Live News From Hulhumeedhoo, Addu City

ފޯންކޯލް – 1 ވަނަ ބައި

މަހުގެ ފަނަރަ ވިލޭރެއެވެ. އެހެންނަމަވެސް ހަނދުވަރުގެ ކުޑަ މިންވަރެއްވެސް ދުނިޔެމަތިން ނުފެނެއެވެ. އެއާއި ޚިލާފަށް ވައި ބާރުވެފައި ބޯކޮށް ވެހެމުން ދަނީ ވާރެޔެވެ. އެކަމަކުވެސް ޠޫފާނީ ރެއެއް ނޫނެވެ.

ހިސާބަކީ ގަސްތަކާއި ރުއްތައް ގިނަ ހިސާބެއްކަމުން ވަޔާއި ވާރެޔާއެކު ގަސްތަކާ ރުއްތަކުގެ ފަންތަކުން އިވޭ އަޑުން ކުޑަކުދިންނާއި ޒުވާން ކުދިންގެ ހިތަށް ސިހުންވާހާ ވެއެވެ. ބޮޑެތި ވާރޭ ތިކިތައް ޓިނު ފުރާޅުތަކަށް ޖަހާއަޑު ކައިރިން އަހަން ހުރި މީހަކަށް ހިތްހަމަޖެހުމެއް ގެނެސްނުދޭނެކަން ޔަގީނެވެ. އެހެންނަމަވެސް ދުރުދުރުން އެ އަޑު އިވޭއިރު ވަރަށްވެސް ހިތްގައިމެވެ. ވަޔާ ވާރެޔާއެކުވެގެން ހީވަނީ އައްޑުއަތޮޅު ހިތަދޫއަށް ގުދުރަތުގެ ނާނާއެއް ކިޔައިދޭހެންނެވެ.

މިއަޑުތައް އަހަން ހުރި ޚާލިދަށްޓަކައި އެއީ ހިތްހަމަޖެހުމެކެވެ. ރަށުގެ އަތިރިމަތި ވީ ފަރާތުގައި ލިންކް ރޯޑާއި އިންވެގެން ދެ ބުރިއަށް ހަދާފައި ހުރި ކްރީމް ކުލައިގެ ގޭގެ ޓެރަސްގައި މަގާއި ދިމާލަށް ބަލަހައްޓައިގެން ޚާލިދު ހުރީ ރޭގެ ފިނިކަން އިހްސާސް ކުރާށެވެ. ގެއާއި ތިރީހަކަށް ފޫޓް ދުރުން އޮންނަ އަތިރިމަތީގައި މިގަޑިއަކު އެއްވެސް ބަޔަކު އުޅޭތީ ނުފެނެއެވެ. ހަނދުވަރީ ރޭރޭ ކިތަންމެ ދުރުންވިޔަސް ފެންނަން އޮންނަ މޫދުގެ ލޮނޑުގަނޑުވެސް ޚާލިދަކަށް މިރެއަކު ނުފެނެއެވެ. އެހެންނަމަވެސް އެ ހިމޭން ލޮނުގަނޑަށް މިރޭ ހިމޭނަކުން ނޯވެވޭނެކަން ޚާލިދަށް ތަސައްވަރު ކުރެވެއެވެ. މޫސުން ވަރަށް ހަލަބޮލިވެއްޖެއެވެ.

“ޚާލިދު…..ޚާލިދު….އަދިވެސް ތިތާ ހުރީތަ؟ ދަރިފުޅު ބަލާ ދާގަޑި ޖެހުނުކަމެއްވެސް ނޭނގެދޯ؟” އެ އިވުނީ ގޭތެރެއިން ޝީލާ ގޮވާލި އަޑެވެ. އޭނަގެ ލޯބިވާ އަނބިމީހާއެވެ. ޚާލިދަށް އެ އަޑު އިވުނެވެ. ނަމަވެސް ހިނިތުންވެލާފައި މަޑުމަޑުން ހުރީއެވެ. އޭނަ ނުދިޔަޔަސް އޭނަގެ ހުރި ހަމަ އެކަނި އަންހެން ދަރިފުޅު ބަލާ ދާނެ މީހަކު މިރޭ އެބަހުއްޓެވެ. ތެތްވައިރޯޅިތަކުން ހަށި ފުރާލަމުން ފުން ނޭވައެއް ޚާލިދު ލިއެވެ. ހިތްހަމަޖެހުމުގެ ނޭވާއެކެވެ.

“ޚާލިދު…” ކުރިން އިވުނު ވަރަށްވުރެން ގާތުން ޝީލާގެ އަޑު އިވުނުހެން ހީވެގެން ޚާލިދު އެނބުރި ބަލާލިއެވެ. ސިޑިން އަރައިގެން އޭނަ ހުރި ދިމާލަށް ޝީލާ އަންނާތީ ޚާލިދުއަށް ފެނުނެވެ.
އުމުރުން ސާޅީސްތިންއަހަރުވީއިރުވެސް އޭނަގެ ލޯބިވާ އަންހެނުން އަދިވެސް ހާދަހާ ރީއްޗެވެ. ޕާކިސްތާނުހެދުން ލީމަ ރީތި ވަނީކީ ހަމަ އެކަނި އިންޑިޔާ މީހުންނާއި ޕާކިސްތާނު މީހުންނެއް ނޫނެވެ. އޭނަގެ އަންހެނުން އެމީހުންނަށްވުރެވެސް މާ ފުރިހަމައެވެ. އެއަށްވުރެވެސް ރީއްޗެވެ. އަލި ފެހިލުލައާއި މަޑު ފިޔާތޮށިކުލައިން ޒީނަތްތެރިކޮށްފައިވާ ޕާކިސްތާނު ހެދުމުގައި އަދި ވަކިން މިރޭ ޝީލާ ނަލަހެން ހީވެއެވެ. ހެދުމަކީ ޕާކިސްތާނު ހެދުމަކަށް ވިޔަސް ޝީލާ ދޯޕައްޓާއެއް ނައަޅައެވެ. އޭގެ ބަދަލުގައި އެ ދޯޕައްޓާއިން ޝީލާ އަޅަނީ ބުރުގަލެވެ. ޗާލުގޮތަކަށެވެ.

