މިނިވަންދުވަހުގެ މުނާސަބަތުގައި އައްޑުއަތޮޅުގައި ބޭއްވި ރަސްމީޖަލްސާ
ދިވެހިރާއްޖޭގެ ފަޚްރުވެރި 45 ވަނަ މިނިވަންދުވަހުގެ މުނާސަބަތު ފާހަގަކުރުމުގެ ގޮތުން އައްޑުއަތޮޅު ހުޅުދޫ މީދޫގައި ރަސްމީ ޖަލްސާއެއް ބާއްވައިފިއެވެ. ސ.އަތޮޅު މަދަރުސާގައި މިއަދު ބޭއްވި ޖަލްސާގައި ހުޅުދޫ މީދޫގެ ގިނަ އަދަދެއްގެ ބޭފުޅުން ބައިވެރިވެފައިވެއެވެ.
ކީރިތި ޤުރުއާނުން ފެއްޓި މިޖަލްސާ ތަޢާރަފުކޮށް މަރުޙަބާ ދެންނެވީ ސ.މީދޫ ކައުންސިލަރ ހަސަން ޝާހިދުއެވެ. ޝާހިދުގެ ވާހަކައިގައި، ދިވެހިރާއްޖޭގައި ފުރަތަމަ މިނިވަންދުވަސް ފާހަގަކުރަމުން އައި ގޮތާއި، އޭގެ ފަހުން މިނިވަން ދުވަސް ޖުލައި 26 ށް ބަދަލުވެގެން ދިޔަގޮތުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ. މީގެ އިތުރުން ދިވެހިރާއްޖޭގެ ޤާނޫނު އަސާސީން ރައްޔިތުންނަށް ލިބިދޭ ހައްޤުތައް ދާދިފަހާކައި ޖެހެންދެން ހިފެހެއްޓިފައި އޮތުމުން ގިނަ ބަޔަކަށް ވެރިކަމުގެ ފަރާތުން އަނިޔާތަކެއް ލިބިފައިވާކަމަށާއި، މިކަމުގެ ސަބަބުން ރައްޔިތުންގެ މިނިވަން ޝުޢޫރުތައް ހިފެހެއްޓިފައިވާކަމަށް ޝާހިދު ވިދާޅުވިއެވެ.
މިޖަލްސާގައި މިނިވަންދުވަހުގެ ޝިޢާރާއި ބެހޭގޮތުން ވާހަކަފުޅުދެއްކެވީ ސ.މީދޫ ބޮޑުކަތީބް އައްޝެއިޚް އަބްދުﷲ ޙާނީއެވެ. ހާނީގެ ވާހަކައިގައި، އިސްލާމްދީނާއި، މިނިވަންކަމާއި، ޤައުމިއްޔަތުގެ މައްޗަށް ޤުރުއާނާއި، ރަސޫލުﷲ ޞައްލައްﷲ ގެ ހަދީސްފުޅުތަކުން ދަލީލުތައް ދައްކަވައި ވަރަށް ފުރިހަމައަށް މިނިވަންކަމަކީ ކޮބައިކަމާއި، މިނިވަންކަން ބޭނުންކުރަންވީ ގޮތުގެމައްޗަށް ބައްލަވާލެއްވިއެވެ. މީގެ އިތުރުން، ދިވެހި ދުސްތޫރުގައި ދިވެހި ދަޢުލަތުގެ ދީނަކީ އިސްލާމްދީން ކަމުގައި ކަނޑައެޅިފައި އޮތް އޮތުމުގެ ބޭނުމަކީ ކޮބައިކަމާއި، ދިވެހި ޤައުމިއްޔަތު ހިމާޔަތްކޮށް، މިނިވަންކަންމަތީ ދެމިތިބުމަށް އިސްލާމްދީން މުހިއްމުވާ ސަބަބުތައް ބަޔާކޮށްދެއްވިއެވެ.
ދެން މިޖަލްސާގައި ވާހަކަފުޅުދެއްކެވީ ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު ޝިފާޤް މުފީދުއެވެ. ޝިފާޤް މުފީދުގެ ވާހަކައިގައި، އާޤާނޫނު އަސާސީގެ ދަށުން ދިވެހިންނަށް ލިބިފައިވާ މިނިވަންކަމަކީ، މީގެ ކުރިން ދިވެހިން ދެކެފައިނުވާ މިނިވަންކަމެއް ކަމަށާއި، މިއަދު ދިވެހިން މިނިވަންދުވަސް ފާހަގަކުރަމުން މިދަނީ އެހެންނާ ދިވެހިން މިނިވަންކަން ފާހަގަކުރަމުން އައި ގޮތާއި ތަފާތުކޮށްކަމަށް ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅުދައްކަވަމުން ޝިފާޤް ވިދާޅުވީ މިއަދު މިނިވަންދުވަސް ފާހަގަކުރާއިރު، ރޭޑިއޯ ޓީވީތަކުން ފެނި އަޑުއިވެމުންދަނީ، ރާއްޖޭގެ ކޮންމެވެސް ރަށެއްގައި ނަރުދަމާގެ މަސައްކަތް ފެށުނު ވާހަކައާއި، ބަނދަރުގެ މަސައްކަތާއި، ބިންހިއްކުމާއި، ހޮސްޕިޓާތަކުގެ ބިންގާ އެޅިގެންދާ ވާހަކަތައްކަމަށް ވިދާޅުވިއެވެ.
