Live News From Hulhumeedhoo, Addu City

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނުގެ ދަށުން އެކުލަވާލާ ދަފްތަރުގައި ބައިވެރިވުމަށް ހުށަހަޅަންޖެހޭ ފޯމް ދޫކުރަން ފަށައިފި

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނުގެ ދަށުން މާލީ އެހީތެރިކަން ފޯރުކޮށްދޭންޖެހޭ ފަރާތަކުގެ ދަފްތަރު އެކުލަވާލުމަށްޓަކައި، ދަފްތަރުގައި ބައިވެރިވުމަށް ހުށަހަޅަންޖެހޭ ފޯމް ރަށު އޮފީހުން ދޫކުރަން ފަށައިފި.

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނުގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޒާތީ، ޞިއްޙީ އަދި އެހެނިހެން ފަރުވާތަކާބެހޭ މަޢުލޫމާތުވެސް އެހެން މީހުންނެކޭ އެއްފަދައިން ސިއްރުކޮށް ރައްކާތެރިކުރަންވާނެ އެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް، އެހެން މީހުންނެކޭ އެއްފަދައިން އެމީހަކު އިޚްތިޔާރުކުރާ ވަޒީފާއެއް އަދާކުރުމުގެ ނުވަތަ މަސައްކަތެއް ކުރުމުގެ، އަދި ވަޒީފާގެ މައިދާނުގައި ހަމަހަމަ ފުރްޞަތުތަކެއް ލިބިދިނުމުގެ ޙައްޤު ލިބިގެންވެ އެވެ. ވަޒީފާއެއް ދިނުމުގައި، ނުވަތަ މަސައްކަތުގެ މާޙައުލުގައި، ނުކުޅެދުންތެރިކަން ހުންނަ މީހުންނާމެދު އެމީހުންނަށް ކުރިމަތިވެފައިވާ ނުކުޅެދުންތެރިކަމުގެ ސަބަބުން އެއްވެސް ފަރާތަކުން އެމީހުންނާމެދު ތަފާތުކުރުންތަކެއް ގެންގުޅުމަކީ މަނާކަމެއް ކަމަށްވެސް މި ޤާނޫނުގައި ބުނެފައިވެ އެވެ.

މިޤާނޫނަކީ މިއަހަރުގެ ޖޫންމަހު 22 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށް 8 ޖުލައި 2010 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކޮށް ގެޒެޓްގައި ޝާއިޢުކޮށްފައިވާ ޤާނޫނެކެވެ. މިޤާނޫނު ތަސްދީޤުކުރެއްވުމަށްފަހު، 9 ޖުލައި 2010 ވަނަ ދުވަހު ރައީސް ނަޝީދު ދެއްވި ރޭޑިޔޯ ޚިތާބުގައި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ބިލްގެ މުހިންމު ކަމުގެ މައްޗަށާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެބިލުން ރައްކާތެރިކޮށްދޭ ޙައްޤުތަކުގެ މައްޗަށް ވަރަށް ތަފްޞީލުކޮށް ބައްލަވާލައްވައި ވަނީ ވާހަކަފުޅު ދައްކަވާފައެވެ.

މިގޮތުން އެ ޤާނޫނުގެ ދަށުން ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނަކީ ކޮބައިތޯ ކަނޑައަޅައި، އެމީހުންގެ ދަފްތަރު ބަލަހައްޓަން ފެށުމާއެކު، އެދަފްތަރުގައި ހިމެނޭ ކޮންމެ މީހަކަށްވެސް، އެމީހަކު އެ ދަފްތަރުން އުނިކުރާ ދުވަހާ ހަމައަށް ކޮންމެ މަހަކު މަދުވެގެން -/2000 ރުފިޔާގެ މާލީ ޢިނާޔަތެއް ސަރުކާރުން ދެއްވަން ޖެހިވަޑައިގަންނަވާ ގޮތަށް އޮތް އޮތުން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. ހަމައެއާއެކު، ނުކުޅެދުންތެރިކަން ހުންނަ މީހުން ކަނޑައަޅައި، އެމީހުންގެ ދަފްތަރު ބަލަހައްޓަން ފެށުމާއެކު، އެދަފްތަރުގައި ހިމެނޭ ކޮންމެ މީހަކުވެސް، އެމީހަކު އެ ދަފްތަރުން އުނިކުރާ ދުވަހާ ހަމައަށް ސަރުކާރުގެ ޚަރަދުގައި ހެލްތް އިންޝުއަރެންސް ސްކީމެއްގައި ބައިވެރިކޮށްދޭން ޖެހޭކަންވެސް ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ފާހަގަކުރެއްވިއެވެ.

މިޤާނޫނުގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ މީހުން، އެމީހުން އަމިއްލައަށް އުޅުމަށް އެހީތެރިވުމުގެ ގޮތުން ބޭނުންކުރާ ތަފާތު އާލާތްތައް، ސަރުކާރުން ކަނޑައަޅާ އުޞޫލެއްގެ މަތިން ފުދުންތެރިކަން ނެތް މީހުންނަށް ހިލޭ ފޯރުކޮށްދޭންވާނެ ކަމަށާއި، އަދި މި ޤާނޫނުގައި ބަޔާންކުރާ ޙައްޤުތައް ރައްކާތެރިކޮށްދީ ޙިމާޔަތްކޮށްދިނުމުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރެއިންވެސް ނުކުޅެދުންތެރިކަން ހުންނަ ކުޑަކުދިންނަށާއި އަންހެނުންނަށް، އިތުރު ޚާއްޞަ ރައްކާތެރިކަމާއި ސަމާލުކަން ދެވޭނެކަމަށް ޤާނޫނުގައި ކަނޑައަޅާފައިވެއެވެ.

މީގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ ކުޑަކުދިންގެ ޢުމުރާއި، ވިސްނުމުގެ ޤާބިލްކަން ހުރި މިންވަރާ އެކަށީގެންވާ ގޮތަށް، އެކުދިންގެ ދިރިއުޅުމުގެ ކަންކަމާ ގުޅޭގޮތުން ޚިޔާލުފާޅުކުރުމުގެ މިނިވަންކަން، އެކުދިންނަށް ލިބިގެންވާ ކަމަށްވެސް ޤާނޫނުގައި ބުނެފައިވެއެވެ. އަދި ޚާއްޞަ އެހީއަށް ބޭނުންވާ ކުޑަކުދިންނާބެހޭ ކަންކަން ނިންމުމުގައި، އަބަދުވެސް ވިސްނަންވާނީ ހަމައެކަނި އެކުދިންގެ މަންފާއާއި ލާބައަށް ކަމަށާއި، މިނޫން ގޮތަކަށް ކަންކުރުމަކީ މަނާކަމެއް ކަމުގައިވެސް މިޤާނޫނުގައި ފާހަގަކޮށްފައިވެއެވެ.

މިޤާނޫނަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 17 ވަނަ މާއްދާއާއި 35 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތީން އެއްމެހައި އަސާސީ ޙައްޤުތަކާއި މިނިވަންކަން އެއްވެސް ތަފާތުކުރުމެއްނެތި ދިވެހި ރައްޔިތުންނަށް ލިއްބައިދިނުމަށްޓަކައި 13 އޮކްޓޯބަރ 2009 ވަނަ ދުވަހު ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ފޮނުވައި، 22 ޖޫން 2010 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ޤާނޫނެކެވެ. ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނަށް ދިރިއުޅުމުގެ ހުރިހާ ރޮނގެއްގައި ތަފާތުކުރުންތައް ނައްތާލުމަށް ގޮވާލާ ބައިނަލްއަޤްވާމީ މުޢާހަދާކަމަށްވާ “ކޮންވެންޝަން އޮން ދަ ރައިޓްސް އޮފް ޕަރސަންސް ވިތް ޑިސެބިލިޓީޒް” ގައި ދިވެހިރާއްޖެއިން ސޮއިކޮށްފައިވަނީ 02 އޮކްޓޯބަރ 2007 ދުވަހުއެވެ. ދިވެހިރާއްޖެއަކީ މިމުއާހަދާގައި ސޮއިކުރި 85 ވަނަ ޤައުމެވެ.

