Live News From Hulhumeedhoo, Addu City

ބޮޑާ ނަފްސު (9 ވަނަ ބައި)

ރާއިދާ އާއި އަސްލަމްގެ މަޝްވަރާ އާއި ހިތްވަރުގެ މަތިން ޒީނިޔާ އަސަދުއާއި ގުޅިއްޖެއެވެ. މާގިނަ ދުވަހެއް ނުވެއެވެ. އަދި މިވީ ހަމަ އެންމެ ހަފުތާއެއްހާ ދުވަހެވެ. އުފާވެރި ހަފުތާއެކެވެ.

ޒީނިޔާ ތައްޔާރު ވަމުން ދަނީ ހުޅުލޭ އައިލެންޑް ހޮޓަލުގައި އޮތް ” ދަ ކަލަރ” އެޑްވަޓައިޒިންގ ފެއަރ އަށް ދިއުމަށްޓަކައެވެ. އެއީ ލިބުނު ދަޢުވަތެއްކަމުން، އެތަނަށް ދާންޖެހޭތީ ޒީނިޔާ ނަގަން ޖެހޭނެ އެއްވެސް ޒިންމާއެއް މިރެއަކު ނެތެވެ. ހިތްހަމަޖެހެންދެން ރީތިވެލައިގެން ހިތްހަމަޖެހުމާއެކު ދާންވީއެވެ. މި ހިތްހަމަޖެހުން މިރޭ ދެގުނައަށް އިތުރުވެފައިވަނީ މި ފާއިތުވި ހަތަރު އަހަރު އެކަހަލަ ހުރިހާ ހަފްލާތަކަކާއި ޕާޓީތަކަށް ގޮސްފައިވަނީ ޒީނިޔާ އެކަނި ކަމުގައިވިޔަސް މިރޭ ޒީނިޔާ އާއެކުގައި އަސަދު ބައިވެރިވާނެތީއެވެ. ޒުވާން ރީތި އަސަދެވެ. އޭނަ ދެކެ އިންތިހާއަށް ލޯބިވާ އަސަދެވެ.

“ޒީން….ޒީން….މިކޮޅަށް އައިސްބަލަ….” ހަފްލާގެ ތެރޭގައި ބަޔަކާއި ވާހަކަ ދައްކަން ޒީނިޔާ ހުއްޓާ އަސަދު އައިސް މަޑުމަޑުން ގޮވާލާފައި އަތުގައި ހިފިއެވެ. ކޮންއިރަކު ކިހިނެއް ކިޔަން ފެށި ނަމެއްކަން ޒީނިޔާވެސް ހަނދާނަކު ނެތެވެ. އަސަދު އަބަދުވެސް އޭނައަށް ގޮވަނީ އެނަމުންނެވެ.

“ކޮންތާކަށް….؟” އަސަދުގެ އަތުގެ ބީހުން އިހްސާސް ކުރަމުން އުފަލާއެކު ޒީނިޔާ އެހިއެވެ.

“އަހަރެންގެ އަންކަލްއެއް މިތާ އެބަހުރި. އާދޭ. ތަޢާރަފްކޮށްދޭނަން.” އަސަދު ހުރީ ޒީނިޔާއަށްޓަކައި ވަރަށް ފަޚުރުވެރިވެފައެވެ. ރީތިހުސްކޮށްފައި ހުރި އެ އަންހެންކުއްޖާގެ ކައިރީގައި ހުންނަން ފުރުޞަތު ލިބޭތީ ފޮނި ވެފައެވެ.

“އެކަމަކު އަސަދު ބުނީމެއްނު ފެމިލީއަށް އިންޓްރޮޑިއުސް ވާނީ އަދި ތަންކޮޅެއް ފަހުންނޭ.” ޒީނިޔާ ހަނދާންކޮށްދިނެވެ. ކޮންމެވެސް ވަރެއްގެ ކަންބޮޑުވުމަކާއެކުގައެވެ.

