ފަހުގެ ޚަބަރުތައް
މެޗް ޝެޑިއުލް | ޕޮއިންޓް ޓޭބަލް | ފަހުގެ ޚަބަރުތައް | ފޮޓޯ އަލްބަމް
ފީފާ ވޯލްޑް ކަޕް 2010 ގެ ޗެމްޕިއަން ޓީމް – ސްޕެއިން
0 ހިޔާލު. .

ޖުލައި 12:
ޔޫރަޕްގެ ޗެމްޕިއަން ޓީމް ސްޕެއިން ރޭ ކުޅުނު ފީފާ ވޯލްޑް ކަޕް 2010 ގެ ފައިނަލް މެޗުން މޮޅުވެ ދުނިޔޭގެ ޗެމްޕިއަންކަން ހޯދައިފި. ސައުތު އެފްރިކާގެ ސޮކަރ ސިޓީގައި ހޮލެންޑާއި ބައްދަލުކޮށް މެޗްގެ 116 ވަނަ މިނެޓްގައި ސްޕެއިން މޮޅުވި ގޯލް އެޓީމަށް ޖަހައިދިނީ އިނިއެސްޓާއެވެ. މިމެޗް ސްޕެއިނުން ކާމިޔާބުކުރުމުން، އެޓީމް ވެފައިވަނީ ޔޫރަޕްގެ ޗެމްޕިއަންކަން ހޯދުމަށްފަހު، ވޯލްޑް ކަޕް ކާމިޔާބުކުރި ދެވަނަ ޓީމަށެވެ. އަދި ސްޕެއިން ވެފައިވަނީ ޔޫރަޕުން ބޭރުގައި ވޯލްޑް ކަޕް ކާމިޔާބުކުރި ފުރަތަމަށެވެ.
އިނިގިރޭސި ރެފްރީއެއް ކަމަށްވާ ވެބް ރެފްރީކަން ކުރި މިމެޗްގައި ހޮލެންޑްގެ 9 ކުޅުންތެރިންނަށް ރީނދޫ ކާޑު ދައްކާފައިވެއެވެ. އަދި އެޓީމްގެ ހެއިޓިންގާ އަށް ރަތްކާޑު ދައްކާފައިވެއެވެ. ހަމައެއާއެކު ސްޕެއިންގެ ހަތަރު ކުޅުންތެރިންނަށް މިމެޗްގައި ރީނދޫކާޑު ދައްކާފައިވެއެވެ. މިމެޗްގެ ބޯލް ޕޮޒިޝަނަށް ބަލާއިރު މެޗްގެ 56 ޕަސެންޓް ކޮންޓްރޯލް ކުރީ ސްޕެއިންނެވެ. އަދި މެޗްގައި ގިނަ ހަމަލާތައްވެސް އުފައްދާފައިވަނީ ސްޕެއިން ޓީމުންނެވެ. އެގޮތުން އެޓީމުން 18 ހަމަލާ އުފަދައްދާފައިވާއިރު، ހޮލެންޑަށް އުފެއްދިފައިވަނީ 13 ހަމަލާއެވެ. މީގެ ތެރެއިން 6 ހަމަލާ ސްޕެއިންނަށް ގޯލަށް އަމާޒުކޮށްފައިވާއިރު، ހޮލެންޑަށް ސްޕެއިންގެ ގޯލަށް ފޮނުވާލެވުނީ 5 ހަމަލާއެވެ. ނަމަވެސް މުޅި މެޗްގައި ގޯލް ޖަހާނެ އެއްމެ ރަނގަޅު ފުރުސަތުތައް ހޯދާފައިވަނީ ހޮލެންޑުންކަން ފާހަގަކުރެވެއެވެ.
ހޮލެންޑް ވޯލްޑް ކަޕްގެ ފައިނަލަށް ދިޔައީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެންނެވެ. ހަމައެއާއެކު ސްޕެއިން މުބާރާތުގެ ފައިނަލަށް ދިޔައީ ކުޅުނު 16 މެޗްގެ ތެރެއިން 15 މެޗުން މޮޅުވެގެންނެވެ. ސްޕެއިން ބަލިވެފައިވަނީ ގްރޫޕް ސްޓޭޖްގެ ފުރުތަމަ މެޗްގައި ސުވިޓްޒަރލޭންޑް އަތުންނެވެ.
