ފިލްމް “ޔޫސުފް” ދައްކައިގެން ލިބުނުފައިސާ އައިޝާއަށް ހަދިޔާކޮށްފި


މިދިޔަ ހުކުރު ދުވަހުގެ ރޭ މީދޫ ސޯޝަލް ސެންޓަރުގައި ދިވެހި ފިލްމު ޔޫސުފް ދައްކައިގެން ލިބުނު ފައިސާ ކެންސަރު ބައްޔަށް އިންޑިޔާގައި ފަރުވާހޯދަމުންދާ ސ. މީދޫ އެރިޒޯނާ ޢާއިޝަތު ރިޝްމީ އަށް ހަދިޔާ ކޮށްފިއެވެ. ޝޯވ އިންތިޒާމު ކުރެއްވިފަރާތުން ހާމަކުރެއްވިގޮތުގައި 259 ޓިކެޓް ވިކުނު މި ޝޯއަށް 6475 ރުފިޔާ ލިބިފައިވެއެވެ.
ފިލްމު ޔޫސުފްގެ ޕްރޮޑިއުސަރާއި ކުރެވިފައިވާ އެގްރީމެންޓްގެ ދަށުން ޝޯވ ދައްކައިގެން ލިބޭ ފައިސާގެ ދެބައިކުޅައެއްބައި އެފަރާތަށް ދައްކަންޖެހޭ ކަމަށާއި، ދެން ބާކީ ހުރި 3237.50 ރުފިޔާގެ ތެރެއިން ޝޯވ އިންތިޒާމު ކުރުމަށް ހިނގި ޚަރަދު ކަނޑާފައި ބާކީވި 2592.50 ރުފިޔާ ޢާއިޝަތު ރިޝްމީއަށް ހަދިޔާ ކުރުމަށް ހަމަޖައްސަވާފައިވާ ކަމަށްވެސް މީދޫލައިވް އަށް މަޢުލޫމާތު ދެއްވަމުން ޝޯވ އިންތިޒާމް ކުރެއްވި ފަރާތުން ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން އައިޝާއަށް އެހީ ހޯދުމަށްޓަކައި މީދޫ ވީކްލީ އާއި މިނިވަން ނޫސް މެދުވެރިކޮށް ލިބިފައިވާ 2200.00 ރުފިޔާވެސް މި އަދު ވަނީ ރިޝްމީގެ މަންމައާއި ހަވާލުކުރުމަށްޓަކައި ސ.މީދޫ ހުވަނދުމާވާދީ އިބްރާހިމް ރަޝީދުއާއި ހަވާލުކޮށްފައިކަމަށް ހެލްޕް-ޓް-އައިޝާ ކެންޕޭންގެ ކޯޑިނޭޓަރު ވިދާޅުވިއެވެ. މީދޫ ވީކްލީއިން (މިހާރު މީދޫ ލައިވް) ކުރިއަށް ގެންދާ ހެލްޕް-ޓް-އައިޝާ ކެންޕޭނަށް މިހާތަނަށް 2300.00 ރުފިޔާއާއި 100.00 ޑޮލަރު ލިބިފައިވެއެވެ. މި ފައިސާވެސް މިހާރުވަނީ އައިޝާގެ މަންމައާއި ހަވާލުކުރެވިފައެވެ.