Live News From Hulhumeedhoo, Addu City

ފޯންކޯލް – 3 ވަނަ ބައި

މޮޅުކެއުމަކަށްފަހު އެރޭ ނިމިގެން ނަވީން އެގެއިން ދާން ޖެހުނީ އެގެއަށް އައިއިރު ގެނައި ސުވާލުތަކަށްވުރެ ގިނަ ސުވާލުތައް ހިފައިގެންނެވެ.
ހަމަ އެންމެ ސަބަބަކާހެދިއެވެ.
ޒިޔާދު އަކީ ކާކުކަން ނޭނގޭތީއެވެ.

އެނޫން ހުރިހާ ކަމެއްވެސް ރަނގަޅެވެ. އާއިލާގެ ފުރަތަމަ ބައްދަލުވުމުގައި އިނާއާއި ވާހަކަދައްކަން ވަގުތު ލިބޭނެކަމަށް އޭނަ އައީކީ އުއްމީދުކޮށްގެންވެސް ނޫންކަމަށްވާތީ އެކަމަކާއި އޭނަގެ ހިތަކަށް މާ ބޮޑު ތަދެއް ނުވެއެވެ. ބަލާލާ ކޮންމެ ފަހަރަކު ފެންނަ ހިސާބުގަ އިނާ އުޅޭތީ ކަމަށްވެސް ވެދާނެއެވެ.
ނަމަވެސް ނަވީން އެގެއިން ދާންވީ ވަގުތު އައިސް ޖެހުމުން ވަދާޢުގެ ސަލާމްކުރަން އޭނައާއެކު ދޮރުކައިރިއަށް ދިޔައީ އިނާ އެކަންޏެވެ. ޒިޔާދުއަކީ އިނާގެ ކާކުތޯ އަހާލަން އެއަށްވުރެ މޮޅު އެހެން ފުރުޞަތެއް އޭނައަށް ނުލިބޭނެއެވެ. އެކމަކުވެސް ހިތްވަރެއް ނުލިބުނެވެ.

ތަޢުލީމާއި ވަޒީފާގެ ގޮތުން ކިތަންމެ ކުރީގައި ހުރި ކަމުގައިވިޔަސް އަންހެންކުދިންނާއެކު ހިތުގެ ހާލު ބުނެދިނުމާއި އެނގުމުގައި ޚުދު އޭނަގެ ވެސް ފިނޑި ސިފަތަކެއް ހުރިކަން އެރޭ ނަވީންއަށް ޔަގީން ވިއެވެ.
** ** ** ** ** ** ** ** **
ޒިޔާދުއާއި ދޭތެރޭ ސުވާލުތަކެއް އުފެދުނު ކަމުގައިވިޔަސް އިނާއާއި ބައްދަލުވެ ވާހަކަ ދައްކާލުމަކަށް އެ ދުވަހުގެ ފަހުން އޭނައަށް އެއްވެސް ހުރަހެއް ނެތެވެ. އޭނަ ބޭނުން ނަމަ އިނާއަށް ގުޅަންވެސް ވީއެވެ. ފޯން ނަންބަރު ދިނީވެސް އިނާއެވެ. އޭނަ ބޭނުން ނަމަ އެގެއަށްގޮސްގެންވެސް އިނާއާއި ބައްދަލުކުރަންވީއެވެ. އެގޭގެ ދޮރުތައް އަބަދުވެސް ކޮންމެ ގަޑިއަކުވެސް އޭނައަށްޓަކައި ހުޅުވިފައިވާނެކަމުގެ ޔަގީންކަން ދިނީ އެގޭގެ ވެރިންނެވެ.

އޭގެ އިތުރަށް….ޚާލިދުއާއި އޭނައާއި ދެމެދުގައި ރަހްމަތްތެރިކަމެއް އުފެދިގެން ގޮސްފައި ވެއެވެ. އެކިއެކި ކަންތަކާއި މަޝްވަރާ ކުރުމާއި ބަހުސް ކުރުމުގައި ކޮންމެ ވަގުތެއްގައިވެސް ޚާލިދު ނަވީނަށް ގޮވާލަފާނެކަމީ ނަވީނަށް މިހާރު އެނގޭ ކަމެކެވެ. އެކަމަށްޓަކައި އޭނަ ވަރަށް އުފާ ކުރެއެވެ. އިނާއާއި ގުޅުން ބަދަހިކުރަން ކުރި މަސައްކަތުން ވަކި ނަތީޖާއަކާއި ހަމައަށް އަދި ނުދެވުނު ކަމުގައިވިޔަސް މާތް އިންސާނެއްގެ އިތުބާރާއި ގަދަރު އޭނައަށް ގައިމުވެސް ލިބިއްޖެއެވެ.

އެރޭގެ އެ ކެއުމުގެ ފަހުން ނަވީން އެގެއަށް އައިސް ގޮސް ހަދައެވެ. ގިނަފަހަރަށް އެއީ ޚާލިދުގެ ދަޢުވަތަށެވެ. އެހެންވިޔަސް އެއިން ކޮންމެ ވަގުތަކުވެސް އޭނައާއި އިނާއާއި ބައްދަލުވެއެވެ. މާގިނަ ވާހަކަތަކެއް ދައްކާލަން ވަގުތު ނުލިބުނު ކަމުގައިވިޔަސް ދިމާވެއެވެ. އެކަމުން އޭނަ އައީ ބުނަންވެސް ނޭނގޭފަދަ އުފަލެއް ލިބިގަންނަމުނެނެވެ.
ނަވީންގެ ހިތް އެދެމުން ދިޔައީ އިނާއަށްޓަކައި އޭނަގެ ހިތުގައި އުފެދެމުން އަންނަ އިހްސާސަށް ކިޔާނެ ނަމެއް ވީހާވެސް އަވަހަކަށް އިނާ ކައިރިން އެހުމަށެވެ. އެހެންނަމަވެސް ……… ވަގުތު އައީ ނަވީން ހުއްޓުވުމަކުންނެވެ.

މަހެއްހާ ދުވަހުގެ ތެރޭގައި އެތަކެއްފަހަރު ދެމީހުން ބައްދަލުވެފައިވާއިރުވެސް އެ ދެމެދުގައި މާކަ ބޮޑު ރަހްމަތްތެރިކަމެއް އަދި މާކަ ބޮޑު ގާތް ގުޅުމެއްވެސް އުފެދިފައި ނުވެއެވެ. މިކަން އެހެން މީހުންނަށް ނޭނގުނު ނަމަވެސް ހަގީގަތަކީ މިއީއެވެ.