ފީފާ ވޯލްޑް ކަޕް: އެއްމެ ބޮޑު ކުޅިވަރު މުބާރާތުގެ ފައިނަލް – ހޮލެންޑް / ސްޕެއިން
0 ހިޔާލު. .

ޖުލައި 11:
ދުނިޔޭގައި ބާއްވާ އެއްމެ ބޮޑު ކުޅިވަރު މުބާރާތުގެ ފައިނަލް މެޗްގައި މިރޭ ހޮލެންޑާއި ސްޕެއިން ބައްދަލުކުރާއިރު، ޔަޤީންވާ އެއްކަމަކީ މިއީ ފީފާ ވޯލްޑް ކަޕް 2010 ގެ އެއްމެ ގިނަ މީހުން ބަލާނެ އެއްމެޗް ކަމެވެ. އަދި މިރޭގެ މެޗްވެގެންދާނީ އުރުގުއޭ، އިޓަލީ، ޖާރމަނީ، ބްރެޒިލް، އިންގްލަންޑް، އާޖެންޓީނާ އަދި ފްރާންސް ގެ ލިސްޓަށް މުޅިން އާ ޤައުމެއްގެ ނަން އިތުރުވެގެންދާނެ މެޗަކަށެވެ.
ހޮލެންޑާއި ސްޕެއިން މިހާތަނަށް ބައްދަލުކޮށްފައިވާ މެޗްތަކަށް ބުރަވެ މިރޭގެ މެޗުން މޮޅުވާނެ ޓީމެއް ލަފާކުރުމަކީ ކުރެވޭނެކަމެއް ނޫނެވެ. މިހާތަނަށް މިދެޓީމް ބައްދަލުކުރި 9 މެޗުގެ ތެރެއިން ކޮންމެ ޓީމަކުންވެސް 4 މެޗް ކާމިޔާބުކޮށްފައިވާއިރު، 1 މެޗް ވަނީ އެއްވަރުވެފައެވެ.
މަޝްހޫރު ކުޅުންތެރިއާ ޔޯހަން ކްރައިފް އާއެކު 1974 ވަނަ އަހަރުގެ ފައިނަލްގައި ހޮލެންޑް ކުޅެފައިވާއިރު، 1978 ވަނަ އަހަރު އޭނާ ނުލައި ހޮލެންޑް ވަނީ ފައިނަލްގައި ކުޅެފައެވެ. މިދެފަހަރުވެސް ހޮލެންޑް ބަލިވެފައިވަނީ މުބާރާތް ބޭއްވި ޤައުމާއި ދެކޮޅަށް ކުޅެއެވެ.
ސްޕޭނަށް ބަލާއިރު، މިއީ ވޯލްޑް ކަޕްގެ ފައިނަލްގައި ސްޕެއިން ކުޅޭ ފުރަތަމަ ފަހަރެވެ. ނަމަވެސް 44 އަހަރަށް ފަހު ޔޫރަޕްގެ ޗެމްޕިއަންކަން 2008 ވަނަ އަހަރު ހޯދި ސްޕެއިންގެ އަޒުމަކަށްވެފައިވަނީ ޔޫރަޕުން ބޭރުގައި ޔޫރަޕްގެ ޓީމަކަށް ހޯދިފައި ނުވާ ދުނިޔޭގެ ތަށި މިފަހަރު ހޯދުމެވެ.
މިހާތަނަށް މި މުބާރާތުގައި އެއްމެ ގިނަ ގޯލް ޖަހާފައިވާ 4 ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ޑޭވިޑް ވިޔާ އާއި ވެސްލީ ޝްނައިޑާގެ ކުޅުން މިރޭގެ ފައިނަލް މެޗުގައި ފެނިގެންދާނީ ކިހިނެތްކަން ކުރިން ލަފާކުރަން ނޭނގުނު ނަމަވެސް، މެޗުން ޓީމް މޮޅު ކޮށްދިނުމުގެ އިތުރުން މުބާރާތުގެ އެއްމެ ގިނަ ގޯލް ޖެހި ކުޅުންތެރިއާގެ މަޤާމް ހޯދުމުގެ ވާދަވެރިކަން މިދެކުޅުންތެރިންގެ މެދުގައި އޮންނާނެއެވެ.
