Live News From Hulhumeedhoo, Addu City

ބޮޑާ ނަފްސު (8 ވަނަ ބައި)

ހަފުތާއެއްގައި އިންނަނީ ބަރާބަރު ހަތްދުވަހެވެ. ފަނަރަ ދުވަހަކީ ދެހަފުތާއާއި އެއް ދުވަހެވެ. ފަނަރަ ދުވަސްތެރޭގައި ކިތައް ފިރިހެނުން އޭނަގެ ހަޔާތަށް ތަޢާރަފްވާނެ ބާއޭ ޒީނިޔާ ހިތަށް އަރައެވެ. އެ އަދަދު ގިނަ ކުރަން ރާއިދާ އާއި އަސްލަމްއަށް ކުރެވުނު ވަރެއް ކުރާނެކަން ޒީނިޔާއަށް އެނގެއެވެ. އެހެންނަމަވެސް…..

ޒީނިޔާގެ ގާތަށް އައީ ލުއި ހިންޏެކެވެ.

އެ ކައުންޓްޑައުނެއް ފެށިފަހުން މިވީ 3 ދުވަސްތެރޭގައި އަދި ހަމަ އެކަކުވެސް އެމީހުންނަށް އޭނައާއި ހަމައަށް ގެނެސްދެވިފައެއް ނުވެއެވެ. އަސަދު ފިޔަވައެވެ. އެއްގޮތަކުން ބަލާއިރު އަސަދު އަކީ އެމީހުން ގެނެސްދިންމީހެއްވެސް ނޫނެވެ. އެއީ އަމިއްލައަށް އައި މީހެކެވެ. ދިމާނުވާ ހަމަ އެންމެ ދުވަހެއްވެސް ނުދެއެވެ. އެހެންނަމަވެސް އަދި ގޮވާވެސް ނުލައެވެ. އުނދަގުލެއްވެސް ނުކުރެއެވެ. ނުވެސް ގުޅައެވެ. ހަމަ ފެންނަހާ ތަނަކުން ބެލުން ނޫން ކަމެއް ނުކުރެއެވެ. ތަފާތުވިއްޔާ ވީހާވެސް ކަމަކީ ކުރިއަށްވުރެ ގިނައިން ފެނުމެވެ. ދާ ކޮންމެތަނެއްގައިކަހަލަ ގޮތަކަށް އަސަދު ހުރެއެވެ.

ޒީނިޔާވެސް އަޅައެއް ނުލައެވެ. އޭނައަށް ރަނގަޅީވެސް އެ ފަނަރަ ދުވަސްވެސް އެގޮތަށް ދިޔައިއްޔާއެވެ. އޭރުން ރާއިދާމެނަށްވެސް ކަމެއް ނުކޮށްދެވުނުކަމަށް ބުނާނެ ޖާގަ އޮތުމުގެ އިތުރުން ވަރަށް ފަސޭހަ ކަމާއެކު އަސަދުވެސް ކަމުނުދާކަމަށް ބުނެފައި އެދެމީހުންގެ ލެކްޗަރުތަކުން އޭނައަށް ސަލާމަތް ވެވޭނެތީއެވެ. މަޖާ ވާނެއެވެ.
**********

“ހުވަފެނެއްގައިތަ؟” ޒީނިޔާގެ އޮފީސް ކޮޓަރިއަށް އައިސް ވަނީ އިގްބާލެވެ. އޮފީހުގެ އެއް ޑިރެކްޓަރެވެ.

“ނޫނޭ….މި….ކަމަކާ ވިސްނާލަން އިނީމަ.” ކިތަންމެ ގާތް ގޮތަކަށް ވާހަކަ ދެއްކި ކަމުގައި ވިޔަސް އެ ދެމެދުގައި އޮންނަން ޖެހޭ އިޙްތިރާމަށްޓަކައި ޒީނިޔާވެސް ގޮނޑިން ތެދުވެލާފައި ވާހަކަ ދެއްކިއެވެ.

“އެހެންވަނީދޯ. ހޭލާއިންދާވެސް ހުވަފެން ފެންނަންޏާ ތިހެންވެސް ވާނެ. ކޮބާ ފުރުމުގެ ހުރިހާ ކަމެއް ހަމަޖެހިއްޖެތަ؟ ކޮންއިރަކުން ފްލައިޓް އޮތީ.” ގޮނޑީގައި އިށީންނަމުން އިގްބާލް ވާހަކަ ދެއްކިއެވެ. ހީލުމަކާއެކުގައެވ.

“މާދަން ހެނދުނު ހަތެއްގެ ފްލައިޓަށް ޖާގަ ލިބުނީ. މިހަމަ އެންމެ ފަހުގެ ތައްޔާރީތައް މިވެލަނީ. ހުރިހާކަމެއްވެސް ހަމަ ރަނގަޅަށް ރޭވިފައި އޮތީ.” ޒީނިޔާވެސް ޖަވާބުދީފައި އިށީނެވެ.