މިކަން ޚާލިދުއާއި ޝީލާއަށްވެސް ފާހަގަ ކުރެވޭހެނެއް ހިއެއް ނުވެއެވެ. ކީއްވެހެއްޔެވެ؟ ހިލޭ ފިރިހެނަކު ދެއިރު ދެދަޅައަށް އެމީހުންގެ ޒުވާން އަންހެންދަރިފުޅުގެ ރަހްމަތްތެރިއެއްގެ ގޮތުގައި އެގެއަށް އައިސްގޮސް ހަދާއިރު އެކަމާއި އެމީހުންގެ ހިތުގައި ސުވާލު ނުއުފެދެނީ ކީއްވެހެއްޔެވެ. އަނެއްކާ އެހާ ރަހްމަތްތެރިބަޔަކުވެއްޖިއްޔާ އެ ރަހްމަތްތެރިކަމާ އަޅާ ކިރާލެވޭމިންވަރަށް ވާހަކަ ދައްކަން ނުތިބޭކަންވެސް ފާހަގަ ކުރެވެން ވެއްޖެ ނޫންހެއްޔެވެ. އެކަމަކު އެކަކަށްވެސް އެކަން ފާހަގައެއް ނުވެއެވެ.

ނަވީނަށް ނޭނގެނީ އެހެން ފާހަގަ ނުވާ ސަބަބެކެވެ.

އަނެއްކޮޅުން އިނާ…..އިނާ ފެންނަމުން ދިޔައީ ލަދުރަކި ސާދާ އަންހެންކުއްޖެއްގެ ގޮތުގައެވެ. ކޮންމެހެން ބުނަން ޖެހޭ އެއްޗެއް ނޫނީ ނުބުނާ އަންހެންކުއްޖެކެވެ. އެހެން ބަޔަކު ނެތިއްޔާ އެތަނަކު ނަވީނާއި އެކުގައި އެކަނި ނުއިނުމަށް އިންތިހާއަށް މަސައްކަތް ކުރެއެވެ. ރުޅިއަކުން ނުވަތަ ފޫއްސަކުންވިޔަސް ނޫންކަން ކިތަންމެ ރަނގަޅަށްވެސް އެނގެއެވެ. އޭނައާއި ހަތަރުކަޅިހަމަވާ ކޮންމެ ފަހަރަކު އިނާ ލަދުގަނެއެވެ. އިސްޖަހައެވެ. ވީހާވެސް އަވަހަކަށް ކުރިމަތިން ދުރަށް ދެވޭތޯ ބަލައެވެ. އެހެންނަމަވެސް ނަވީން ނުބަލާހެން ހީވަންޏާ ނަވީނާއި ދިމާލަށް ވަރަށް ބަލާކަންވެސް ނަވީނަށް އެނގެއެވެ. އެއިން އެއްވެސް ފަހަރަކު އިނާގެ މޫނަކުން ރުޅިއެއް ނުރުހުމެއް ނަވީނަށް ފެނިފައި ނުވެއެވެ.

ނޭނގޭ ބަޔަކަށް ނޭގުނުކަމުގައިވިޔަސް ހަގީގަތުގައި އެދެމީހުންނަކީވެސް އާއިލާ މެދުވެރިކޮށް ދެމީހުންގެ ބައްދަލުވުމަށް މަގުފަހިކުރާ ދެ ބީރައްޓެހިންނެވެ. އެގޮތަށް ބައްދަލުވާން އެކަކު ބޭނުންވި ސަބަބު އަނެއްމީހާއަށް ނޭގެއެވެ. އަދި އެ ސަބަބު ބުނެދޭކަށް އެކަކުވެސް ނުމެއުޅޭމެއެވެ. ހިތުގައި އޮތް އެއްޗެއް ހިތުގައި ބާއްވައިގެން ދުވަހަކަށްފަހު ދުވަހެއް ދެމީހުންވެސް ދިޔައީ ގުނަމުންނެވެ.

އެއްމަސް ދެމަހަށްވެގެން ދިޔައިރުވެސް ނަވީން ހޯދަމުން އައި ފުރުޞަތު ނަވީނަކަށް ނުލިބެއެވެ. ރަނގަޅު ވަގުތެއް ހޯދައިގެން އިނާއަށް ލޯބި ހުށަހެޅުމަށް ނަވީން ނިންމައިގެން އުޅެނީ އިނާ ފެނުނު ދުވަހުން ފެށިގެންނެވެ. އެހެންނަމަވެސް ފެނުނުތާ މާގިނަދުވަހެއް ނުވެ އިނާގެ ރަހްމަތްތެރިޔަކަށް ވެވި އެކަމަށް މެދުވެރިވި ޒިޔާދުއާއި ދޭތެރޭ ކޮންމެވެސް ވަރެއްގެ ޝައްކެއް އުފެދިފައި އޮތުމުގެ ސަބަބުން ނަވީން ޚިޔާލު ކުރިހާ އަވަހަކަށް އެ ވާހަކަ އިނާއަކަށް ހުށަނޭޅުނެވެ.

އެއްމަސް ދެމަހަށްވީއިރުވެސް އިނާއާއި ގާތްކަމެއް ނުއުފެއްދުނު ނަމަވެސް އެހާތަނަށް އައިއިރު ޒިޔާދު އަކީ ކާކުކަން ނަވީނަށް އޮތީ އެނގިފައެވެ. ހިތަށް ލުއި ލިބިގެން ދިޔައީ އެ ދުވަހުގެ ފަހުންނެވެ. އިނާ އާއި އޭނައާއި ދެމެދަށް ހުރި ހުރަހެއްކަމަށް ޒިޔާދު އާއި ދޭތެރޭ ދެކެވުނުކަމީވެސް ކުރެވުނު މޮޔަ ޚިޔާލެއްކަމަށް ނަވީން އަމިއްލަ ނަފްސަށް އެއްބަސް ވިއެވެ.

