްގައި ޖަރުމަންގެ ހުށިޔާރުކަމާއި ނުރައްކާތެރިކަން ސާބިތުކޮށްދީފައެވެ.

ފަހުގެ ތާރީޚްގައި ސްޕެއިން ޓީމުން ދައްކާފައިވާ މޮޅު ކުޅުމާއި އެއްވަރުގެ ކާމިޔާބީތައް އެޓީމަށް ހޯދިފައި ނުވާއިރު، މިއީ ވޯލްޑް ކަޕްގެ ސެމީ ފައިނަލްގައި ސްޕެއިން ކުޅޭ ފުރަތަމަ މެޗެވެ. ވޯލްޑް ކަޕްގެ މިހިސާބަށް ސްޕެއިނަށް އާދެވުނުއިރު، އެޓީމް އެއްމެ ފަހުން ކުޅުނު ތިން މެޗުންވެސް މޮޅުވެފައިވަނީ އެއްމެ ގޯލެއްގެ ތަފާތުންކަން ފާހަގަކުރެވެއެވެ. ގިނަ މީހުން ގަބޫލުކުރާގޮތުން ސްޕެއިނަށް ރަނގަޅު ނަތީޖާތައް ނުނެރެވެނީ މާބޮޑަށް ޑިފެންސަށް ވިސްނައިގެން ކުޅޭތީއެވެ.

ޚަބަރުތައް ބުނާގޮތުން ޖަރުމަނާއި ދެކޮޅަށް މާދަމާރޭ ޑެލް ބޮސްކީ ނެރޭނީ ޕެރަގުއޭ އާއި ދެކޮޅަށް ނެރުނު އެގާރައެވެ. ނަމަވެސް، އިދިކޮޅު ޖަރުމަން ކޯޗަށް ސަސްޕެންޑްގައި ހުރި ތޯމަސް މުލާ ނުލައި ޓީމް ނެރެންޖެހުމުން ދަތިތަކެއް ކުރިމަތިލާންޖެހިފައިވާކަން ފާހަގަކުރެވެއެވެ.

ދެޓީމުގެ ކުޅުންތެރިންގެ ތެރެއިންނަށް ބަލާއިރު ދެޓީމްގައިވެސް  ފާހަގަކުރެވޭ ގިނަ ކުޅުންތެރިން ހިމެނެއެވެ. މީގެ ތެރެއިން އެއްމެ ފާހަގަކުރެވޭ ދެކުޅުންތެރިންނަކީ ޖަރުމަންގެ މިރޮސްލާވް ކްލޯސާ އާއި ސްޕެއިންގެ ޑޭވިޑް ވިޔާއެވެ. ސްޕެއިން ޓީމުން މިމުބާރާތުގައި ޖެހި 6 ގޯލްގެ ތެރެއިން 5 ގޯލް ޖަހައިގެން ޑޭވިޑް ވިޔާ ވަނީ އެޑިޑާސް ރަން ބޫޓަށް ވާދަކުރާ ކުޅުންތެރިންގެ ލިސްޓްގެ އެއްވަނައިގައެވެ.

މިހާތަނަށް މިމުބާރާތުގައި 4 ގޯލް ޖަހާފައިވާ ޖަރުމަންގެ މިރޮސްލާވް ކްލޯސާ އަށް މިމެޗް އެއްގޮތައްވުރެ ގިނަ ގޮތްގޮތުން މުހިއްމުވަނީ، މިހާތަނަށް ވޯލްޑް ކަޕްގައި އެއްމެ ގިނަ ގޯލް ޖަހާފައިވާ ބްރެޒިލްގެ ރޮނާލްޑޯއާއި އެއްވަރުކުރުމުގެ ފުރުސަތު ލިބުމުގެ އިތުރުން އެޑިޑާސް ރަން ބޫޓަށް ވާދަކުރުމުގެ ފުރުސަތުވެސް މިމެޗުން އޭނާއަށް ލިބިފައިވާތީއެވެ. ވޯލްޑް ކަޕްގައި 15 ގޯލް ޖަހާފައިވާ ރޮނާލްޑޯ އާއި އެއްވަރުކުރުމަށް ކްލޯސާ ބުދަދުވަހުގެ ރޭ މެޗްގައި ޖަހަންޖެހެނީ އެއްމެ ގޯލެކެވެ. އެހެންކަމުން ކްލޯސާ އާއި ޑޭވިޑް ވިޔާގެ ވާދަވެރިކަން ފެނިގެންދާނެ މިމެޗަކީ، މިދެކުޅުންތެރިންގެ ފުޓްބޯޅަ ކެރިއަރގައި ކުޅޭނެ އެއްމެ މުހިއްމު އެއް މެޗެވެ.

މިލިޔުމަށް ޚިޔާލު ނުފޮނުވޭ.