“އާނއެކޭ. ….އެކަމަކު މިއީ ފެމިލީއަކަށްވުރެ ބޮޑަށް ބެސްޓް ފްރެންޑް ކަހަލަ މީހެއް. ވަރަށް ނައިސް ވާނެ. އަހަންނަށް ވަރަށް ރަނގަޅުވެސް ވާނެ. ޒީން ލައިކްވާނެ އޭނައާ. އާދެބަލަ.” މީހުންގަނޑުގެ ތެރެއިން ޖާގަ ހުސްކުރަމުންހުސްކުރަމުން ގޮސް އަސަދު ހުއްޓުނީ ހޯލުގެ އެއްކަނެއްގައި ވާހަކަ ދައްކަން ތިބި ހަތަރުފަސް ފިރިހެނުންތިބި ގްރޫޕެއް ކައިރިއަށެވެ.

“ތިއްތިބޭ…..!!” އަސަދުގެ ދުލުން އިވުނު ނަމާއެކު ޒީނިޔާގެ ދެލޯބޮޑުވިއެވެ. ހަމަ ހަގީގަތުގައިވެސް އަސަދުގެ އެ ބުނާ ބޮޑުބޭބެ އަކީ…………!!!

ޒީނިޔާއަކަށް އިތުރަކަށް ނުވެސް ވިސްނުނެވެ. ލޮލަށް ގަބޫލުކުރަންވެސް ދަތިވިއެވެ.

އަސަދުމެނަށް ފުރަގަސްވާ ކަހަލަ ގޮތަކަށް ހުރި އިސްކޮޅުން ދިގު ފިރިހެނަކު، އަސަދުގެ އަޑު އިވުމާއެކު އެމީހުންނާއި ދިމާލަށް އެނބުރިލިއެވެ. އެއާއެކު ޒީނިޔާގެ ހިތް ހަމަ ހުއްޓުނުކަހަލައެވެ. އެއީ އަސީލްއެވެ.

ކުއްލިއަކަށް ކުރިމަތިން މި ފެނުނު އަންހެންކުއްޖާގެ ސަބަބުން އަސީލްގެ މޫނަށްވެސް ނައަރާ ކުލައެއް ނެތެވެ. މިއީ ވެދާނެ ގޮތެކޭވެސް ހިތަށް ނައަރާ އަސަދުއަކަށް ކަމެއް ހަމަ ރޭކާވެސް ނުލައެވެ.

“ތިއްތިބޭ، މިއީ ޒީނިޔާ….ޒީން މިއީ އަހަރެންގެ އަންކަލްއެއް. އަސީލް.” އަސީލްއަށް ޒީނިޔާގެ ތަޢާރަފް އަސަދު ދިނީ ފަޚުރުވެރިކަމާއެކުގައެވެ.

“ޒީނިޔާއޭ ދޯ ތިބުނީ؟ އަސަދުގެ ފްރެންޑެއްތަ މިއީ؟” އެހެން މެހްމާނެއްނަމަ އެމީހަކާ ސަލާމް ކުރުމަށް އަސީލް އަތްދިއްކުރީހެވެ. ނަމަވެސް ޒީނިޔާ އާއި ސަލާމް ކުރާކަށް އަސީލް އަތްދިއްނުކުރެއެވެ. އަސީލްގެ މޫނުން ޒީނިޔާއަށް ފެނުނީ ވިހަ ހިނިތުންވުމެއްގެ އަސަރެވެ. ޒީނިޔާގެ ހަށިގަނޑުގެ ލޭ ގަނޑުވި ކަހަލައެވެ.

“ނޫނޭ…އަޅުގަނޑުގެ ގާރލްފްރެންޑް…މިއަންނަ މަހު މެރީކުރާވާހަކަ ނަންގަތީމެއްނޫންތޯ؟” އަސަދު ހުރީ އިންތިހާއަށް އުފާވެފައެވެ.

“އެހެންތަ. މަރުޙަބާ…..ތިއްތިބެ ވަރަށް އުފާވެއްޖެ އަސަދަށްޓަކާ. ކޮންމެހެންވެސް ތިއްތިބެއަށް އިންވައިޓް ކުރާތި ޕާޓީއަށް.” ރީތީގެ ރާނީއެއް ފަދަ އެ ރީތި އަންހެންކުއްޖާއާއި ދިމާއަށް ނުބަލާން އުޅުނަސް އަސީލްއަށް ހަމަ ބެލެނީއެވެ. މީގެ ދެތިންމަސްކުރިން ރިސޯޓްގައި ހިނގާފައިވާ ހާދިސާގެ ހަނދާންވުމުން މިހާރުވެސް އަސީލްއަށް ބުނަންވެސް ނޭނގޭ އަސަރުތަކެއް ކުރެއެވެ. ހަމައެކަނި މައްސަލައަކީ………!!