“ޒިޔާދު…….ޒިޔާދު އަކީ….އާމް….ޒިޔާދު އަކީ މި ފެމިލީ ރައްޓެއްސެއް. އައްޑޫއަށް އައިސް އުޅެނީ އަމިއްލަ ކަމަކު. ދެން އާދެވުނީމަ މިގެއަށް އައިސް ގޮސް ހަދަނީ. ” މިއީ އެ ވާހަކަ ދެކެވުނު ގޮތެވެ. މި ވާހަކަ މިހެން ނަވީނަށް ބުނެދިނީވެސް ޚުދު އިނާއެވެ.
“މިގެ އެކަނި ކަންނޭނގެ ދޯ މި ރަށުގައިވެސް ޒިޔާދު ދަންނަ ގެއަކަށް ހުރީ. އެހެނެއް ހިއެއްނުވޭތަ އިނާއަކަށް” ހީލަމުން އޭނަ އެހެން އެހި ކަމުގައިވިޔަސް އެހެން އެހުނީ ޚުދު އޭނަގެ ހިތް ޒިޔާދުއާއި ދޭތެރޭ ރަނގަޅު ނޫންވީމައެވެ.
“ވެދާނެ ދޯ……..” އިނާގެ ވާހަކައިންވެސް އަމަލުންވެސް ޒިޔާދު އާއި ދޭތެރޭ މާކަ ބޮޑު ޝައުގެއް ހުރިހެނެއް ހިއެއް ނުވެއެވެ. ނަވީން ހިތް ހަމަޖެހުނެވެ. އެ ވާހަކަ އިނާ ބުނި ދުވަހުން ފެށިގެން އުއްމީދުގެ ބައްތިތައް ވަނީ ނަވީންގެ ވަށައިގެން ދިއްލިފައިވާތީ ނަވީނަށް ފެންނަން ފެށިއެވެ.
** ** ** ** ** ** ** ** **
އެންމެފަހުން އެ ރަނގަޅު ދުވަސް އައިސްޖެހިއްޖެއެވެ. އިނާއާއި ބައްދަލުވިތާ މިހާރު ހަތަރުމަހަށްވުރެވެސް ގިނަ ދުވަސް ވެއްޖެއެވެ. އުފާވެރިކަމުގެ ދުވަސް ތަކެކެވެ. އެހުރިހާ ދުވަސްވަންދެން ރީތި ހުވަފެނެއްގައި އުޅެވުނު ފަދައެވެ. ބަހަނާއަކަށް މެދުވެރިވި އާއިލާ މީހުންގެ އެހީތެރިކަމަކީ އޭނައަށް އިނާއާއި ބައްދަލުވެ އުޅުމަށް ލިބުނު ރަނުގެ ފުރުޞަތު ތަކެކެވެ. އިނާ އާއި މާ ގިނަ ވާހަކަތަކެއް ދައްކަން ފުރުޞަތު ތަކެއް ނުލިބުނު ކަމުގައިވިޔަސް، އޭނައަށްވުރެ ފަސޭހައިން ލޯބިވާ އަންހެންކުއްޖާއާއި ބައްދަލުވެ ފެނިދެނިވެ އުޅެވޭ އެހެން ޒުވާނަކު ހުންނާނެހެއްޔެވެ.

ޑިސެމްބަރ އެގާރަ ވަނަ ދުވަހަކީ އެ ޚާއްޞަ ދުވަހެވެ. އާދައިގެ މަތިން އެރެއަކީވެސް ރޭގަނޑުގެ ކެއުމަށް ނަވީނަށް އެގެއިން ގޮވާފައި އޮތް ރެއެކެވެ. ވަކި ޚާއްޞަ ދުވަހެއް ވެގެނެއް ނޫނެވެ. ހަމަ އާދައިގެ މަތިންނެވެ.

އެކަމަކު ނަވީނަށް………
ނަވީނަށްޓަކައި އެއަށްވުރެ ބޮޑު އެހެން ރެއެއް އޮންނާނެހެއްޔެވެ.

އާއްމު ގިނަރޭތައް ފަދައިން މިރޭވެސް ނަވީން ގޮސް ބެލް ޖަހާލުމުން އައިސް ދޮރު ހުޅުވީ އިނާއެވެ. ނަވީން އުއްމީދުކޮށްގެންހުރީވެސް އެހެން ވުމަށެވެ.
ނަވީނަށް ހުރިހާ ކަމެއް ހަނދާން ނެތުނު ކަހަލައެވެ. އިނާގެ ރީތިކަމުންނެވެ. ތުނިތުނި ފޮއްޗެއްގެ ހުދު މައްޗަކާއި ހުދު ޖިންސެއްގައި މިރޭ އިނާ ފެންނަނީ އެހެން ހުރިހާ ރެއަކަށްވުރެވެސް ރީތި ކަމަށެވެ.
ނަވީންގެ ހަނދާނަށް އައީދުނިޔޭގެ އެންމެ ރީތި އެއް ދޫނިކަމަށްވާ ކަރުދިގު އަސްދޫންޏެވެ. ނުވަތަ އިނގިރޭސިބަހުން ކިޔާނަމަ ސްވޭން އެވެ. ހީވަނީ އިނާއަށްޓަކައިވެސް އެރެއަކީ ވަރަށް ޚާއްޞަ ރެއެއް ހެންނެވެ. ނަވީން އަންނާނީ މިރޭ ޚާއްޞަ ކަމަކާއިގެންހެން ހީވެގެން ނަވީނަށްޓަކައި ރީތިވެގެން ހުރި ކަހަލައެވެ.

“އެތެރެއަށް ވަންނަންވީނު….” އޭނަ ދޮރު ހުޅުވުމުންވެސް ހަރަކާތެއް ނެތި ހަމަ ބަލަހައްޓައިގެން ހުންނަން ފެށުމުން އެތެރެއަށް ވަނުމަށް ނަވީނަށް ހަނދާން ކޮށްދިނީ އިނާއެވެ.
ސިޓިންގ ރޫމަށް ވަނެއްކަމަކު އެހެނިހެން ރޭތައްފަދައިން މިރޭ އެގެއަށް ވަދެގެން ދާކަށް ނަވީން ބޭނުމެއް ނުވެއެވެ. ސިޓިންގރޫމްގެ ސޯފާތަކާއި ދިމާއަށް ދިޔައެއްކަމަކު އިށީންނާކަށްވެސް މިރޭ އޭނަ ބޭނުމެއް ނުވެއެވެ. އޭނަ ބޭނުން ވަނީ އިނާއާއި އެކަނި ވާހަކަދައްކާލަން އޭނައަށް ލިބުނު މަދު ވަގުތުކޮޅުގެ ބޭނުން ހިފަން އޭނަ ބޭނުން ވިއެވެ.

