ޝެއިޚް ފަރީދުގެ ދަރުސެއް މީދޫގައި ބާއްވައިފި

ޖަމްޢިއްޔަތުން މުވައްޙިދީން އާއި ފައުންޑޭޝަން ފޯ މީދޫ ޑިވެލޮޕްމަންޓް ގުޅިގެން ބޭއްވި މިދަރުސް ބާއްވާފައިވަނީ، ރޭ 8.45 ގައި މީދޫ ސޯޝަލް ސެންޓަރުގައެވެ. “إنّ الله كان عليكم رقيبا” (މާނަ: ތިޔަބައިމީހުންގެ ކަންތައް ބައްލަވާވޮޑިގެންވާ ކަލަކު ކަމުގައި ﷲ ވޮޑިގެންވެއެވެ) މި މައުޟޫޢުގެ މައްޗައް ޝެއިޚް އިބްރާހިމް ފަރީދުވަނީ، ކީރިތި ޤުރުއާނާއި ހަދީސްގެ އަލީގައި، ދުނިޔޭގައި އިންސާނުން އުޅެމުންދާއިރު އެމީހުންގެ އަމަލްތައް ބަހައްޓަންޖެހޭ ގޮތުގެ މައްޗަށް އަލިއަޅުވާލައްވައި ވާހަކަފުޅުދައްކަވާފައެވެ.
ހުޅުދޫ މީދޫގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވި މިދަރުސް ބޭއްވުމުގައި، ފައުންޑޭޝަން ފޯ މީދޫ ޑިވެލޮޕްމަންޓާއި، ހުޅުދޫ ސްކޫލާއި، ޝަމްސުއްދީން ސްކޫލްގެ ވަރަށް ބޮޑު އެހީތެރިކަމެއް ލިބިފައިވާކަމަށް، ޖަމްޢިއްޔަތުން މުވައްޙިދީނުން މަޢުލޫމާތު ދެއްވިއެވެ. ޖަމްޢިއްޔަތުލް މުވައްޙިދީންއަކީ މީދޫގެ ޒުވާނުންނާއި ގުޅިގެން މީގެ ކުރިންވެސް ތަފާތު ޝެއިޚުން ގެނެސްގެން މީދޫގައި ދަރުސްތައް ބާއްވަމުން އަންނަ ޖަމްޢިއްޔާއެކެވެ.