ނަސީބަކުން މާގިނަ ވާހަކައެއް ނުދެއްކެނީސް ޒީނިޔާއަށް އެތަނުން ދާން ޖެހިއްޖެއެވެ. އެމީހުން ކައިރިން ދިޔަ ޒީނިޔާގެ ރަހްމަތްތެރި ޝަހުދާންއަށް ޒީނިޔާ ފެނުމުން ގޮވީއެވެ. އެހެންނަމަވެސް ޝަހުދާން އާއި ވާހަކަ ދައްކަން ހުރިއިރުވެސް ޒީނިޔާއަށް ދޭތެރެއަކުން ބަލާލެވެއެވެ. އަސީލް އާއި އަސަދު އެ ދައްކަނީ ކޮން ވާހަކައެއްބާއޭ ހިތަށް އަރާފައެވެ.

ފެންނަ ފެނުމަށް އަސަދު ހުރީ އަސީލް ދައްކަމުން ދިޔަ ވާހަކައެއް އަޑުއަހާށެވެ. އޭގެ ބަދަލުގައި އަސީލް ހުރީ އެ ދައްކާ ވާހަކައެއް ދައްކަމުން ދިޔަ ކަމުގައި ވިޔަސް ޒީނިޔާގެ ހަރަކާތްތަކަށް ބަލާށެވެ.

އެ ބެލުން…..އެ ހިނިތުންވުން…..އަދި …………އަދި………!!

ޒީނިޔާއަށްވެސް ނޭނގި ޒީނިޔާގެ ހިތްކަތިވާން ފެށިއެވެ. އަސީލްގެ ކަންތައްތަކާ ވިސްނެން ފެށިއެވެ. ރަހްމަތްތެރިންގެ ތެރޭގައިހުރިއިރުވެސް ހުރެވުނުތަން އޮޅެން ފެށިއެވެ. ނަމަވެސް އަބަދުވެސް އަމިއްލަ ނަފްސުގެ ކޮންޓްރޯލްގައި ހުންނަ ޒީނިޔާ، ހަމައަކަށް އެޅޭކަށް މާ ގިނައިރެއް ނުނެގިއެވެ.

ފަނަރަވަރަކަށް މިނެޓް ވާހަކަ ދައްކަން ތިބެލާފައި ޒީނިޔާ ކައިރިއަށް އަސަދު އައެވެ.

“ތިއްތިބެ ހިނގައްޖެ…” އާދައިގެ ގޮތަކަށް އަސަދު ބުނެލިއެވެ.

“ކޮންތާކަށް…..؟” ޒީނިޔާ ކުރި ސުވާލުގައި އާދައިގެ ގޮތެއް ނެތެވެ. އިޚްތިޔާރުން ބޭރުގައި ކުރެވުނު ސުވާލެއް ފަދައެވެ.

“ތިއްތިބެ އަބަދުވެސް އުޅޭނީ ބިޒީކޮށް. ދަޢުވަތު ލިބުނީމަ ހަމަ ނައިސް ނުހުންނާން ވެގެން ވަދެލީޔޯ. ނެތޯ ހުރެވޭކަށް. ކިޔާފަ ހިނގައްޖެ. ދެރަނުވޭ. އަދި ދިމަވާނެނު ދޯ. ދެން ހިނގާބަލަ އެ ކޮޅުގައި ހުރި ސްޓޯލްތަކަށް. އެތާ އެބަހުރި އެއްކަލަ އިބާންމެންގެ ސްޓޯލްވެސް. ހިނގާބަލަ އެކޮޅަށް ގޮސްލަން.” އަސީލް ފެނުނީއްސުރެން ޒީނިޔާގެ ހިތުގެ އޮއިވަރަށް އައިސްގެން އުޅޭ ހަލަބޮލިކަމުގެ ހިލަންވެސް ނުވާ އަސަދު ހުރީ ވަރަށް އާދައިގެ ގޮތަކަށެވެ.