“ކޮންކަމަކާ މާ ހާސްވެގެން ތިއުޅެނީ” ޚާލިދުގެ ގާތަށް ޝީލާ ގޮސް ހުއްޓުމުން މާ ނޫން ކަމަށް ހަދާފައި ޚާލިދު އަހާލިއެވެ.
“ހާސްވާނެނު. އެހާ ވިއްސާރަ. އަދިވެސް ތިހިރީ ގޭގަ. އެ މަންޖެ ބަލާ ދާން ޖެހޭނެނު.” ޚާލިދުގެ ޓީޝާޓަށް ބުރާފައި ހުރި ފެންތައް އަތުން ފޮޅާލަދެމުން ޝީލާ ވާހަކަ ދެއްކީ ލޯތްބާއެކު ހީލި ހިނިތުންވުމަކާއެކުގައެވެ.

ޚާލިދުއަކީ ޝީލާއައްޓައި މި ދުނިޔެމަތީގެ ސުވަރުގެއެވެ. އޭނަ ދެކެ އިންތިހާއަށް ލޯބިވާ އޯގާތެރި ފިރިއެކެވެ. ދެ ދުވަހަކު ދެ ގޮތެއް ނުވާ ހިތެއްގެ ވެރިޔެކެވެ. އުމުރުން ފަންސާހަށްވުރެ މައްޗަށް ގޮސްހުރިއިރުވެސް އަދިވެސް ޒުވާންވެފައި ސިއްހަތު ރަނގަޅުކަންމަތީގައި ޚާލިދު ހުންނާތީ އޭނާ ޝުކުރު ވެރިވެއެވެ. ވާނީވެސް އެހެން ތާއެވެ. ރެއާދުވާލު ޚާލިދު އުޅެނީ ސިއްހަތު ބެލެހެއްޓުމުގައެވެ.
ޝީލާ ހިނިތުންވެލިއެވެ.

“ހީވޭތަ ޝީލާގެ ފިރިމީހާއަކީ އެހާ ފަރުވާކުޑަ މީހެއްހެން. އަދި ޚާއްޞަކޮށް އަހަރެމެންގެ ދަރިފުޅާއި ދޭތެރޭ؟” ޝީލާ ގޮވައިގެން ގޮސް ޚާލިދު އިށީނީ ޓެރަސްގައި ހުރި އުނދޯލީގައެވެ.
“ނޫނޭ….ދެން އެހެންނަކުން ނޫން. އެހެން ރޭރޭ އެގަޑި ނުޖެހިގެން ހުންނަ މީހަކު މިރޭ ހަމަ އަޅާވެސް ނުލާ ހުރީމަ” ފާރުކައިރީ ހުރި ކަބަޑު ހުޅުވާލާފައި ހުދުކުލައިގެ މެދުމިންވަރެއްގެ ތުވާއްޔެއް ނަގަމުން ޝީލާ ވާހަކަ ދެއްކިއެވެ.

އެ ޓެރަސްއަކީ ޓެރަސްގައި ދިމާވެދާނެ ހުރިހާ ކަމަކަށް އެހީ ލިބޭ ގޮތަށް ތައްޔާރުކޮށްފައި ހުރި ތަނެކެވެ. ތެމިއްޖެއްޔާ ހިކޭނެ ގޮތާއި ކޮފީ ބޯންވެއްޖެއްޔާ ކޮފީ ބޮވޭނެގޮތް އަދި ޓީވީ ބަލައި ލަވަޖަހަން ބޭނުމިއްޔާ އެކަންވެސް ކުރެވޭ ގޮތަށް ހަދާފައި ހުރި ތަނެކެވެ. އެގެ ކުރެހިއިރުވެސް، އެންމެ ބޮޑު ސަމާލުކަމެއް ދިން ތަނަކަށް އެ ޓެރަސް ވާނެއެވެ. ޝީލާ އާއި އޭނަގެ މާމުއިހަނދުގެ ދުވަސްވަރުގައި އެތަކެއް ފަހަރުމަތިންވެސް އެކި ވާހަކަތަކުގެ ތެރެއިން ޓެރަސްއެއްގެ ވާހަކަ ދެކެވިފައި ހުރުމުން ޝީލާއަށްޓަކައި އޭނަ އެތަން ހަދާދިނީ ޝީލާ އަބަދުވެސް ބޭނުންވާ ގޮތަށެވެ.

“މީހަކު ފޮނުވައިފީމޭ އެ މަންޖެ ބަލާ. އޭނަ އަމިއްލައަށް އެދުނީ . ދެން އެހެންވީމަ އަހަރެން ކީއްކުރަން ހުރަސް އަޅަނީ” ޚާލިދު ވާހަކަ ދައްކަމުން ދިޔައިރު ޝީލާ ދިޔައީ ތެމިފައިވާ ޚާލިދުގެ އިސްތަށިގަނޑު ހިއްކައި ދެމުންނެވެ.

އުމުރުން ދުވަސް ވިޔަކަސް ޚާލިދުގެ ބޮލުން އެންމެ އިސްތައްޓެއްވެސް މަދުވިހެން ހީނުވެއެވެ. ޝީލާއަށް ޚާލިދު ފެނުނު ފުރަތަމަ ދުވަހެކޭ މިއަދެކޭ މާ ބޮޑު ތަފާތެއް ނެތެވެ. އެ ދުވަހު ހުރިހާ އިސްތައްޓެއްވެސް ހުރީ ކަޅު ކުލައިގައެވެ. މިއަދު ހުރީ ހުދުފަށުވި ކުލައިގައެވެ. ހަމައެންމެ ކަޅު އިސްތައްޓެއްވެސް ނެތީއެވެ.

