ފީފާ ވޯލްޑް ކަޕް: ފުޔޯލްގެ ގޯލުން ފީފާ ވޯލްޑް ކަޕް 2010 ގެ ފައިނަލަށް ސްޕެއިން ހިނގައްޖެ

ޖުލައި 08:
ވޯލްޑް ކަޕް ސެމީފައިނަލްގައި ޖަރުމަނާއި ދެކޮޅަށް ސްޕެއިންގެ ޑިފެންޑަރ ޕުޔޯލް ޖެހި ހަމައެކަނި ގޯލުން ފީފާ ވޯލްޑް ކަޕް 2010 ގެ ފައިނަލަށް ސްޕެއިން ހިނގައްޖެ. ގިނަ ޕާސްތަކާއެކު މޮޅު ކުޅުމެއް ކުޅެމުންދިޔަ ސްޕޭނަށް މެޗްގެ 74 ވަނަ މިނެޓްގައި ލިބުނު ކޯނަރުން ޕުޔޯލް ޖެހި މިގޯލަކީ އޭނާ މިމުބާރާތުގައި ޖެހި ފުރަތަމަ ގޯލެވެ. ބާރަވަނަ ފަހަރަށް ސެމީ ފައިނަލްގައި ކުޅުނު ޖަރުމަނާއި ދެކޮޅަށް، ފުރަތަމަ ފަހަރަށް ސެމީ ފައިނަލްގައި ކުޅުނު ސްޕޭނުން މިމެޗްގެ ފުރިހަމަ ވަގުތު ހަމަކޮށްފައިވަނީ އެޓީމުން އާއްމުކޮށް ދައްކަމުންދާ މޮޅު ކުޅުމާއެކުގައެވެ.
ސައުތު އެފްރިކާގެ ސޮކަރ ސިޓީގައި މިއަންނަ އާދީއްތަ ދުވަހު ކުޅޭ ފައިނަލްމެޗްގެ ނަތީޖާ ކޮންމެ ގޮތަކަށް ނިމިގެންދިޔައަސް، މިމެޗް ވެގެންދާނީ އާ ޓީމެއްގެ ނަން ވޯލްޑް ކަޕްގައި ލިޔެވިގެންދާނެ ތާރީޚީ މެޗަކަށެވެ. އަބަދުވެސް ރީތި މޮޅު ކުޅުމެއް ކުޅޭ ދެޓީމްގެ ގޮތުގައި މަޝްހޫރުކަން ހޯދާފައިވާ ސްޕެއިނާއި ހޮލެންޑް ބައްދަލުކުރާ މިމެޗް ވެގެންދާނީ ފުޓްބޯޅަ މެޗެއް އޭގެ އެއްމެ ފުރިހަމަގޮތުގައި ފެނިގެންދާނެ މެޗަކަށެވެ.
މުބާރާތުގެ ތިންވަނަ ޓީމް ހޮވުމަށްޓަކައި، ރޭ މެޗުން ބަލިވި ޖަރުމަނާއި، ސެމީފައިނަލްގެ ފުރަތަމަ މެޗުގައި ހޮލެންޑް އަތުން ބަލިވި އުރުގުއޭގެ މެޗް ކުޅުމަށް ހަމަޖެހިފައިވަނީ މިއަންނަ ހޮނިހިރު ދުވަހުގެރޭ 11.30 ގައެވެ.
