Live News From Hulhumeedhoo, Addu City

އައިޝާ

ހަވީރުގެ އަނދިރިކަން ދުނިޔެ މައްޗަށް ވެރިވަމުން ދިޔައެވެ. ރޭގަނޑައި ދުވާލު ވަކިކުރާ ގަދަފަދަ އިރު އެދުވަހުގެ މަސައްކަތް ފުރިހަމައަށް އަދާކުރުމަށްފަހު ގޮސް އުދަރެހާއި ނިވާވަނީއެވެ. ދުވާލު ހަތަރު ދަމު އުޑުމަތީ ނަށަ ނަށާ ހުރި އަޅި ކުލައާއި ނޫކުލައާއި ހުދުކުލައިގެ ވިލާތަށް މަޑުމަޑުން އެހެރަ ދަނީ ބަދަލުވަމުންނެވެ.ރަތްކުލައާއި ރަންކުލަ ހުދުކުލައާއި އެއްވެގެން މިހާރު ވިލާތަކަށް އަރަމުން އެދާ ކުލަތަކަކީ ދުލުން ނުވަތަ ގަލަމަކުން ބަޔާން ކުރެވޭނޭ ކުލަތަކެއް ނޫނެވެ. އުޑުމައްޗަށް އެހެރަ އަންނަ ބަދަލު ތަކާއި އެކުވެގެން އަންނަ ރަން ދޯދިތަކުގެ ރީތިކަމުގެ ތެރެއިން ގޯތި ތެރޭގައި އިން ޖޯލިފަތީގައި ކަންނެތް ގޮތަކަށް އަހަރެން އޮތީ މިއަދު ކެޑެޓްގައި ހުއްޓާ އެފެނުނު 14 ވިލޭރޭގެ ހަނދުފަދަ ރީތި އައިޝާގެ ހިޔާލަކަށް ގެއްލިފައެވެ.

އާނ!ފުރަތަމަ ނަޒަރުން އައިޝާ އަށް އަހަރެންގެ ހިތް ކިޔައިފިއެވެ. ވާހަކަ ދައްކަން ބޭނުންވެއްޖެއެވެ. ބައްދަލް ކުރަންވެސް ބޭނުންވެއްޖެއެވެ. ނަމަވެސް މިކަން ރައްޓެހިންނަށްވެސް ސިއްރު ކުރީމެވެ.ސަބަބަކީ އެމީހުން އަހަންނާ ދިމާކުރާނެކަން އަހަންނަށް އެނގޭތީއެވެ.

އެއީ2009 އަހަރުގެ ފަހުކޮޅެވެ.އަހަރެން ސީނިއަރ ކެޑޭޓް ކޯ ހުވާކުރި ދުވަހު ފަހުދުވަހު އެމް.އެން.ސީ.ސީ 12 ވަނަ ގިރިފުޝި ކޭމްޕަށް ދާން ފުރުސަތު ލިބުނެވެ. އަހަރެން ނޮވެމްބަރ 19-29 ކޭންޕުގައި ހޭދަކުރުމަށްފަހު މާލެ އައީ 29 ނޮވެމްބަރ ވީ ހޮނިހިރު ދުވަހު ހަވީރުގައެވެ.އަހަރެން ގެޔަށް އައިސް ފެންވަރައިގެން ފޭސްބުކް އަށް ލޮގިންކުރިއިރު އައިޝާ އަހަރެންނަށް ފްރެންޑް ރިކުއެސްޓެއް ފޮނުވާފައޮތެވެ. ސުބްހާނަﷲ، އަހައްނަށް ވީގޮތެއްވެސް ނޭނގެއެވެ. ވަރަށް އެހެންކަހަލަ އިހުސާސެއް ކުރެވުނެވެ.އުފާވީވަރުން ހިތް ތެޅެން ފަށައިފިއެވެ.އަލްހަމްދުﷲ، ފަހުދުވަހު އައިޝާ އޮންލައިން ވިއެވެ.ނަމަވެސް މާ ބޮޑުވަރެއް ނުވިއެވެ. ހާލު ބެލުނުތަނާ އޮފްލައިން ވެއްޖެއެވެ. މިހާލުގައި ތިން ހަތަރުދުވަހުތެޅެން ޖެހުމަށްފަހު އެމް.އެސް.އެން އައިޑީ ލިބުނެވެ. އެމް.އެސް.އެން އިން ވާހަކަ ދެއްކުނަސް އައިޝާ އަކަށް އަހަރެންމީ ކާކު ކަން ނޭނގެއެވެ.

