Live News From Hulhumeedhoo, Addu City

އަމިއްލަ ނަފްސާއެކު މަޑުކޮށްލުން ކީއްތޯއެވެ؟

ނަފްސާއެކު ކިތައްމެ ކުޑަހިނދުކޮޅަކުވެސް މަޑުކުރަންވީ ކީއްކުރަން ކީއްވެގެން ހެއްޔެވެ؟ މިސުވާލުގެ ޖަވާބު އަމިއްލަ ނަފްސާމެދު ވިސްނާލުމުން ސާފުވެގެންދާނެވެ. އެހެންނޫނަސް މިފަދަ މައްސަރެއްގައި ތެދުވެރިކަމާއެކު ތިމާގެނަފްސުގެ ޙާލަތު ދެނެގަތުމަށްޓަކައި މަޑުކޮށްލުމަކީ ބަދަލުތައްގެނައުމަށް ގެނައުމުގެ ފުރަތަމަ ފިޔަވަޅެވެ.

ކޮންމެ މީހަކުވެސް އެމީހެއްގެ ނަފްސާމެދު ހެޔޮބުއްދީގެ ނަޒަރަކުންބަލައި ވިސްނުމުން ނޫނީ އެނަފްސުގެ ކިބައިން ވެފައިހުރި ހެޔޮ އަދި ނުބައިކަންތައް ފާހަގަކުރެވި ނަފްސުމުރާޖަޢާނުކުރެވޭނެކަން ކަށަވަރެވެ. ނުވަތަ މުޙާސަބާ ނުކުރެވޭނެތެވެ.

މުޙާސަބާކުރުމަކީ، ތިމާކޮށްފައިވާ ގޯސްކަންތައްތަކަކީ ކޮބައިތޯއާއި ރަނގަޅުކަންތަައްތަކަކީ ކޮބައިތޯ ބަލައި ނަފްސުގެ ޙާލަތު ދެނެގަތުމަށްފަހު ރަނގަޅުކަންކަމުގައި ތިމާގެ ނަފްސުސާބިތުކުރުމެވެ. މިއީ ތަވްބާގެ ފުރަތަމަ ފިޔަވަޅެވެ. މުޖްތަމަޢާއި ޤައުމުގެ ޙާލަތުބަދަލުކުރުމުގެ ފެށުމެވެ. އެހެނީ، މުޖްތަމަޢާ، ޤައުމުގެ އިޞްލާޙުވެ ހެޔޮބަދަލުތަކުން އައުންވަނީ އެމުޖްތަމަޢުއެއްގެ ނުވަތަ ޤައުމެއްގެ އަފްރާދުންގެ ނަފްސަށް ހެޔޮބަދަލުތަކެއް ގެނެސްގެންނެވެ. އަދި ﷲ ގެ ޙަޟުރަތުން ހެޔޮބަދަލަކަށް ހިންމަވައި ދެއްވައިނީވެސް ހަމަޤައުމުގެ މީހުން އެބައިމީހުންގެ އަމިއްލަފްސުގައިހުރި ނޭއްގާނީކަމާއި ފަސާދައިގެ ކުލަވަރުތައް ރަނގަޅުކޮށް އިޞްލާޙުކުރުމުންނެވެ.

ނިކަން މިއަންނަ އިލާހީބަސްފުޅާމެދު ވިސްނާ ފިކުރުކުރަމާހިނގާށެވެ.

ﷲވަޙީކުރައްވާފައިވެއެވެ. إِنَّ اللهَ لاَ يُغَيِّرُ مَا بِقَوْمٍ حَتَّى يُغَيِّرُوْا مَا بِأَنْفُسِهِمْ މާނައީ: “ﷲ ޤައުމެއްގައިވާ ކަންތައްތައް އެޤައުމުގެ މީސްތަކުންގެ ނަފްސުތަކުގައިވާ ކަންތައްތައް ބަދަލުކޮށްފުމަށް ދާންދެން ބަދަލުނުކުރަންވާނެކަން ކަށަވަރެވެ.”