“ތިކަމަކާ ދޭތެރޭ އަހަރެން ޝައްކެއްވެސް ނުކުރަން. ޒީނިޔާގެ ބެލުމުގެ ދަށުން ދާ ކަމަކާ އަހަރެން މާބޮޑަށް ވިސްނާކަށްވެސް ނުޖެހޭނެ. އެކަމަކު ބުނަން. ތި ދަނީ އައްޑޫއަށް. ތަންކޮޅެއް ވިސްނާލައިގެން އުޅޭތި. ނަމަނަމަ އެއްވެސް މީހަކު ދައްކާ ހުވަފެނަކަށް ނުހެއްލި ސަލާމަތުން އެނބުރި އާދެވޭތޯ ބަލާތި.” އިގްބާލް ދިނީ ނަސޭޙަތެކެވެ. ޒީނިޔާގެ މަސައްކަތަށް ކުރި ނުސީދާ ތަޢުރީފާ އެކުގައެވެ.

“ޝައްކެއް ނެތް.” ޒީނިޔަގެ ޖަވާބު ކުރުވެފައި ޔަގީންކަން ބޮޑެވެ.

“ހެރެތެރެ އޮންނާނީ ވަކިން. ދެން އެންމެ ކައިރިއަށް އޮންނާނީ ހުޅުދޫއާއި މީދޫ. ރީތި ރަށްތަކެއް އެއީ އިނގޭ. އެކަމަކު އެ އަތޮޅުގެ އެހެން ރަށްތައްވެސް ވަކި ދެރައެއް ނުވާނެ. އެހެން ހުރިހާ ރަށެއް އޮންނާނީ ގަމާއި ގުޅިފައި. ވަގުތެއް ލިބިއްޖެއްޔާ ރަށުތެރެ ބަލާލަން ދިއުން އެއީ ހަމަ ރަނގަޅު ކަމެއް. ވަރަށް ހިތްގައިމު ވާނެ. ބޭނުންވެއްޖެއްޔާ އަންގާލާތި މި ކޮޅަށް. ޓްރާންސްޕޯޓް ކަންތައް ހަމަޖައްސާލަދޭނަން. އޯކޭ. ޓޭކް ކެއަރ” އިގްބާލް ހިނގައްޖެއެވެ.

މީހުންނާއި ކުރިމަތިލައި މީހުންގެ ތެރެއަށް ނުކުމެ ކުރަން ޖެހޭ ހުރިހާ ކަމެއްގައި އޭނަގެ އޮފީހުން އެކަންތައް ކުރަން އެ ހުންނަ ޒުވާން އަންހެންކުއްޖާގެ މަސައްކަތާ ދޭތެރޭ ހިތްހަމަޖެހި ހުރެގެންނެވެ. ފަޚުރުވެރިކަމާއެކުގައެވެ. ހަމަ އެކަނި މާރކެޓިންގ އަށް ޚާއްޞަވެގެން ރާއްޖޭގައި ހުޅުވުނު ހަމައެކަނި ކުންފުނިކަމަށް ވުމުން އޭރު އިގްބާލްގެ ހިތުގައި އަބަދުވެސް ބިރެއް އޮތެވެ. ނަމަވެސް މިހާރު…..އޭނައަށް އެ ކުންފުނި ފެށުނުލެއް މާ ލަހޭ ހީވާފަހަރުތައްވެސް އާދެއެވެ.

އެ އަންހެންކުއްޖާ ނެތްނަމަ ކުންފުނިވީހީ ވައިގެ ތެރޭގައި އެޅުނު ގަނޑުވަރަކަށްކަން ކަށަވަރެވެ.
**********

“އާސްތޫ…….އެބަހުރި ކޮންމެވެސް ކުއްޖަކު ހޯދަން އައިސް. ކީކޭ ބުނަންވީ؟” މާދަމާ އެރަށަށް ގޮސް ދޭންޖެހޭ ޕްރެޒެންޓޭޝަން އަދިވެސް އިތުރަށް ފުރިހަމަ ކުރުމުގެ މަސައްކަތުގައި އިންދާ ކޮޓަރީގެ ދޮރުގައި ޓަކިޖަހާލާފައި ހުސްނާއްތަ ގޮވާލި އަޑު ޒީނިޔާއަށް އިވުނެވެ.

“މިދަނީ…..” ފައިލްތައް ޔޫއެސްބީ ހާޑަށް އަޅަން ޖައްސާލާފަ އެންމެ ފަހުބަޓަނަށް ފިއްތާލަމުން ޒީނިޔާ ތެދުވިއެވެ.

އެހެރަ ރޭގަނޑުގެ އެގާރަ ޖަހަނީއެވެ. މިގަޑީގަ އޭނަ ހޯދަން އަންނާނީ ކާކުހެއްޔެވެ؟ ރާއިދާ ނަމަ ގޮވާދޭށޭ ނުބުނާނެއެވެ. ސީދާ އަންނާނީކޮޓަރިއަށެވެ. އަސްލަމް ނަމަ ހުސްނާއްތައަށް އެނގޭނެއެވެ. ކުއްޖެކޭ ނުބުނާނެއެވެ. އެހެންވެއްޖިއްޔާ އެ ވާނީ ރާއިދާއާއި އަސްލަމްގެ “15 ދުވަހުގެ ޕްރޮޖެކްޓް” ގެ ދަށުން ފޮނުވި މީހަކަށެވެ. އެކަމަކު މިއީ ކޮން ގަޑިއެއްހެއްޔެވެ؟ ބުނެވެސް ނުލާ އެގޮތަށް މީހުން ފޮނުވަން ވާނެހެއްޔެވެ؟

