Live News From Hulhumeedhoo, Addu City

ދިވެހިރާއްޖެ ހަތަރު އަނގޮޅިއެއްގައި.

(މި ލިޔުމަކީ މިއަދު ނޫހުގައި ޝާޢިޢު ކޮށްފައިވާ ޕްރޮފެސަރ ސެލީނާ މުޙްސިންގެ ރިޕޯޓެކެވެ، ޕްރޮފެސަރ ސެލީނާ މުޙްސިން އަކީ ރާއްޖެއަށް ކުރީގައި ކަނޑައަޅުއްވާފައި ހުންނެވި ބަންގްލަދޭޝްގެ ހައިކޮމިޝަނަރެވެ. އަދި މިހާރު އެކަމަނާއަކީ އިނގެރޭސިވިލާތުގެ ކޮމަންވެލްތު ސެކްރެޓޭރިއެޓްގެ ހެޑް އޮފް އެޑިއުކޭޝަން އެންޑް ހިއުމަން ރިސޯސް ޑިވެލޮޕްމަންޓްއެވެ.

ވެރިކަން ކުރައްވާ ޕާޓީއާއި ދެކޮޅަށް އިދިކޮޅުފަރާތްތަކުން ކުރައްވަމުން ގެންދާ ސިލްސިލާ އިޙްތިޖާޖްތަކާއި އަދި މުޒާހަރާތްތަކުގެ ސަބަބުން ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް އިންތިޚާބްކުރެވުނު ޑިމޮކްރެޓިކް ސަރުކާރު މިއަދު މިވަނީ ވަރަށް ނާޒުކު ފައްތަރަކަށް އެޅިފައެވެ.

އަހަރަކަށް ވުރެ ގިނަ ދުވަސްވެފައިވާ ޑޮލަރުގެ ތާށިކަމުގެ ސަބަބުން ޤައުމުގެ އިޤްތިސާދު ހީނަރުވެ ޑޮލަރުގެ ކަޅުބާޒާރު ދަނީ އިހަށް ވުރެ ބާރަށް އާއުސްމިންތަކަށް އަރަމުންނެވެ. ދާދިފަހުން، ދިވެހިރުފިޔާގެ އަގުވަނީ އޭގެ ޙަޤީޤީ އަގަށްވުރެ މާމަތީގައިކަމަށް ހާމަކުރައްވައި ރައީސް މުޙައްމަދު ނަޝީދު ވަނީ ދިވެހި ރުފިޔާގެ އަގު ދަށް ކުރައްވާފައެވެ. އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އާއި ރާއްޖޭގެ މައިބޭންކު ކަމުގައިވާ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ވަނީ ސަރުކާރުގެ މި ނިންމެވުމަށް މަރުހަބާވިދާޅުވެ، މިނިންމެވުމަށް ތަރްހީބުދެއްވައި، ވާގިވެރިވެދެއްވާފައެވެ.

ނަމަވެސް، ރާއްޖެއަކީ މުޅީންހެން ބޭރުން އެތެރެކުރާ މުދަލަށް ބަރޯސާވަމުން އަންނަ ޤައުމަކަށް ވުމުގެ ސަބަބުން ރާއްޖޭގެ އާންމު ރައްޔިތުންގެ ދިރިއުޅުމުގެ އަގު މިއަދު ވަނީ 20 އިން ސައްތަ އިތުރުވެ، އަތްނުފޯރާ ފަށަށް އަރައިފައެވެ. ފާއިތުވި ދެއަހަރުތެރޭ މަޑުމަޑުން ރުފިޔާގެ އަގު ދަށްކުރެއްވި ނަމަ ރައްޔިތުންނަށް މިނިންމެވުން ބަލައިގަންނަން ފަސޭހާވުން އެކަށީގެންވެއެވެ. ނަމަވެސް، ކުރިމަތިވެދާނެ އިތުރު އިޤްތިސާދީ މުސީބާތްތަކާއި ކާރިޘާތަކުން ރެކިގަތުމަށް ސަރުކާރަށް މިފަދައިން ނިންމަވަން ވަނީ މަޖްބޫރުވެފައެވެ.

