Live News From Hulhumeedhoo, Addu City

ބޮޑާ ނަފްސު (12 ވަނަ ބައި)

އިރުގަނޑެއްވަންދެން ދެމީހުންވެސް އަނގައިން ނުބުނެ އެކަކު އަނެކެއްގެ ލޮލުގެ ޖާދޫގައި ޖެހިފައި ތިއްބެވެ. އެ ވަގުތުކޮޅުގެ ޖާދޫ މުގުރާލީ ޒީނިޔާއެވެ. ކުއްލިއަކަށް ތެދުވެގެން، އެއްފަރާތެއްގައި ހުރި ދޮރަކާއި ދިމާލަށް ހިނގައިގަތީއެވެ. އެދިޔަ ގޮތަށްގޮސް އެ ދޮރު ހުޅުވާލާފައި ބޭރަށް ޒީނިޔާ ނުކުތެވެ. އަސީލްއަށް ފެންނަންވެސް ނެތެވެ.

އަސީލްއަށް ޒީނިޔާ ފަހަތުން ދެވުނީ ދަމާ ބާރަކުން ފަދައެވެ. އެ ދޮރުން ނުކުމެފައި އަސީލް ބަލާލިއެވެ. އެއީ އެގޭގެ ގޯތިތެރޭގައި އޮތް ކުޑަކުޑަ ބަގީޗާއަކަށް ނުކުމެވެން ހުރި ދޮރެކެވެ.
މަގުމަތީގައި ހުރި ބޮކިއަލީގެ ފަނޑުއަލިކަން އެތަނަށް އެޅިފައިނުވާނަމަ އޭނައަކަށް ޒީނިޔާ ނުވެސް ފެންނާނެއެވެ. ޒީނިޔާ ނިކުތް ދޮރުގެ ކަނައަތްފަރާތުގައި ހުރި ހުދުކުލައިގެ ގޮނޑިއެއްގައި ޒީނިޔާ އިނެވެ.
އަސީލްގޮސް ޒީނިޔާ އިން ގޮނޑީގެ ކައިރިއަށް ހުއްޓި އަނެއްކާވެސް ދެޖީބަށް އަތްޖަހާލިއެވެ. ހަދަންވީ ކިހިނެއްކަމެއް ބުނަންވީ ކީކޭ ކަމެއް ނޭނގިގެންނެވެ.
ވަށައިގެން ބަލާލިއެވެ. ކުޑަވިޔަސް އެއީ ބަގީޗާއެކެވެ. މާލޭގެ ގެއެއްގައި އެކަހަލަ ބަގީޗާއެއް އޮންނާނީ ވަރަށް މަދުގެއެއްގައެވެ. ކުރިމަތިން ފެންނަނީ އެކިކަހަލަ ގަސްތަކެވެ. އަނދިރީގައި އެއީ ކޮންކަހަލަ ގަސްތަކެއްކަން ނޭނގުނުނަމަވެސް އެކި ދިމަދިމާލުގައި އެކި ސައިޒުގެ ގަސްތައް ވަރަށް ތަރުތީބުން ހުއްޓާ ފެނެއެވެ. ބައެއް ދިމަދިމާލުގައި މާފޮޅިފައިހުރި ގަސްތަކެވެ. އަސީލް ރަނގަޅަށް ބަލާލިއެވެ. އެތާ ހުންނައިރު ގޭގެ މައި ދޮރާށިވެސް އެބަ ފެނެއެވެ.
އަސީލްގެ ނަޒަރު އެނބުރި އައިސް ހުއްޓުނީ އަނެއްކާވެސް ޒީނިޔާއަށެވެ.
