ފީފާ ވޯލްޑް ކަޕް 2010 ގެ ޗެމްޕިއަން ޓީމް – ސްޕެއިން

ޖުލައި 12:
ޔޫރަޕްގެ ޗެމްޕިއަން ޓީމް ސްޕެއިން ރޭ ކުޅުނު ފީފާ ވޯލްޑް ކަޕް 2010 ގެ ފައިނަލް މެޗުން މޮޅުވެ ދުނިޔޭގެ ޗެމްޕިއަންކަން ހޯދައިފި. ސައުތު އެފްރިކާގެ ސޮކަރ ސިޓީގައި ހޮލެންޑާއި ބައްދަލުކޮށް މެޗްގެ 116 ވަނަ މިނެޓްގައި ސްޕެއިން މޮޅުވި ގޯލް އެޓީމަށް ޖަހައިދިނީ އިނިއެސްޓާއެވެ. މިމެޗް ސްޕެއިނުން ކާމިޔާބުކުރުމުން، އެޓީމް ވެފައިވަނީ ޔޫރަޕްގެ ޗެމްޕިއަންކަން ހޯދުމަށްފަހު، ވޯލްޑް ކަޕް ކާމިޔާބުކުރި ދެވަނަ ޓީމަށެވެ. އަދި ސްޕެއިން ވެފައިވަނީ ޔޫރަޕުން ބޭރުގައި ވޯލްޑް ކަޕް ކާމިޔާބުކުރި ފުރަތަމަށެވެ.
އިނިގިރޭސި ރެފްރީއެއް ކަމަށްވާ ވެބް ރެފްރީކަން ކުރި މިމެޗްގައި ހޮލެންޑްގެ 9 ކުޅުންތެރިންނަށް ރީނދޫ ކާޑު ދައްކާފައިވެއެވެ. އަދި އެޓީމްގެ ހެއިޓިންގާ އަށް ރަތްކާޑު ދައްކާފައިވެއެވެ. ހަމައެއާއެކު ސްޕެއިންގެ ހަތަރު ކުޅުންތެރިންނަށް މިމެޗްގައި ރީނދޫކާޑު ދައްކާފައިވެއެވެ. މިމެޗްގެ ބޯލް ޕޮޒިޝަނަށް ބަލާއިރު މެޗްގެ 56 ޕަސެންޓް ކޮންޓްރޯލް ކުރީ ސްޕެއިންނެވެ. އަދި މެޗްގައި ގިނަ ހަމަލާތައްވެސް އުފައްދާފައިވަނީ ސްޕެއިން ޓީމުންނެވެ. އެގޮތުން އެޓީމުން 18 ހަމަލާ އުފަދައްދާފައިވާއިރު، ހޮލެންޑަށް އުފެއްދިފައިވަނީ 13 ހަމަލާއެވެ. މީގެ ތެރެއިން 6 ހަމަލާ ސްޕެއިންނަށް ގޯލަށް އަމާޒުކޮށްފައިވާއިރު، ހޮލެންޑަށް ސްޕެއިންގެ ގޯލަށް ފޮނުވާލެވުނީ 5 ހަމަލާއެވެ. ނަމަވެސް މުޅި މެޗްގައި ގޯލް ޖަހާނެ އެއްމެ ރަނގަޅު ފުރުސަތުތައް ހޯދާފައިވަނީ ހޮލެންޑުންކަން ފާހަގަކުރެވެއެވެ.
ހޮލެންޑް ވޯލްޑް ކަޕްގެ ފައިނަލަށް ދިޔައީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެންނެވެ. ހަމައެއާއެކު ސްޕެއިން މުބާރާތުގެ ފައިނަލަށް ދިޔައީ ކުޅުނު 16 މެޗްގެ ތެރެއިން 15 މެޗުން މޮޅުވެގެންނެވެ. ސްޕެއިން ބަލިވެފައިވަނީ ގްރޫޕް ސްޓޭޖްގެ ފުރުތަމަ މެޗްގައި ސުވިޓްޒަރލޭންޑް އަތުންނެވެ.