“ހާދަ ރަނގަޅޭ. އަހަރެންގެ ނަސީބު ހާދަ ރަނގަޅޭ ހިތަށް އަރާ. ” ޝީލާ ތުވާލި ބާއްވާފައި އައިސް އިށީނުމުން ގަޔާއި ކައިރިކޮށްލަމުން ޚާލިދު ބުނެލިއެވެ. ޝީލާވެސް އިތުރު އެއްޗެއް ނުބުނެ ފިރިމީހާގެ އަތުތެރޭގައި މަޑުމަޑުން އިނީއެވެ.
މޫސުން އިއްވަމުންދާ އެކިއެކި ރާގުތައް އަޑު އަހާށެވެ.
**********

ހޮސްޕިޓަލްތެރެއިން ނުކުމެފަ ފުރަތަމަ ކަމަކަށްވެސް ނަވީން ކުޑަ ހުޅުވާލިއެވެ. ހާދަ ވިއްސާރައެވެ. ވަޔާއެކު ވާރޭވެސް އެތެރެއަށް ވިއްސައެވެ. ކާރާއި ހަމައަށް ދެވޭއިރުވެސް ތެމިދާނެ ކަންނޭނގެއެވެ.
ނަވީން ނިންމީ ވާރޭ ތުނިކޮށްލަންދެން މަޑުކޮށްލުމަށެވެ. އަދި އޭނައެކޭ އެއްފަދައިން އެތާ މަޑުކޮށްލައިގެން ތިބި އެހެން މީހންގެ ފަހަތުގައި އޭނަވެސް މަޑުކޮށްލިއެވެ. އޭނަފަދައިން އެތަނުން ބައެއް މީހުންގެ އަތުގައި ކުޑަ އޮތެވެ. އެހެންނަމަވެސް ކުރަމުން މިދަނީކީ ކުޑައަކަށްވެސް މައިތިރި ވާވަރުގެ ވިއްސާރައެއް ނޫން ވިއްޔާއެވެ. އެކަކުވެސް ހިނގައިގަންނަ ޚިޔާލުނުކޮށް ތިބީ އެހެން ވެގެން ކަންނޭނގެއެވެ.

ހިޔާތަނެއްގައި ހުރި ކަމުގައިވިޔަސް ވަޔާއެކު އަންނަ ވާރޭގެ ކަނިތަކުން ސަލާމަތް ވާކަށް ފަސޭހައެއް ނޫނެވެ. ގަދަވަޔާއެކު ވާރޭވެސް ހުރެގެން އާދެއެވެ.
ނަވީން އަދިވެސް ކުޑަކޮށް އެއްފަރާތަށް ޖެހިލިއެވެ. އެވަގުތު ކުއްލިއަކަށް ކަމެއް ފާހަގަ ކުރެވިގެން އަނެއްކާވެސް ބަލާލައިފިއެވެ.
އޭނައަށް ހީވީ ރަނގަޅަށެވެ. އެއީ އެ އަންހެންކުއްޖާއެވެ.
އޭނަ އެރަށަށް އައިސްގެން ހަފްތާއެއް ނުވަނީސް އޭނައަށް ވަނީ އެ އަންހެންކުއްޖާ ފެނިފައެވެ. ފުރަތަމަ ދުވަހުވެސް އޭނަގެ ހިތް އެ އަންހެންކުއްޖާއަށްޓަކައި އާދަޔާ ޚިލާފު ރާގަކަށް ވިންދު ޖަހަން ވަނީ ފަށާފައެވެ. ފާހަގަ ކުރެވޭ ކުއްޖަކަށްވީ އޭނަ އުޅޭގޭ ހިސާބުންވެސް ފެންނަ އެހެން ކުދިންނާ އެ އަންހެންކުއްޖާއާއި ތަފާތު ވީމައެވެ. ހުރިހާ ގޮތަކުންވެސް ތަފާތު ވީމައެވެ.

ގައިގެ ކުލަ ސާފުވެފައި އަލިކަމުން މެންދުރުގެ ގަދަ އަވީގައިވެސް އެ އަންހެންކުއްޖާ ފެންނަ މީހެއްގެ ހިތަށް ފިނިވާނެއެވެ. ހިނގާފައިދާ ސާދާ ގޮތާއި ހިނިތުންވުމުގައި ހުންނަ ފަރިކަމަކީ ދެވަނައެއް ނެތްފަދަ ކަމެކެވެ. އެ އަންހެންކުއްޖާގެ ބޮލުގެ އިސްތަށިގަނޑަކީ އަދިވަކިން ނަވީނަށް އަޅައިގަންނަ ކަމެކެވެ. އާއްމު ދިވެހިންފަދައިން ކަޅު އިސްތަށިގަނޑެއް ނޫނެވެ. ހައިވަކަރު ލަކުޑީގައި އެ ހުންނަ ކުލަ އެ އަންހެންކުއްޖާގެ އިސްތަށިގަނޑުގައި ހުންނަނީ ޖައްސާފައި ހުންނަ ކުލައަކުން ކަމެއް ނޫނީ އަސްލެއްކަމެއް ނަވީނަކަށް ނޭނގެއެވެ. އެނގޭހާވެސް ވަރަކީ އެއީ ވަރަށް ރީތި ކުލައެއްގެ އިސްތަށިގަނޑެއް ކަމެވެ. އެއީ އެ އަންހެންކުއްޖާގެ ރީތިކަން އިތުރުކޮށްދޭ ނިއުމަތެކެވެ. ޖުމްލަކޮށް ބުނާނަމަ އެ އަންހެންކުއްޖާ އަކީ އައިބެއް ނެތް ގުދުރަތުގެ ފުރިހަމަ މިސާލެކެވެ.