ޒީނިޔާގެ ފުރަގަހުން ފެންނަނީ ފިނިފެންމާގަސް އިންދާ ފުރާފައި ހުރި ގާފޮޅެކެވެ. އެ ގަސްތަކުގައި މަދުނޫން އަދަދަކަށް ފިނިފެންމާ ފޮޅިފައިވާކަން އެ ފަނޑުއަލީގައިވެސް އަސީލްއަށް ފެނުނެވެ. އެކިކުލައިގެ ފިނިފެންމާތަކެވެ. އެއީ ހަމަ ޒީނިޔާއަށްޓަކައި ހަދާފައިވާ ތަނެއްބާވައޭ އަސީލްގެ ހިތަށް އެރިއެވެ. ޒީނިޔާ އިށީނދެ އިން ހުދުކުލައިގެ ރީތި ގޮނޑީގެ އަނެއްކޮޅުގައި އަސީލް އިށީނދެއްޖެއެވެ.
“މިއީ ހާދަ ހިތްގައިމު ތަނެކޭ. ޒީނިޔާ އާއި ވަރަށް ގުޅޭ ތަނެއް މިއީ.” ކުޑަކޮށްވިޔަސް ހިނިތުންވެލަމުން ޒީނިޔާއަށް ތަޢުރީފްކޮށް އަސީލް ބުންޏެވެ.
“މިރޭ އަހަންނާއި އަނގައިން ނުބުނާން ހުވާކޮށްގެން އިން ރެއަކީތަ؟” ވަގުތުގެ ނާޒުކުކަން އިހްސާސް ކުރަމުން އަސީލް އަނެއްކާވެސް އެހިއެވެ.
ޒީނިޔާއެކޭ ބުދެކޭ އެއްފަދައެވެ.
“ޒީ………….؟ އަހަންނަކަށް ނޭނގެ އަހަރެން މިކަމާއި ކުރިމަތިލާނެ ގޮތެއްވެސް. އެނގޭހާވެސް ވަރަކީ އެހެން މީހެއްގެ އަތްބެއްގެ ގޮތުގައި ޒީނިޔާ އަހަރެންގެ އާއިލާއަށް އަންނައިރު މަރުޙަބާއެއް ނުކިޔޭނެކަން. އެއީކީ ވާނެ ކަމެއް ނޫން. ޕްލީޒް. ކޮންމެވެސް އެއްޗެއް ބުނޭ. އަހަރެން މުޅި އުމުރު މި އިންތިޒާރުކުރީ ޒީނިޔާއަށްހެން އަހަންނަށް ހީވަނީ. އަހަންނަށް ޒީނިޔާ ނޭނގޭއިރުވެސް އަހަންނަށް ލޯބިވެވުނީ ޒީނިޔާ ދެކެކަންނޭނގެ. އެހާވެސް ބޮޑަށް……ގޯޑް…….އަހަރެން ކިހިނެއް ޒީއަށް މިކަން ވިސްނައިދޭނީ. ޕްލީޒް. އެއްޗެއް ބުނޭ………!!!!” އަސީލް އާދޭސްކުރަނީއެވެ. ޒީނިޔާ ހަމަ އިނީއެވެ. އެކައްޗެއްވެސް ނުބުނެއެވެ.
ގޮތްހުސްވެގެންނާއި ހާސްވެގެން އަސީލްއަށް އަމިއްލަ ބޮލުގައިދެތިން ފަހަރަކު އަތް ހިންގާލެވިއްޖެއެވެ. ޒީނިޔާ އިނީ އަސީލްގެ ހަރަކާތްތަކަށް ބަލާށެވެ. އެއްފައިމައްޗަށް އަނެއްފައި އަރުވައިގެން އިށީނދެއިންއިރު ކަނައަތް ގޮނޑީގައި ބާއްވާލައިގެން އަނެއް އަތް އުނގުމަތީގައި ބާއްވާލައިގެންނެވެ.
“ޒީ……ޕްލީޒް. ކޮންމެވެސް އެއްޗެއް ބުނެބަލަ.” ޒީނިޔާގެ ކަނައަތްތިލައިގައި ހިފަމުން އަސީލް މަޑުމައިތިރިކަމާއެކު އަނެއްކާވެސް އެދުނެވެ.