މިޖަލްސާގެ ޝަރަފުވެރި މެހުމާން ރައްޔިތުންގެ މަޖިލީހުގެ ހުޅުމީދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ދެއްކެވި ވާހަކަފުޅުގައި، ދެކުނު ޕްރޮވިންސްގައި މިހާރު ފެށިފައިވާ މަސައްކަތްތަކާއި، އަދި މިނިވަންދުވަހާއި ގުޅިގެން އަލަށް އިފްތިތާޙްކުރެވުނު މަސައްކަތްތަކުގެ އިތުރުން، ތަރައްޤީގެ ރޮނގުގައި، ކުރިއަށް ރޭވިފައި ހުރި ބައެއްކަންތައްތަކުގެ މައްޗަށް އަލިއަޅުވާލައްވައި ވާހަކަފުޅުދެއްކެވިއެވެ. އެގޮތުން ކުރިއަށް އޮތް ރަމަޟާން މަސް ނިންމެންވާއިރަށް މިއަތޮޅުގެ އެއްގަމު ދަތުރުފަތުރުގެ ނިޒާމް ފުރިހަމަވެގެންދާނެކަމަށް، އެމަސައްކަތާއި ހަވާލުވެފައިވާ އެމް.ވީ.ކޭއިން މަޢުލޫމާތު ލިބިފައިވާކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން ހުޅުދޫ މީދޫގެ ތަޢުލީމީ ހާލަތު ރަނގަޅުކުރުމަށްޓަކައި، ހުޅުދޫ މީދޫގައި ހުރި ދެޕްރައިމަރީ ސްކޫލާއި، ސ.އަތޮޅު މަދަރުސާގެ ކުރިމަގާއި ބެހޭގޮތުން ރައްޔިތުންގެ ޚިޔާލު ސަރުކާރަށް ބޭނުންވާކަމަށާއި، އެގޮތުން ސަރުކާރުން ރައްޔިތުންނަށް ހުށަހަޅާ ހުށަހެޅުމަކީ، ދެރަށުގައި ހުރި ސަރުކާރުގެ 3 ސްކޫލްގެ ތެރެއިން ދެރަށުގައި ހުރި 2 ޕްރައިމަރީ ސްކޫލް އުވާލުމަށްފަހު، އެދެސްކޫލަށް ކުރަމުން ގެންދާ ޚަރަދު ސ.އަތޮޅު މަދަރުސާއަށް ބަދަލުކޮށް، އެސްކޫލަކީ ފެންވަރު ރަނގަޅު ސްކޫލަކަށް ހެދުން ނުވަތަ ސ.އަތޮޅު މަދަރުސާ އުވާލުމަށްފަހު، ދެރަށުގައި ހުރި 2 ޕްރައިމަރީ ސްކޫލް ގްރޭޑް 1 – 10 އަށް ބަދަލުކޮށް ހިންގުން ކަމަށެވެ. ރަށުގެ ތައުލީމީ ހާލަތު ރަނގަޅު ކުރުމަށްޓަކައި، މިދެގޮތުން ކުރެ ކޮންމެވެސް ގޮތެއް ރައްޔިތުން އިޚްތިޔާރުކުރަންޖެހޭ ކަމަށާއި، މިކަމާއިމެދު ފުންކޮށް ވިސްނުމަށްފަހު، ގޮތެއް ނިންމެވުމަށް ރައްޔިތުންގެ ކިބައިން އިލްޔާސް އެދިވަޑައިގަތެވެ.
ޖަލްސާގައި ޝުކުރުދެންނެވުމުގެ އައިޓަމް ފުރިހަމަކޮށްދެއްވީ، އައްޑުއަތޮޅު އަތޮޅު ކައުންސިލަރ އަބްދުﷲ ޞާދިޤުއެވެ. އޭގެ ފަހުން ޖަލްސާ ނިމިގެންދިޔައީ، ޝަމްސުއްދީން ސްކޫލް ބޭންޑްގެ ޤައުމީ ސަލާމުންނެވެ.
މިޖަލްސާގައި އަތޮޅުގެ މުވައްސަސާތަކުގެ އިސްވެރިންނާއި، ހުޅުދޫ މީދޫގެ ވަރަށްގިނަ އާއްމު ރައްޔިތުން ވަނީ ބައިވެރިވެފައެވެ.
