Live News From Hulhumeedhoo, Addu City

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ދެއްވި 99 ވަނަ ރޭޑިޔޯ ޚިޠާބު

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު

بســم اللّـه الرّحمـن الرّحيــم
السّـلام عليـكم

މިއަދަކީ 27 މެއި 2011 ވީ ހުކުރު ދުވަސް. ރާއްޖޭގެ އިޤްތިޞާދު މިހާރަށްވުރެ ހަރުދަނާ ކުރުމަށްޓަކައި ސަރުކާރުން މިހާރު ފަށާފައިވާ ޕްރޮގްރާމްތަކާއި އަދި ރާއްޖޭގެ އިޤްތިޞާދީ ޙާލަތު ރަނގަޅު ކުރުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކާ ބެހޭގޮތުން މިދިޔަ ހަފްތާގައިވެސް އަޅުގަނޑު ވާނީ ތިޔަބޭފުޅުންނަށް މަޢްލޫމާތު އަރުވާފައި.

އެނގިވަޑައިގަންނަވާނޭ ފަދައިން، އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް، އައި.އެމް.އެފް.ގެ މާލީ އެހީތެރިކަން ލިބިދެވޭނެފަދަ މާލީ ސިޔާސަތެއް އެކުލަވައިލުމާ ގުޅޭގޮތުން މަޝްވަރާތައް ކުރުމަށް، މިމަހުގެ 10ން 24 އަށް ރާއްޖެއަށް ޒިޔާރަތް ކުރެއްވި އެފަންޑްގެ ބޭފުޅުން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ސަރުކާރުގެ ކަމާބެހޭ އިސްބޭފުޅުންނާ ވަނީ ބައްދަލުކުރައްވާފައި. އަދި އަޅުގަނޑުވެސް އެބޭފުޅުންނާ ބައްދަލުކުރިން.

މި މިޝަންގެ ބޭފުޅުންނާ ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއެކު ބޭއްވުނު މަޝްވަރާތަކުގައި، އައި.އެމް.އެފް.ގެ އެހީގައި 3 އަހަރުގެ އިތުރު އިޤްތިޞާދީ ޕްރޮގްރާމެއްގައި، ރާއްޖެ ބައިވެރިކުރުމަށް ސްޓާފް ލެވެލްގައި، އެއްބަސްވުމަކަށް ވަނީ އާދެވިފައި.

މިޝަންގެ ބޭފުޅުން ރާއްޖެއަށް ކުރެއްވި ޒިޔާރަތާ ގުޅިގެން ނެރުއްވި ބަޔާނުގައި، ރާއްޖޭގެ އިޤްތިޞާދަށް ގެނައުމަށް ސަރުކާރުން ހުށަހަޅާފައިވާ ބަދަލުތަކަށް، އެބޭފުޅުން ވަނީ ތާއީދު ކުރައްވާފައި. އަދި އެބަދަލުތަކުގެ ސަބަބުން، ރާއްޖޭގެ އިޤްތިޞާދު ހަމައަކަށްއެޅި، ހަރުދަނާވެގެންދާނެކަން ފާހަގަކުރެއްވި.

ރާއްޖޭގެ އިޤްތިޞާދު ހަލުވިކަމާއެކު ކުރިއަށްދިޔަނަމަވެސް، ދައުލަތުގެ އާމްދަނީއަށްވުރެ ޚަރަދު ބޮޑުވުމުގެ ސަބަބުން، ރާއްޖޭގެ އިޤްތިޞާދަށް އެކަމުގެ އަސަރު ކުރަމުންދާކަން އެބޭފުޅުން ފާހަގަކުރެއްވި. އަދި މިފަހަކަށްއައިސް، އިންފްލޭޝަންގެ ސަބަބުން ރާއްޖެއަށް ގޮންޖެހުންތަކެއް ކުރިމަތިވެފައިވީނަމަވެސް، އިންފްލޭޝަން އެއްހަމައެއްގައި މަތިވަމުންދާކަން ފާހަގަކުރެވިފައިނުވާ ކަމަށް އެބޭފުޅުން ވަނީ ވިދާޅުވެފައި. ޑޮލަރުގެ ގަނެ ވިއްކުމުގެ އަގު، ވަކިމިންވަރެއްގެ ތެރޭގައި ހިފެހެއްޓުމަށް ނިންމި ނިންމުމަކީ، ސަރުކާރުން އެޅި ރަނގަޅު ފިޔަވަޅެއްކަން އެބޭފުޅުން ވަނީ ފާހަގަކުރައްވާފައި. އެހެން ނަމަވެސް، މިކަންތައްތައް ރަނގަޅު ގޮތެއްގައި ދެމެހެއްޓުމަށާއި، އިޤްތިޞާދު ކުރިއެރުވުމަށާއި، އިންފްލޭޝަން ރޭޓް ދަށްކުރުމަށް ހަރުދަނާ، ފިސްކަލް އަދި މަނިޓަރީ ސިޔާސަތެއް ކަނޑައެޅިފައި އޮތުމަކީ، ވަރަށް މުހިންމު ކަމެއް ކަމަށް ސަރުކާރުން ދެކޭ. އަދި އެކަން އައި.އެމް.އެފް.އިންވެސް ފާހަގަކުރޭ.

