Live News From Hulhumeedhoo, Addu City

سَلٰمٌ عَلَيكُم بِما صَبَرتُم ۚ فَنِعمَ عُقبَى الدّارِ ﴿٢٤ الرعد ﴾

މާތް ސަޙާބީއެއްގެ ކިބައިން ރިވާ ވެގެންވެއެވެ. އެއްދުވަހަކު އެބޭފުޅުން ކަނޑުމަގުން ދަތުރު ކުރަމުން ދަނިކޮށް، ވިއްސާރަވެ ކަނޑު ގަދަވެ ކައިރީގައި އޮތް ކުޑަރަށަކަށް ލެއްގިއެވެ. ރަށުތެރެއަށް ފައިބައިގެން ދަނިކޮށް ރަށުތެރެއިން ފެނުނީ އެންމެ މީހަކު ބުދެއް ކައިރީގައި އަޅުކަންކުރަން އިންދައެވެ. އެބޭފުޅުން އެމީހާ ކައިރިއަށް ގޮސް ތިމަންނަމެން ބުދަށް އަޅުކަންނުކުރަމެވެ، ދެންނެވިއެވެ. އެމީހާ ޖަވާބުގައި، އެހެންވިއްޔާ ތިޔަބައިމީހުން ދެން އަޅުކަންކުރަނީ ކޮން ފަރާތަކަށްހޭ ސުވާލުކުރިއެވެ. އެބޭފުޅުން ދެންނެވީ، ތިމަންނަމެން އަޅުކަން ކުރަނީ ޢާލަމްތަކުގެ ވެރި މާތް الله ގެ ހަޟްރަތަށެވެ. އެމީހާ ސުވާލު ކުރިއެވެ. ތިޔަބައިމީހުންނަށް އެފަރާތަށް އަޅުކަންކުރަން އެގުނީ ކިހިނަކުން ހެއްޔެވެ! އެބޭފުޅުން ދެންނެވީ، އެ اله ތިމަންނަމެން ގާތަށް ނަބީރަސޫލަކު މުޢުޖިޒާތާއެކު ފޮނުއްވައި، ތިމަންނަމެންނަށް އެކަން ދަސްކޮށް ދެއްވިއެވެ. އެމީހާ ސުވާލުކުރިޔެވެ. އެހެންވިއްޔާ ތިބުނާ ބަހުގެ ހެއްކެއް ތިޔަބައިމީހުން އަތުގަ އެބައޮތްހެއްޔެވެ! ތިމަންނަމެން އެމީހާއަށް ތިމަންނަމެން އަތުގައި ހުރި ޤުރުއާނުގެ ލިޔުންތައް ހުށަހެޅީމެވެ. އެތަކެތި އެމިހާ ކިޔުމަށްފަހު ޝަހާދަތްކިޔާ ވަގުތުން އިސްލާމްދީން ޤަބޫލުކުރިއެވެ. ދެން އެރޭ އެރަށުގަ މަޑުކޮށްފަ ހެނދުނު ފުރަން ތައްޔާރުވުމުން، އެއްކަލަ އާމުސްލިމް އަޚުވެސް ތިމަންމެން ކައިރީގައި ދަތުރަށް ފުރަން ބޭނުން ވާހަކަ ދަންނެވުމުން، އެކުގައި ދަތުރަށް ފެށީމެވެ. ދުވާލު ދަތުރުކޮށް ރޭގަނޑުގެ ކަނު އަދިރީގެ ތެރޭގައި ދަތުރުކުރަމުން ގޮސް، ރޭދެބައި ވިތަނާ، ތިމަންކަލޭގެފާނަށް ނިދީގެ ވަރުބަލި ކަން އަންނަން ފެށުމުން، އެއްކަލަ އާމުސްލިމު އަޚުކައިރީގައި ނިދަންވީނުންހޭ ދެންނެވުމުން، ސުވާލުކުރިއެވެ. އެހެންވިއްޔާނިކަން ބުނެބަލާށެވެ! ތިޔަބައިމީހުންގެ ވެރި اله އަވަހާރަފުޅު ލައްޕަވާ ހެއްޔެވެ. ޖަވާބުގައި ތިމަން ކަލޭގެ ފާނު ދެންނެވީމެވެ. އަދި ކިއެއްތަށް އެ اله އަކީ ދިރިދެމިވޮޑިގެންވާ، އަވަހާރަފުޅުލެއްޕެވުމުން ހުސްޠާހިރު ވަންތަ މާތް ﷲ އެވެ. އާމުސްލިމް އަޚު ޖަވާބުގައި ދެންނެވީ، އެހެންވިއްޔާ، އެފަދަ اله އެއްގެ ކުރިފުޅުމަތީގައި ނިދުމަކީ ވަރަށް ބޭ އަދަބީ ކަމެއްތާ އެވެ! ހަމަ ހިލާ އަހަރެން ނުނިދާނަމެވެ. ދެން ރޭއަޅުކަމުގައި ދެމިހުރީއެވެ. ހެނދުނު އަލިވިލުމާ އެކު، ތިމަން ކަލޭގެ ފާނުގެ މަންޒިލާ ހަމައަށް ދަތުރު ނިންމުމުގެ ކުރިން، ތަރުގެ ބައިވެރިންގެ އެދުމުގެ މަތިން، އެއްކަލަ އާމުސްލިމު އަޚަށް އެހީވުމުގެ ނިޔަތުގައި، ފައިސާ ފޮއްޗެއް އެއްކޮށް، އެހަދިޔާކުރަން ދިޔައިމާ، އެއަޚު ދެންނެވިއެވެ. ތިލާރި ތިމަން ބޭނުމެއްނެތެވެ! ތިމަން ބުދަށް އަޅު ކަންކުރަން އުޅުނު އިރު ދޫނުކޮށް ބަލާ ބޮޑު ކުރި اله، ތިމަން އެއިލާހަށް އަޅުކަން ކުރާފެށީމާ ދޫނުކޮށް ބަލާ ބޮޑު ކުރާނެކަން ޔަޤީނެވެ. ތިޔަބައިމީހުން ތިމަން ދޫކޮށް ފަދާށެވެ. މިހެން ކިޔައި ނަވުން ފައިބައިގެން ރަށު ތެރެއަށް ގޮސް ގެއްލިއްޔެއެވެ.