ކޮޓަރިން ނިކުމެގެން ދިގު ކޮރިޑޯގެ ތެރެއިން އަންނަމުން ޒީނިޔާ ވިސްނާލިއެވެ. ކޮރިޑޯ ފަސްދީ އައިސް ސިޓިންރޫމަށް ނިކުމެވުނުއިރު ފުރަތަމަވެސް ޒީނިޔާއަށް ފެނުނީ ސިޓިންގރޫމްގެ ސޯފާއެއްގައި އިށީނދެ އިން ފިރިހެނެކެވެ. ފެންނަނީ ފުރަގަސްކަމުން ޒީނިޔާއަކަށް އެއީ ކާކުކަމެއް ނޭނގުނެވެ. ޒީނިޔާ މަޑުމަޑުން ކުރިއަށް ޖެހި ބަލާލިއެވެ.

“އަސަދު………..؟” ޒީނިޔާއަށް މަޑުމަޑުން ބުނެލެވުނެވެ.

ކޮންމެ ދުވަހަކު އޭނަގެ ކާރުކައިރީގައި އިނުމުގެ އިތުރަށް އަސަދު މިހާތަނަށް ކުރިހާވެސް ކަމަކީ އެދުވަހު އެ ރެސްޓޯރެންޓް ތެރެއިން ފެނިފައި އޭނައަށް އެ މެސެޖް ކުރުމެވެ. އޭގެފަހުން ހަމަ އެއްވެސް މެސެޖެއްވެސް އަދި އެންމެ ފޯންކޯލެއްވެސް އަސަދު އޭނައަކަށް ނުކުރެއެވެ. އެ މެސެޖްގެ ފަހުންވެސް ކޮންމެ ދުވަހަކުވެސް އޭނަ އޮފީސް ނިމޭގަޑީގައި އެތާގައި އިނދެއެވެ. ދުވަހަކުވެސް އޭނައާއި ވާހަކަދައްކަންވެސް މަސައްކަތެއް ނުމެކުރޭމެއެވެ. ކިތަންމެ ބަލާލަން ހިތްގައިމުވިޔަސް، އަސަދު އަކީ ސިކުނޑީގެ އުނިމީހެއްކަމަށްވެސް އޭނައަށް ބައެއްފަހަރު ނިންމިފައި ވެއެވެ. އެކަމަކު އެ އަސަދު……މިރޭ އެ އިނީ އައިސް އޭނަގެ ސިޓިންގ ރޫމްގައެވެ.

“ޒީނިޔާ…..!” ޒީނިޔާގެ އަޑު އިވުމާއެކު އަސަދު ތެދުވެފައި ސަލާމްކުރަން އަތްދިއްކޮށްލީ އާދަޔާ ޚިލާފު ވިދުވަރެއް އެކުލެވޭ ހިނިތުންވުމަކާއެކުގައެވެ. އެހެންނަމަވެސް އެ އަތުގައި ޒީނިޔާ ނުހިފައެވެ. ބަދަލުގައި ދެއަތްވެސް ލީ ފުރަގަހަށެވެ.

“އަސަދު……މިގެއަށް ކޮން ކަމަކު.؟” އަސަދުކައިރީ އިށީންނާށެކޭވެސް ބުނަން ޒީނިޔާ ހަދާނެއްނުވިކަހަލައެވެ. އަދި ޚުދު ޒީނިޔާވެސް އިށީންނާކަށްވެސް ނުއުޅެއެވެ.

“މާދަން ހެނދުނުން ޒީނިޔާ ފުރަންއުޅޭކަން އެނގުނީ ހަމަ ދެންމެއަކު. އެހެންވެ ފުރުމުގެ ކުރިން ބައްދަލުކޮށްލަން ބޭނުންވީ. އެނގޭ އެކޮޅުގަ ވާނީ އެންމެ ހަތަރުދުވަސްކަންވެސް. އެކަމަކު އެންމެ ދުވަހަކުވެސް ޒީނިޔާ ނުފެނިއެއް އަހަންނަކަށް ނޫޅެވޭނެ. މަސައްކަތަށް އުނދަގޫވާނެހެން ގުޅާކަށްވެސް ބޭނުމެއް ނޫން. އެހެންވެ ………” ދެއަތް ދެއަތާ އުނގުޅައުނގުޅާ ހުރެ އަސަދު ދެއްކި ވާހަކަ ވަކިހިސާބަކުން ހުއްޓާލިއެވެ. އަސަދުގެ މޫނުން ޒީނިޔާއަށް ފެނުނީ ޖެހިލުންވުމުގެ އަސަރުތަކެވެ.