މީގެ ކުރިން ޒީނިޔާގެ ކިބައިން ފެނިފައިވާ ހަރުކަށި ސިފަތަކެއް މިފަހަރަކު ނުފެނުނެވެ. ކުޑަހިނދުކޮޅަކަށްވިޔަސް އަސީލްއަށް އުއްމީދެއް ލިބުނެވެ. އޭނަގެ އަތްތިލަ މަތީގައި އޮތް އަސީލްގެ ރީތި އަތްތިލައަށް ބަލަހައްޓައިގެން ޒީނިޔާ ހަމަ އިނީއެވެ. ނަމަވެސް އެހާ ގިނައިރަކު ނޫނެވެ. އަނެއްފަރާތަށް މޫނު އަނބުރާލަމުން މަޑުމަޑުން ޒީނިޔާ އަތް ދަމައިގަތެވެ.

މީގެ ކުރިން ޒީނިޔާގެ ކިބައިން ފެނިފައިވާ ހަރުކަށި ސިފަތަކެއް މިފަހަރަކު ނުފެނުނެވެ. ކުޑަހިނދުކޮޅަކަށްވިޔަސް އަސީލްއަށް އުއްމީދެއް ލިބުނެވެ. އަމިއްލަ އަތްތިލަ މަތީގައި އޮތް އަސީލްގެ ރީތި އަތްތިލައަށް ބަލަހައްޓައިގެން ޒީނިޔާ ހަމަ އިނީއެވެ. ނަމަވެސް އެހާ ގިނައިރަކު ނޫނެވެ. އަނެއްފަރާތަށް މޫނު އަނބުރާލަމުން މަޑުމަޑުން ޒީނިޔާ އަތް ދަމައިގަތެވެ.
އަސީލްވެސް މަޑުމަޑުން އަތް ނެގިއެވެ. ނާއުއްމީދުވެގެންނެވެ.
ޒީނިޔާ މިރޭ އޭނައާއި ވާހަކަ ނުދައްކަނީ ކީއްވެހެއްޔެވެ؟ އަނގައިން ނުބުނެ އެހެން އިނުމަށްވުރެ އޭނަދެކެ ރުޅި އައިސްގެން އެއްޗެއް ބުނުންވެސް އަސީލްއަށް ރަނގަޅެވެ. ވާހަކަ ނުދައްކާން ޒީނިޔާ ނިންމައިގެން އެ އިނީ އެންމެ ވާހަކަ ދައްކަންވީ ރެއެވެ. އޭނަގެ އެ ސުވާލުތަކަށް ޒީނިޔާ އެއްޗެއް ބުނުން ވަރަށްވެސް މުހިއްމެވެ. މާގިނަ ދުވަހެއް ނެތެވެ. ޒީނިޔާ ފެންނާނީ އޭނައަށް އަންކަލް ކިޔާ ކުއްޖަކާ ކައިވެނިކޮށްގެން ހުންނަ ތަނެވެ.

އެހެންވީމަ އޭގެ ކުރިން އޭނައަށް އެ ސުވާލުތަކަށް ޖަވާބު ބޭނުން ވެއެވެ. އޭނަ މިރޭ މިގެއަށް އަންނަން ޖެހުނީވެސް އެހެންވެގެންނެވެ. އޭނަގެ ދޮންތަ އޭނައަށް މިރޭ ގުޅިކަމަށްޓަކައިވެސް އަސީލް ޝުކުރު ކުރެއެވެ.