ސްކޫލު ފެށިއްޖެއެވެ. އިއްތިފާގުން އަހަންނާއި އައިޝާ ކިޔަވަނީ އެއް ސްކޫލެއްގައެވެ. ދުވަހުން ދުވަހަށް އެކަކު އަނެކަކު ދަސްވާން ފަށައިފިއެވެ.އެކަކު އަނެކަކާ ސިއްރުތަކާއި އެހެނުހެން ކަންތައް ހިއްސާކުރަންފެށިއްޖެއެވެ. އަހަރެން އައިޝާ ދެކެ ލޯބިވާކަން އިއުލާން ކުރީމެވެ. އައިޝާ ކައިރިން ރައްޓެހިވާން އެހީމެވެ، ޖަވާބެއް ނުލިބެއެވެ، ދެވަނަ ފަހަރަށްވެސް ކަންތަށްވީ މިހެންނެވެ. އަހަރެން އައިޝާއަށް ތިންވަނަފަހަރު ލޯބި ހުށައެޅީމެވެ. އައިޝާ އަށް ލަނޑެއް ނުދޭނެމަތިން އައިޝާ އަހަންނާ ރައްޓެހިވިއެވެ.

އެއީ 30 ޖެނުއަރީ 2010 ދުވަހެވެ. އަހަރެންނާއި އައިޝާގެ ލޯބީގެ ސަފްހާގެ ފެށުން ލިޔެވުނީ އެދުވަހުއެވެ. އައިޝާގެ ހިޔާލުގައި އަހަރެން ރެއާއި ދުވާ ހޭދަކުރަމެވެ. އައިޝާ ފެންނާނެ އިރަކަށް އަހަރެންގެ ދެ ލޯ އިންތިޒާރު ކުރެއެވެ. އެ ހިޔާލުތަކުން އަހަރެންގެ ހިތް އުފަލުން ފުރިފައި ވިއެވެ. އައިޝާ އަހަރެން ދެކެ ލޯބިވޭ ނުބުންޏަސް އެދުވަހަކަށް އަހަރެން ކެތްމަދުވެފައި ވީމެވެ.

ދުވަސްތައް ފާއިތުވަމުން ދިއައެވެ. އައިޝާއާއި އަހަރެންގެ ގުޅުން ދިއައީ އެއްދުވަހުން އަނެއް ދުވަހަށް ބަދަހިވަމުންނެވެ. އައިޝާއާއި ވާހަކަ ދައްކައި، އައިޝާ ދަސްވާ ވަރަކަށް އަހަރެންގެ ހިތް އައިޝާއަށް ލެނބެމުން، ދީވާނާ ވަމުން ދިޔައެވެ. އައިޝާއާއި ޗެޓް ކުރުމަށް ހޭދަ ކުރެވޭ ވަގުތުތަކަކީ އަހަރެންގެ ދިރިއުޅުމުގެ އެންމެ މުހިންމު ވަގުތު ކަމުގައި ވެއްޖެއެވެ. އޭރުވެސް އައިޝާ އަހަރެން ދެކެ ލޯބިވާ ކަމުގެ އެއްވެސް ކަހަލަ ސާފު ނިޝާނެއް ފެނިފައި ނުވެއެވެ. އެހެން ކަމުން އަހަރެން އެހީމެވެ. އަހަރެންގެ ސިއްރު ލޯބިވެރިއެއް ހުންނަކަން އެނގިއްޖެޔާ ހަދާނީ ކިހިނެއް ހެއްޔެވެ. އައިޝާގެ ޖަވާބު ވަރަށް ކުރުވެފައި ސާފެވެ. އަހަރެންނާ ދުވަހަކުވެސް އަނގައިން ނުބުނާނެ ކަމަށް ބުންޏެވެ. އަދި އައިޝާގެ ހަޔާތުގެ ސަފްޙާއަށް އަހަރެންގެ ނަން އިތުރު ކުރެވުނުކަމީ ކުރެވުނު އެންމެ މޮޔަ ކަންތައް ކަމުގައި ދެކޭނެ ކަމަށްވެސް ބުންޏެވެ. އެ ދުވަހު އަހަރެން ހިތުން އަޒުމް ކަނޑަ އެޅީމެވެ. އައިޝާއަށް ވަފާތެރި ވުމަށެވެ. އެހެން ކަމުން އަހަރެން ކުރިން ރައްޓެހިވި ކުއްޖާއާއި އަދި ރުޅި ނުވާ ވާހަކަ އައިޝާ ކައިރީ ބުނީމެވެ. އެއްވެސް ކުއްޖަކަށް ދެރައެއް ދޭކަށް އަދި ރުޅިވެރިކަމެއް ބައްވާކަށް އަހަރެން ބޭނުމެއް ނުވިއެވެ. އެހެންނަމަވެސް އައިޝާގެ ލޯބި ޙާސިލް ކުރުމަށްޓަކައި އަހަރެން އެންމެ ފުރަތަމަ ކުރަން ޖެހޭ ކަމަކީ ކޮބާ ކަން އަހަންނަށް ވިސްނުނެވެ. އަހަރެން ތެދުވެރިކަމާއިއެކު ވީގޮތް ކިޔާދިނީމެވެ. އައިޝާ އަހަންނަށް މަޢާފުކުރިއެވެ. އެހެން ނަމަވެސް އައިޝާ އަހަންނަށް ކުރިން ކުރި އިތުބާރު އަލުން ނުކުރެވޭނެ ކަމަށް ބުންޏެވެ. އެ ގެއްލުނު އިތުބާރު އަނބުރާ ލިބޭތޯ އަހަރެން މަސައްކަތް ކުރާނަމެވެ.

