Live News From S.Meedhoo

ފީފާ ވޯލްޑް ކަޕް: އުރުގުއޭ ބަލިކޮށް ޖަރުމަން މުބާރާތުގެ ތިންވަނަ ހޯދައިފި

ޖުލައި 11:

ފީފާ ވޯލްޑް ކަޕް 2010 ގެ ތިންވަނަ ހޮވާ މެޗްގައި ޖަރުމަނާއި އުރުގުއޭ ބައްދަލުކުރި މެޗް 3 – 2 އިން ޖަރުމަން ކާމިޔާބުކޮށްފި. ރޭ ސައުތު އެފްރިކާގެ ޕޯޓް އެލިޒަބަތު ސްޓޭޑިއަމްގައި ކުޅުނު މިމެޗްގައި ފުރަތަމަ ގޯލްޖެހީ ޖަރުމަނެވެ. މެޗްގެ 19 ވަނަ މިނެޓްގައި ޖަރުމަނުގެ މިޑްފީލްޑް ކުޅުންތެރިއާ ތޯމަސް މުލާ ގޯލެއް ޖަހައި ޖަރުމަނަށް ކުރި ހޯދައިދީފައިވަނިކޮށް އޭގެ އިރުކޮޅެއް ފަހުން މެޗްގެ 28 ވަނަ މިނެޓްގައި އުރުގުއޭގެ އެޑިސަން ކަވާނީ ގޯލެއް ޖަހައި މެޗްގެ ނަތީޖާ ހަމަހަމަ ކުރިއެވެ. މިނަތީޖާއާއެކު މެޗްގެ ފުރަތަމަ ހާފް ނިމުނުއިރު، މިމެޗްގައި ޖަރުމަންގެ މުހިއްމު ކުޅުންތެރިން ކަމަށްވާ ލާމް އާއި ޕޮޑޮލްސްކީ އަދި ކްލޯސާ ނުކުޅޭކަން ފާހަގަކުރެވެއެވެ.

މެޗްގެ ދެވަނަ ހާފް ފެށިގެން ކުޑަ އިރުކޮޅެއްގެ ތެރޭ އުރުގުއޭއިން ގޯލެއް ޖަހައި މެޗްގެ ކުރި ހޯދިއެވެ. މިގޯލް އުރުގުއޭއަށް ކާމިޔާބުކޮށްދިނީ އުރުގުއޭގެ މަޝްހޫރު ކުޅުންތެރިއާ ޑިއޭގޯ ފޯލާންއެވެ. ނަމަވެސް އޭގެ ހަތަރު މިނެޓް ފަހުން މެޗްގެ 56 ވަނަ މިނެޓްގައި ޖަރުމަން ޔެންސެން ގޯލެއް ޖަހައި މެޗްގެ ނަތީޖާ އެއްވަރުކުރިއެވެ. މެޗުން މޮޅުވި ގޯލް ޖަރުމަނަށް ކާމިޔާބުކޮށްދިނީ 82 ވަނަ މިނެޓްގައި ކެދީރާއެވެ.

މިމެޗްގައި ޑިއޭގޯ ފޯލާން އާއި ތޯމަސް މުލާ ޖެހިގޯލާއެކު އެދެކުޅުންތެރިންވަނީ މުބާރާތުގައި އެއްމެ ގިނަ ގޯލް ޖެހި ކުޅުންތެރިންގެ ލިސްޓްގެ ކުރި ހޯދާފައެވެ. މިދެކުޅުންތެރިންގެ އިތުރުން މުބާރާތުގައި 5 ގޯލް ޖަހައިގެން ލިސްޓްގެ ކުރި ހޯދާފައިވާ އަނެއް ދެކުޅުންތެރިންނަކީ މިރޭ ފައިނަލް މެޗްގައި ކުޅޭ ސްޕެއިންގެ ޑޭވިޑް ވިއާ އާއި ހޮލެންޑްގެ ވެސްލީ ޝްނައިޑާއެވެ. އެހެންކަމުން މިލިސްޓްގެ އެއްވަނަ ހޯދުމުގެ ފުރުސަތު މިދެކުޅުންތެރިންނަށް އެބައޮތެވެ.

ރޭގެ މެޗުން ޖަރުމަން މޮޅުވުމުން އެޓީމަށް މުބާރާތުގެ ތިންވަނަ ލިބިފައިވާއިރު މިއީ ވޯލްޑް ކަޕްގައި މިމަޤާމް އެޓީމް ހޯދި 4 ވަނަ ފަހަރެވެ. މީގެ ކުރިން 1934، 1970، 2006 ގެ މުބާރާތުގެ ތިންވަނަ ޓީމްގެ މަޤާމް ޖަރުމަން ހޯދާފައިވާއިރު، މިމުބާރާތުގެ ފައިނަލްގައި 7 ފަހަރު ކުޅެ 3 ފަހަރު ޖަރުމަން ވަނީ ޗެމްޕިއަންކަން ހޯދާފައެވެ.

މިލިޔުމަށް ޚިޔާލު ނުފޮނުވޭ.