Live News From Hulhumeedhoo, Addu City

ސުންނަތް ޖަމާޢަތުގެ އަހުލުވެރިން އެއްބަޔަކު އަނެއް ބަޔަކަށް އޯގާތެރިވާށެވެ!

މާތް ﷲ ވަޙީކުރެއްވިއެވެ. ( يَا أَيُّهَا الَّذِينَ آمَنُوا اجْتَنِبُوا كَثِيرًا مِنَ الظَّنِّ إِنَّ بَعْضَ الظَّنِّ إِثْمٌ وَلَا تَجَسَّسُوا  ) ( ޙުޖުރާތު: 12) މާނައީ ” އޭ އީމާންވީ މީސްތަކުންނޭވެ! ތިޔަބައިމީހުން ގިނަ ކުށްހީއާއި ދުރުވާށެވެ! ހަމަކަށަވަރުން ބައެއް ހީއަކީ ފާފައެވެ. އަދި ތިޔަބައިމީހުން ޖާސޫސް ނުކުރާށެވެ! ”

އިސްވެދިޔަ މަތިވެރި އާޔަތުގައި އެވަނީ ގިނަ ކުށްހީތަކުން ދުރުވުމަށް އަމުރުކުރައްވާފައެވެ. އަދި އޭގެތެރެއިން ބައެއް ހީއަކީ ފާފަ ކަމުގައި އަންގަވާފައެވެ. އަދި ޖާސޫސްކުރުން ނަހީކުރައްވާފައެވެ. ޖާސޫސް ކުރުމަކީ މީސްތަކުންގެ ޢައިބުތައް ހޯދުމަށް ފާރަލައި ކަންކަން ކޮނެ ހޯދުމެވެ. އެކަން އެގޮތަށް ކުރަނީ މީހަކާމެދު ނުބައި އެއްޗެއް ހީކުރެވުމުގެ ނަތީޖާއެއްގެ ގޮތުންނެވެ. ސަލާމާއި ޞަލަވާތްލެއްވި ކީރިތި ރަސޫލާ ޙަދީޘްކުރެއްވިއެވެ.  ” إياكم والظن؛ فإن الظن أكذب الحديث، ولا تحسسوا، ولا تجسسوا، ولا تحاسدوا، ولا تباغضوا، ولا تدابروا، وكونوا عباد الله إخوانا ” رواه البخاري (6064)، ومسلم (2563). މާނައީ ” ތިޔަބައިމީހުން ހީތަކުން ދުރުވާހުށިކަމެވެ! ފަހެ ހީއަކީ އެންމެ ދޮގުބަހެވެ. އަދި ތިޔަބައިމީހުން އެއްބަޔަކު އަނެއް ބަޔަކަށް ކަންކަން ބަލަން ނޫޅޭށެވެ! އަދި އެއްބަޔަކު އަނެއް ބަޔަކަށް ޖާސޫސް ނުކުރާށެވެ! އަދި އެއްބަޔަކު އަނެއް ބަޔަކަށް  ޙަސަދަވެރި ނުވާށެވެ! އަދި އެއްބަޔަކު އަނެއް ބަޔަކަށް ރުޅިވެރި ނުވާށެވެ! އަދި އެއްބަޔަކު އަނެއް ބަޔަކަށް ފުރަގަސް ނުދޭށެވެ! އަދި ﷲ ގެ އަޅުންކަމުގައިވެ އަޚުންތަކެއްކަމުގައި ވާށެވެ!  أمير المؤمنين عمر بن الخطاب رضي الله عنه: ”  ވިދާޅުވިއެވެ. ” ولا تظنن بكلمة خرجت من أخيك المؤمن إلا خيراً، وأنت تجد لها في الخير محملا ” ތިބާގެ މުއުމިނު އަޚާގެ ކިބައިން ބޭރުވެއްޖެ ކަލިމައަކާމެދު އެބަހުގައި  ކިރިޔާވެސް ހެވެއް އެކުލެވިދާނެފަދަ މާނައެއް އޮތްހާ ހިނދަކު ހެޔޮގޮތަކަށް މެނުވީ ހީނުކުރާށެވެ!   ( ابن كثير في تفسير آية سورة الحجرات.)