ދުވަސްތައް ފާއިތުވަމުން ދިޔަވަރަކަށް އައިޝާ އަހަންނާ ގަޔާވާކަން ފާހަކަ ކުރެވެމުން ދިޔައެވެ. އަދި އައިޝާ ފުރަތަމަ ފަހަރަށް އަހަރެން މަތިން ހަނދާން ވާ ވާހަކަ ބުންޏެވެ. އެދުވަހު އަހަރެން ވަރަށް އުފާ ވިއެވެ، އަދި އަލަށް ކުރެވުނު ގޮތް ނޭގޭ އިހްސާސްތަކުން އަހަރެން އައިޝަ ދެކެވީ ލޯބި ދިޔައީ އިތުރު ވަމުންނެވެ. އައިޝާ އަހަރެންގެ ދެކެ ލޯބިވާ ވާހަކަ ނުބުންޏަސް އައިޝާގެ ބޭބެއެއް ކައިރީ އަހަރެން ދެކެ ލޯބިވ ވާހަކަ ބުނެފައިވެއެވެ. އައިޝާގެ ލޯބި ލޯބި ބަސްތަކުންނާއި ޙަރަކާތްތަކުން އަހަރެން ދިޔައީ އާވާރާވަމުންނެވެ. ސްކޫލްގައި ކުލަގަދަކޮށް ފާހަގަ ކުރާ ދުވަސްތަކުގައި އައިޝާ ވަރަށް ކައިރިން ފެނިލާ ވާހަކަދައްކާލުމަށް ލިބޭ ވަގުތުތަކުގެ ބޭނުން އަހަރެން ކުރީމެވެ. އައިޝާގެ ތުނި ތުނި ތުންފަތާއި، މަޑު ފިޔާތޮށި ކުލައިގެ ކޯތާފަތާއި ލޯބި ލޯބި ދެ ލޮލުގެ ނަޒަރުން އަހަރެންގެ ހިތް ދިޔައި ކަތިލަމުންނެވެ. އައިޝާގެ މޫނަށް ބަލަން އަހަރެންނަށް ހުރެވެއެވެ. ފޫހިކަމެއް ނެތިއެވެ. އެ އުޖާލާ ކަމުން އަހަރެންގެ ހިތައް ދިރުން ލިބޭ ކަހަލައެވެ. އައިޝާގެ ލަދުވެތި މޫނު ފޮރުވާ ރަކި ގޮތަކަށް އުޅެލާ ފަރި ގޮތް އަހަރެންނަށް ވަރަށް ކަމުދިޔައެވެ.

އަހަރެން ފުރަތަމަ އައިޝާއާއި ވާހަކަ ދައްކަން ޗާންސެއް ލިބުނީ ދިވެހި ޕްރޮޖެކްޓްގެ މަސައްކަތްތަކެއް ކުރުމަށް ބޭއްވި ސްޓަޑީގްރޫޕްގެ ތެރެއިންނެވެ، އެދުވަހު އައިޝާގެ ރީތި ސޫރަ ފެނިފައި އަހަރެން ބަސްހުއްޓި ހަރަކާތް ހުއްޓުނެވެ. ޕްރޮޖެކްޓްގެ މަސައްކަތް ވެސް އަހަރެންނަށް ނުކުރެވުނެވެ. ކުރިމަތީގައި ފޮޅިފައި ހުރި މަލަށް އަހަރެންގެ ހިތް ދެވި ނިމިއްޖއެވެ. އަހރެންގެ ކުރިމަތިން ފެންނަމުން ދިޔައީ ހަޤީޤަތް ބާއޭ ހިތައްއަރައެވެ.

ޖެހިގެން އައި ހަފްތާގައި ސްކޫލްގައި އިގިރޭސި ހަފްތާ ފާހަގަ ކުރިއެވެ…..

ދެވަނަ ބަޔަށް އިންތިޒާރު ކޮއްލައްވާ….

މިލިޔުމަށް ޚިޔާލު ނުފޮނުވޭ.