Live News From S.Meedhoo

ފީފާ ވޯލްޑް ކަޕް: އެއްމެ ބޮޑު ކުޅިވަރު މުބާރާތުގެ ފައިނަލް – ހޮލެންޑް / ސްޕެއިން

ޖުލައި 11:

ދުނިޔޭގައި ބާއްވާ އެއްމެ ބޮޑު ކުޅިވަރު މުބާރާތުގެ ފައިނަލް މެޗްގައި މިރޭ ހޮލެންޑާއި ސްޕެއިން ބައްދަލުކުރާއިރު، ޔަޤީންވާ އެއްކަމަކީ މިއީ ފީފާ ވޯލްޑް ކަޕް 2010 ގެ އެއްމެ ގިނަ މީހުން ބަލާނެ އެއްމެޗް ކަމެވެ. އަދި މިރޭގެ މެޗްވެގެންދާނީ އުރުގުއޭ، އިޓަލީ، ޖާރމަނީ، ބްރެޒިލް، އިންގްލަންޑް، އާޖެންޓީނާ އަދި ފްރާންސް ގެ ލިސްޓަށް މުޅިން އާ ޤައުމެއްގެ ނަން އިތުރުވެގެންދާނެ މެޗަކަށެވެ.

ހޮލެންޑާއި ސްޕެއިން މިހާތަނަށް ބައްދަލުކޮށްފައިވާ މެޗްތަކަށް ބުރަވެ މިރޭގެ މެޗުން މޮޅުވާނެ ޓީމެއް ލަފާކުރުމަކީ ކުރެވޭނެކަމެއް ނޫނެވެ. މިހާތަނަށް މިދެޓީމް ބައްދަލުކުރި 9 މެޗުގެ ތެރެއިން ކޮންމެ ޓީމަކުންވެސް 4 މެޗް ކާމިޔާބުކޮށްފައިވާއިރު، 1 މެޗް ވަނީ އެއްވަރުވެފައެވެ.

މަޝްހޫރު ކުޅުންތެރިއާ ޔޯހަން ކްރައިފް އާއެކު 1974 ވަނަ އަހަރުގެ ފައިނަލްގައި ހޮލެންޑް ކުޅެފައިވާއިރު، 1978 ވަނަ އަހަރު އޭނާ ނުލައި ހޮލެންޑް ވަނީ ފައިނަލްގައި ކުޅެފައެވެ. މިދެފަހަރުވެސް ހޮލެންޑް ބަލިވެފައިވަނީ މުބާރާތް ބޭއްވި ޤައުމާއި ދެކޮޅަށް ކުޅެއެވެ.

ސްޕޭނަށް ބަލާއިރު، މިއީ ވޯލްޑް ކަޕްގެ ފައިނަލްގައި ސްޕެއިން ކުޅޭ ފުރަތަމަ ފަހަރެވެ. ނަމަވެސް 44 އަހަރަށް ފަހު ޔޫރަޕްގެ ޗެމްޕިއަންކަން 2008 ވަނަ އަހަރު ހޯދި ސްޕެއިންގެ އަޒުމަކަށްވެފައިވަނީ ޔޫރަޕުން ބޭރުގައި ޔޫރަޕްގެ ޓީމަކަށް ހޯދިފައި ނުވާ ދުނިޔޭގެ ތަށި މިފަހަރު ހޯދުމެވެ.

މިހާތަނަށް މި މުބާރާތުގައި އެއްމެ ގިނަ ގޯލް ޖަހާފައިވާ 4 ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ޑޭވިޑް ވިޔާ އާއި ވެސްލީ ޝްނައިޑާގެ ކުޅުން މިރޭގެ ފައިނަލް މެޗުގައި ފެނިގެންދާނީ ކިހިނެތްކަން ކުރިން ލަފާކުރަން ނޭނގުނު ނަމަވެސް، މެޗުން ޓީމް މޮޅު ކޮށްދިނުމުގެ އިތުރުން މުބާރާތުގެ އެއްމެ ގިނަ ގޯލް ޖެހި ކުޅުންތެރިއާގެ މަޤާމް ހޯދުމުގެ ވާދަވެރިކަން މިދެކުޅުންތެރިންގެ މެދުގައި އޮންނާނެއެވެ.

މިމެޗާއި ބެހޭގޮތުން ހޮލެންޑްގެ ރޮބެން ބުނެފައިވަނީ: “ސްޕޭންގެ އެއްމެ ނުރައްކާތެރި ކުޅުންތެރިއާ އަކީ ޑޭވިޑް ވިއާ ކަމަށް އަހަރެންނަކަށް ނުފެނޭ. ބަލަންޖެހޭ ކުޅުންތެރިންނަކީ އިނިއެސްޓާ އާއި ޒާވީ. އެއީ ޑޭވިޑް ވިއާ އަށް ބޯޅަދީގެން މެޗް ކުޅުވާ ކުޅުންތެރިންނަކީ. އަހަރެމެން ޖެހޭނެ އެކުޅުންތެރިންނަށް ހުސްކޮށް ކުޅެން ނުދީ ހުއްޓުވަން. އަހަރެމެން ޖެހޭނެ ވަރަށް ރަނގަޅަށް އެކުޅުންތެރިން މާކް ކުރަން. ސަބަބަކީ އެކުޅުންތެރިންނަށް ކިތައްމެ ކުޑަ ފުރުސަތެއް ދެވިއްޖެނަމަވެސް އަހަރެމެންނަށް މައްސަލަތައް ކުރިމަތިވާނެ.”

ސްޕެއިންގެ ކެޕްޓަން އަދި ގޯލް ކީޕަރ ކަސިލާސް ބުނެފައިވަނީ: “އަހަރަންނަކަށް ހީއެއްނުވޭ އެމީހުން ފަހަތުގަ ތިބެގެން ޑިފެންޑް ކުރާނެހެން. އެމީހުންގެ އެބަތިބި ހަލުވި ކުޅުންތެރިން. އަހަރެން ވަރަށް ރަނގަޅަށް ރޮބެން ދަންނަން. އޭނާއަކީ ބާރަށް ޝޮޓް ނަގާ ހަލުވި ކުޅުންތެރިއެއް. އޭރިއާ ބޭރުން އޭނާ ފޮނުވާލާ ބޯޅަތަކާއިމެދު އަހަރެން ކަންބޮޑުވޭ. އަހަރެމެން ޖެހޭނެ މިޑްފީލްޑުން އޭނާ ހުއްޓުވަން.”

މިލިޔުމަށް ޚިޔާލު ނުފޮނުވޭ.