އަސަދު ހީކުރީ އޭނަ އަސީލްއާއި ދިމާނުވީމަ ދެރަވީ ކަމަށް ހެއްޔެވެ؟ އަސަދު ކިހާ މޮޔަހެއްޔެވެ؟ އަސަދުގެ އެ ތިއްތިބެއަކީ އޭނަގެ ދިރިއުޅުމަށް އުނދަގޫ ދޭ މީހެއްކަން އެނގޭ ދުވަހަކުން ވާނީ ކިހިނެއްބާވައެވެ؟

ކޮންމެއަކަސް ހަފްލާގެ ބާކީ އޮތްވަގުތެއް ޒީނިޔާ ހޭދަކުރީ އުފަލާއެކުގައެވެ. އަސީލް ހުރިނަމަ ނުއުޅެވޭނެހާ އުފަލުންނެވެ. އެތަނުން ދިމާވި ހުރިހާ އެންމެންނަށްވެސް އަސަދު ތަޢާރަފްކޮށްދިނެވެ. ފަޚްރުވެރިކަމާއެކުގައެވެ. މިވީ ހަފްތާއެއްތެރޭ ޒީނިޔާއަށް އަސަދުގެ ކަންތައްތަކެއް މާ ބޮޑަށް ނޭނގުނު ކަމުގައި ވިޔަސް އެ ހަފްލާއިން ދިމާވި މީހުންގެ ތެރެއިން ގިނަ ބަޔަކަށް އަސަދު އެއީ ކޮންގެއެއްގެ ކާކުކަން އެނގުނެވެ.

އެންމެންނަށްވެސް އަސަދު އެބައެނގެއެވެ. ނޭނގުނީ ހަމައޭނައަށް އެކަނިހެއްޔެވެ.

ޒީނިޔާ ހިތަށް މިހެން އެރުމުން ދެރަވިއެވެ. މިރޭގެ ކުރިން އަޅެ އޭނައަށް އަސަދުއާއި އަސީލްއަކީ އެއް އާއިލާގެ މީހުންކަން އެނގުނު ނަމައެވެ. އެނގުނު ނަމަ………..އެނގުނުނަމަ ވަކިކުރާނީވެސް ކީއްހެއްޔެވެ؟ ދެމީހުންގެ ތެރެއިން ވަކި މީހަކު ޚިޔާރުކުރަން އޭނައަށް ހުޅުވާލެވިފައި ފުރުޞަތެއް އޮތީހެއްޔެވެ؟ އެހެން އޮތްނަމަ އޭނަ ޚިޔާރު ކުރާނީ ކާކު ބާވައެވެ. އަނެއްކާ އޭރުން ވާނީ ކިހިނެއްބާވައެވެ.

ނޫނެކެވެ. މިހާރު މިއީ އޭނަގެ ނަސީބެވެ. އެގޮތަށް ވިސްނުން ބުއްދިވެރިވާނެއެވެ.

މިހިސާބަށް ވިސްނާލާފައި ފޫހިގޮތަކަށް ޒީނިޔާ އެނބުރިލިއެވެ. އަދި ހަމަ އެވަގުތުމެ ޒީނިޔާގެ މޫނުމަތިން އުފަލާއިއެކުވެފައިވާ އެހެން އަސަރެއް ހުރި، އެކަމަކުމެ ރީތި ހިނިތުންވުމެއް ފެނިގެން ދިޔައެވެ. އޭނައަށް އެނބުރެވުނީ ގާތްގަނޑަކަށް އަސަދުގެ އުރުތެރެއަށެވެ. އޭނަގެ ފުރަގަހުގައި އަސަދު ހުރިކަމެއް ނޭނގި އޭނަ އެނބުރިލީމަ ދެމީހުން އެކަކު އަނެކެއްގެ ގައިގައި ޖެހިފައި ހުއްޓެވުނެވެ.

“ޒީން………” ވަރަށްވެސް ލޯބިން އަސަދު ގޮވާލިއެވެ. އަދި ޒީނިޔާގެ އަތްތިލައިގައި ހިފާ ބާރުކޮށްގެން އެ ބޮޑު ހޯލުން ނިކުންނަން ހިނގައިގަތެވެ.