“އިނާ……..” އިނާގެ ފަހަތުން ވަދެފައި އަޅާލި މަދުފިޔަވަޅުތަކަށްފަހު ނަވީން ގޮވިއެވެ. އިނާވެސް ނަވީންގެ އެ ގޮވާލުމަށް ހަމަ ވަގުތުން ހުއްޓި އެނބުރި ބަލާލިއެވެ.
“އިނާކައިރީ ވާހަކައެއް ދައްކާލަން ބޭނުންވެގެން ހުންނަތާ ދުވަސްކޮޅެއްވެއްޖެ. ވަގުތުކޮޅެއް……..” ނަވީނަށް ބުނެވުނީ އެހިސާބަށެވެ. ވާހަކައެއް ދައްކަމުން ދައްކަމުން ގޭތެރެއިން ނުކުމެގެން ޚާލިދު އާއި ޝީލާ އެ ދިމާލަށް އަންނަ އަޑު އެ ދެމީހުންނަށްވެސް އިވިއްޖެއެވެ.
ނަވީން އަވަސް އަވަހަށް ސޯފާއާއި ދުރަށް ޖެހިލިއެވެ. ޝީލާއާއި ޚާލިދުއަށް ފެންނާނެ ހެންނެވެ.

“އަނހަނ. ނަވީން އެބައުޅެމު ދޯ؟ އަޅުގަނޑުމެން ހީކޮށް މިތިބީ އަދި މިހިސާބަށް ނަވީނަށް ނާދެވެނީކަމަށް.” ނަވީން ފެނުމުން ސަލާމް ކުރުމަށް އަތްދިއްކުރަމުން މިހެން ބުނީ ޚާލިދެވެ. އޭނަގެ އެދުމާއެކުވެސް ބަދަލުނުކުރެވުނު މާތް ބަހުރުވައިންނެވެ. މުޅިއަކުން ގޯހެއްވެސް ނޫނެވެ. އެ އާއިލާގެ އެންމެންވެސް އެކަކު އަނެކަކާއި ވާހަކަ ދައްކަނީ އަޅުގަނޑު ކިޔައިގެން ކަމަށްވާތީ އެހެން މުޚާޠަބް ކުރިކަމުގައި ވިޔަސް އެވަރު އޭނައަށްވެސް ގަބޫލުކުރަން ފަސޭހައެވެ. ޚުދު އޭނަގެ އާއިލާގައިވެސް އެކަކު އަނެކަކަށް މުޚާޠަބް ކުރަނީ އެގޮތަށް ކަމަށްވާތީއެވެ.

ޚާލިދު އާއި ޝީލާ އެތަނަށް ނުކުތުމުން ހިނދުކޮޅަކު ހުރެލާފައި އިނާ ވަނީ އެތެރެއަށެވެ. ނަވީނަށް ޖެހުނީ އެ ދެމަފިރިންނާއެކު އިށީންނާށެވެ. ނަމަވެސް އެ ދެމަފިރިން ދައްކާ ވާހަކައަށް އޭނައަށް ސަމާލުވާން ވަގުތުކޮޅެއްވެސް ނެގިއެވެ.
ހިތުގައިވާ އެއްޗެއްގެ ބަރުކަމުން ހަމަ އުނދަގޫ ވީއެވެ.

އިރުކޮޅަކުން އަނެއްކާވެސް އިނާ އެތަނަށް ނުކުމެއްޖެއެވެ. އަދި ޝީލާ އިށީނދެ އިން ސޯފާގެ އަނެއްކޮޅުގައި އިށީނދެގެން އިނދެއްޖެއެވެ. އިނާއަށް އެހާ ފާޅުގައި ނުބެލުމަށްޓަކައި ކުރެވެން އޮތްހާ މަސައްކަތެއް ނަވީން ދިޔައީ ކުރަމުންނެވެ. އިނާއަށް މިކަން ފާހަގަ ވެއެވެ. ހަމަ އެގޮތަށް އިނާގެ މޫނުމަތީގައި ހުރި ލާނެތް ހިނިތުންވުންވެސް ނަވީނަށްވެސް ދިޔައީ ފާހަގަ ވަމުންނެވެ. އޭނަގެ ހާލު އިނާއަށް ކިތަންމެ ރަނގަޅަކަށްވެސް އެނގޭކަން އެ ހިނިތުންވުން ސާބިތު ކޮށްދެއެވެ.

މާގިނައިރެއް ނަސީބަކުން އެތަނުގައި ނުވެއެވެ. ބަދިގޭގައި ކައްކަން އުޅޭ ޒުލޭހާ އައިސް ޝީލާ ކައިރީ ބުނި އެއްޗެއް ބުނުމުން ކެއުމަށްޓަކައި އެންމެންވެސް ކާކޮޓަރިއަށް އައުމަށް ޝީލާ ގޮވާލިއެވެ.
“ދަރިފުޅު ނާންނަނީތަ؟ އާދޭ….” އެންމެން ތެދުވެގެން ހިނގައިގަތްއިރުވެސް އަދި ނުތެދުވެ އިން އިނާއަށް މުޚާޠަބްކޮށް ޝީލާ މިހެން ބުނުމުން ޚާލިދު އާއެކު ގޮސްގޮސް ހުރި ނަވީން ފަސް އެނބުރިފައި އިނާއާއި ދިމާލަށް ބަލާލިއެވެ. ކަންދިމާކުރި ގޮތުން އިނާވެސް އިނީ ނަވީނަށް ބަލަންކަމުން ނަވީންގެ މޫނުގެ ކުލަވަރު އިނާއަށް ފެނުނެވެ. ނަވީންގެ މޫނުން އިނާއަށް ފެނުނީ ކުޅޭ އެއްޗެއް ލިބެން އުޅެފައި ނުލިބުނީމަ ކުޑަކުއްޖެއްގެ މޫނުމަތީން ފެންނަން ހުންނާނެ ކުލަވަރެވެ.

އިނާ ގާތަށް އައީ ލުއި ހިންޏެކެވެ.