ޑައުންލޯޑް:

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނު

ނުކުޅެދުންތެރިކަން ހުންނަ މީހުން ދަފްތަރުގައި ހިމެނުމާއި މާލީ އެހީތެރިކަމަށް އެދޭ ފޯމު

މިޤާނޫނު އުފެދިގެން އައިގޮތް:

02 އޮކްޓޯބަރ 2007

ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނަށް ދިރިއުޅުމުގެ ހުރިހާ ރޮނގެއްގައި ތަފާތުކުރުންތައް ނައްތާލުމަށް ގޮވާލާ ބައިނަލްއަޤްވާމީ މުޢާހަދާކަމަށްވާ “ކޮންވެންޝަން އޮން ދަ ރައިޓްސް އޮފް ޕަރސަންސް ވިތް ޑިސެބިލިޓީޒް” ގައި ދިވެހިރާއްޖެއިން ސޮއިކޮށްފައިވަނީ 02 އޮކްޓޯބަރ 2007 ދުވަހުއެވެ. ދިވެހިރާއްޖެއަކީ މިމުއާހަދާގައި ސޮއިކުރި 85 ވަނަ ޤައުމެވެ. މިމުއާހަދާގެ ބޭނުމަކީ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ ހައްގުތައް ހިމާޔަތްކޮށް ދިނުމާއި އަދި މިމުއާހަދާގައި ބައިވެރިވެފައިވާ ގައުމުތަކުން، އެގައުމެއްގައި ޚާއްސަ އެހީއަށް ބޭނުންވެފައިވާ މީހުންގެ ހައްގުތައް ހިމާޔަތްކޮށްދީ އެކަންތަކަށް އާންމުން ހޭލުންތެރިކުރުމުގެ އިތުރުން، ގާނޫނާއި ގަވާއިދުގެ ތެރެއިން ގައުމުގެ އެހެން ރައްޔިތުންނެކޭ އެއްހަމައެއްގައި އެއްވެސް ތަފާތު ކުރުމެއްނެތި ދިރިއުޅުމުގެ ފުރުސަތު ތަނަވަސް ކޮށްދޭންޖެހުން މިމުއާދާގެދަށުން މެންބަރު ޤައުމުތަކަށް ލާޒިމުކުރެއެވެ.

21 ޑިސެމްބަރ 2009

ވިލިފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި، ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ބިލާއި، ސަރުކާރުން ހުށަހެޅުއްވި ޚާއްޞައެހީއަށް ބޭނުންވާ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާބެހޭ ބިލް އެއްބިލަކަށް ހެދުމަށްފަހު، ” ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ ހައްގުތައް ރައްކާތެރިކޮށްދިނުމާއި، މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ބިލް” ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ މަޖިލިހުގެ ޖަލްސާގައި ތިއްބެވި 52 މެންބަރުންގެ އިއްތިފާޤުންނެވެ.

27 ޑިސެމްބަރ 2009

ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ ހައްގުތައް ރައްކާތެރިކޮށްދިނުމާއި، މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ބިލް، ތަސްދީގުކުރެއްވުމުގެކުރިން އަލުން ވިސްނެވުމަށް، ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ ހައްގުގައި މަސައްކަތްކުރާ ދެޖަމިއްޔާކަމަށްވާ ކެއަރ ސޮސައިޓީއާއި އެސޯސިއޭޝަން ފޯ ޑިސެބިލިޓީ އެންޑް ޑެވެލޮޕްމަންޓު (އޭޑީޑީ) އިން ރައީސުލްޖުމްހޫރިއްޔާއަށް ގޮވާލި. އެދެޖަމިއްޔާތަކުން މިކަމަށް ގޮވާލީ، ރައްޔިތުންގެ މަޖިލީހުން މިބިލް ފާސްކޮށްފައިވާގޮތުން ވަރަށްބޮޑެތި އޮޅުން އަރާކަމަށްބުނެ، އެކަމާއި ކަންބޮޑުވުންފާޅުކޮށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. “ޚާއްސައެހީއަށް ބޭނުންވާ މީހުން” މިލަފްޒު ބޭނުންކޮށފައިވާގޮތުންވެސް މައްސަލަތައް ކުރިމަތިވެގެންދާނެކަމަށް ގަބޫލުކުރާކަމަށެވެ.