އަސަދުއަކީ އަނެއްކާ ކޮންކަހަލަ ޒުވާނެއްހެއްޔެވެ. އަހަރެން ފުރުމަކުން އަސަދުއަކާ ކީއްހެއްޔެވެ؟ ދުނިޔެމަތިން މިވަރުގެ ހައިރާންކަމެއް އަދި އޭނަ ނުދެކެއެވެ. ހަމަ ހަގީގަތުގައިވެސް އޭނައަށް އެ އަޑުއިވުނީ އަސަދު ދެއްކި ވާހަކަބާވައެވެ؟ ނޫނީ އޭނައަށް މިއޮވެވުނީ ހުވަފެނެއްގައިބާވައެވެ.

“އެކަމަކު އަހަންނަކަށް ނުވިސްނޭ……” ވިސްނަންވީކޯޗެއްކަންވެސް ޒީނިޔާއަކަށް ނުވިސްނުނެވެ.

ސުވާލުގެ ބެލުމަކުން އަނެއްކާވެސް ބަލާލެވުނީ ކުރިމަތީގައި ހުރި ރީތި ޒުވާނާއަށެވެ.
*********

އަސަދު އެގެއިން ދިޔަތާ އިރުގަނޑެއް ފަހެވެ. އަމިއްލަ ކާރު އޮވެމެ، އެ ކާރުގެ ބަދަލުގައި ޓެކްސީއަކަށް ގުޅައިގެން ޒީނިޔާދިޔައީ ރާއިދާމެންގެއަށެވެ.

“ވަރަށް އުފަލުން ދޯ ތިހިރީ.” އެދިޔަ ބާރުމިނުގައި ގޮސް ރާއިދާގެ ގޭގެ ދޮރުގެ ބެލް އެޅުމުން އަސްލަމް އައިސް ހުޅުވިއެވެ. އަސްލަމް ހުޅުވި ދޮރުން ވަދެވުމުގެ ކުރިން އަސްލަމްގެ ފަހަތުގައި ހުރި ރާއިދާއާއި ދިމާލަށް ޒީނިޔާ ބުނެލިއެވެ. ވަރަށް އެހެން ކަހަލަ ފާޑަކަށެވެ.

” ކިހިނެއްވީ ޒީ؟” ބަދިގެން ނިމިގެން ރާއިދާ އެ ނިކުތީ ދެންމެކަން އަތުގައި އޮތް އަތްފޮހޭ ފޮތިގަނޑުން ހެކިކޮށްދެއެވެ.

“ކޮންމެހެން އޭނަ އަހަރެމެން ގެއަށް ނުފޮނުވިއަސް ވެދާނެނު؟” ޒީނިޔާ ހުރީ ނުރުހިފައެވެ.

“ކާކު……….؟ އަނެއްކާ ކާކުތިގެއަށް ދިޔައީ……އަސީލްތަ؟” ރާއިދާ ހުރީ އުފަލުންނެވެ. އަސީލްކަމަށްވެއްޖިއްޔާ އެއީ ހާދަހާ ވާ ބޮޑު އުފަލެކޭ ރާއިދާގެ ހިތަށް އެރިއެވެ.

އަސީލްގެ ނަން އިވުމާއެކު ޒީނިޔާގެ ގައިން ބާރު ދޫވިކަހަލައެވެ. ހިތުގެ ހިނގުން ދިހަގުނައަށް އަވަސްވިއެވެ.

“އަހަންނަށް އޭރުވެސް އެނގޭ ރާއީކަން އޭނަ އަހަރެމެންގެއަށް ފޮނުވާނީ.” އަސީލްގެ ނަން އަޑުއިވުމުން ވީ ގޮތް ހަނދާން ނައްތާލަން މަސައްކަތް ކުރަމުން ޒީނިޔާ ބުންޏެވެ.

“ޕްލީޒް…..ކާކުތަ؟ ކާކުތަ ތިގެއަށް ދިޔައީ؟” ރާއިދާ އަނެއްކާވެސް ސުވާލުކުރިއެވެ.

“އަސަދު. ދެން ކާކަށް؟ އެ ނޫން މީހަކު ރާއީއަކަށް ނުވެސް ދެއްކުނެއްނު. އޭނަ ދެންމެ އަހަރެންގެ ގެއަށް އައިސްފައޭ އެދިޔައީ.” ޒީނިޔާގެ މޫނަކުން ރާއިދާއަށް ހަމަ އެކައްޗެއްވެސް އެނގޭވަރެއް ނުވެއެވެ.

“އުނހުނ އުނހޫ….!!! އަހަރެން ނުފޮނުވަން އޭނަ ތިގެއަކަށް އަހަރެން ކިހިނެއް އޭނަ ތިގެއަށް ފޮނުވާނީ. ކުރީ ދުވަހުވެސް ގޮވާލީމަވެސް އޭނަ އަނގައިންވެސް ނުބުނި. މަންމަން ސޮރެއްކަމަށް ނިންމައިގެން އަހަރެން މިހުންނަނީ އޭގެ ފަހުން. އެހެން ނޫނަސް ޒީގެ ހިޔަނި ފަހަތުން އުޅޭ މީހަކު ދާނެ ދޯ ޒީމެންގެޔަށްވެސް. ދެން ކޮބާ މައްސަލައަކީ؟ ރަނގަޅަކަށްނޫންތަ މިދަނީކީ” ދެއުކުޅުގައި އަތްވިދެލާފައި ރާއިދާ އަހާލިއެވެ.