މިމެޗާއި ބެހޭގޮތުން ހޮލެންޑްގެ ރޮބެން ބުނެފައިވަނީ: “ސްޕޭންގެ އެއްމެ ނުރައްކާތެރި ކުޅުންތެރިއާ އަކީ ޑޭވިޑް ވިއާ ކަމަށް އަހަރެންނަކަށް ނުފެނޭ. ބަލަންޖެހޭ ކުޅުންތެރިންނަކީ އިނިއެސްޓާ އާއި ޒާވީ. އެއީ ޑޭވިޑް ވިއާ އަށް ބޯޅަދީގެން މެޗް ކުޅުވާ ކުޅުންތެރިންނަކީ. އަހަރެމެން ޖެހޭނެ އެކުޅުންތެރިންނަށް ހުސްކޮށް ކުޅެން ނުދީ ހުއްޓުވަން. އަހަރެމެން ޖެހޭނެ ވަރަށް ރަނގަޅަށް އެކުޅުންތެރިން މާކް ކުރަން. ސަބަބަކީ އެކުޅުންތެރިންނަށް ކިތައްމެ ކުޑަ ފުރުސަތެއް ދެވިއްޖެނަމަވެސް އަހަރެމެންނަށް މައްސަލަތައް ކުރިމަތިވާނެ.”
ސްޕެއިންގެ ކެޕްޓަން އަދި ގޯލް ކީޕަރ ކަސިލާސް ބުނެފައިވަނީ: “އަހަރަންނަކަށް ހީއެއްނުވޭ އެމީހުން ފަހަތުގަ ތިބެގެން ޑިފެންޑް ކުރާނެހެން. އެމީހުންގެ އެބަތިބި ހަލުވި ކުޅުންތެރިން. އަހަރެން ވަރަށް ރަނގަޅަށް ރޮބެން ދަންނަން. އޭނާއަކީ ބާރަށް ޝޮޓް ނަގާ ހަލުވި ކުޅުންތެރިއެއް. އޭރިއާ ބޭރުން އޭނާ ފޮނުވާލާ ބޯޅަތަކާއިމެދު އަހަރެން ކަންބޮޑުވޭ. އަހަރެމެން ޖެހޭނެ މިޑްފީލްޑުން އޭނާ ހުއްޓުވަން.”
ފީފާ ވޯލްޑް ކަޕް: އުރުގުއޭ ބަލިކޮށް ޖަރުމަން މުބާރާތުގެ ތިންވަނަ ހޯދައިފި
0 ހިޔާލު. .

ޖުލައި 11:
ފީފާ ވޯލްޑް ކަޕް 2010 ގެ ތިންވަނަ ހޮވާ މެޗްގައި ޖަރުމަނާއި އުރުގުއޭ ބައްދަލުކުރި މެޗް 3 – 2 އިން ޖަރުމަން ކާމިޔާބުކޮށްފި. ރޭ ސައުތު އެފްރިކާގެ ޕޯޓް އެލިޒަބަތު ސްޓޭޑިއަމްގައި ކުޅުނު މިމެޗްގައި ފުރަތަމަ ގޯލްޖެހީ ޖަރުމަނެވެ. މެޗްގެ 19 ވަނަ މިނެޓްގައި ޖަރުމަނުގެ މިޑްފީލްޑް ކުޅުންތެރިއާ ތޯމަސް މުލާ ގޯލެއް ޖަހައި ޖަރުމަނަށް ކުރި ހޯދައިދީފައިވަނިކޮށް އޭގެ އިރުކޮޅެއް ފަހުން މެޗްގެ 28 ވަނަ މިނެޓްގައި އުރުގުއޭގެ އެޑިސަން ކަވާނީ ގޯލެއް ޖަހައި މެޗްގެ ނަތީޖާ ހަމަހަމަ ކުރިއެވެ. މިނަތީޖާއާއެކު މެޗްގެ ފުރަތަމަ ހާފް ނިމުނުއިރު، މިމެޗްގައި ޖަރުމަންގެ މުހިއްމު ކުޅުންތެރިން ކަމަށްވާ ލާމް އާއި ޕޮޑޮލްސްކީ އަދި ކްލޯސާ ނުކުޅޭކަން ފާހަގަކުރެވެއެވެ.