“ހިނގަ ދާން…..ވަރަށް އުފާވެރި ރެއެއް މިއީ. ޒީންގެ ރަހްމަތްތެރިން ވަރަށް ނައިސް. ޒީންއާއެކު އައި މިކަހަލަ ފުރަތަމަ ހަފްލާއެއްކަމަކު، އެންމެންވެސް ހީވަނީ ހަމަ ކުރީގެވެސް ރައްޓެހިންހެން. ތޭންކްސް ޒީ.” ދާދި ކައިރީގައި ތިބެ ހިނގަމުން ދިޔައިރު އަސަދު ވާހަކަ ދައްކަމުން ދިޔައީ އަސަރާއި ޖަޒުބާތާއި އެކުގައެވެ. ޒީނިޔާއަށްޓަކައި އޭނަގެ ހިތް މުޅިން ދެވިއްޖެއޭ ބުނާ ބީދައިންނެވެ.

“ކޮން ކަމަކަށް………!!” ޒީނިޔާ އެހެން އެހީ އޭގެ ޖަވާބު އޭނައަށް އެނގޭ ކަމަށް ހީކޮށެވެ.

“ޒީގެ ލައިފަށް އަހަރެން އެކްސެޕްޓް ކުރީތީ.” އަސަދުގެ މި ޖަވާބަކީ ޒީނިޔާ ހީކުރި ޖަވާބެއް ނޫނެވެ. އެހެންކަމުން ސިހިފައި އަސަދުގެ ރީތި މޫނަށް ބަލާލެވުނެވެ.

އަސަދުގެ ލޮލުން ފެންނަނީ އޭނައަށްޓަކައި އެ ހިތުގައި އުފެދިފައިވާ ފުން ލޯތްބެވެ.

ބުނާނެ އެއްޗެއް ނޭނގިގެން ޝުކުރިވެރިކަމާއެކު ޒީ ހިނިތުންވެލިއެވެ. އަސަދު އެ ހިނިތުންވުން ބަލައިގަތީ ޒީގެ އަތްތިލައިގައި ބޮސް ދެމުންނެވެ.
***********

އެރޭ އެ ހަފްލާ ނިންމާފައި ގެއަށް އާދެވުމުން އެތެރެއަށް ވަނުމަކަށް އަސަދަށް ޒީނިޔާ ދައުވަތެއް ނުދެއެވެ. މާ ބޮޑަށް ވަރުބަލިވެފައިހުރުމުން އަރާމުކޮށްލަން ބޭނުންވާތީއެވެ. އެހެންކަމުން ވަދާޢުގެ ސަލާމަކަށްފަހު ޒީނިޔާ ވަނީ މަޑުމަޑުން ގެއަށެވެ. ހިތާއި ސިކުނޑި ޚިޔާލުތަކާއި ފިކުރުތަކުން ބަރުވެފައިވާ ހާލުގައެވެ.

އޭނައަށް ދުވަހަކުވެސް އެ ޚިޔާލުތަކާއި ދުރުވެވޭނެ ބާވައެވެ؟ އަޅެ ދެން ހަދާނީވެސް ކިހިނެއްހެއްޔެވެ؟ އަނެއްކާ މިރޭ މި ދިމާވި ކަންތަކުން އޭނަގެ ހާސްކަން އިތުރުވެފައިވެއެވެ.

ހަގީގަތުގައިވެސް ޒީނިޔާގެ ބޮލަށް އުނދަގޫވެއްޖެއެވެ. އަސީލް އެ ހަފްލާއިން ފެނުނީމައެވެ. އަދި އެއަށްވުރެވެސް ބޮޑަށް އެއީ އަސަދުގެ ބޮޑުބޭބެއަކަށް ވީމައެވެ. އަސަދުއާއި އޭނަގެ ގުޅުމާއި ދޭތެރޭގައިވެސް ވާނެ ގޮތެއްވެސް މިހާރަކު ދެން ޒީނިޔާއަކަށް ނޭނގެއެވެ. އޭނަގެ އުމުރުގެ ތަފާތު ދައްކައިގެން، އެ ކައިވެނި ހުއްޓުވަންވެސް އަސީލް މަސައްކަތް ކޮށްފާނެއޭ ޒީނިޔާގެ ހިތަށް އެރިއެވެ. އަނެއްކާ އޭނައާއި ޒީޏިޔާއާއި ދޭތެރޭ ގުޅުމެއް އުފެދިފައި އޮތޭވެސް ކިޔައިގެން އޭނަގެ ނަން އަސީލް ކިލަނބުވެސް ކޮށްފާނެބާވައެވެ؟