ކާމޭޒުދޮށުގައި އެކިއެކި ވާހަކަތައް ދެކެވެމުން ދިޔައީ ހަމަ އެފަދަ އެހެން ރޭތަކެކޭވެސް އެއް ފަދައިންނެވެ. ޝީލާ އާއި ޚާލިދު އާއި ކިތަންމެ ގިނައިން ބައްދަލުވިޔަސް އެދެމީހުން ދައްކާނެ ވާހަކަ ހުހެއް ނުވާނެއެވެ. އުމުރުގެ ތަފާތެއް އެ ރަހްމަތްތެރިކަމަކުން ނުފެންނާނެއެވެ. ޝައުގުވެރިވާފަދަ އަދި ބިނާ ކުރުވަނިވި ވާހަކަތައް އަބަދުވެސް ދައްކަވާނެއެވެ. އެހެން ރޭރޭ އެ ވާހަކަތަކަށް ގެއްލިފަ ނަވީންއަށް އިނދެވުނު ކަމުގައިވިޔަސް މިރޭ އެ ވާހަކަތަކާއި ނަވީން މާ ގަޔާވާހެނެއް އެއްވެސް މީހަކަށް ހިއެއް ނުވެއެވެ. ދެކެވެމުން ދާ ވާހަކައިގެ ފޫހިކަމަކުން ނޫނެވެ. ނަވީންގެ ހިތުގެ ހާލު މާ ދެރަ ރެއަކަށް މިރޭ ވީއެވެ.

އެކިއެކި ވާހަކަ ދެކެވެމުން ގޮސް ޚާލިދު ޗުއްޓީއެއް ނެންގެވުން ބުއްދިވެރިވާނެ ވާހަކަ ޝީލާ ބުނެފިއެވެ. އަނެއްކާ ޚާލިދު ބަލިވީ ބާވައެވެ.

“ކީއްކުރާ ޗުއްޓީއެއްތޯ؟ ޚާލިދު ބަލިވީތޯ؟ ނޫނީ ތަނަކަށް ދުރުވަނީތޯ އަނެއްކާވެސް؟” ވާހަކައިގައި ބައިވެރިވުމުގެ ގޮތުން ނަވީން އަހާލިއެވެ.
މި ފާއިތުވި ހަތަރު ވަރަކަށް މަހުގެ ތެރޭގައިވެސް ޚާލިދު ރަށުން ބޭރަށް ނޫނީ ގައުމުން ބޭރަށް ނުދާ ހަފްތާއެއް މަދުވާނެއެވެ. ދެ ދުވަހަށް ނުވަތަ އެއް ދުވަހަށްވެސް ޚާލިދު އަކީ ވަރަށް ގިނައިން ދަތުރު ކުރައްވާ ބޭކަލެކެވެ.

“އާނ. ކިތަންމެ ދުވަހެއް ކުޑަ ދުވަސްކޮޅަކަށް ޗުއްޓީއެއް ނަގަން ބުނާތާ. މާލޭއަށް ގޮސްލަން އެބަޖެހޭ ކޮންމެހެންވެސް.” ތަށްޓަށް ގްރީން ސަލަޑް އަޅަމުން ޝީލާ ވާހަކަ ދެއްކިއެވެ.

“އެއީ ކީއްކުރަންވަންތޯ؟” އޭނާ ހީކުރާ ގޮތާއި ޚީލާފަށް ޚާލިދު މިފަހަރު ދުރުވަނީ މާލެއަށް ތާއެވެ.
“އިނާގެ………”
“މަންމާ…..” ޝީލާގެ އަނގައިން އިނާއޭ ބުނެވުމާއެކު އިނާގެ އަޑުން މަންމާއޭ ކިޔާފަ ގޮވާލިއަޑު ތަންކޮޅެއް ބާރުހެން ހީވެގެން ނަވީނަށްވެސް ބަލާލެވުނީއެވެ.
“ކިހިނެއްވީ ދަރިފުޅާ” ޝީލާވެސް ހީކުރީ އިނާއަށް ކަމެއް ވީ ކަމަށެވެ.
އިނާ އެއްވެސް އެއްޗެއް ނުބުނެއެވެ. މަންމައަށް ބަލާލާފަ ދެން ބަލާލީ ނަވީނަށެވެ. ކޮންމެވެސް އެއްޗެއް ބުނަން އުޅެފައި ޖެހިލުންވެގެން ހުއްޓާލީކަން އެންމެންނަށްވެސް އެނގުނެވެ.
“ނަވީން އިނީމަތަ….؟ އެކަމަކު ދެން ދޯ….ހެހެހެހ” ލޯތްބާއެކު އިނާގެ އަތުގައި ފިރުމަމުން ޝީލާ މިހެން ބުނެލާފައި އަނެއްކާވެސް ކެއުމާއިގެން މަޝްއޫލް ވިއެވެ.
“އައްދެ ނަވީން ހާދަ ކަންބޮޑުވެފަ ތިއިނީ” ޝީލާ މިހެން ބުނީ ނަވީންގެ މޫނު ފެނުނީމަކަން ޔަގީނެވެ. ހިތުގެ ހާލު އެނގޭނަމަ ތިއަށްވުރެވެސް ބޮޑަށް އޭނައަށް ހަމްދަރްދީވާނެއެވެ. މިއީ ނަވީންގެ ހިތަށް އެރި ގޮތެވެ.

“ނަވީން ކުރިއަށް ގެންދޭ. އިނާގެ ކައިވެނީގެ ވާހަކަ ދައްކާ ކޮންމެ ފަހަރަކު އިނާ އުޅޭނީ އެ ވާހަކަ ހުއްޓުވަން. އެކަމަކު އެވެސް ކުރަން ޖެހޭ ކަމެކޭ. އެވާހަކަ ދައްކައިގެނެއްނު ނިންމޭނީ. ނަސީބެއްނު މިހާ ދުވަސްކޮށްފަވިޔަސް އިނާވެސް ރުހޭ ޒުވާނަކާ ދިމާވިކަން. ” ޝީލާ އިނީ އުފަލުންނެވެ. ދައްކަމުން ދިޔައީ ވަރަށް އާދައިގެ ވާހަކައެއް ފަދައެވެ.