“ދެން ނޭނގެ…..” އެންމެ ފަހުން ޒީނިޔާ ސޯފާގައި އިށީނދެއްޖެއެވެ. ކޮންމެވެސްކަމަކާއި އުނދަގޫވެފައި އިންކަހަލަ ގޮތަކަށެވެ.

“ކިހިނެއްތަވީ ޒީ….؟؟؟” ކޮންމެވެސް ކަމެއް ގޯސްވެއްޖެކަމުގެ އިހްސާސް ރާއިދާއަށް ކުރެވިއްޖެއެވެ. ރާއިދާ ކުރި ސުވާލަށް ޖަވާބުދިނުމަށްޓަކައި ޒީނިޔާ އިސްއުފުލިއިރު ކުރިމަތީގައި އަސްލަމް ހުރިތަން ފެނިގެން ބުނަން އުޅުނު އެއްޗަކަށް ޒީނިޔާ އުޒުރުވެރިވިތަން އަސްލަމްއަށް ފެނުނެވެ.

” ކޮފީއެއް ގެންނަންތަ؟ “

ޒީނިޔާ އައިސް ވަނީއްސުރެ މިވާގޮތް ބަލަން ހުރި އަސްލަމް، އެތަނުގައި ހުރުން ބުއްދިވެރިނޫންހެން ހީވެގެން އެތަނުން ދިއުމަށްޓަކައި ބަހަނާއެއް ހުށަހެޅިއެވެ. ނަމަވެސް އަސްލަމް އެ ކުރި ސުވާލަކަށް ޖަވާބު ދިނުމުގެ ކުރިން ރާއިދާގެ އަތުގައި ހިފައިގެން ޒީނިޔާ ވަދެގެން ދިޔައީ ރާއިދާގެ ކޮޓަރިއަށެވެ. އަދި ވަދެ ދޮރުވެސް ލައްޕާލީއެވެ. އަސްލަމް ހަމަ ބަލަން ހުރީއެވެ.

“ރާއީ…….އަސަދު އަހަންނަށްވުރެ 4 އަހަރު ހަގު” ވަރަށް ބޮޑު ވާހަކައެއް ބުނަން އުޅޭ މީހަކު ފަދައިން ޒީނިޔާ ބުނެލިއެވެ. ރައިދާއަކަށް އެ ވާހަކަ މުހިއްމެއް ނުވިއެވެ.

“އެކަމަކާ ޒީއަކާ ކީއް؟…؟؟” ރާއިދާއަކަށް ނުވިސްނެއެވެ. ކުޑަކޮށް ހިނިވެސް އައިމެއެވެ.

ރާއިދާގެ ސިކުނޑީގެ ކޮށިކަމާއި ދޭތެރޭ ގަބޫލުކުރަންދައްޗޭ ބުނާކަހަލަ ގޮތަކަށް ރާއިދާއާއި ދިމާލަށް ޒީނިޔާ ބަލާލިއެވެ. އަދި މަޑުމަޑުން ހިނގާލާފައި ގޮސް ޒީނިޔާގެ އެނދުގައި އިށީނދެލިއެވެ.

“އަހަރެން ކިހިނެއް ހަދާނީ؟ އަހަރެން ކައިވެންޏެއް ކުރަންވެސް ބޭނުން. އަބަދަކު މިހެން އުޅޭކަށް ބޭނުމެއް ނޫން. އެކަމަކު އަހަންނަށްވުރެ 4 އަހަރު ހަގުމީހަކާއެކު ކިހިނެއް އުޅޭނީ؟” ޒީނިޔާ ވާހަކަ ދައްކަނީ ވަރަށް މަޑުމަޑުންނެވެ. ހުވަފެނީ ދުނިޔެއެއްގައި އިނދެގެން ވާހަކަ ދައްކާ މީހަކު ފަދައިންނެވެ.

ރާއިދާ ހައިރާންވިއެވެ.

އަޅެ ޒީނިޔާ މިދައްކަނީ ކޮންކަހަލަ ވާހަކައެއް ބާއެވެ. ތެދެކެވެ. ޒީ ކައިވެންޏެއްކުރަން މިހާރުވެސް މާ ލަސްވެއްޖެއެވެ. އެކަމަކު އަސަދުގެ އަންބަކަށް ވާށޭ ޒީކައިރީ ބުނީ ކާކުހެއްޔެވެ؟ އަސަދުއާއިއެކު އުޅެން ޒީނިޔާ ވިސްނަންވީވެސް ކީއްކުރަންހެއްޔެވެ؟ އަސަދުއަކާ ޒީއަކާ ގުޅުމެއް އޮތީކީވެސް ނޫނެވެ. ދެން ހަމަ އެންމެ ފަހަރަކު އަސަދު އެގެއަށް ދިއުމުން ޒީ މިހާ ކަންބޮޑުވާން ޖެހޭ ހެއްޔެވެ؟

އަނެއްކާ…………………!!!

ރާއިދާގެ ސިކުނޑި އިރުކޮޅަކަށްޓަކައި ހުއްޓުނު ކަހަލައެވެ.