ދޮންތަ އޭނައަށް ގުޅީ ލަންކާއިން އައިސް ހުޅުލޭގައި އޭނަ ހުއްޓައެވެ. އުފާވެރި ޚަބަރެއް ދޭންވެގެންނެވެ. އަސަދު ކައިވެނިކުރަންއުޅޭ ކުއްޖާ މިރޭ ގެއަށް ގެނައިވާހަކައާއި އެހެންނަމަވެސް އޭނަ ނެތުމުން މާހައުލު ވަރަށް ފަޅުކަމަށާއި އަދި އާއިލާގެ ހުރިހާ މެމްބަރުންނަށް ތަޢާރަފް ވުމަށް ވަރަށް އަވަހަށް އެހެން ކެއުމަކަށް ޒީނިޔާއަށް ދަޢުވަތު ދޭނެ ކަމަށާއި، މިހާރު ޒީނިޔާ ގެއަށްލާން އަސަދު ހިނގައްޖެ ވާހަކަވެސް ދޮންތަ ބުންޏެވެ. އެއަޑު އިވުމުން އޭނަގެ އިހްސާސްތައް ދެފަރާތަށް ބައިބައިވާން ފެށިއެވެ. އެއްކޮޅުގައި ކޮއްކޮއެވެ. އެއްބަޑުއެއްބަފާ ދޮންތަގެ ދަރިފުޅެވެ.

އަނެއްކޮޅުގައި އޭނަ ލޯބިވާ އަންހެންކުއްޖާއެވެ. ދާންވީ ކޮންކޮޅަކަށްކަން އޭނައަށް ވިސްނައިގަންނަން އުނދަގޫވިއެވެ.
ގެއާއި ހަމައަށް އާދެވުނުއިރު އޭނައަށް ވިސްނުނީ އޭނަ ބުނަން ބޭނުންވެގެން އުޅޭ އެއްޗެއް ޒީނިޔާކައިރީ މިރެއިން މިރެއަށް ބުނުމަށެވެ. އޭނަ ކުރަން ބޭނުންވާ ސުވާލުތައް މިރޭ ޒީނިޔާއާއި ކުރުމަށެވެ. އަމިއްލަ ނަފްސު ކުށްވެރިކުރަން ފަހުން ނުޖެހޭނެތީއެވެ. އުމުރުގެ ބާކީއޮތްތަނުގައި “ނަމަ” އެއްގައި ޖެހިފައި ހުންނަން ބޭނުން ނުވާތީއެވެ.

އޭނައަކީ ވިޔަފާރިވެރި އާއިލާއެއްގެ ވިޔަފާރިވެރި ދަރިއެކެވެ. ދިރިއުޅުމުގެ އެއްވެސް ހިސާބަކުން އެފަދަ ނަމައެއްގެ އަޅަކަށް ވެގެން އޭނައަކަށް ނޫޅެވޭނެއެވެ. އޭނަ ގަބޫލުކުރާ ގޮތުގައި ކޮންމެ ކަމެއްވެސް ކޮންމެވެސް އެއްގޮތަކަށް ހައްލު ވާންވާނެއެވެ. ފެށުމެއް އޮވެއްޖެއްޔާ ނިމުމެއް އޮންނާނެއެވެ. އިންސާނުންނަށް އުނދަގޫވެފައި އޮންނަނީ އެ ނިމުން ހޯދާށެވެ. އެކަމަކު އެކަން އުނދަގޫވުމަކުން އެއީ ނުވާނެކަމެއްކަމަށް ނިންމުމަކީ ރަނގަޅު ގޮތެއް ނޫނެވެ. އޭނަ އެ ގޮތަކަށް ކަންތަކެއް ނުކުރާނެއެވެ.
އޭނަގެ އަމިއްލަ ހިތުގެ ޙާލަށްވެސް އޭނަގެ އޮންނަ ހުކުމަކީ އެއީއެވެ. ދުވަސްތަކެއްވަންދެން ޒީނިޔާ މަތިން ހަނދާން ނައްތާލެވޭތޯ އޭނައަށް މަސައްކަތް ކުރެވިއްޖެއެވެ. އެކަމަކު އެކަން އޮތީ މި ދުނިޔެއިން އޭނައަށް ކުރަން އެންމެ އުނދަގޫވި އެއް ކަމަށް ވެފައެވެ. ނަމަވެސް އެ “ނުވުން” އެއީ ވޭނެއްކަމަށް އޭރަކު އަސީލް ނުދެކެއެވެ. އޭނަ ދެކެ ޒީނިޔާ ވާ ނަފްރަތަކީ ޒީނިޔާގެ ޠަބީޢަތުގައިވެސް ހުންނަ ގޮތެއް ކަމަށް އޭނަ ހުރީ ނިންމައިގެންނެވެ.