އެކަމަކު ނަވީނަށްޓަކައި އެއީ އާދައިގެ ވާހަކައެއް ނޫނެވެ. ނަވީނަށް ހީވީ ކެއި އެތިކޮޅުވެސް ކަރުތެރޭގައި ތާށި ވިހެންނެވެ. އަނެއްކާ އޭނަ ބުނުމުގެ ކުރިން އޭނަ އާއި ގުޅެން ބޭނުންވާ ވާހަކަ އިނާ އޭނަގެ މަންމަ ކައިރީ ދެއްކީ ހެއްޔެވެ؟ ޔަގީނެވެ. އެވީ އެހެންނެވެ. ކޮން ކަހަލަ އަންހެން ކުއްޖެއް ހެއްޔެވެ؟

ޝީލާ އާއި ޚާލިދު މާލެއަށް ދާ ވާހަކަ މިރޭ ހަމަ ކޮންމެހެންވެސް އެ ފެށީ އޭނައާއި ދިމާކުރަންކަންނޭނގެއެވެ. އިއްޔެ ގުޅުއްވިއިރުވެސް މި ވާހަކަ އެމީހުންނަށް އެނގިފައި އޮތީތާއެވެ. އިނާ އެ އޮތީ އޭނަގެ މައިންބަފައިން ކައިރީ އޭނައާއި ކައިވެނި ކުރަން ބޭނުންވާ ވާހަކަ ބުނެފައިތާއެވެ. ހޮސްޕިޓަލުން ދިމާވިރޭ ޒިޔާދުއަށް އޭނައަކީ ރައްޓިއްސެކޭ ބުނެދިންގޮތަށް މަންމަ އާއި ބައްޕައަށްވެސް އޭނައާއި ރުހޭކަން އެންގީތާއެވެ.

އެވާހަކަ އިތުރަށް ޝީލާ އަށް ނުދެއްކުނެއްކަން އެއްގޮތުން ރަނގަޅެވެ. އެހެން ނޫންނަމަ އެ ދެމަފިރިން މާލެއަށް އެ ދަނީ ނަވީންގެ މައިންބަފައިންނާއި ބައްދަލުކުރާށޭ ޝީލާގެ ދުލުން ބުނާ އަޑު އިވޭނެއެވެ. އޭނަ އެކަހަލަ އެއްވެސް ވާހަކައެއް އަދި ނުދައްކާއިރު ޝީލާ އާއި ޚާލިދުއަށް އެކަން އެނގިގން އެކަމާ ދިމާކުރަން ފަށައިފިއްޔާ އޭނަ ހަމަ ހަގީގަތުގައިވެސް ވަރަށް ލަދު ގަތީހެވެ. އިނާ ހާދަ ރަނގަޅެވެ. އެ ވާހަކަ ހުއްޓުވީތީއެވެ.

ނަވީން ހިތާހިތުން އިނާއަށް ޝުކުރުވެރިވިއެވެ.

“ނަވީން އަށް އެނގޭތަ؟ ދެން އޮތީ ހަމަ އެންމެ ތިންމަސް ދުވަސް. މާރޗް މަހުގެ ތޭވީސް އެއީ އިނާގެ ނަވާވީސް ވަނަ އުފަން ދުވަސް. އަހަރެމެން ބޭނުން ވަނީ އެ ދުވަހު އިނާގެ ކައިވެނިވެސް ކުރުވަން. އިނާވެސް އެދުނީވެސް އެގޮތް.” އިނާވެސް އަދި ނަވީންވެސް ހީކުރި ގޮތެއް ނުވިއެވެ. އެދެމީހުންވެގެންވެސް ހުއްޓުވަން އުޅުނު ވާހަކަ ޝީލާ އެ ދަނީ ދައްކަމުން ކުރިޔަށެވެ.

އިނާގެ ކަންބޮޑުވުން ބަލާލާ ކޮންމެ މީހަކަށްވެސް އެނގޭނެއެވެ. އޫ ހިފަހައްޓައިގެން އިން އަތުގެ ރީތި އިނގިލިތަކުގައި ތުރުތުރެއް އުފެދިފައި ވެއެވެ. އިސްޖަހައިގެން ތަށްޓަށް ބަލަން އިނެއްކަމަކު ތަށީގައި ހުރި އެއްޗެއް ފެންނަހެން ހީނުވެއެވެ.

އަނެއްކޮޅުން ނަވީން ހަމަ މުޅިން ކެއުން ހުއްޓާލައިފިއެވެ. ކުރިމަތީގައި ހުރި ޓިޝޫއެތިން ޓިޝުލެއް ނަގާ ތުން ފޮހެލައިފިއެވެ. ކެއުން ނިންމާލިކަން ޔަގީނެވެ.
ވާހަކަ މިދަނީކީ އޭނަ ހީކުރި ކަހަލަ ގޮތަކަށް ނޫނެވެ. އޭނަ ބޭނުންވަނީ އެވާހަކަ މިގަޑީގައި ނުފެށުމަށެވެ. އޭނައަށް އޭނަގެ ހިތުގެ ހާލު އިނާއަށް ބުނެނުދެވެނީސް އިނާގެ މައިންބަފައިން އޭނަގެ ކައިވެނި އިނާއާއި ހަމަޖައްސައިގެން އެކަމާ އުފާކުރާކަށް އޭނަ ބޭނުމެއް ނޫނެވެ. އޭނައަށް އެތަނުން ނުކުމެވޭނެ ނަމައެވެ.

އިނާގެ އަސްލު އުމުރުވެސް އޭނައަށް މިއެނގުނީ އަދި ކިރިޔާއެވެ. އެކަމަކު އޭނައަށް އަދި ހަމަ އެއްވެސް ވާހަކައެއް ނުދެއްކިގެން އުޅެނިކޮށް އިނާގެ އާއިލާގެ މީހުން އެތިބީ ތާރީޚާއި ދުވަސްވެސް ކަނޑައަޅައިގެންނެވެ. މިގޮތެއް ކަމަކު ނުދެއެވެ.

“މިހާރު ހުރިހާ ވާހަކަތަކެއް ދައްކައި ނިމިއްޖެ……ތަންކޮޅެއް ކުރިން ވެޑިންގ ޑްރެސް ފަހަން ދޭންޖެހޭނެހެން ހީވާތީ މާލެއަށް މި ދަނީ އެކަމާވެސް އެކު. އެއަށްވުރެ ކުރިން އަދި ނަވީންގެ މަންމަ އާއި ބައްޕައާއިވެސް ބައްދަލުވާން ޖެހޭނެދޯ ޚާލިދު؟” ޝީލާގެ އުފާވެރި އަޑު ނެތް ނަމަ މިހާރު އެ ކާކޮޓަރި ތެރެއިން އިވޭނީ އިނާ އާއި ނަވީންގެ ނޭވާ “އުފުރޭ” އަޑެވެ.