“ޒީ……..އަހަންނަށް މި ހީވީ ރަނގަޅަށްތަ؟” ޒީނިޔާގެ ދާދި ގާތުގައި އިށީންނަމުން ރާއިދާ އަހާލިއެވެ. އޭނައަށް މި ހީވީ ހަމަ ރަނގަޅަށް ހެއްޔެވެ؟

އިރުކޮޅެއްވަންދެން ޒީނިޔާ ހަމަ ގުޑާވެސް ނުލާއިނެވެ. އެހެން އިނދެފައި ދެން ފެނުނީ ޒީނިޔާ ބޯ ޖަހާލި ތަނެވެ. އަދި އިސްއުފުލާފައި ލޮލުން ފޭދިފައި ހުރި ކަރުނަތައް ޝަހާދަތް އިނގިލީގެ ބޭރުފަރާތުން ޖައްސައި ފޮހެލިތަނެވެ.

“އެކަމަކު ޒީ……… ޒީއަކާ އެއްވެސް…….” ރާއިދާ ބުނަން އުޅުނެވެ.

“ހުއްޓާލާ ރާއީ……” ރާއިދާ ދައްކަމުން ދިޔަ ވާހަކަ ހުއްޓުވީ ޒީނިޔާއެވެ.

” އެއީ ވަރަށް އެހެން ކަހަލަ މީހެއް. އަދި މިހާތަނަށް އަހަރެން ނުދެކޭ ސްޓައިލެއްގެ މީހެއް. މިހާތަނަށްވެސް އޭނަ އަހަންނަކަށް ދުވަހަކުވެސް އުނދަގުލެއް ނުކުރޭ. އެތާ ސައިކަލް މަތީގައި އިނުން ފިޔަވައި އިތުރުކަމެއް ނުކުރޭ. ދެން އެ ފޮނުވީ އެއްކަލަ މެސެޖް. ރާއީއަށް އެނގޭތަ……އޭނަ ހަމަ ހަގީގަތުގައިވެސް އަހަރެން ދެކެ ވަރަށް ލޯބިވޭ…….” ރާއިދާ އާއި ދިމާލަށް އެނބުރި އިނދެ ކަރުނައިގެ ތެރެއިން ބައެއްފަހަރު ހިނިތުންވަމުން ބައެއްފަހަރު ކަރުއެލުވާލަމުން ޒީނިޔާ މިދައްކާ ވާހަކައިން ރާއިދާގެ ހައިރާންކަން ދަނީ އިތުރުވަމުންނެވެ.

” އޭނަ އުޅެނީ ދުރުދުރުން. އޭނަ އަހަރެންގެ މިނިވަންކަމަށް އަރައިނުގަނޭ. އަހަރެންނަކީ މުދާގަނޑެއްކަމަކަށްވެސް އޭނަ ނުދެކޭ. އަހަރެން ގަންނާކަށް އޭނަ ނޫޅޭ…….ރާއީއަށް އެނގޭތަ އޭނަ މިރޭ އައީ ކީއްކުރަންކަން. އޭނަ ބުނީ އޭނަ އައީ…….އެ ހަތަރު ދުވަސްތެރޭ ވާނީ ކިހިނެއްކަމެއް ނޭނގޭތީ ވަކިވުމުގެ ކުރިން ކޮންމެ ގޮތެއް ވިޔަސް އޭނަ ބޭނުންވެޔޯ އަހަންނަށް އަންގަން އޭނަ އަހަރެން ދެކެ ވަރަށް ލޯބިވާކަން. ހަމަ އެކަނި އެ ވާހަކަ ބުނެލަން އޭނަ އަހަރެންގެއަށް އެއައީ. ބުނެބަލަ. ދެން އަހަރެން ކިހިނެއް ހަދާނީ.” ޒީނިޔާގެ ލޯ އަނެއްކާވެސް ފެންކަޅިވާން ފެށިއެވެ.

ރާއިދާއަކަށް ނުވިސްނުނެވެ. ޒީ އެ ރޮނީ ކީއްވެހެއްޔެވެ؟ މިތަނުގައި މައްސަލައަކީ ކޮބައި ހެއްޔެވެ؟ އަސަދުގެ އުމުރުން ހަގުކަން އެބައެނގެއެވެ. ދެން އެހެންވީއިރު ނޫނެކޭ ބުނީމަ ނިމުނީ ނޫންހެއްޔެވެ؟ އިތުރު ވިސްނުމެއް ވިސްނަންވީ ކަމެއް އެބައޮތްހެއްޔެވެ؟ މިހާ ސާފުކޮށް އެނގެންއޮތްކަމެއް ނިންމަން ޒީއަށް އުނދަގޫވެގެން އެ އުޅެނީ ކިހިނެއްވެގެން ހެއްޔެވެ؟ މީގެ ކުރިން ގައިމު ޒީއަށް ކަންތައްތައް ނިންމަން ވަރަށް ފަސޭހައެވެ. ވީއިރު މިރޭ ވީ ކީއްހެއްޔެވެ؟

ޒީނިޔާގެ ހިތުގެ ހާލު ނޭނގި އިނދެ ރާއިދާ ވިސްނަމުން ދިޔައެވެ. ނަމަވެސް އެއީ ޒީނިޔާގެ ހިތުގައި އޮތްގޮތާއި ދިމާ އިދިކޮޅެވެ. ޒީނިޔާ ދައްކަމުން ދިޔަ ކޮންމެ ވާހަކައެއް ނިސްބަތްވަނީ އަސީލް އަށެވެ. އަސީލް ދައްކާފައިހުރި ވާހަކަތަކަށެވެ.