ތަކެތީގެ އަގުތައް ޖަށްވަށް، ފަޒާއަށް އެރުމުން އިދިކޮޅުފަރާތްތަކާއި އަދި ވެރިކަން ކުރައްވާ އެމްޑީޕީއާއި ދެމެދު ހިނގަމުން އަންނަ ދުވަސްވީ ހަތުރުވެރި ކޯޅުންގަނޑު އިތުރަށް ވަރުގަދަވާންފެށިއެވެ. އިދިކޮޅު އެންމެ ބޮޑު ޕާޓީގެ އެތެރޭގެ ހަމަނުޖެހުން އޭގެ އިންތިހާއަށްގޮސް، ޒަޢީމް-ޑީއާރްޕީގެ ނަމުގައި ރެޖިސްޓަރ ނުވާ ޕާޓީއެއް ކުރީގެ ރައީސް މައުމޫންގެ ޒަޢާމަތުގެ ދަށުން އުފެއްދެވުމާއިއެކު، ސަރުކާރުން ނެންގެވި ފިޔަވަޅާ ގުޅިގެން، މި ފެކްޝަނުގެ އަމިއްލަ ސިޔާސީ މަސްލަޙަތާއި އެދުމުގެ ލަގަނަށް ބާރަށް ދަންމަވައި، ރައްޔިތުން ހާނަވަމުންދާކަމަށް ވިދާޅުވެ ސަރުކާރާއި ދެކޮޅަށް އިޙްތިޖާޖްކުރައްވަން ފެއްޓެވިއެވެ. ޤައުމުގެ އިޤްތިސާދު ފުނޑުފުނޑުވުމުގެ ޒިންމާ ސަރުކާރުން ނަންގަވަން ޖެހޭނެކަމަށާއި އަދި އިންވެސްޓުކުރުމަށް ހުރި ރަނގަޅު ފުރުސަތުތަކުގެ އެންމެ އެދެވޭ ބޭނުން ނުކުރައްވާ ކަމަށާއި ސަރުކާރުން އެއްވެސް ހަމައެއްލަމައެއްނެތި ބޭކާރު ޚަރަދުބަރަދު ކުރައްވަމުން އަންނަ ކަމަށް މިފަރާތަތަކުން ތުޙުމަތު ކުރައްވައެވެ. މެދުއިރުމަތީގައި ހިނގަމުންދާ މުޒާހަރާތްތައް ތަމްސީލްކުރާކަމަށް ވިދާޅުވާ، އިދިކޮޅުފަރާތްތަކުން ސަރުކާރާއި ދެކޮޅަށް ކުރައްވަމުންގެންދަވާ ސިލްސިލާ މުޒާހަރާތައް ކުރައްވަނީ ރާޒުވާ ކުޅިބަޔަކަށް ޒުވާނުން ބޭނުންކުރައްވައި، ޒުވާނުންގެ ހަރަކާތްތަކުގެ ނަމުގައެވެ.