بكر بن عبد الله المزني ވިދާޅުވިއެވެ.  ”  ތިބާ ވާހަކަދެއްކުމުގައި ރައްކަތެރިވާށެވެ! ތިބާ ރަނގަޅަށް ބުނެފިނަމަ އެބަހަކުން ދަރުމަ ލިބޭނެތެވެ. އަދި ނުބައިކޮށް ބުނެފިނަމަ ފާފަލިބޭނެތެވެ.މިގޮތުން ތިބާގެ އަޚާއާމެދު ކުށްހީކުރުމަކީ ފާފަ ވާނެކަމެކެވެ. ( في ترجمته من تهذيب التهذيب)
أبو قلابة عبد الله بن زيد الجرمي ވިދާޅުވިއެވެ.” ތިބާގެ އަޚާގެ ކިބައިން ތިބާ ނުރުހޭ ކަމެއް ފޯރައިފިނަމަ އޭނާއަށް އެކަމުގައި އޮވެދާނެ ޢުޛުރެއް ހޯދަން ގަދައަޅާ މަސައްކަތް ކުރާށެވެ! މި ގޮތުން ތިބާއަށް ޢުޛުރެއް ނުފެނުނުނަމަ ތިބާގެ އަމިއްލަ ނަފްސަށް ބުނާށެވެ. ފަހަރެއްގައި އަހަރެންނަށް އެނގިފައި ނުވާ ޢުޛުރެއް އަހަރެންގެ އަޚާއަށް އޮތީކަމުގައި ވެދާނެއެވެ.” (    الحلية لأبي نعيم [2/285]: )

سفيان بن حسين: ވިދާޅުވިއެވެ.” ތިމަންނަ إياس بن معاوية  ގާތުގައި މީހެއްގެ ނުބައިވާހަކަ ބުނީމެވެ. އެހިނދު ތިމަންގެ މޫނަށް ބައްލަވައި ވިދާޅުވިއެވެ. ތިބާ ރޫމުކަރައާއި ހަނގުރާމަކޮށްފިން ހެއްޔެވެ؟ ތިމަން ދެންނެވީމެވެ. ނޫނެކެވެ. ދެން ވިދާޅުވިއެވެ.” ސިންދު ކަރައާއި ހިންދުކަރަ އަދި ތުރުކީ އާއި ހަނގުރާމަކޮށްފިން ހެއްޔެވެ؟  ތިމަން ދެންނެވީމެވެ. ނޫނެކެވެ. ވިދާޅުވިއެވެ. ” ކަލޭގެ  ކިބައިން ރޫމްކަރަ އާއި ސިންދުކަރައާއި ހިންދުކަރަ އަދި ތުރުކީވިލާތް ސަލާމަތްވިއިރު ކަލޭގެ މުސްލިމު އަޚާ ކަލޭގެ ނުބައިކަމުން ސަލާމަތް ނުވިއެވެ. އޭނާ ބުންޏެވެ” ދެން ތިމަންނަ އެފަދަ ކަމެއް ނުކުރަމެވެ.  البداية والنهاية لابن كثير [13/121].