އަނެއްކާ………….!!!!

ރާއިދާގެ ސިކުނޑީގައި ބޮތްކެއް ދިއްލުނު ފަދައެވެ. ޒީނިޔާއަށް ވެގެން އުޅޭގޮތް ރާއިދާއަށް ވިސްނުނީ ހަމަ ކުއްލިއަކަށެވެ. ޒީނިޔާއަށް އަސަދާއި ގަޔާ ވެވުނީއެވެ. ޒީނިޔާއާއި ދުރުދުރުން އުޅޭތީއާއި މިނިވަންކަމަށް އަރައިނުގަންނާތީއެވެ. އޭނަގެ މައްޗަށް ބާރުފޯރުވަން މަސައްކަތް ނުކުރާތީއެވެ. އެހެންވީމަ ޒީ ބޭނުންވަނީ އެކަހަލަ މީހަކުތާއެވެ. މާބޮޑަށް އިހްސާސްތަކުގެ ވާހަކަ ނުދައްކާ….އަމަލާ ބަހުންވެސް ދުރުދުރުން އުޅޭ މީހެއްތާއެވެ. އެއީ ކޮންއިރަކުއްސުރެ ޒީ ގެންގުޅެންފެށި އުޞޫލެއްހެއްޔެވެ؟ ގައިމުވެސް މީގެ ކުރިން އޭނަގެ ލޯބިވާ އެ ރަހްމަތްތެރިޔާ އެ އުޞޫލެއް ނުގެންގުޅެއެވެ.

“ތީގަ މާބޮޑު ގޮތެއް ހަދަން އެބައޮތްތަ؟ އޭނަ އެހެން ބުނެފައި އެ ދިޔައީނު. ދެން ޒީ ގަބޫލުކުރަން ބޭނުމިއްޔާ ގަބޫލުކުރާނީ…..އެހެން ނޫނީ ހަނދާންނައްތާލާނީ. ސިމްޕަލް.” ރާއިދާ ބޭނުންވީ ޒީނިޔާގެ ހިތުގައި އޮތް އެއްޗެއް ބޭރު ކުރުވާށެވެ.

“ރާއީއަކަށް ނުވިސްނޭތަ. ސިމްޕަލްއެއް ނޫނޭ. އޭނަ އަހަންނަށްވުރެ 4 އަހަރު ކުޑައޭ.” ހިމޭންކަމާއެކު އިސްޖަހާލަމުން ޒީ މިހެން ބުނީ ވަރަށް މަޑުމަޑުންނެވެ.

“އާނއެކޭ. އެބަ އެނގެއޭ. އެކަމަކު ބުނެބަލަ. އުމުރު އެކަނިތަ މައްސަލައަކީ؟” ރާއިދާވެސް މިހެން އެހީ ވަރަށް މަޑުމަޑުންނެވެ. ޒީނިޔާ ޖަވާބު ދިންވެސްމެއެވެ. ކުށްވެރިއަކު ކުށަށް އިއުތިރާފްވާ ބީދައިން ޒީނިޔާ ބޯޖަހާލީ ކަރު އެލުވާލާފައެވެ. ހަމަ އެކަނި މައްސަލައަކީ އުމުރުކަމަށް ޒީނިޔާ އެއްބަސްވިއެވެ.

“އަހަންނަށް މިހީވަނީ ރަނގަޅަށްތަ؟ ޒީ އަސްލުވެސް އޭނައާއި ލައިކްވަނީތަ؟” ރާއިދާއަށް އަދިވެސް ގަބޫލުނުކުރެވެއެވެ.

ޒީ ޔަގީންކޮށްދިނެވެ. ކުރީފަހަރެކޭވެސް އެއްފަދައިން ބޯ ޖަހާލަމުންނެވެ.

“ހަމަ އަސްލުވެސްތަ؟”

ރާއިދާގެ ހުރިހާ ސުވާލަކަށްވެސް ޒީ ޖަވާބު ދެމުން ދިޔައީ ހަރަކާތުންނެވެ. މިފަހަރުވެސް ބޮލުގެ އިޝާރާތުން އާނއެކޭ ބުންޏެވެ.

“އެކަމަކު ކީއްވެ؟ ޒީއަކަށް އޭނަ ނުވެސް އެނގެއެއްނު.؟” ރާއިދާއަށް މިހެން ބުނެވުމާއެކު ޒީނިޔާ ރާއިދާއާއި ދިމާލަށް ލޯ އަޅާލިއެވެ.