ރާއްޖޭގެ އިޤްތިސާދުވަނީ ހަނާވެފައިކަމަށް 2008 ވަނަ އަހަރު ވޯރލްޑް ބޭންކުން ވިދާޅުވި ވިދާޅުވުން، އަމިއްލަ ސިޔާސީ އެދުންތަކުގެ ސަބަބުން އިދިކޮޅުފަރާތްކުގެ ހަނދުމަފުޅުން ފަހަރުގައި ކައްސާލާފައިވުން އެކަށީގެންވެއެވެ. އޭރުގެ ސަރުކާރުގެ ޙަރަދުތަކާއި ދަރަނިތައް ބޮޑުވެފައިވުމުގެ ނަތީޖާއެއްގެގޮތުން ޖީޑީޕީގެ ނިސްބަތުން ބަޖެޓް ޑެފިސިޓްވަނީ 31 އިންސައްތާގައި ވުމާއިއެކު އިންފްލޭޝަން ރޭޓްވަނީ 12 އިން ސައްތައިގައެވެ. ވޯރލްޑް ބޭންކުން ހާމަކުރެއްވިގޮތުގައި، ގިނަޕާޓީތަކުގެ މެދުގައި ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވުނު ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައި ރައީސް ނަޝީދު ވެރިކަމާއި ހަވާލުވެވަޑައިގަތް އިރު އެމަނިކުފާނާއި ކުރިމަތިލައްވަން ޖެހިވަޑައިގަތީ 1950 އަހަރުގެ ފަހުން ދުނިޔޭގެ އެއްވެސް ޤައުމަކަށް ކުރިމަތިވެފައިނުވާފަދަ ބޮޑު އިޤްތިސާދީ ކާރިޘާއަކާއިއެވެ.

އިދިކޮޅުފަރާތްތަކުގެ އަނިޔާވެރި، ހަމަނުޖެހުންބޮޑު މުޒާހަރާތައް ބައިނަލްލަޤުވާމީ ޚަބަރުފަތުރާ ވަސީލަތްތަކުން ކަވަރުކުރުމުގެ ސަބަބުން ރާއްޖޭގެ އެންމެ ބޮޑު ސިނާޢަތުކަމުގައިވާ ފަތުރުވެރިކަމުގެ ސިނާޢަތަށް ވަނީ ވަރަށް ބޮޑު ނުރަނގަޅު އަސަރުކޮށްފައެވެ. އެހެނީ، އިދިކޮޅުފަރާތްތަކުގެ މުޒާހަރާތަކުގައި ހިނގާފައިވާ މާރާމާރީ އާއި އެކިއެކި ނޭއްގާނީ ޖަރީމާތަކުގެ މަންޒަރުތައް ފެނި ބޭރުގެ ބައެއް ޤައުމުތަކުންވަނީ އެޤައުމުތަކުގެ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރުމުގައި ސަމާލުވެތިބުމަށް އިންޒާރު ނެރުއްވާފައެވެ. މިގޮތުން ހޮންގްކޮންގުންވަނީ ރާއްޖެއަށް ދަތުރުކުރުމާއިމެދު އެޤައުމުގެ ރައްޔިތުންނަށް އޮރެންޖުކުލައިގެ އިންޒާރެއްދެއްވާފައެވެ. މިރަމްޒުގެ އިންޒާރު، ހޮންކޮންގުން ދީފައިވާ ޤައުމުތަކުގެ ތެރޭގައި ހިމެނެނީ އިޒްރޭލް، އީރާން، އިންޑޮނޭޝިއާ، ރަޝިއާ އަދި ޕާކިސްތާނެވެ. ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ޤައުމަކީ ހޮންގްކޮންގް އެޤައުމަކަށް ނިސްބަތްވާ ޗައިނާއިންނެވެ.