ފުރަތަމަ ދުވަހުން ފެށިގެންވެސް އެ އަންހެންކުއްޖާއަކީ ކާކުތޯ ބަލަން އޭނަ ބޭނުންވިއެވެ. ނަމަވެސް އެކަމަށް ހުރަސް އެޅީ އޭނަގެ ބީރައްޓެހި ކަމެވެ. ބީރައްޓެހި ރަށެއްގައި ބީރެއްޓައްސަކު ރަށުމީހުންގެ ފަހަތުން އުޅުމަކީ ކިހާވަރެއްގެ ކަމެއްކަން އޭނައަށްވެސް އެނގެއެވެ. އޭނަގެ ކޮންމެ ހަރަކާތަކަށް އެ ރަށު އެންމެން ފާރަވާނެކަން ނަވީނަށް އެނގެއެވެ. އެ ހުރަހުގެ ސަބަބުން އަދި މިހާތަނަށް އެ އަންހެންކުއްޖާއަށް ކިޔަނީ ކޮން ނަމެއްކަންވެސް ނަވީނަކަށް ނޭނގެއެވެ.

އެހެންވިޔަސް އެނގޭ އެއްކަމެއް އެބައޮތެވެ. ނަވީން ބަލާތީ އެ އަންހެންކުއްޖާ ނުރުހުމެއް ނުދައްކައެވެ. އެކަމުގެ ޔަގީންކަން އޭނައަށް ވަރަށްބޮޑަށް ލިބިފައި އެބައޮތެވެ. އެއްދުވަހެއްގެ ހެނދުނު ފޯނެއްގައި ހުރެގެން ނަވީން ގޯތިތެރެއަށް ނުކުތްއިރު އެ އަންހެންކުއްޖާ އެގޭތެރެއަށް ބަލަމުން ބަލަމުން ދިޔަތަން ނަވީނަށް އޮތީ ފެނިފައެވެ. ނަވީން ނުކުމެގެން އަންނަތަން ފެނުމާއެކު އެ އަންހެންކުއްޖާ ރަކި ފާޑަކަށް ހިނިތުންވެލާފައި އިސްޖަހައިގެން ހުރެ ހިނގުން ބާރުކޮށްލީއެވެ. އެދުވަސް އެއީ ނަވީނަށްޓަކައި އުފާވެރި ދުވަހެކެވެ.

ހިތަކީވެސް ކޮންކަހަލަ އެއްޗެއް ހެއްޔެވެ؟ ނޭނގިހުއްޓާ ކަސިޔާރުވަނީ މާ އަވަހަށެވެ.

އެހެންނަމަވެސް މިރޭ…..މިރޭ އެ އަންހެންކުއްޖާ އެހެރީ އޭނަގެ ދާދި ކައިރީގައެވެ. ޔުނިފޯމްގައި ތިބި އެހެން ފަސްވަރަކަށް ނަރުހުންނާއެކުގައެވެ. އޭނަގެ ކުރިމަތިން ދެމީހަކު ހުރަސްކޮށް އެ އަންހެންކުއްޖާ ކައިރިއަށް އޭނައަށް ދެވޭނެއެވެ. އެކަމަކު އެކަން ކުރެވޭނެ ގޮތެއް ނެތެވެ. އޭނަ އެތާ ހުރިކަން އެތާ ދެންތިބި މީހުންނަށް ފާހަގަ ކުރެވުނަސް މިހާރުވެސް އެނބުރި އެނބުރިފައި ބަލަން ފަށާނެއެވެ. އޭނަ ނުދަންނަ މީހަކު އެ ރަށުގައިވެސް ނޫޅޭކަހަލައެވެ.

“ތިއެއް އެނގޭނީ ނީނާއަށްވެސް އެކަހަލަ ގޮތެއް ދިމާވީމަ” އެތަނުން އެއް ނަރުސްކުއްޖަކު ބުނެލި އަޑު އިވުނެވެ. އެއާއެކު އެ އަޑުތަކަށް ނަވީނަށް ސަމާލުވެވުނެވެ. އަނެއްކާ އެ އަންހެން ކުއްޖާއަށް ކިޔަނީ ނީނާ ބާވައެވެ.

“އެއީ ތެދެއް. މިއަދު ފާތުންކައިރީވެސް ހައިފާ އެ ވާހަކަ ދެއްކިއަޑު މައެހިން.” ދެވަނަ އަންހެންކުއްޖާ ބުނެލިއެވެ. އަނެއްކާ އެއީ ފާތުން ކިޔާ ކުއްޖެއްބާވައެވެ. ނޫނީ ހައިފާއަކީ އެ އަންހެންކުއްޖާ ބާވައެވެ. ހައިފާއަކީ ރީތި ނަމެކެވެ. އެ އަންހެންކުއްޖާއާއި ގުޅޭކަހަލަ ނަމެކެވެ.

“ތިހާވަރަށް ނުވާނެ ދިމާކުރާކަށް. ނޭނގެއެއްނު އަދި އޭނަ އަންނާނެކަމެއްވެސް” އެ ރީތި އަންހެންކުއްޖާ ވާހަކަ ދެއްކިއެވެ.
އެ އިވުނު އަޑުގައި އެހެރީ ކޮންފަދަ ޖާދުވީ ގޮތެއްހެއްޔެވެ. ހަނދުވަރުދޭ ރެއެއްގައި ކަންފަތްދޮށުގައި ސިއްރު ބުނެލާފަދަ ހިތްގައިމު އަޑެކެވެ. އަސަރުގަދައެވެ.