ޒީނިޔާއަކީ ގޮތްދޫނުކުރާ، ބޯހަރު އެކަމަކު، ފަސޭހައިން ބިރުގަންނަ، ބަލިހިތެއް އޮންނަ އަންހެންކުއްޖެއް ކަމަށް އޭނަ ހުރީ ނިންމައިގެންނެވެ. އެއީކީ ސަބަބެއް އޮތް ރުޅިއެއްކަމަކަށް އޭނަ ނުދެކެއެވެ. އޭނައަކީ ޒީނިޔާއަށްވުރެ ގިނަ މީހުންނާއި ދިމާވެ ގިނަ ދުވަހު ދުނިޔޭގައި އުޅެފައިހުރި މީހެއްކަމުން، ޒީނިޔާގެ އެ ސިފައަކީ އޭނައަށް އެއްވެސް އައިބު ކަމަކަށް ނުވިއެވެ. އޭގެ ބަދަލުގައި ޒީނިޔާއާއި ދޭތެރޭގައި އޭނައަށް ބޮޑަށް ޝައުގުވެރިވެވުނީއެވެ. ބައެއްފަހަރަށް ޒީނިޔާ ރުޅިއަރުވާލާހިތްވެސް އޭނަ ވޭމެއެވެ. އަދި އޭނަ އެކަށީގެންވާ ގޮތެއްގައި މަސައްކަތް ކޮށްފިއްޔާ ކޮންމެވެސް ދުވަހަކުން އެ ރުޅި ރަނގަޅުވާނެ ކަމަށްވެސް އޭނަ ހީކުރިއެވެ.
ނަމަވެސް އަސަދުއާއިއެއްކޮށް ޒީނިޔާ ފެނުނު ދުވަހުން ފެށިގެން އޭނަގެ ޚިޔާލީ ދުނިޔެ ފުނޑުފުނޑު ވެއްޖެއެވެ. ދިރިއުޅުމަށްޓަކައި އޭނަ ކުރަހައިގެން ހުރި ޕްލޭން އެގޮތްމިގޮތް ވެއްޖެއެވެ. ގޮތެއް ޚިޔާރުކުރަން އޭނައަށް ޖެހުނީ ނަފްސާއި ފުރާނައާއި ހަނގުރާމަ ކުރާށެވެ. ކެތްކޮށްލައިގެން ހުރީ ވިސްނާލުމަށެވެ. ހަދަންވީ ކިހިނެއްކަމެއް ނޭނގިގެންނެވެ. ދިރިއުޅުމުގައި ފުރަތަމަ ފަހަރަށް ސުވާލުމާކުތަކަކުން ހަފުސް ވެވުނީމައެވެ.
އަސަދު އެހާ އަވަހަށް ޒީނިޔާއާއި ކައިވެނިކުރަން ނިންމަފާނެކަމަކަށް ފަހަރެއްގައިވެސް އަސީލް ހިއެއް ނުކުރެއެވެ. އެހެންކަމުން މިރޭ އޭނަގެ ދޮންތަ ގުޅާފައި އެ ބުނި ވާހަކަތަކަށްފަހު، އިންތިޒާރުގެ ވަގުތު ހަމަވެއްޖެކަމަށް އަސީލް ނިންމިއެވެ. އޭނައަށް އޮތްހާވެސް ވަގުތަކީ މިރޭކަމަށް އޭނަ ނިންމިއެވެ.