ޙަބަރުފަތުރާ ވަސީލަތްތަކުން ފެންނަ މަންޒަރުތަކުން ރާއްޖޭގެ ޙާލަތުގެ ގޯސްވެފައިވާކަމަށް ހީވެފައިވުމުގެ ސަބަބުން ޓައިވާނުގެ ޓްރެވެލް އޮޕަރޭޓުންވެސް ދަނީ ބުކިންގްސްތައް ކެންސަލްކުރަމުންނާއި ލަސްކުރަމުންނެވެ. މިސަރަޙައްދުގައި ބޭއްވޭ އެންމެ ބޮޑު ފަތުރުވެރިކަމުގެ މައުރަޒުކަމުގައިވާ ދުބާއީގައި ބާއްވާ އަރަބިއަން ޓްރެވެލް މަރްކެޓްގައި ރާއްޖޭގެ ފަތުރުވެރިމުގެ ސިނާޢަތުގެ ފަރާތުން ބައިވެރިވެފައިވާ މަންދޫބުން ވިދާޅުވެފައިވަނީ، ރާއްޖޭގައި މިހާރު ހިނގަމުންދާ ހަލަބޮލި މުޒާހަރާތަކުގެ ސަބަބުން ބޭރުގެ ގިނަ ޤައުމުތަކެއްގެ ފަތުރުވެރިންދަނީ ބުކިންގްސްތައް ކެންސަލްކުރަމުންނެވެ. މިކަމުގެ ސަބަބުން ރާއްޖޭގެ އިޤްތިސާދު އަދި މިހާރު އޮތްވަރަށް ވުރެވެސް ބޮޑަށް ނިކަމެތިވެގެންދާނޭ ކަމީ އެއްވެސް އޮޅުމެއް ތޮޅުމެއް ނުވާ ޙާޤީޤަތެކެވެ. އެހެނީ ރާއްޖެއަށް އެންމެ ގިނައިން ބޭރުފައިސާ އެތެރެވަނީ ފަތުރުވެރިކަމުގެ ދާއިރާއިންނެވެ. ފަތުރުވެރިކަމަށް މިފަދަ ގޮންޖެހުންތައް ދިމާވާނަމަ އިނދަޖެހޭނީ ރާއްޖޭގެ އިޤްތިސާދެވެ.

މިތަނުގައި އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވާ ނުކުތާއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތު ވިޔެވިފައިވަނީ ވަރަށް ފަރުވާތެރިކަމާއި ހުރިހާ ކަމަކަށް ބައްލަވާފައެވެ. ފަތުރުވެރިންނާއި އާންމު ރައްޔިތުން މަސްހުނި ނުވާނޭ ފަދަ ގޮތަކަށެވެ. އެއްބަޔަކު އަނެއްބަޔަކަށް އުނދަގޫ ނުވާނެ ފަދަ ގޮތަކަށެވެ. ރާއްޖޭގެ ގިނަ ރިސޯޓުތައް ހުންނަނީ ވެރިކަން ކުރާ މާލެއާއި ދުރު ރަށްތަކުގައެވެ. އަދި މާލެއާއި ރާއްޖޭގެ ބައިނަލްލަޤްވާމީ އެއަރޕޯރޓް ވަކިން އޮތުމުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް މާލޭގައި ހިނގާ ސިޔާސީ ކޯޅުންތަކުގެ އެއްވެސް ހިލަމެއް ނުވާނެއެވެ. ނަމަވެސް، ހިތާމަޔަކީ ބޭރުގެ މީޑިއާގެ އަތް ފޯރާފަށަށް، އިދިކޮޅުފަރާތްތަކުން ބާއްވަމުން އަންނަ ޖަރީމާތައް ގިނަ މުޒާހަރާތަކުގެ ޚަބަރު އަންނާތީއެވެ.

އިދިކޮޅުފަރާތްތަކުން ބޭރުގެ މީޑިއާތަކަށް ދޮގުޚަބަރުތައްވެސް ފަތުރާފައިވާކަމަށް ވިދާޅުވެ ރާއްޖޭގެ ޚާރިޖީ ވަޒީރު އަޙްމަދީ ނަސީމް ވަނީ އިދިކޮޅުފަރާތްތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

“މިފަދަ މުޒާހަރާތައް ރާވަމުންގެންދަވާ ފަރާތްތަކުން މިމުޒާހަރާތަކުގައި ރައްޔިތުންގެ މުދަލަށް ދެމުންދާ ގެއްލުންތަކުގެ ސަބަބުން ބޭރަށް ދައްކުވައިދޭ ތަސައްވުރުގެ ފުރިހަމަ ޒިންމާ ނަންގަވަން ޖެހޭނެ،” މިނިސްޓަރު ނަސީމް އިތުރަށް ވިދާޅުވެފައިވެއެވެ.