“ކާކަށްތަ ކާކު އެނގެނީ. އެއްވެސް މީހަކަށް އަނެއް މީހާ ދުވަހަކުވެސް ނޭނގޭނެ. ތިއެނގުމެއް އެނގުނީމަވެސް ވީ ކަމެއް ނެތް. އަސަދުގެ ސްޓައިލް އަހަންނަށް ކަމުދޭ. އޭނައަކީ އަހަރެން ދުށް އެހެން ފިރިހެނުން ކަހަލަ މީހެއް ނޫން. އޭނަ ނުއުޅޭ ވަގުތު ބޭކާރުކުރާކަށް. އަހަންނަށް އެކަން ވަރަށް މުހިއްމު.” ހަރުދަނާކަމާއެކު ޒީނިޔާ ބުންޏެވެ.

“ޒީ އޭނައާއި ލައިކްވަންޏާ އޭނަގެ އުމުރަކަށް ބަލާނެ ކަމެއް ނެތެއްނު. ގައިމުބަލާލާފައެއް ނޭނގޭނެ ޒީއަށް 32 އަހަރުކަމެއް. އަސަދުވެސް ހިއެއް ނުވޭ އެހާ ޅަހެނެއް. އެހާމެ ދިގު. އެހާމެ ފުޅާ. އެހާ ފިރިހެންވަންތަ. އަދި އެނގުނަސް ވާނީކީއް. ދެމީހުން އެކަކު އަނެކަކަށް ލައިކްވަންޏާ އެވީނު.” ރާއިދާ ހުރީ އޭނަގެ ރަހްމަތްތެރިޔާއަށްޓަކައި މަގުކޮށައިދޭން ތައްޔާރަށެވެ.

” މީހުން ބަސް ނުބުނާނެތަ؟” ޚުދު ޒީނިޔާގެ ހިތާއި ސިކުނޑި ގަބޫލު ނުކޮށްގެން އުޅޭ ކަމަކަށް ޢާއްމުންގެ ރުހުން ލިބިދާނެކަމާމެދު އޭނައަށް ހަމަ ޝައްކު ވަނީ އެވެ.

“ބުނާނެ. އެނގޭ މީހުން ބުނާނެ. ނޭނގޭ މީހުންނަށް ކޮންމެހެން އަންގާކަށް ނުޖެހެއެއްނު. އެމީހެއްގެ ދިރިއުޅުން ގެންދާނެ ގޮތެއް އެނގޭނީ އެމީހަކަށްނު. އެކަމާ ނުވިސްނަބަލަ. ދެން ބުނެބަލަ. އޭނަ ކޮބާ މިހާރު. އަނެއްކާ ތިގޭގަ އޭނަ އިންދާތަ ނިކުމެގެން ތި އައީ؟ އޭނަ ކައިރީ ކީކޭ ކިޔާފަތަ ތި އައީ.” އެހެންވެސް ޒީނިޔާ ހަދާފާނެކަން ރާއީއަށް އެނގެއެވެ.

“އޭނަ ހިނގައްޖެ. އެކަމަކު އަހަރެން ބުނިން އަދި ވާހަކަދައްކާލަން ބޭނުމޭ. މި ދަތުރު ނިންމާފައި އައިސް ވަގުތެއް ހޯދާލާނަމޭ.”

“ހަގީގަތުގައިވެސް އުމުރަކީ މައްސަލައެއް ނޫން. މީގަ ބޭނުންވަނީ އެކަކު އަނެކަކަށް ލައިކް ވުން. އެގޮތަށް ވިސްނާ.” ލޯބިވާ ރަހްމަތްތެރިޔާގެ އަތްތިލައިގައި ހިފާ ބާރުކޮށްލަމުން ރާއިދާ ހިތްވަރު ދިނެވެ. އޭނަގެ އެ ރަހްމަތްތެރިޔާއަށްޓަކައި އުފާ ކުރަމުންނެވެ. ހަތަރު އަހަރުފަހުން އެންމެ ފަހުން ޒީނިޔާއަށް މީހަކާ ރުހެވުނީތީއެވެ. އަދި އެމީހާއާއެކު ގުޅިގެން އުޅެން ޒީ ވިސްނީތީއެވެ. އަވަސް ފުރުޞަތެއްގައި އެ ރަހްމަތްތެރިޔާގެ ކައިވެނި އަސަދު އާއި ކުރެވިދާނެތީއެވެ. ނޫނީ ވެދާނެ ކަމަށް ހުވަފެން ދެކެމުންނެވެ.

ރާއިދާއަކީ އޭނައަށް އިންތިހާއަށް ހެޔޮއެދޭ އޭނަ ދެކެ ލޯބިވާ ރަހްމަތްތެރިއެއްކަން ޒީނިޔާއަށް އެނގެއެވެ. ގަބޫލުކުރޭވެސް މެއެވެ. ނަމަވެސް ރާއިދާއަކަށް އޭނަގެ ހިތުގެ ހާލެއް ނޭނގޭނެއެވެ. އެނގޭނަމަ އަސަދުއާއި ގުޅުމަށް ހިތްވަރު ނުދޭނެއެވެ. ޔަގީނެވެ.

އެކަމަކުވެސް އެވާހަކަ މިހާރު ދެއްކުމުގެ ބޭނުމެއްނެތްކަމަށް ޒީނިޔާއަށް ނިންމުނެވެ. ވަގުތު ފާއިތުވެއްޖެއެވެ. މާ ލަސްވީއެވެ.
*******)ނުނިމޭ)***********

ޚިޔާލު

Trackbacks