މީގެކުރިން ދުވަހެއްގައިވެސް އަޅުގަނޑު ދަންނަވާލި ފަދައިން، ދައުލަތުގެ ޑެފިސިޓް ކުރެވޭނީ، ދައުލަތަށް އާމްދަނީ ލިބޭނެ އިތުރު ގޮތްތައް ހޯދައި އަދި ޚަރަދުތައް ކުޑަކުރެވިގެން. މިކަން ކުރެވެން އަންނަނީ، ރައްޔިތުންގެ މަޖިލީހުގެ ފުރިހަމަ ރުހުން ލިބިގެން. އަދި މިކަންތައްތައް ކުރިއަށް ގެންދެވޭނީ، ޓެކްސްގެ އިދާރީ ކަންތައްތަކާއި، ދައުލަތުގެ ހިސާބު ބެލެހެއްޓުން ހަރުދަނާކޮށްގެން.

ކުރިން އަޅުގަނޑު ދަންނަވާލިފަދައިން، އައި.އެމް.އެފް.ގެ ލޯނު އެހީގައި ހިންގޭ 3 އަހަރު ދުވަހުގެ އިޤްތިޞާދީ ޕްރޮގްރާމްގައި ރާއްޖެ ބައިވެރިކުރުމަށް ސްޓާފް ލެވެލްގައި އެއްބަސްވުމަކަށް އާދެވިފައިވުމާއެކު، އެ އެއްބަސްވުން ދިރާސާކޮށް، އައި.އެމް.އެފް.ގެ އެގްޒެކެޓިވް ބޯޑުގެ ރުހުން ހޯދުމަށް، މިއަހަރުގެ ޖުލައި މަހު ހުށަހެޅޭނެ ކަމަށް ލަފާކުރެވޭ.

މި ޕްރޮގްރާމްގައި ރާއްޖެއަށް ބައިވެރިވެވޭކަމީ، ދިވެހި ސަރުކާރަށް ވަރަށްބޮޑު ހިތްވަރެއް ލިބޭ ކަމެއް. މިކަމުގެ ސަބަބުން ބައިނަލްއަޤްވާމީ މުޖްތަމަޢުގައި ރާއްޖެއާމެދު އޮންނަ އިތުބާރާއި ޔަޤީންކަން އިތުރުވެ، ބައިނަލްއަޤްވާމީ އިތުރު އިންވެސްޓްމަންޓްތައް ރާއްޖެއަށް ލިބުމުގެ ފުރްޞަތުތައް ތަނަވަސްވެގެންދާނެ.

ރާއްޖެއިން މިޕްރޮގްރާމްގައި ބައިވެރިވުމުގެ ޝަރުޠަކަށް ހުށަހަޅާފައިވަނީ ދައުލަތުގެ އާމްދަނީ އިތުރުކުރުން. ދައުލަތުގެ އާމްދަނީ އިތުރުކޮށް، ތަހުޒީބު އިޤްތިޞާދެއް ބިނާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އާ ދައުރު ފެށެންވާއިރަށް ޓެކްސް ނެގުމާބެހޭ ބިލްތަކެއް އެމަޖިލީހަށް ސަރުކާރުން ހުށަހެޅުމަށް މިހާރުދަނީ ތައްޔާރުވަމުން. މިފުރްޞަތުގައި އަޅުގަނޑު، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންގެ އަރިހުން މިއެދެނީ، މިބިލްތައް ފާސްކޮށްދެއްވައި، ސަރުކާރުން ހުށަހަޅާފައިވާ އިޞްލާޙުތައް ތަންފީޛު ކުރުމަށް ސަރުކާރަށް ފުރިހަމަ އެއްބާރުލެއްވުން ދެއްވުމަށް. މިދައުލަތާއި ރައްޔިތުންގެ ތަރައްޤީ ގުޅިފައިވަނީ، ދައުލަތުގެ އާމްދަނީއާ.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް މިއަދަށްވުރެ އަދި މާ ފާގަތި މާދަމައެއް ލިބުން. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.

والحمد للّـه. والسّـلام عليـكم.

މިލިޔުމަށް ޚިޔާލު ނުފޮނުވޭ.