ޚާލިދުވެސް އިނީ ކެއުމާއި އިރުކޮޅަކަށް ދުރަށް ޖެހި އާއިލާއަށް ލިބެން އުޅޭ އުފަލުގެ އިހްސާސް ކުރަން ޝީލާއަށް ބަލަހައްޓައިގެންނެވެ.

ނަވީންގެ ހާލު ވަރަށް ދެރައެވެ.
އޭނަގެ މަންމައާއި ބައްޕައާއި ބައްދަލުވާ ވާހަކަ ހެއްޔެވެ؟ ނަވީނަށް މޭޒުގައި ބާރަށް ހިފަހައްޓާލެވުނެވެ.
މިހިރީ އޭނައެވެ. ފުރަތަމަ ޖެހޭނީ އޭނައާއި ވާހަކަ ދައްކަން ނޫން ހެއްޔެވެ؟ މަންމަ އާއި ބައްޕައާއި ހިސާބަށް ދާން ޖެހޭނީ ފަހުންތާއެވެ. ޚާލިދު އާއި ޝީލާ އާއި ދެމަފިރިންނަކީ ކިތަންމެ މުއްސަނދި ބަޔަކަށް ވިޔަސް އޭނަގެ އަމިއްލަ ކަމެއް އޭނައާއި ވާހަކަ ދެކެވިގެން ނޫނީ ނިމިގެން ނުވާނެއެވެ. މިއިން އެއްވެސް ވާހަކައެއް އިނާ އޭނައަށް ނޭންގީ ކީއްވެހެއްޔެވެ؟ އަރަތެއް ކަހަލަ އަންހެން ކުއްޖެއްތާއެވެ. ކޮންމެވެސް ވަރަކަށް އިނާދެކެ ނަވީނަށް ނުރުހުން ވެވުނެވެ.

“ނަވީންމެންގެ އެޑްރެހަކީ “ޕާރލް ވިއު” ދޯ…؟” ޝީލާ ދެއްކި ވާހަކައިގައި ބައިވެރިވަމުން ޚާލިދުއެއްސެވިއެވެ.
“އާދެ. އެކަމަކު އަޅުގަނޑު އަދި އެއްވެސް…..” ނަވީން މަސައްކަތް ކުރީ ވާހަކަ ދައްކާށެވެ.

“ނަވީން އެއްވެސް ކަމެއް ކުރައްވާކަށް ނުޖެހޭނެ. އަޅުގަނޑުމެން ގޮސް ހުރިހާ ކަމެއްވެސް ހަމަޖައްސާލަފާނަން. ޝީލާ ހުއްޓާ ގެއަކަށް ގޮސްފަ ހަދަންވީ ގޮތް ނޭނގިގެން ތިބޭކަށް ނުޖެހޭނެ. ދައްކަން ޖެހޭ ވާހަކަ ދައްކަންވީގޮތް ޝީލާއަށް ވަރަށް ރަނގަޅަށް އެނގޭނެ.” އުފާވެރި ރާގަކަށް ޚާލިދު ބުންޏެވެ.

“އެނގުނަކަސްވެސް….އެ ގެއެއްގެ އުޅޭ މީހުންވެސް މަރުޙަބާ ކިޔަންޏާ ދޯ ވާހަކައެއް ދެއްކޭނީވެސް. ޚާލިދު އެހެން އެ ބުނުއްވަނީ ޒިޔާދުމެންގެއަށް ދިޔަ ދުވަހު ކަންތައް ވީގޮތުން. އަސްލު އެދުވަހު ގޮސް ވަދެވުނީ ފުރަތަމަ ނުބައި ގެއަކަށް. އެހެންވެ އެކަން ޖޯކަކަށް އެ ހައްދަވަނީ. އެކަމަކު ޒިޔާދުގެ މަންމައާއި ދިމާވުމުން ހުރިހާ ކަމެއް ހަމަޖެހުނު. ޒިޔާދުގެ މަންމަ އަކީ ވަރަށްވެސް އުފާވެރި މިޒާޖެއްގެ ރަނގަޅު މަންމައެއް. ” ޝީލާ ކިޔައިދިނެވެ.

“އެހެންތޯ………؟” ޝީލާ ދެންމެ އެ ދެއްކި ވާހަކައިން މާ ބޮޑު އެއްޗެއް ނަވީނަށް ނުވިސްނުނު ނަމަވެސް އެހެންހޭ އަހާލީ ވާހަކައިގައި ބައިވެރިވުމުގެ ގޮތުންނެވެ. އެކަމަކު ނަވީން މުޅިން ހަމަޖެހުނީކީ ނޫނެވެ.

ދެން ނަވީނަށް ފެނުނީ އިނާ ތެދުވި ތަނެވެ. އިނާގެ މޫނުން ފެންނަނީ ކަންބޮޑުވުމާއި ލަދުވެތި ކަމެވެ.

” އަސްލު ފުރަތަމަ ނުވެސް އެނގޭ ޒިޔާދުއަކީ ކޮންގެއެއްގެ ކުއްޖެއްކަންވެސް. ކޮންބައެއްކަންވެސް ނޭނގި ތިބެ ޒިޔާދުއަށް އާނބަސް ބުނެވުނީވެސް. އެހާވަރަށް އުޅުނޭ އިނާގެ ފަހަތުން.” އިނާ ދިޔަ ފަހުން ދެން ޝީލާ ބުނި އެއްޗަކީ އެއީއެވެ.
އެހިސާބުން ނަވީނަށް އައްޔަށް ނުކުމެވެން ފެށިއެވެ.

“ކީކޭތޯ ތިބުނުއްވީ….؟” ނަވީންއަށް ހަމަ އަހާލެވުނީއެވެ. ގަސްތަކު ނޫނެވެ. އޭނައަށް މި ހީކުރެވޭ ދެގޮތުން ކުރެ ކޮންމެވެސް އެއްގޮތެއް ޔަގީންވާން ބޭނުން ވާތީ އަހާލެވުނީއެވެ.