ނަވީނަށް ވިސްނާލެވުނެވެ. އެ އަންހެންކުއްޖާ އާއި އެހެން ބަހަކުން އެ ކުދިން އެ ވާހަކަ ދައްކަނީ ކީއްވެބާވައެވެ؟ އައްޑޫ ބަހުން ވާހަކަ ނުދައްކަނީ ކީއްވެ ބާވައެވެ؟ ކޮންމެ ފަހަރަކު އެ އަންހެންކުއްޖާ އާއި ވާހަކަ ދައްކަންވީމަ މާލޭ މީހުން ވާހަކަ ދައްކާ ބަހުރުވައަށް ބަދަލުކޮށްލަނީ ކީއްވެހެއްޔެވެ؟ އަނެއްކާ އެއީ މިރަށު ކުއްޖެއް ނޫންބާވައެވެ؟

“އާނ. ނީނާމެން ބަލާވެސް އާދޭ. އެކަމަކު ދެރެއަކު އެކަކު ނާންނާނެ” އެހެން ނަރުސްކުއްޖަކު މިހެން ބުނުމާއެކު އެ ހުރިހާ ނަރުހުން ބާރަށް ހީގަތެވެ. އެމީހުން އެ ދެއްކި ވާހަކައިން އެވީ ކީހިނެއްކަން ނަވީނަށް ނޭނގުނު ކަމުގައި ވިޔަސް ގައިމުވެސް އެ ނަރުސްކުދިންގެ ގްރޫޕަށް އެ ވާހަކައަކީ ވަރަށް ފޯރިހުރި މަޖާ ވާހަކައަކަށްވިކަން ޔަގީނެވެ. އެ އަންހެންކުއްޖާ ފިޔަވައެވެ. އެ އަންހެންކުއްޖާ މަޑުމަޑުން ހީލާފައި ބަލާލީ ދޮރާއްޓާއި ދިމާލަށެވެ. ކޮންމެވެސް މީހަކަށް އިންތިޒާރު ކުރަނީ ކަންނޭނގެއެވެ. ނޫނެކެވެ. ބޮޑަށް ވައްތަރީ މީހުންގެ ސަމާލުކަން ލިބޭފަދަ އެއްވެސް ކަމެއް ނުކުރާ ކުއްޖަކާއެވެ. ރަހްމަތްތެރިންގެ ހުނުމުގައި ބައިވެރި ނުވީވެސް އެހެންވެގެންކަންނޭނގެއެވެ.

“އޭއި. އަހަރެން ދިޔައީއޭ އިނގޭ. ހަބީ އެ އައީ…” އުފާވެރި ރާގަކަށް މިހެން ބުނެލަމުން އެތަނުން އެއް ނަރުސްކުއްޖަކު ގޮސް އޭނަގެ ފިރިމީހާގެ ސައިކަލަށް އެރިއެވެ. އަދި ދެމީހުން އެއް ކުޑައަކުން ނިވާވާން މަސައްކަތްކުރަމުން ދުއްވާލިއެވެ. ދެމަފިރިންނެވެ. އެކަކު ތެމިގެންވެސް އަނެކާ ހިޔާކުރަން މަސައްކަތް ކުރާނެތާއެވެ.

އިރުކޮޅަކުން އެތާ ދެންތިބި ދޮށީ އުމުރުގެ ދެތިން އަންހެނުންނާ ހަތަރުވަރަކަށް ފިރިހެނުންވެސް އެމީހެއްގެ މަންޒިލަށް ދާން އެ ހިޔަލުން ނުކުމެގެން ހިނގައިގަތެވެ. ބައެއްމީހުން ކޯޓުގައެވެ. ބައެއް މީހުން ކުޑަނަގައިގެން ވަރަށް ހާލުގައި ސައިކަލްގައެވެ.

“އަނހަނ….ކާކު ބަލާ އެއިނީ އައިސް. ތިމީހުން ދަންނަ މީހެއްތަ؟” އެތަނުން އެއްކުއްޖަކު ބުނެލިއަޑު އަނެއްކާވެސް ނަވީނަށް އިވިއްޖެއެވެ. އިވޭނެތާއެވެ. އޭނަގެ ހުރިހާ ސަމާލުކަމެއް ހުއްޓިފައި ހުރީ އެ ނަރުސްކުދިންގެ ގްރޫޕަށެވެ.

“ސާބަސް ފާތުންއަށް. އެއީ އަހަރެންގެ ދޮންބެ. ރިސޯޓްގައި އުޅޭނީ. އެހެންވެ ތިމީހުންނަށް ނޭނގުނީ. އަނެއްކާ ފާޑުފާޑުގެ ވާހަކަ ނުދައްކައްޗޭ އިނގޭ” އެ ކުއްޖާވެސް އެ ދިޔައީއެވެ. އެބުނާ ފާތުންއާއި އެ ރީތި އަންހެންކުއްޖާ ފިޔަވައި އެއްވެސް އިތުރު މީހަކު ނެތި އެތަން ހުސްވެއްޖެއެވެ.
އެ އަންހެންކުއްޖާގެ ނަން އެނގޭނެ ވަގުތަކަށް ނަވީން ދިޔައީ އިންތިޒާރު ކުރަމުންނެވެ. މާގިނައިރެއްނުވެ ސާދަ ފަނަރަ ވަރަކަށް އަހަރުގެ ފިރިހެންކުއްޖަކާއެކު ތަންކޮޅެއް ދޮށީ އުމުރުގެ އަންހެނަކު ބޮލަށް ކުޑައެއް ނަގައިގެން އަތުވެއްޖެއެވެ. ވެހެމުންދާ ބޯވާރެއިން ސަލާމަތްވާން މަސައްކަތް ކުރަމުންނެވެ.

“އަނހަ. އަދިވެސް ނުދަންތަ. އެހެން ރޭރޭ އެންމެ ކުރިން ދާ ކުއްޖާ މިރޭ ކިހިނެއްވެފަ ލަސްވެފައި ތިހިރީ.” އެ އަންހެންމީހާ އައިސް ވާހަކަ ދެއްކީ އެ އަންހެންކުއްޖާއާއެވެ. ސާފު އައްޑޫ ބަހުންނެވެ.