ދުވަސް ތަކަކަށްފަހު ޚަބަރުލިބުނީ، އެއްކަލަ އަޚު މަރުގެ ސަކަރާތުގައި އުޅޭވާހަކައެވެ. ހާލުބަލާލަން ގޮސް، ޚަބަރު އެހީމާ، ތިމަންނަގެ ދުނިޔޭގެ މަންޒިލުގެ ނިމުން އައިސް ޖެހުނީ ކަން ކިޔާދީ ހެދިއެވެ. ދެންތިމަން ކަލޭގެފާނު އެއަޚާ ކައިރީގައި މަޑުކޮށްގެން އިންދާ ކުޑަކޮށްނިދިއައިސްފަ ހުވަފެނުން ކަހަލަ ގޮތަކަށް ފެނުނީ، މާރީތި ވާދީއެއްގެތެރޭގައި ހުރި ގަހެއްގެ ދަށުގައި، ރީތިދާނެއްގައި އިންޒުވާން އަންހެންސާހިބަކު ތިމަންކަލޭގެފާނަށް ގޮވާފަ ބުނާއަޑެވެ. އަވަހަށް ތިއަޚާ ހިނަވާ ކަފުންކޮށް ތިމަން ކަމަނާ ކައިރިއަށް ފޮނުވާދޭށެވެ. ތިއަޚާގެ އިންތިޒާރުގައި ތިމަންކަމަނާ މިހެން އިންނަތާ ލައްކަގިނަދުވަސް ވެއްޖެއެވެ. މިހެންނެވެ. ތިމަންކަލޭގެފާނަށް ހޭލެވުނު އިރު އެއްކަލަ އަޚުވަނީ މިދުނިޔެ ދޫކޮށް އާޚިރަތުގެ ގޮވައްޗަށް ދަތުރުކޮށްފައެވެ. انالله وانااليه راجعون. ދެންތިމަންކަލޭގެފާނު އެއަޚާގެ ކަށުކަމާކެމީގެ ކަންތައް ނިންމާ ގެއަށް ގޮސް އެރޭ ނިދަން އޮއްވާ ހުވަފެނުން ފެނުނީ، އެއްކަލަ ވާދީގަ އެއަޚާ އެއްކަލަ އަންހެންސާހިބު ކަމަނާގެ މަގަތުގައި އިށީދެލައިގެން އުފަލުން އިންތަނެވެ. އަދި މިލިޔާ އާޔަށް ހަރު އަޑުން ކިޔަމުން ދާއަޑު ތިމަންކަލޭގެފާނު އެއްސެވީމެވެ.

سَلٰمٌ عَلَيكُم بِما صَبَرتُم ۚ فَنِعمَ عُقبَى الدّارِ (الرعد_24 ) (އެބޭކަލުން ވިދާޅުވާނެތެވެ.) ތިޔަބައިމިހުން ކެތްތެރިވި ކަމަށްޓަކައި، ތިޔަބައިމިހުންގެ މައްޗަށް ސަލާމް ހުއްޓެވެ. ފަހެ، އާޚިރަތުގެ އުފާވެރި ގޮވަތީގެ މޮޅުކަމާއެވެ. الحمد لله!

މިލިޔުމަށް ޚިޔާލު ނުފޮނުވޭ.