އެފް.އެމް.ޑީ ވޮލީ ބޯޅަ މުބާރާތް 2010: ހިތަދޫ އާއި މީދޫ ބައްދަލުކުރި މެޗް ސީދާ 3 ސެޓުން ކާމިޔާބުކުރީ މީދޫ

މީދޫ ސޯޝަލް ސެންޓަރުގެ ވޮލީ ކޯޓްގައި ކުރިއަށްދާ އެފް.އެމް.ޑީ ވޮލީ ބޯޅަ މުބާރާތް 2010 ގައި މިއަދު ހަވީރު ކުޅުނު މެޗް ސީދާ 3 ސެޓުން މީދޫގެ ޓީމް ކާމިޔާބުކޮށްފިއެވެ. ހިތަދޫ އާއި ބައްދަލުކޮށް މީދޫ މޮޅުވީ 15 – 25 ، 23 – 25 ، އަދި 19 – 25 އިންނެވެ.
މިމެޗްގެ ފުރަތަމަ ސެޓް ވަރަށް ފަސޭހަކަމާއެކު، މީދޫ ކާމިޔާބުކުރިނަމަވެސް، ދެވަނަ ސެޓްގައި ހިތަދޫ ޓީމުންވަނީ ވާދަވެރި ކުޅުމެއް ކުޅެފައެވެ. އެގޮތުން މިސެޓްގެ ފުރަތަމަ ކޮޅު ހިތަދޫ ޓީމުން މޮޅަށް ކުޅެ، 14 ޕޮއިންޓާއި ހަމައަށް ލީޑް ހިފެހެއްޓިއެވެ. ނަމަވެސް 14 – 14 އިން ސެޓް އެއްވަރުވުމަށްފަހު، ދެން ފެނިގެން ދިޔައީ މީދޫ ޓީމް ސެޓްގެ ލީޑް ދަމަހައްޓަމުން ދިޔަ މަންޒަރެވެ. ދެވަނަ ފަހަރަށް ހިތަދޫ ޓީމުން ސެޓް އެއްވަރުކުރީ 22 – 22 އިންނެވެ. މިސެޓް މީދޫ ޓީމުން ކާމިޔާބުކުރީ 23 – 25 އިންނެވެ.
މެޗް ނިމުމަށްފަހު، މީދޫލައިވް އަށް ދިން ބަސްދީގަތުމެއްގައި، މީދޫ ޓީމްގެ ކެޕްޓަން ޔާސީން ބުނެފައިވަނީ، މެޗްގެ ފުރަތަމަ ސެޓް ފަސޭހަކަމާއެކު ކާމިޔާބުކުރެވުނީ، ހިތަދޫ ޓީމަށް ރިސީވް ނުވެގެން ދިއުމުގެ ސަބަބުންކަމަށެވެ. އަދި ދެވަނަ ސެޓްގެ ފުރަތަމަ ކޮޅު މީދޫ ޓީމަށް ނުކުޅެވުނީވެސް، ފުރަތަމަ ސެޓް އެހާ ފަސޭހައިން ލިބުމުން، ދެވަނަ ސެޓްގައި ކުޅުންތެރިންނަށް ފަރުވާކުޑަކުރެވުމުގެ ސަބަބުންކަމަށެވެ.
މިއަދުގެ މެޗުން މީދޫ ޓީމް މޮޅުވުމުން އެޓީމްވަނީ ކުޅުނު ދެމެޗުން މޮޅުވެ ފައިނަލްގެ ފުރަތަމަ ޖާގަ ކަށަވަރުކޮށްފައެވެ. ފައިނަލްގައި މީދޫ އާއި ބައްދަލުކުރަންޖެހޭނީ މުބާރާތުގައި ވާދަކުރާ 4 ޓީމް، ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ބައްދަލުކޮށް އެއްމެ ގިނަ ޕޮއިންޓް ލިބޭ ދެވަނަ އަދި ތިންވަނަ ޓީމްގެ މެދުގައި ކުޅޭ ސެމީ ފައިނަލް މެޗުން މޮޅުވާ ޓީމެކެވެ. މުބާރާތުގެ 3 މެޗް މިއަދާއި ހަމައަށް ކުޅެފައިވާއިރު ފައިނަލަށް ދިއުމުގެ ފުރުސަތު އަދި ހުރިހާ ޓީމަކަށްވެސް އެބައޮތެވެ.
މިއަދުގެ މެޗްގައި ހިތަދޫ ޓީމުން ރެފްރީގެ ނިންމުނަތަކާއި ދެކޮޅު ހެދިނަމަވެސް، މީދޫ ޓީމްގެ ކެޕްޓަން ޔާސީން ބުނެފައިވަނީ ރެފްރީގެ ނިންމުންތައް ރަނގަޅު ކަމަށާއި، އަބަދުވެސް މެޗުން ބަލިވާ ޓީމުން ރެފްރީގެ ނިންމުތަކާއި ދެކޮޅަށް ޝުޢޫރު ފާޅުކުރާނެކަމަވެ.
މާދަމާ މިމުބާރާތުގައި ކުޅޭނީ މިއަދުގެ މެޗުން މޮޅުވި މީދޫޓީމާއި މީދޫ އެވެޑި ޓީމެވެ. މިމެޗްގެ ކުޅުން ފެށުމަށް ހަމަޖެހިފައިވަނީ ހަވީރު 4.15 ގައެވެ.