މިއާއި ވިދިގެން އިދިކޮޅު ޑީއާރްޕީގެ ލީޑަރު އަޙްމަދު ތަސްމީނު ވަނީ މިނިސްޓަރ ނަސީމްގެ މިވާހަކަފުޅަށް ރައްދުދެއްވާފައެވެ. ތަސްމީނު ވިދާޅުވިގޮތުގައި، ފަތުރުވެރިކަން ރައްކައުތެރިކުރުމަށޭ ވިދާޅުވެ ޑިމޮކްރަޓަކް އިސްލާހްތަކަށާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ވަކާލަތުކުރާ ސަރުކާރުގެ ވެރިޔަކު މުޒާހަރާތައް ބޭއްވުމަކީ ބުއްދިވެރިގޮތެއް ނޫންކަމަށް ވިދާޅުވުމީ ހައިރާންވެ އަންތަރީސް ވާންޖެހޭ ކަމެއް ކަމަށެވެ. ރާއްޖޭއަށް އެންމެ ފައިސާ ލިއްބައިދޭ ދާއިރާއަކީ ފަތުރުވެރިކަމުގެ ދާއިރާކަމާއި. ފަތުރުވެރިކަން ރައްކައުތެރިކުރުމަކީ ކިހާވަރެއްގެ މުހިއްމުކަމެއްކަން ތަސްމީނަށް އެނގިވަޑައިނުގަންނަވާ ކަހަލައެވެ. މީގެން ދޭހަކޮށްދެނީ، އަދުގެ ސަރުކާރު ބަދުނާމުކުރެއްވުމުގެ ގޮތުން މިބޭފުޅުން ޤައުމުގެ ހެވާއިލާބަ ލިބިދޭ ކަންކަންވެސް ފާރުބުޑަށް ޖައްސަވާލައްވަން ތައްޔާރަށް ތިއްބެވިކަމެވެ.

ޤާނޫނު އަސާސީއާއި ޚިލާފަށް ސަރުކާރު ވައްޓާލުމުގެ ބަދަލުގައި ރިޔާސީ އިންތިޚާބެއްގައި ވާދަކުރައްވައި ބަލިކުރެއްވުމަށް ރައީސް ނަޝީދުވަނީ އިދިކޮޅު ފަރާތްތަކަށް ގޮން ޖައްސަވާފައވެ. ދިވެހިފައިސާގެ އަގުދަށްކުރުމަށް ރައީސް ވިދާޅުވީ އެމަނިކުފާނު ނެންގެވި ފިޔަވަޅަކީ އައިއެމްއެފްގެ ލަފަޔާއި އިރުޝާދުގެ ދަށުން ނެންގެވި މުހިއްމު ފިޔަވަޅެކެވެ.

ސުލްޙަވެރި އިޙްތިޖާޖްތަކާއި މުޒާހަރާތައް ބޭއްވުމީ ޤާނޫނީ ގޮތުން ހުއްދަކަމެކެވެ. ނަމަވެސް، ވެރިކަމަށް އޮންނަ ދަހިވެތިކަމުގެ ސަބަބުންނާއި އަދި ސިއްރު ސިޔާސީ އެޖެންޑާތަކުގެ ސަބަބުން ގިނަ ޑިމޮކްރެޓިކް ޤައުމުތަކުގައިވެސް މިފަދަ މުޒާހަރާތައް ބޭއްވުމަކީ ވަރަށް ނާދިރު ކަމެކެވެ.

” މެދުއިރުމަތީގައި އަޅުގަނޑުމެންނަށް ފެންނަނީ ޑިމޮކްރެޓިކް އިސްލާހީ ބަދަލަކަށް ގޮވާލާބަޔަކު އެޤައުމުތަކުގެ ޚުދުމުޚްތާރު ސަރުކާރުތަކާއި ދެކޮޅަށް މަގުތަކަށް ނިކުންނަތަން. ނަމަވެސް ހިތާމަޔަކީ، މި ރާއްޖޭގައި މިފެންނަނީ  ކުރީގެ ޚުދުމުޚްތާރު ސަރުކާރަށް ނިސްބަތްވާ ބަޔަކު ރާއްޖެގެ ފުރަތަމަ ޑިމޮކްރެޓިކް ސަރުކާރާއި ދެކޮޅަށް މަގުތަކަށް ނިކުންނަތަން،” ދިވެހި ސަރުކާރުގެ އިސްތަރުޖަމާނަކު ހާމަކުރައްވާފައިވެއެވެ.