“މިރޭ ބައްޕަ ނުދުރުވާނެ. އެހެން މީހަކު އަންނާތީ މި ލަސްވަނީ” ހިނިތުންވެލަމުން އެ އަންހެންކުއްޖާ އެ އަންހެންމީހާއަށް ޖަވާބު ދިނެވެ. އެ އަންހެންކުއްޖާގެ އެ ހަރަކާތުގައިވެސް ހީލުމުގައިވެސް އަދި ޖަވާބު ދިނުމުގައިވެސް ވަރަށް އަދަބުވެރިގޮތް ހުރިކަން ނަވީނަށް ފާހަގަ ކުރެވުނެވެ. ފާތުންވެސް އެ އަންހެންކުއްޖާ ކައިރީ ދަނީއޭ ބުނެފައި ހިނގައްޖެއެވެ. ނަވީންއާއި އެ ނަރުސްކުއްޖާ އެކަންޏަށް ވެއްޖެއެވެ. ނޫނެކެވެ. އަދި ވޮޗަރުމީހާ އެބަހުއްޓެވެ.

އެކަމަކުވެސް ދެތިންފިޔަވަޅު ނަވީން އަޅާލިއެވެ. އެ އަންހެންކުއްޖާއާއި ކައިރިއަށެވެ.

“ވަރަށް ވިއްސާރަ ރެއެއްދޯ” ވަރަށް ހިތްވަރުކޮށްފައިނަވީން ބުނެލިއެވެ.

އެ އަންހެންކުއްޖާ ކުޑަގޮތަކަށް އެނބުރި ނަވީނަށް ބަލާލިއެވެ.
ހަތަރުކަޅި ހަމަވި ވަގުތު ނަވީނަށް ހީވީ ވަށައިގެން އިވޭ އެއްވެސް އަޑެއް ނީވި ކާއިނާތުގެ ހިނގުންވެސް އިރުކޮޅަކަށް މަޑުޖެހުނު ހެންނެވެ. އެއީ މިހާތަނަށް އޭނަ ދުވަހަކުވެސް ދެކެފައި ނުވާފަދަ ރީތި ދެލޮލެވެ. ހުދުކަންގަދަ ދެލޮލެވެ. އެ ދިގު އެސްފިޔަތައް ހަރަކާތްކޮށްލުމުން ހީވީ ނަވީންގެ ވުޖޫދަށް ފިނި ވައިރޯޅިއެއް އިހްސާސް ވިހެންނެވެ. ހީވީ ގައިގައި ހުރިހާ ލެއެއް އެއްތަނަކަށް ޖަމާވެފައި ހުރެފަ ދޫވެގެން ދިޔަހެންނެވެ. ގައިމުވެސް ވަރަށް އާދަޔާ ޚިލާފު ގޮތެއް ވިއެވެ. އަންހެންކުއްޖެއްގެ ރީތި ލޮލެއްގެ ސަބަބުން ފިރިހެނުންނަށް ފުން އަސަރުކުރާ ވާހަކަ އަކީ އޭނަވެސް ދަންނަ ވާހަކައެކެވެ. އެހެންނަމަވެސް މިރެއާއި ހަމައަށް އެއީ އޭނަ ގަބޫލުކުރާ ވާހަކައެއް ނޫޏެވެ.

“މައްސަލައެއް ނެތިއްޔާ ހުރެދީފާނަން ބަލާ އަންނަންދެން” އެ އަންހެންކުއްޖާ އނގައިން ނުބުނުމުން ނަވީން ވިސްނީ ނުރުހުނީ ކަމަށެވެ. އެހެންވެ އޭނަގެ ފަރާތުން އެއްވެސް ނުރައްކަލެއް ނެތްކަން ޔަގީންކޮށްދިނުމުގެ ގޮތުން ހިތުގެ އިޚްލާޞްތެރި އެހީ ހުށަހެޅިއެވެ.

“ހޫމް….އެ އަންހެންކުއްޖާ ބުނިހާވެސް އެއްޗަކީ މިއީއެވެ. އޭގެ މާނައަކީ ކޮބައިބާވައެވެ.

“ކިހިނެއްތަ؟” އެ އަންހެންކުއްޖާ ދިން ޖަވާބުގެ މާނަ ނޭނގުނު ކަމުގައިވިޔަސް ހިތްވަރުކޮށްފައި ނަވީން އަނެއްކާވެސް ވާހަކަ ދެއްކިއެވެ. ވާހަކަ ދައްކާހިތްވަނީއެވެ. ކުރާނީ ކީއްހެއްޔެވެ؟
އެކަމަކު މިފަހަރުވެސް އެ އަންހެންކުއްޖާގެ ޖަވާބެއް ނުލިބުނެވެ.

“ވަރަށް ގިނައިން ދެކެން” އަނެއްކާވެސް ވާހަކަ ދެއްކީ ނަވީނެވެ.

“އަނެއްކާ މައްސަލައެއްތަ މިގޮތަށް ވާހަކަ ދެއްކުމަކީ؟” ދެތިންފަހަރު އިސްވެ އެއްޗެއް ބުނުމުންވެސް އެ އަންހެންކުއްޖާ އަނގައިން ނުބުނުމުން ނަވީން ކަންބޮޑުވާން ފެށިއެވެ.
“އުހުނ” ކުރު އެހަނަސް އެތަކެއް ދޮރުތަކެއް ހުޅުވިގެން ދިޔަ ޖަވާބެއް ނަވީނަށް ލިބުނެވެ. އުފާވިއެވެ.

“އަހަންނަށް ކިޔަނީ ނަވީން….” ނަވީން މަސައްކަތް ކުރީ އެ އަންހެންކުއްޖާ އާއި ވާހަކަ ދެއްކޭތޯއެވެ. އެ އަންހެންކުއްޖާގެ އަނގައިންވެސް ޖަވާބެއް ލިބޭތޯއެވެ. އަމިއްލަ ނަން ބުނެފިއްޔާ އަނެއް މީހާ އެމީހާގެ އަމިއްލަ ނަން ބުނާނެތީއެވެ. އެ ރީތި އާދަ އެ އަންހެންކުއްޖާގެ ގައިގައި ހުންނާނެހެން ހީވާތީއެވެ.