ނޭނގެއެވެ. ކޮންމެ ގޮތެއްވިޔަސް ޒީނިޔާގެ ސިކުނޑި ވަރަށް ހާސްވެއްޖެއެވެ. އަމިއްލަ ނަފްސު ދެކެވެސް ރުޅި އާދެވެން ފަށައިފިއެވެ. އަސަދުއަކީ ކާކުތޯ އޭނަ ކުރިން ނުބެލީ ކީއްވެހެއްޔެވެ؟

ކޮޓަރީގެ ސޯފާގައި އިނދެއިނދެފައި ގަޑި ބަލާލިއިރު 12 ގަޑި ބައިވަނީއެވެ. އަވަހަށް ތެދުވެއްޖެއެވެ.

މިފިކުރުތަކާ ޚިޔާލުތަކުގައި މުޅި ރޭ ހޭދަކުރުމަކީ މުޅިން ބޭކާރު ކަމެކެވެ. ހަމަ ނިދި ނުލިބުމުގެ ސަބަބުން ހެނދުނު އޮފީހުގައި މޫޑް ގޯސްވެފައި އިންނަން ޖެހުން ނޫން ކަމެއް ނުވާނެއެވެ.

ފެންވަރައިގެން އައިސް ޒީނިޔާ އޮށޯވެއްޖެއެވެ. އަދި ވަރުބަލިކަމާއެކު ލޯ މަރާލިއެވެ.

ނަމަވެސް……………

އެ “ޚާއްޞަ” ރިސޯޓް ދަތުރެއްގައި ގޮސްފައި އައި ފަހުން އޭނަ ދުވަހަކުވެސް އަސީލް ނު ދެކެއެވެ. މިފެނުނީ ދެމަސްވެސް ވީފަހުންނެވެ. އޭނަ ވަރަށް ރަނގަޅަށް ހަނދާން އެބަހުއްޓެވެ. މިއަދަށް މިއީ 2 މަހާއި 18 ދުވަހެވެ. އޭނަގެ ފޯނެއްވެސް ޒީނިޔާއަކަށް ނާދޭމެއެވެ. އޭނަ ހޯދަން މީހަކު މެދުވެރިކޮށްގެންވެސް އަސީލް އުޅުނު ކަމެއް އެނގިފައެއް ނެތެވެ. ނަސީބެކެވެ.

އެއްޗެއް ދަސްވެފައި އޮންނާނެތާއެވެ. އޭނައަކީ އެ އަސީލްގެ ފައިސާއިން ގަނެވޭނެ މުދަލެއްނޫންކަން އިހްސާސް ކުރެވިއްޖެއްޔާ ކިތަންމެހާވެސް ރަނގަޅެވެ.

އެކަމަކުވެސް……މިރޭ…..އެތަކެއް ދުވަސްތަކަށްފަހު އަނެއްކާވެސް އަސީލް ފެނުމުން އޭނައަށް އުނދަގޫވެއްޖެއެވެ. ބިރުގަނެއްޖެއެވެ. ދެން ވާނީ ކިހިނެއްކަމާމެދު ސުވާލު އުފެދިއްޖެއެވެ. އަސަދު އަކީ އެ އަސީލްގެ ދައްތަގެ ކުއްޖެއްކަން ކުރިން އެނގުނު ނަމަ އޭނަވެސް ވާނީ ޒީނިޔާއަށްޓަކައި ބީރައްޓެއްސަކަށެވެ. އެކަމަކު……ދެން މިހާރު އެހެން ހިތަށް އެރުވުމުގެ ބޭނުމެއް ނެތެވެ. އެއް ލެއެއް ކަމަކު ތަފާތު މީހަކުވެސް އުޅެދާނެއެވެ. ގައިމުވެސް އަސީލް އާއި އަސަދު ތަފާތެވެ. ބަހާއި އަމަލުންވެސް މެއެވެ.