“މިބުނީ ޒިޔާދުއަށް އާނއެކޭ ބުނެވުނު ވާހަކަ. އަޅެ ދެން މިތާކު ނޫންތަ ނަވީން ތި އިންނަނީ. މި ދައްކަނީ އިނާ އާއި ޒިޔާދުގެ ކައިވެނީގެ ވާހަކަ. ދެންމެ މިބުނީނު އެކަމާ މާލެދާ ވާހަކަވެސް. ޒިޔާދު އުޅެގަތްގަތީނުން އަހަރެމެންނަށް ޖެހުނީ އާނއެކޭ ބުނަން. އެވާހަކަ މި ބުނީ. މިރޭ އިނާ ހާދަ ކުޑަކޮށް އެކެއީ. ދިޔައީއޭ ދޯ” ޝީލާގެ އަނގައިން އެ ދިން “ބޮޑު ޚަބަރު” ގެ ވާހަކަ ނިންމާލީ އިނާ ކާން އިނދެފައި ދޫކޮށްފައި ދިޔަ ތަށްޓަށް ބަލާލަމުންނެވެ. އިނާގެ ކެއުމާއި ދޭތެރޭ ނޫން ކަމަކާ މާ ބޮޑު ފަރުވާލެއް ނެތް ފަދަ ގޮތަކަށެވެ.

އެހިސާބުން…އެ ސިކުންތުން ފެށިގެން ނަވީންގެ ކަންފަތް އިރުކޮޅަކަށް ބައްވިއެވެ. ޖެހޭވައިގެ އަޑުވެސް ނީވުނެވެ. ދައްކާ ވާހަކައެއްވެސް ތަށީގައި ކޭއްތޭ އުލާ ސަމުސަލެއްގެ އަޑެއްވެސް އަދި ފެންބޯތައްޓަށް ހަމްދު އެޅި ފެންވެސް އެޅި އަޑެއް ނީވުނެވެ. އެހެންނަމަވެސް އެ ހުރިހާ މަންޒަރުތަކެއްވެސް ނަވީން ދެކުނެވެ. ހުރިހާ މަންޒަރެއް ވަކިވަކިންނެވެ. އެއްވެސް އަޑެއް ކުލައެއް ނެތް ގޮތަކަށެވެ.
އެވީ ކީއްބާވައެވެ.

“އިނާ އެކަންޏެއް ނޫންކަންނޭނގެ. ނަވީންވެސް ނިންމާލީހެން ހީވަނީ.” ނަވީނަށް ބަލަން އިނދެފައި ޚާލިދުވެސް ބުނެލިއެވެ. ނަވީން ސިހުނީ އެހިސާބުންނެވެ. ފެންބޯންވެގެން ފެން ތަށީގައި ހިފިގޮތަށް އަތަށް ބާރުލެވިފައި އިނދެވުނުކަން އެނގުނީ އެވަގުތުއެވެ.

“ތެދެއް ނަވީން ނިންމާލީތަ؟” ޝީލާވެސް ނަވީންގެ ތަށްޓަށް ބަލަމުން އެހިއެވެ.
ނަވީނަށް އަނގައިން ބުނަން އުނދަގޫވީ ކަންނޭނގެއެވެ. އާނއެކޭ ބުނީ ބޮލުގެ އިޝާރާތުންނެވެ.

“ހާދަ ކުޑަގޮތެއް ތިހަދާލީ….” އޭނަ ކެއިވަރު މަދުވެގެން ޝީލާ މިހެން ބުނެލި ވަގުތު އަނެއްކާވެސް އައިސް އިނާ ކުރިންވެސް އޭނަ އިން ގޮނޑީގައި އިށީނދެއްޖެއެވެ.
“ދަރިފުޅުވެސް މިރޭ އެހާ ކުޑަކޮށް ތިކެއީ. މިއަދު ހެނދުނުގެ ސައިވެސް އެހެން. މެންދުރު ނުވެސް ކައި. އެހެންހަދައިގެން ކަމަކު ނުދާނެނު.” ބޮޑުސިންގާވެފަ ހުރި އިރުވެސް އިނާގެ ކެއުމުގެ އެންމެ ކުޑަ ތަފްސީލަށްވެސް ޝީލާ ސަމާލުކަން ދޭކަން ނަވީނަށް ފާހަގަ ކުރެވުނެވެ.

“ނަވީން އަދި ފޮނި އެއްޗެއްވެސް ކާނުލަމު.” އަނެއްކާވެސް ޝީލާ ވާހަކަ ދެއްކީ ނަވީނާއެވެ. މީގެ އިރުކޮޅެއް ކުރިން ދެއްކި ކައިވެނީގެ ވާހަކަޔާއި މާލެ ދާވާހަކަ މުޅިން ހުއްޓި ހުރިހާ އެންމެންގެ ވާހަކަވެސް ހުއްޓިފައި ހުރީ ކެއުމަށެވެ.

ވާނީވެސް އެހެންތާއެވެ. އެވާހަކަ އާ ވާހަކައަކަށްވީ ނަވީނަށެވެ. ޒިޔާދު އާއި އިނާގެ ކައިވެނީގެ ވާހަކައަކީ އެ އާއިލާއަށް އާ ވާހަކައެއް ނޫނެވެ. އެއީ މީގެ ދުވަސްތަކެއް ކުރިން ހަމަޖެހި ނިމިފައި އޮތް ކަމެކެވެ. އެކަން ނޭނގި އޮތީ ނަވީނަށެވެ.

އެކަމަކު ދެންމެ އެ އެނގުނީއެވެ.

“ނޫނޭ. އަޅުގަނޑު…މިދެން ވާވަރުވީހެން ހީވަނީ” ނަވީން މިހެން ބުނެލީ ދެ މާނައެއްގައެވެ. އަދި އެހެން ބުނީވެސް އިނާއާއި ދިމާލަށް ބަލާލަމުންނެވެ. ނަވީންގެ އެ ޖުމްލައިގެ އަޑު އިވިގެން އިނާވެސް ބަލާލިއެވެ. ހަތަރުކަޅި ހަމަވުމުން މިފަހަރު ނަޒަރު ބަދަލުކޮށްލީ އިނާއެއް ނޫނެވެ. ނަވީނެވެ. ނަވީން އެނބުރި ބަލާލީ ހަމްދު އާއި ދިމާލަށެވެ. އިނާގެ ސޫރަވެސް ދެކެން ބޭނުން ނުވިއެވެ.

** ** ** ** ** ** (ނުނިމޭ) ** ** ** ** ** **

ޚިޔާލު

  • ވާހަކަ.ކޮމް ގެ ޚިޔާލަކީ:

    ވާހަކަ.ކޮމްއަށް ލިޔުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ވާހަކަ ދަންނަވަން. އަދި މިވާހަކަ ވާހަކަ.ކޮމްގައި ޝާއިއުކުރާ ވާހަކަވެސް ދަންނަވަން،

Trackbacks