އެހެންނަމަވެސް ވީކީ އެހެނެއް ނޫނެވެ. ނަވީންގެ ނަން ބުނުމުން އެ އަންހެންކުއްޖާ ނަވީނާއި ދިމާލަށް އަނެއްކާވެސް ބަލާލާފައި ލުއި ގޮތަކަށް ހިނިތުންވެލުން ފިޔަވައި އެއްވެސް ހަރަކާތެއް ނުކުރެއެވެ. އަދި ބަހެއްވެސް ނުބުނެއެވެ.

ކުއްލިއަކަށް ހޮސްޕިޓަލްގެ ގޯތިތެރެއަށް ކަޅުކުލައިގެ ޕްރައިވެޓް ކާރެއް އައިސް މަޑުކޮށްލިތަން ފެނިގެން ދިޔައީ ދެން ހަދަންވީ ގޮތަކާއި އެ އަންހެންކުއްޖާ އަށް ދެން ބުނަންވީ އެއްޗެއް ނަވީން ވިސްނަން ހުއްޓައެވެ.

“އަވަހަށް އަރާ….މާ ލަސްވެއްޖެ ދޯ؟ އަސްލު ވީ ގޮތަކީ ބޭބެމެން އެއާޕޯޓަށް ލާފައި އަންނަން ހަދައިގެން ލަސްވީ” ކާޑު މަޑުކޮށްފައި ކުރީ ސީޓްގެ ބިއްލޫރިގަނޑު ތިރިކޮށްލަމުން ޑްރައިވަރުގެ ސީޓްގައި އިން ޒުވާން ފިރިހެނަކު އެ އަންހެންކކުއްޖާ އަށް މުޚާޠަބް ކުރިއެވެ.

ނަވީން ހުރީ އަޑު އަހާށެވެ. ބަލާށެވެ. ހިތުގައި އެތަކެއް ސުވާލުތަކަކާއެކުގައެވެ.

އެ ޒުވާނާއަކީ އެ އަންހެންކުއްޖާގެ ބޭބެއެއްހެނެއް ހިއެއް ނުވެއެވެ. އެދެމީހުންގެވެސް ބަދަލުކުރެވުނު ނަޒަރުން ހީވަނީ އެއީ ބޭބެއަކާއި ކޮއްކޮއަކަށްވުރެން މާ “ގާތް” ދެމީހުން ހެނެވެ. އަނެއްކަމަކަށް ނަވީނަށް ފާހަގަވީ އެދެމީހުންގެ ބަހުރުވައެވެ. ދެމީހުންވެސް ވާހަކަ ދެއްކީ ނަވީންވެސް ވާހަކަ ދައްކާ ބަހުންނެވެ. ރާއްޖޭގެ ރަސްމީބަސްކަމަށްވާ ދިވެހި ބަހުންނެވެ.

“ޒިޔާދު. މިއީ ނަވީން. އަހަރެންގެ ރަހްމަތްތެރިއެއް. ނަވީން. މިއީ ޒިޔާދު” އަވަސް އަވަހަށް ގޮސް ކާރަށް އެރުމުގެ ބަދަލުގައި އެ އަންހެންކުއްޖާ ފެށީ ވާހަކަ ދައްކާށެވެ. އެއީ ނަވީން އުއްމީދު ނުކުރާ ކަމެކެވެ. ނަވީން އަނގައިން ބުނެބުނެވެސް އަނގައިން ނުބުނެ ހުރެފައި އެބުނި ޒިޔާދެއް އައުމުން ހަތަރު އަނގަ ލިބުނު ކަހަލައެވެ. އަދި އޭގެ އިތުރަށް ނަވީން އަކީ އޭނަގެ ރަހްމަތްތެރިއެކޭ ބުނި ބުނުމަކީވެސް ނަވީންގެ ނިތަށް ރޫއަރައިގެން ދިޔަ ކަމެކެވެ. ނަވީނަކީ އެ އަންހެންކުއްޖާގެ ރަހްމަތްތެރިއެކޭ ޒިޔާދަށް ބުނެދިންއިރު އޭނައަށް ޒިޔާދަކީ އެ އަންހެންކުއްޖާގެ ކާކުކަން ބުނެނުދިނުން އެއީވެސް ނަވީނަށް މައްސަލައަކަށް ވިއެވެ.

ސަލާމްކުރުމަށް ޒިޔާދު ހަމަ ވަގުތުން އަތްދިއްކުރިއެވެ. މިވަނީ ކީއްކަންވެސް ނޭނގި ހުރެ ނަވީންވެސް ޒިޔާދުގެ އަތުގައި ހިފައި ސަލާމްކުރިއެވެ. އެކަމަކުވެސް ހައިރާންވެފައިހުރެ އެއްފަހަރު ޒިޔާދުއަށް އަނެއްފަހަރު ކާރުގެ އަނެއްފަރާތުގައި ހިނިތުންވެލައިގެން ހުރި އެ އަންހެންކުއްޖާއަށް ބެލެއެވެ. އެ އަންހެންކުއްޖާ ފަޚުރުވެރިކަމާއެކު ހިނިތުންވެލާފައި ގޮސް ކާރަށް އަރައިފިއެވެ.

“އޯވހ. ނަވީން. ދިރާގުގެ އެމްޑީ ދޮގެއްތޯ؟ ކުރިންވެސް ނަން އިވިފައިއޮތީ. އޭރަކު ނޭނގެއޭ އިނާގެ ރައްޓެއްސެއްކަމެއް ނަވީންއަކީ. އުފާވެއްޖެ ބައްދަލުވީމަ” ނަވީންއާއި ސަލާމްކުރަމުން ޒިޔާދު އުފާފާޅުކުރިއެވެ.

“އިނާ………” ނަވީންގެ ހިތާހިތާ ކިޔާލެވުނެވެ. މީހާއާއި އެއްވަރަށް ނަންވެސް ރީއްޗެވެ.