އިސްލާމީ އުންމަތުގެ އެންމެބޮޑު ދުސްމަނަކީ ޙަޤީޤަތުގައި އެއުންމަތުގެ އަފްރާދުންގެ ނުބައިނަފްސެވެ. ބޭރުގެ އެހެން ޢަދާވާތްތެރިއަކު އިސްލާމީ އުންމަތުގެ މައްޗަށްވެރިވެގަނެ އުންމަތުގެ ހުރިހާކަމެއް އެފަރާތުގެ އަތްދަށަށްގޮސް ހަސްފަސްވުމަކީ އޮތްކަމެއްނޫނެވެ. އިސްލާމީވަކިވަކި ޤައުމުތަކަށާއި އިސްލާމީ އުންމަތަށް ލިބިފައިވާހާ އަދި ލިބެމުންދާހާ ނިކަމެތިކަމަކާއި ދެރައެއްގެ ސަބަބަކީ މުސްލިމުންނެވެ. އެބައިމީހުންގެ އަތްތަކުން ކުރާގޯސް ކަންތައްތަކުގެ ހިތިނަޖީ މިއަދު އިސްލާމީ ޤައުމުތަކުން މިއޮތީފެންނާށެވެ. ޝޫރާސޫރަތުގެ 30 ވަނައާޔަތުގެ މާނައިގައިވެއެވެ.”ތިޔަބައިމީހުންނަށް ދިމާވި އުދަގުލަކާއި، މުސީބާތަކީ، ފަހެތިޔަބައިމީހުންގެ އަތްތަކުން ލިބިގަތްކަމެކެވެ.ﷲ އަޅުތަކުންގެ ގިނަފާފަތައް ޢަފޫކުރައްވައެވެ.”

ދިވެހިރާއްޖެއަކީވެސް ހުސްލާމީ އުންމަތުގެ ބަޔެކެވެ. ވޭތިވިދިޔަޤަރުނުގެ ފަހުކޮޅުން ފެށިގެން ހިނގަމުންމިދާޤަރުނުގައި ކުރިއަރަމުން ފަސާދައިގެ އަސްލަކީ އަހަރުމެން ދިވެހިންނެވެ. ދިވެހި މުޖްތަމައުގެ މީސްތަކުން ޞާލިޙުމުޖްތަމަޢެއް އުފެއްދުމަށްބޭނުން ނުވުމެވެ. ޞާލިޙުމުޖްތަމައެއް ބިނާކުރުމަށްޓަކައި ﷲ އަށްބިރުވެތިވެ ރަސޫލާ ޞައްލަﷲޢަލައިވަސައްލަމަގެންނެވި ހިދާޔަތަށް ތަބާވާ ޒިންމާދާރުބަޔަކު މުޖްތަމަޢު ހިންގުމުމަށް ކަނޑައަޅަންޖެހެއެވެ. މިކަމަށް އަހަރުމެއްތައްޔާރުވާނީވެސް ތިމާމެންގެ ނަފްސުއިޞްލާޙުކޮށްގެނެވެ. މިނޫންގޮތެއް މިކަމުގައި އޮތްހެނެއް ހީއެއްނުވެއެވެ.

މިރޯދަމަސްނިމިގެން ދާއިރު ހުރިހާ މުސްލިމު ދިވެހިންވެސް އެބައިމީހުންގެ އަމިއްލަނަފްސު ރަނގަޅަށް މުރާޖަޢާކޮށް ކުރެވޭ މުޙާސަބައާއަށްފަހު ނޭއްގާނީ ކަމަކަށް އެބުރި ދިޔުމެއްނުވާފަދަ “އައްތައުބަތުން ނަޞޫޙާ” އަކުން ތައުބާވަމާހިނގާށެވެ. ގޯސްކަމަކަށް އެހީތެރިވުމަކީވެސް ގޯހެއްކަން ދަނެ، ހެޔޮކަންތައްތަކަށް އެއްބާރުލަމާ ހިނގާށެވެ! އޭރުން ދުނިޔެއާއި އާޚިރަތް ބާއްޖަވެރިވެގެން ދާނެކަމީ ޝައްކަތްއޮތްކަމެއްނޫނެވެ.

ނުބައިކަމުގެ އަޞްލު

އަސަނުލްބަޞަރީ ވިދާޅުވެފައިވެއެވެ. ނުބައިކަމުގެ އަޞްލަކީ ހަތަރުކަމެކެވެ. އެއީ ބޮޑާކަމާއި، ޙަސަދަވެރިކަމާއި، ދަހިވެތިކަމާއި އެދުންވެރިކަމެވެ. އިބިލީސް ﷲގެ ބަހަށް ނުކިޔަމަންތެރިވެ، އާދަމުގެ ފާނަށް ސަޖިދަނުޖެހީ ބޮޑާކަމުގެ ސަބަބުންނެވެ. އަދި އާދަމުގެ ފާނު ސުވަރުގެއިން ބޭރުވީ ދަހިވެތިކަމުގެ ސަބަބުންނެވެ. ހަމައެހެންމެ އާދަމުގެ ފާނުގެ އެއްދަރިކަލަކު އަނެއްދަރިކަލަކު ކަތިލީ ހަސަދަވެރިކަމުގެ ސަބަބުންނެވެ.

ވީމާ އަޅުގަނޑުމެން މުސްލިމުން މި ހަތަރު ކަމުގެ ތެރެއިން އެއްވެސް ސިފައެއް ގައިގައި ހުރިނަމަ އަވަހަށް އެކެމުން ސަލާމަތްވޭތޯ ބަލާށެވެ.

މިލިޔުމަށް ޚިޔާލު ނުފޮނުވޭ.