އަހުރެން ބުނަމެވެ. އިޔާސް ބުނު މުޢާވިޔާ އެދެއްވީ ކޮންފަދަ ފުރިހަމަ ޖަވާބެއްހެއްޔެވެ؟ އެބޭފުޅާ އަކީ ބުއްދިވެރިކަމުގައި މަޝްހޫރު ބޭފުޅެކެވެ. މިބަސްފުޅަކީ އެބޭފުޅާގެ ބުއްދިވެރިކަމުގެ ނަމޫނާއެކެވެ.
وقال أبو حاتم بن حبان البستي  ވިދާޅުވިއެވެ” ބުއްދިވެރިޔާގެ މައްޗަށް ވާޖިބުވެގެންވަނީ މީސްތަކުންގެ މައްޗަށް ޖާސޫސްކުރުމުން ދުރުވެ ތިމާގެ އަމިއްލަ ނަފްސުގެ ޢައިބުތައް އިޞްލާޙުކުރުމުގައި މަޝްޣޫލުވެ ސަލާމަތްކަން ހޯދައި ރައްކާތެރިވެ ހުރުމެވެ . އެހެނީ މީހުންގެ ޢައިބުތައް ހޯދުމުގެ ބަދަލުގައި ތިބާގެ ޢައިބުތައް ހޯދައި އިޞްލާޙުކުރުމުގައި އަވަދިނެތި އުޅޭމީހާ އޭނާގެ ހަށިގަނޑަށް އަރާމުހޯދައިފިއެވެ. އަދި އޭނާގެ ހިތަށް ދަތި އުނދަގޫ ކުރުމުން ރައްކާތެރި ވެގެންފިއެވެ.  ތިމާގެ ނަފްސުން ޢައިބެއް ފެންނަ ކޮންމެފަހަރަކު އަނެކާގެ ނަފްސުން ފެންނަ ޢައިބުތައް އެއީ ބޮޑު އެއްޗެއްކަމުގައި އެފަދަ މީހާ ނުދެކޭނެއެވެ. އެހެނީ ތިމާގެ ނަފްސުގެ ޢައިބުތައް ދޫކޮށް އަނެކުންގެ ޢައިތުތަކައިގެން މަޝްޣޫލުވެއްޖެމީހާގެ ލޯ ކަނުއެއްޗެއް ފަދައިން ވެދާނެތެވެ. އަދި އެފަދަ މީހާގެ ހައްޓަށް ބަލިކަމާއި ބުރަކަން ދޭނެތެވެ. އަދި އެހިދުން ތިބާގެ ނަފްސުގެ ޢައިބުތައް ހޯދައި އިޞްލާޙުކުރުމަށް ޢުޛުރުވެރި ވާނެތެވެ.  في روضة العقلاء (ص:131)
ޞަފްހާ ނަމްބަރު : 133 ގައި ވިދާޅުވިއެވެ. ” ޖާސޫސް ކުރުމަކީ  ނިފާޤުކަމު ބައިތަކުގެ ތެރެއިން ވާކަމެކެވެ. އަދި ހެޔޮކޮށް ހީކުރުމަކީ އީމާންކަމުގެ ބައިތަކުގެ ތެރެއިން ވާކަމެކެވެ. ބުއްދިވެރިޔަކީ އޭނާގެ އަޚުންނާމެދު  ރަނގަޅުގޮތް ހީކުރާމީހާއެވެ.  އޭނާ ވިސްނާ ކަމުގައިވާނީ އޭނާގެ ހިތުގެ ނުތަވަސްކަމާއި ، ހިތްދަތިކަމާއި މެދުގައެވެ.  އަދި ޖާހިލަކީ އޭނާގެ އަޚުންނާމެދު ނުބައިކޮށް ހީކުރާމީހާއެވެ. އެފަދަ މީހާ އޭނާގެ އަނިޔާތަކާއި ނުބައިކަންކަމާއި މެދު ނުވިސްނާނެތެވެ.

އަޞްލު ލިޔުއްވީ  : އަލް ޢައްލާމާ ޢަބްދުލް މުޙްސިން އަލް ޢައްބާދު  حفظه الله
ތަރުޖަމާ : އަޙްމަދު ސަމީރު ބިން އިބްރާހީމް ޙުސައިން

މިލިޔުމަށް ޚިޔާލު ނުފޮނުވޭ.