އެކަމަކުވެސް އަސީލް………..!

ފިކުރުތަކުގެތެރެއިން ޒީނިޔާއަށް ނުކުމެވުނުއިރު ފަތިސްނަމާދަށް ބަންގި ގޮވަނީއެވެ. ނިދީގެ އަސަރުވެސް ނެތް ލޯ ހުޅުވާލާފައި ޒީނިޔާ ޔަގީން ކޮށްލިއެވެ. ހަމަ ހަގީގަތުގައިވެސް ފަތިހު 4 ގަޑި ސާޅީސް ވީ ހެއްޔެވެ؟

ޒީނިޔާ ތެދުވެއްޖެއެވެ. ފަތިސްނަމާދުކޮށްލުމުން ހިތަށް ލިބޭނެ ހަމަޖެހުމަށް ހިތުގެ އަޑިން އެދިއެދި ހުރެގެންނެވެ.

“ގުޑް މޯރނިންގ.” އަނެއްދުވަހު ހެނދުނު އަށްގަޑި ބައި ހަމަ އެވީއެވެ. އޮފީސް ގޮނޑީގައި ޒީނިޔާ ހަމަޖެހިލުމާއެކު މޭޒުމަތީ ހުރި ފޯނަށް ފޯނެއް އައެވެ. ނެގުމުން އިވުނު އަޑަކީ އެއީއެވެ.

“މޯރނިންގ. ކޮން ބޭފުޅެއްތޯ؟” އޮފީހަށް ވަނުމަށްފަހު އެއީ ކިތަންމެ ހެނދުނާކަމަށްވިޔަސް ޒީނިޔާގެ ސިކުނޑި ސެޓް ވެފައި ހުންނާނީ ހަމަ އެކަނި އޮފީހަށެވެ. އެހެންވީމަ މޭޒުމަތީ ހުރި ފޯނަށް އަބަދުވެސް ޖަވާބުދާރީ ވަނީ ރަސްމީ ކޮށެވެ.

“އަޅުގަނޑުގެ ނަމަކީ އަސީލް. އެނގިލައްވާތޯ؟ މިގުޅާލީ މަރުޙަބާ ކިޔަންވެގެން. ދުވަހުގެ މަސައްކަތް ފެށިއްޖެއްޔާ މި ކޯލް ކުރަން ހަނދާންނެތިދާނެތީ މިހާ އަވަހަށް މި ގުޅީ.” ރިސީވަރު މެދުވެރިކޮށް އެ އިވޭ އަޑު އަހަން ޒީނިޔާއަށް އިނދެވުނީ ކިހިނެއްވެގެން ކަމެއްވެސް ނޭނގެއެވެ.

” އަދި އޭގެ އިތުރަށް…..ރޭއްސުރެން ސުވާލެއްވެސް ކޮށްލަން ބޭނުންވެފައި މި ހުންނަނީ. އަޅެ ބުނެބަލަ. އަހަރެން ކަމުނުގޮސްފައި އަހަރެންގެ ދައްތަގެ ކުއްޖަކު ކަމުދިޔައީ ކީއްވެގެން؟ އޭނަގެ އުމުރުން ޅަވީމަތަ؟ އަނެއްކާ ކިހިނެއް އޭނަ ހޯދީވެސް. ހަމަތެދެއް ބުނަން. އަހަންނަށް ޒީނިޔާ ފެނުނީއްސުރެން ފަހަރަކަށްވުރެ ފަހަރެއް ހައިރާންކަން ބޮޑުވަނީ. ކޮންމެ ފަހަރަކީވެސް އަރަތެއް.” އަސީލްގެ އަޑުގައި ހުރީ ސަތޭކައިން ސަތޭކަ މަލާމާތެވެ.