ގެނައި ހޭންޑް ބޭގް ކޮޓަރީގައި ބަހައްޓާފައި ދެވަނަ ފިޔަވަޅެއްވެސް އެތެރެއަށް ނައަޅާ ގެއިން އޭނަ ނިކުތީއެވެ. އެދިޔަ ބާރުމިނުގައި ގޮސް ކާރު މަޑުކުރީ ޒީނިޔާގެ ގެއަށެވެ. ނަމަވެސް އޭރު އަދި ޒީނިޔާއަށް ގެއާއި ހަމައަށް ނާދެވެއެވެ.
އޭގެ ފަހުން ފާއިތުވެގެންދިޔަހާ ވަގުތެއް އޭނަ ހޭދަކުރީ ޒީނިޔާގެ އިންތިޒާރުގައެވެ. އޭނަގެ ލޯބި އޭނައަށް އެ ގެއްލުނީ އަނބުރާ ނުނެގޭފަދަ އަނދިރި ދިމާލަކުންނެވެ. ކޮއްކޮއަކުގެ ކަރުގައި ހިފާފައި އޭނަގެ ލޯބި ފަތަޙަ ކުރެވޭނެގޮތަކީ ފިލްމީ ކަމެކެވެ. ޙަގީގީ ދުނިޔޭގައި އެކަމަށް ފޯމިއުލާއެއް ނޯވެއެވެ. ވީއިރު…..
ވީއިރު……….ޒީނިޔާ މަތިން ހަނދާން ނައްތާލުން ނޫންގޮތެއް އޭނައަށް ހަމަ ނެތީބާއެވެ.
އަސަދުގެ ކާރު އައިސް މަޑުކޮށްލިއަޑު އޭނައަށް އިވުނީ ޒީނިޔާއާއި ދޭތެރޭގައި މި މޭރުމުން އަސީލް ވިސްނަން އިންދައެވެ.
*******************
“ޒީނިޔާ………؟” އިރުގަނޑެއްގެ ހިމޭންކަމަށްފަހު ޚިޔާލުތަކުން ނިކުމެފައި އަސީލް އަނެއްކާވެސް ޒީނިޔާއަށް ގޮވާލިއެވެ. އޭނަގެ ސުވާލުގެ ޖަވާބަކަށް އިންތިޒާރުކޮށްގެން އިންކަން އަންގައިދޭ ރާގަށެވެ.
ޒީނިޔާ ހަމަ އެކައްޗެއްވެސް ނުބުނެއެވެ. އެއްގޮތެއްގައި ސާބިތުވެގެން ހުރި ކަހަލައެވެ. އަސީލްއާއި ވީ ފަރާތަށް ނުވެސް އެނބުރެއެވެ.
“އަސީލް ކުރި ކުށަށް އަހަރެންނަކަށް ދުވަހަކުވެސް އަސީލްއަށް މަޢާފެއް ނުކުރެވޭނެ.” އަސީލްގެ އެއްވެސް ވާހަކައަކަށް އެއްވެސް އެއްޗެއް ނުބުނާން ވަރަށް ހިތްވަރުކޮށްފައި އެންމެ ފަހުން ޒީނިޔާ ބުންޏެވެ. ވަރަށް ކުއްލިއަކަށެވެ. އަސީލްއާއި ދިމާލަށް އެނބުރިލަމުންނެވެ.
“ކީކޭ…….؟؟؟” އަސީލްއަށް ކަރަންޓް ޝޮކެއް ޖެހުނު ފަދައެވެ. އޭނަގެ ކަންފަތަށް އަޑުއިވުނުގޮތާއިމެދުގައިވެސް ޔަގީންކަން ކުޑަވިއެވެ. އެބުނީ ޒީނިޔާ ދެކެ ލޯބިވާތީ މަޢާފް ނުކުރާނަމޭ ހެއްޔެވެ؟ ކޮންކަހަލަ އަންހެންކުއްޖެއް ހެއްޔެވެ؟
ތަނުގައި އަލި ފަނޑުކަމުން އޭނަ ބޭނުންވާ ވަރަށް ޒީނިޔާގެ މޫނު ނުފެންނާތީ އަސީލްއަށް އިތުރަށް އުނދަގޫ ވިއެވެ.