“ޝުކުރިއްޔާ…” ޒިޔާދުއަށް ޝުކުރު އަދާކޮށްފައި ކާރުގެ އެއްފަރާތަކަށް ނަވީން ޖެހުނެވެ. ހޮސްޕިޓަލްގެ ގޯތިތެރެއިން ކާރު ނުކުންނަން ތަން ދިނުމުގެ ގޮތުންނެވެ. އެވަގުތު ޒިޔާދު ކައިރީ ކޮންމެވެސް އެއްޗެއް ސިއްރުން ބުނެލިކަން ނަވީނަށް ފާހަގަ ކުރެވުނެވެ.

“ނަވީން……ކޮންމެވެސް އިރަކުންވާނެ ސަޔަކަށް ބައްދަލުވެލަން. ހީވާގޮތުން އަޅުގަނޑުމެން އެންމެންވެސް މި ބީރައްޓެހި ރަށުގައި ތިއްބަސް ރައްޓެހިން. މިބުނީ އެއް ރަށަކުން ކަންނޭނގެ އާދެވިފައި މިތިބީ. މާދަންރޭ އިނާމެންގެއަށް ދުރުވަންވީނު. ދޯ އިނާ. މާދަންރޭ އެބައޮތެއްނު ކެއުމެއް. މިއީ ދައުވަތެއްކަން ހަނދާން ނައްތާނުލައްވައްޗޭ. ހަމައެކަނި އިނާގެ ފަރާތަކުންނޫން. އަޅުގަނޑުގެވެސް ދަޢުވަތެއްކަމަށް ބަލާ މިއީ. އުއްމީދުކުރަން ދުރުވާނެކަމަށް.” ކާރު އަނބުރަ އަނބުރާ ހުރެފަ ދެވަނަ ފަހަރަށް އެ އަންހެންކުއްޖާ އިން ދިމާލުން ބިއްލޫރިގަނޑު ތިރިކޮށްލަމުން ނަވީނަށް ޒިޔާދު ދިން އެ ދަޢުވަތަކީ މިހާތަނަށް ނަވީނަށް ލިބުނު އެންމެ އާދަޔާ ޚިލާފު ދައުވަތެވެ. ސަޔަކަށް ދިން ދަޢުވަތާއެކު ނުތަނަވަސްކަމެއްވެސް ލިބުނެވެ. އެވާހަކަ ދެއްކިއިރު އިނާގެ އަތްތިލައަށް ޒިޔާދު ބާރުކޮށްލިތަން ފެނުމުންނެވެ.

ސިފައާއި އަމަލާ ދިމާނުވާގޮތެއް ނަވީނަށް ފާހަގަ ކުރެވުނެވެ.
ދަންނަ ހުރިހާ ފިރިހެނަކާ އެހާ ގާތްކޮށް އުޅޭނެ އަންހެންކުއްޖެއްވައްތަރެއް އިނާގަޔަކު ނުޖަހައެވެ. އެކަމަކު ޒިޔާދުއާއެކު އެއުޅެނީ އެހާ ގާތްކޮށެވެ. ކީއްވެހެއްޔެވެ؟ އަނެއްކާ ޒިޔާދުއަކީ އިނާގެ ލޯބިވެރިޔާ ނޫންބާވައެވެ.
އެކަމަކު އެހެންނެއް ނުވާނެތާއެވެ. ލޯބިވެރިޔާ ކައިރީ އެދިގެން އެހެން ފިރިހެނަކު ގެއަށް ގެނައުމަށް މަގުފަހިކުރުވާން ކެރޭނެ އަންހެނަކު ވަރަށް ނުހުންނާނެއެވެ. އަނެއްކާ އިނާއަކީ އެކަހަލަ އަންހެންކުއްޖެއްވައްތަރެއް އޭނައަށް ހަމަ ނުޖަހައެވެ.

މިހުރިހާ ވަހުމެއް ނަވީންގެ ހިތުގައި އުފެދުނެއްކަމަކު އެ އަންހެންކުއްޖާ….އުނހުނ….އިނާ. އިނާގެ ހުޝިޔާރުކަމުން އޭނަ ހައިރާން ވިއެވެ.

ދައުވަތުވެސް ދިނީ ޒިޔާދުގެ އަނގައިންނެވެ. ނަންބުނީވެސް ޒިޔާދުގެ އަނގައިންނެވެ. އެކަމަކު އެ ހުރިހާ ކަމެއް ކުރިވީ އިނާއެވެ. ސިކުނޑި ރަގަޅުވެފައި ހުޝިޔާރުވެސް އަންހެން ކުއްޖެކެވެ. ރީތި ސިފައާއި އެއްވަރަށް ސިކުނޑިވެސް ތޫނެވެ.

އެހެންނަމަވެސް އަދި ހަމަ ސުވާލެއްވެސް އުފެދުނެވެ. ޒިޔާދުއަކީ އިނާގެ އެހާ “ގާތް” މީހެއްކަމަށްވަންޏާ އިނާގެ މަގްޞަދަކީ ކޮބައިބާވައެވެ. އެ ނުސީދާ ދައުވަތު އޭނައަށް ދިނީ ވާނެގޮތް ވިސްނާލާފައިހެއްޔެވެ. ނޫނީ އޭނައަކީ ހިތެއް ނެތް ފިރިހެނެކޭ އިނާ ހީކުރީހެއްޔެވެ.

އަނެއްކާ އިނާ……..
އިނާ އޭނައާއެކު ކުޅިގަނޑެއް ކުޅެލަނީކީ ނޫންބާވައެވެ.

**********(ނުނިމޭ)**********

ޚިޔާލު

  • ޒާރީ ގެ ޚިޔާލަކީ:

    އެކަމަމަކު ދެން ސޮފާ. ވަރަށް ސަޅި ކިޔުނު ހިސާބު. މާބޮޑަށް ދިގުވީމަ ފުރަތަމަ ނަޒަރުނ

  • maan ގެ ޚިޔާލަކީ:

    varah salhi SOFAA. Meedhoo livah sofaa kahala vaahaka liyuntheriyaku libumun misituge maqboolukan ithuruvaanekan yageen. ehenakamun SOFAA ashaai Meedhoolivege teamah shukuru dhan’navan. Shukuriyya.

Trackbacks