“އަޅުގަނޑުމެންގެ (އެމެރިކާ) ކަހަލަ މިއަށްވުރެ ގިނަ ދުވަސްވީ އަދި ހަރުދަނާ ޑިމޮކްރަސީތަކުގައިވެސް ސިޔާސީ ބޭފުޅުންނަށް ޕާޓީގެ ލައިނުން ބޭރުން، ހެޔޮ ވެރިކަމެއް ކުރުމަށްޓަކައި ޢަދުލުވެރިކަމާއި، ޕާޓީ ތަޢައްސުބުން ދުރުވެގެން ހުރެ އެކުގައި މަސައްކަތް ކުރެއްވުމަކީ އެއީ ވަރަށް އުނދަގޫކަމަށް ވަނީ. ނަމަވެސް އެ އެންމެހާ ބޭފުޅުންގެ މަންފާއެއް އޮތްކަމެއް ކަމުގައިވާނަމަ ނިކަން އަވަހަށް އެކުގައި ވަރަށް ފޯރީގައި މަސައްކަތް ކުރައްވާނެ،” ރާއްޖެއަށް ކުރެއްވި ޒިޔާރަތެއްގައި އެމެރިކާގެ އެސިސްޓަންޓް ސެކްރެޓަރީ އޮފް ސްޓޭޓް ފޮރ ސައުތު އެންޑް ސެންޓްރަލް އޭޝިއަން އެފެއަރޒް، ރޮބާރޓް ބްލޭކް ވިދާޅުވެފައިވެއެވެ.

މީގެ ދުވަސްކޮޅެއް ކުރީން އިދިކޮޅު ޕާޓީތަކުގެ ޒުވާނުންނާއި ސަރުކާރުގެ މަންދޫބުންތަކަކާއި ވަނީ ބައްދަލުވުންތަކެއް ބާއްވައިފައެވެ. ނަމަވެސް އެބައްދަލުވެގެން ދިޔައީ ނާކާމިޔާބު ބައްދަލުވުމަކަށެވެ. ސަރުކާރުން މިހާރު ގެންނަވާފައިވާ އިސްލާހްތަކަށް އިސްލާހް ގެންނެވުމަށް ޒުވާނުންގެ ފަރާތުން ދިޔައީ ޑިމާންޑުކުރަމުންނެވެ. އުޑުގައިވާ ތަރިތައް ބޭލުމަށް ޑިމާންޑުކުރުމަކީ އެއްވެސް ކަހަލަ ހަމަޖެހޭ ހެޔޮ ބައްދަލުވުންތަކަށް ތަންދޭނޭ ކަންތައްތަކެއް ނޫނެވެ.

މިހުރީހާ ކަމަކުން އަލިވެ ރޯޝަންވާ ޙަޤީޤަތަކީ މި ހިނގަމުންދާ މުޒާހަރާތަކަކީ ކޮންމެހެން ތަކެތީގެ އަގުތައް ބޮޑުވުމުގެ ސަބަބުން އެކަމާއި ދެކޮޅަށް އިޙްތިޖާޖްކުރުމުގެ ގޮތުން ބޭއްވޭ މުޒާހަރާތަކެއް ނޫންކަމެވެ. ނަމަވެސް، ރައީސް ނަޝީދުގެ ސަރުކާރު ވައްޓާލުމަށް ބާއްވަމުން އަންނަ ކަމެއްކަމެވެ. ޑިމޮކްރަސީގެ ނިމުން އަންނާނީ މިފަދަޔަކުންނެވެ.

މިލިޔުމަށް ޚިޔާލު ނުފޮނުވޭ.