“އަހަރެން ހަނދާނެއް ނުނެތޭ.” ޒީނިޔާ ވާހަކަ ދައްކަނީ ވަރަށް މަޑުމަޑުންނެވެ.
“ކޮންކަމެއް…….؟؟؟” ޒީނިޔާއާއި ކުޑަކޮށް ގާތަށް އަސީލްއަށް ޖެހިލެވުނެވެ. ޒީނިޔާ ދައްކަން އެ އުޅޭ ވާހަކަ ވިސްނައިގަންނަންވެސް އަސީލްއަށް އުނދަގޫ ވެއްޖެއެވެ.
“މީގެ 23 އަހަރު ކުރިން……މީގެ 23 އަހަރު ކުރިން އަސީލް ދިން ހެކިބަސް. އެއީ އަހަރެންގެ ދިރިއުޅުން…..” ޒީނިޔާއަކަށް ވާހަކައެއް ނުދެއްކުނެވެ. އެހާ ސާފުކޮށް ޒީނިޔާގެ މޫނު ނުފެނުނުކަމުގައިވިޔަސް ފަނޑުއަލީގައިވެސް ޒީނިޔާގެ ލޯ ކަރުނައިން ވިދާތަން އަސީލްއަށް ފެނުނެވެ. ޒީނިޔާ ރޮނީއެވެ.
“ޒީ ޕްލީޒް…….! ކީކޭތަ ތިކިޔަނީ. 23 އަހަރުކުރިއޭ؟ އަހަރެން ކޮންއިރަކު ހެކިބަހެއް ދިނީ؟ ކޮން ވާހަކައެއް ތި ދައްކަނީ.” އަސީލްގެ ސިކުނޑި ކުރިއަށްވުރެ ހާސް ވެއްޖެއެވެ. އޭނަ ހެކިބަސް ދިނީ ކޮން ދުވަހަކު ހެއްޔެވެ؟ ކޮން ކަމަކަށް ހެއްޔެވެ؟
“އަސީލްމެންކަހަލަ މުއްސަނދިންނަކަށް އާދައިގެ ނިކަމެތިންގެ ދިރިއުޅުން ބަރުބާދުކޮށްލުމަކީ އެހާ ބޮޑު ކަމަކަށް ނުވާނެކަންވެސް އެނގޭ. އެކަމަކު އެ ދުވަހު ކިލަނބުވީ އަހަރެންގެ ނަން. އެ ދުވަހު އަސީލް ހެކިބަސް ދިނީ އަހަންނާއި ދެކޮޅަށް. އެހެންވެ އަހަރެން ހަނދާނެއް ނުނެތޭ އެ ދުވަހެއްވެސް އަދި އަސީލްވެސް. ހަމަ އެކަނި ތަފާތަކީ އެ ދުވަހުގެ ފަހުން އަހަރެން އަސީލް ނުދެކޭކަން.” ކަރުނައިގެ ތެރޭން ވަރަށް ހިތްވަރާއެކު ޒީނިޔާ ވާހަކަ ދައްކަމުން ދިޔައެވެ.
“ހެޔޮނުވާނެ ޒީ. ތި އުޅެނީ އޮޅިގެން. އަހަންނާއި ދޭތެރޭގައި ތިކަހަލަ އެއްޗެއް ހީކުރަންވެސް ނުވާނެ. އަހަންނެއް ޒީ ނުވެސް ދަންނަން އެ ރިސޯޓް ދަތުރުގެ ކުރިއަކުން. ދެން ކިހިނެއް ޒީއާއި ދެކޮޅަށް އަހަރެން ހެކިބަސް ދޭނީ.” ޒީނިޔާ ދައްކާ ވާހަކައެއް އަސީލްއަކަށް ހަމަ އެއްގޮތަކަށްވެސް ނުވިސްނުނެވެ.