ލަސްތަކެއްވެސް ނުވިތާއޭ ޒީނިޔާގެ ހިތަށް އެރިއެވެ. އަސީލްހުރީ އޭނަ އޮފީހަށް ވަންތަން ބަލަންހެއްޔެވެ؟ އިރުއެރުމާއެކު އެ އޮތީ ގުޅާފައެވެ. މިހެން ހިތަށް އެރުމާއެކުމެ އޭނަގެ މޮބައިލަށް ރޭގައި އެއްވެސް މީހަކު ގުޅާފައިހުރިތޯ ބަލާލެވުނެވެ.

ނަސީބެކެވެ. ރޭގަ ގެއަށް އައިފަހުން ހަމަ އެއްވެސް މީހަކު ގުޅާފައި ނެތެވެ. އަސަދު ފޮނުވާފައި ހުރި 4 މެސެޖެއް ފިޔަވައި އިތުރު އެއްޗެއް ނެތެވެ.

“ހިއެއްނުވޭ އެއީ އަސީލްއާއި ބެހޭނެ ކަމެއްހެނެއް.” ޒީނިޔާ ޖަވާބު ދިނީ ވަރަށް ހަރުދަނާކަމާއެކުގައެވެ.

“ތިހެންވެސް ވެދާނެ. އެކަމަކު އެ ކައިވެންޏަށް އާނބަސް ހޯދަން އަހަރެން ކައިރިއަށްވެސް އަންނާނެ އިނގޭ. އަހަރެންނަކީވެސް ހަމަ އެ އާއިލާ މެމްބަރެއް. އަހަރެމެން އާއިލާގެ އެންމެންގެ ބަސްވެސް ވަރަށް މުހިއްމުވާނެ ކަމެއް ނިންމުމަށް. ވިސްނާލާ އަހަރެން ބުނާނެ އެއްޗެއް.” އަސީލް އޭނައަށް އިންޒާރު ދެނީހެއްޔެވެ؟

“އަހަރެންގެ ފަރުވާލެއް ނެތް. ހެޔޮ ކޮންމެ އެއްޗެއް ބުންޏަސް.” ޒީނިޔާ އެބުނީ ތެދެއްބާވައެވެ. ޚުދު އޭނައަށްވެސް ޝައްކެވެ.

“ތީ އަހަރެން ދަންނަ ޒީނިޔާ ކަމަށްވަންޏާ ފަރުވާ ހުންނާނެ. ހެވެއްވެސް ނުވާނެ. އަދި ފަރުވާ ބަހައްޓަންވެސް ބަހައްޓާނެ. ރަނގަޅުނަސޭޙަތެއް ދެންތަ ޒީނިޔާ. ތި ޒީނިޔާއަކަށް އަސަދުއާއެކު ނުއުޅެވޭނެ. އެހެންވީމަ ތިގުޅުން މިހާރުއްސުރެން ކަނޑާލާ. މީ އަހަރެން ދޭ ހެޔޮ ނަސޭޙަތެއް ކަމަށް ހީކުރިޔަސް ދޭ އިންޒާރެއް ކަމަށް ހީކުރިޔަސް ހަމަ އެންމެ ރަނގަޅު.” އަސީލްގެ އަޑުގައި މިފަހަރު ހުރީ ސީރިއަސް ގޮތެކެވެ.

“ތީކާކުތަ އަހަންނަށް ނަސޭޙަތް ދޭން. އަހަރެންގެ ދިރިއުޅުން ގެންދާނީ އަހަރެން ބޭނުންވާ ގޮތަކަށޭ ކުރިންވެސް އޮންނާނީ ބުނެފައި. ދެންވެސް އެކަން އޮންނާނީ އެހެން.” އެއީ އެ ފޯންކޯލަށް ޒީނިޔާ ބުނި އެންމެ ފަހުބަހެވެ. އެ ފޯން ދެވަނަ ފަހަރަކު މަސައްކަތް ކުރާނެކަމާމެދުވެސް ޝައްކެވެ. ފޯން ބޭއްވީ އެހާވެސް ރުޅިވެރިކަމާއެކު ބާރަށެވެ. ހަމަ އެ ބާރުމިނުގައި ގޮނޑިންވެސް ތެދުވެގެން ކެބިނުން ބޭރަށްވެސް ހިނގައްޖެއެވެ.
****(ނުނިމޭ)*****

މިލިޔުމަށް ޚިޔާލު ނުފޮނުވޭ.