05 ޖެނުއަރީ 2010

އ.ދ ގެ ޤަރާރުތަކާ ފުށުއަރާކަމަށް އެޓާނީ ޖެނެރަލާއި، އަމިއްލަ ޖަމްޢިއްޔާ ޖަމާޢަތްތަކުން ލަފާދީފައިވާތީ ޚާއްސަ އެޙީއަށް ބޭނުންވާމީހުންގެ ޙައްޤުތައް ރައްކާތެރިކޮށް މާލީ އެހީދިނުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުނުކޮށް އަލުން ފޮނުއްވާލައްވައިފިއެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިޓީފުޅުގައި، ބައިނަލްއަޤްވާމީ މިންގަނޑުތަކާއި ދިވެހިރާއްޖެއިން ސޮއިކޮށްފައިވާ [ކޮންވެންޝަން އޮން ދަ ރައިޓްސް އޮފް ޕަރސަންސް ވިތު ޑިސްއެބިލިޓީސް]ގައިވާ ކަންކަމާ ފުށުއަރާ، އަދި ކޮންވެންޝަންގެ މަޤްޞަދުތަކާއި އަސާސްތަކާވެސް ތަޢާރުޟްވާ ގިނަ ކަންކަން ބިލުގައި ހުރިކަމަށާއި، ކޮންވެންޝަނުން ލިބިދޭ ގިނަ ޙައްޤުތަކެއް ރައްކާތެރިކުރުމާ ގުޅޭ މާއްދާތައް ބިލުގައި ހިމެނިފައިނުވާ ކަމަށް އެޓަރނީ ޖެނެރަލް ލަފާފުޅު ދެއްވާފައިވާ ކަމުގައި ވިދާޅުވެފައިވެއެވެ.

15 ފެބްރުއަރީ 2010

ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ ހައްޤުތައް ހިމާޔަތްކުރުމާ އެމީހުނަށް އިނާޔަތް ދިނުމާ ބެހޭ ބިލް ރައްޔިތުންގެ މަޖިލީހުން ދެން ފާސްކުރާއިރު، އިލްމީ ގޮތުންނާއި ބައިނަލްއަގުވާމީ މުއާހަދާތަކާ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން އެބިލް ފާސްކޮށްދެއްވުމަށް މަސައްކަތްކޮށްދެއްވުމަށް މަޖިލީހުގެ މެންބަރުންގެ ކިބައިން ހެލްތް މިނިސްޓްރީން އެދެފިއެވެ. ހެލްތް މިނިސްޓްރީން ނެރުއްވި ނޫސްބަޔާނުގައި ބުނެފައި ވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުނަށް މާލީ އެހީއެއް ދިނުމަށް މި ސަރުކާރުން ހަމަޖައްސައިފައި ވީނަމަވެސް އެ އެހީ ނުލިބި ލަސްވަމުންދާ ކަމަށް ބުނެ ބައެއް ފަރާތްތަކުން ޝަކުވާކުރަމުންދާ ކަމަށެވެ.

22 ޖޫން 2010

22 ޖޫން 2010ވި އަންގާރަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ 2010 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 8 ވަނަ ޖަލްސާއިން “ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ބިލު” ފާސްކުރެއްވި. މިބިލް ފާސްވީ ބިލަށް މަޖިލީހުން ގެންނެވި 3 އިސްލާޙަކާއެކު އެވަގުތު ޖަލްސާއަށް ޙާޒިރުވެ ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުންނެވެ.

8 ޖުލައި 2010

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނު ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު ތަޞްދީޤު ކުރެއްވައި ގެޒެޓްގައި ޝާއިޢުކުރެއްވީ 8 ޖުލައި 2010 ވަނަ ދުވަހުއެވެ.

16 އޯގަސްޓް 2010

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނުގެ 4 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން “ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ޙިމާޔަތްކުރާ ކައުންސިލް” ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި. މިކައުންސިލަށް ޢައްޔަން ކުރެއްވި މެންބަރުންނަކީ، އަރިއަތޮޅު އުތުރުބުރީ ފެރިދޫ ޝަބްނަމްގޭ އަޙްމަދު ޢާޠިފާއި، ހުވަދުއަތޮޅު އުތުރުބުރީ ކޮލަމާފުށީ ޗާނދަނީގެ މާފަންނު ހަވީރީފަންނު ޒިމްނާ ތައުފީޤާއި، މާފަންނު މާޔާ ޑޮކްޓަރ ޔޫސުފް ޝާނާއި، މައްޗަންގޮޅީ ސިސިލްފަރު ޑޮކްޓަރ ފާޠިމަތު ނާޝިދާ އާއި، ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ މާފަރު ޝިދާތާ ޝަރީފާއި، މައްޗަންގޮޅީ ޗަނބޭލީމާގޭ ޙާމިދު ނަޝީދު މުޙަންމަދާއި، މައްޗަންގޮޅީ ޓިއުލިޕް ޙަސަން ނިޒާމެވެ.

މިލިޔުމަށް ޚިޔާލު ނުފޮނުވޭ.