މީގެ 23 އަހަރު ކުރިއަކީ ކޮބައިހެއްޔެވެ. އޭރު އޭނަގެ އުމުރުން ވާނީ އެންމެ 15 އަހަރެވެ. ޒީނިޔާގެ އުމުރުން ވާނީ އެންމެ 9 އަހަރެވެ. އޭނައަށް ޒީނިޔާ އެނގޭނީވެސް ކިހިނެއްހެއްޔެވެ؟ ޒީނިޔާ މޮޔަވީހެއްޔެވެ؟
“އެނގެޔޭ. އަސީލްމެންކަހަލަ މީހުން ހަނދާން ނުހުންނާނެ ބަރުބާދުކޮށްލެވުނު މީސްމީހުންގެ ދިރިއުޅުމުގެ އަދަދުވެސް. އެނގޭ އެކަން މާ ރަނގަޅަށްވެސް.” މާޒީގެ މަންޒަރުތަކުގެ ތެރެއިން ސިކުނޑީގެ އެއްވެސް ހިސާބަކުން ޒީނިޔާ އެބުނާ 23 އަހަރުކުރި ފެނޭތޯ އަސީލް މަސައްކަތްކުރަމުން ދިޔަތަން ބަލަން އިނދެފައި ޒީނިޔާ އަނެއްކާވެސް ވާހަކަ ދެއްކިއެވެ. އަޑުގައިވަނީ ރުޅިއާއި ހިތާމައެވެ.
“ޒީ ތިދައްކާ ވާހަކަ ހަމައެއް ނުޖެހޭ. މީގެ 23 އަހަރުކުރިން އަހަރެންނަކީ ރާއްޖޭގައިވެސް އުޅުނު މީހެއް ނޫން.” ހަނދާން ކޮށްކޮށްފައި އެންމެފަހުން އަސީލް ބުންޏެވެ.
“މީގެ 23 އަހަރުކުރިން އަސީލް ހުރީ ރާއްޖޭގައި. ސްކޫލްކުދިންގެ ތިމާވެއްޓާއި ބެހޭ ދަތުރެއްގައި އެ އަހަރުގެ ސެޕްޓެމްބަރުގައި އަސީލް ގޮސްހުރީ ފުވައްމުލަކުގައި. އެރަށު ޖަންބުރޯލުގޭގައި އަސީލް ހުރީ.” އަސީލްއަށް ހަނދާން ނުވެގެން އުޅުނުކަންތައް ޒީނިޔާ ކިޔައިދިނެވެ.
އެއާއެކު އަސީލްގެ ނިތަށްއަރާފައި ހުރި ހުރިހާ ރުލެއް ފިލާ ދިޔައެވެ. ޒީނިޔާގެ އެ ވާހަކަކޮޅުގައި އެއްވެސް ކުށެއް ނެތެވެ. އެއީ ތެދެކެވެ. އޭނަ ރާއްޖެއިން ފުރައިގެން ދިޔައީ އެބުނާ ދަތުރަށްފަހުއެވެ. ސްކޫލް ބަންދު ވުމުންނެވެ. އޭގެ ފަހުން އޭނަ ކިޔަވަމުން ދިޔައީ ސްރީލަންކާގައެވެ.

(ނުނިމޭ)

ޚިޔާލު

  • ފެއިތުފުލްގާރލް ގެ ޚިޔާލަކީ:

    ހާދަ ލަހަކުން މިފަހަރު ވާހަކަ އަޕްލޯޑް ތިކުރީ. އެހެން ނަހަދާ. ހަފްތާއަކު 1 ދުވަހުވެސް އަޕްލޯޑްކޮށްލަދީ. މިއީ ވަރަށް އާދަޔާ ޚިލާފް ރީތި ވާހަކައެއް. ވަރަށް ކިޔާހިތްވޭ.

Trackbacks