މެޗްގެ ދެވަނަ ހާފް ފެށިގެން ކުޑަ އިރުކޮޅެއްގެ ތެރޭ އުރުގުއޭއިން ގޯލެއް ޖަހައި މެޗްގެ ކުރި ހޯދިއެވެ. މިގޯލް އުރުގުއޭއަށް ކާމިޔާބުކޮށްދިނީ އުރުގުއޭގެ މަޝްހޫރު ކުޅުންތެރިއާ ޑިއޭގޯ ފޯލާންއެވެ. ނަމަވެސް އޭގެ ހަތަރު މިނެޓް ފަހުން މެޗްގެ 56 ވަނަ މިނެޓްގައި ޖަރުމަން ޔެންސެން ގޯލެއް ޖަހައި މެޗްގެ ނަތީޖާ އެއްވަރުކުރިއެވެ. މެޗުން މޮޅުވި ގޯލް ޖަރުމަނަށް ކާމިޔާބުކޮށްދިނީ 82 ވަނަ މިނެޓްގައި ކެދީރާއެވެ.
މިމެޗްގައި ޑިއޭގޯ ފޯލާން އާއި ތޯމަސް މުލާ ޖެހިގޯލާއެކު އެދެކުޅުންތެރިންވަނީ މުބާރާތުގައި އެއްމެ ގިނަ ގޯލް ޖެހި ކުޅުންތެރިންގެ ލިސްޓްގެ ކުރި ހޯދާފައެވެ. މިދެކުޅުންތެރިންގެ އިތުރުން މުބާރާތުގައި 5 ގޯލް ޖަހައިގެން ލިސްޓްގެ ކުރި ހޯދާފައިވާ އަނެއް ދެކުޅުންތެރިންނަކީ މިރޭ ފައިނަލް މެޗްގައި ކުޅޭ ސްޕެއިންގެ ޑޭވިޑް ވިއާ އާއި ހޮލެންޑްގެ ވެސްލީ ޝްނައިޑާއެވެ. އެހެންކަމުން މިލިސްޓްގެ އެއްވަނަ ހޯދުމުގެ ފުރުސަތު މިދެކުޅުންތެރިންނަށް އެބައޮތެވެ.
ރޭގެ މެޗުން ޖަރުމަން މޮޅުވުމުން އެޓީމަށް މުބާރާތުގެ ތިންވަނަ ލިބިފައިވާއިރު މިއީ ވޯލްޑް ކަޕްގައި މިމަޤާމް އެޓީމް ހޯދި 4 ވަނަ ފަހަރެވެ. މީގެ ކުރިން 1934، 1970، 2006 ގެ މުބާރާތުގެ ތިންވަނަ ޓީމްގެ މަޤާމް ޖަރުމަން ހޯދާފައިވާއިރު، މިމުބާރާތުގެ ފައިނަލްގައި 7 ފަހަރު ކުޅެ 3 ފަހަރު ޖަރުމަން ވަނީ ޗެމްޕިއަންކަން ހޯދާފައެވެ.
ފީފާ ވޯލްޑް ކަޕް: ފުޔޯލްގެ ގޯލުން ފީފާ ވޯލްޑް ކަޕް 2010 ގެ ފައިނަލަށް ސްޕެއިން ހިނގައްޖެ
0 ހިޔާލު. .

ޖުލައި 08:
ވޯލްޑް ކަޕް ސެމީފައިނަލްގައި ޖަރުމަނާއި ދެކޮޅަށް ސްޕެއިންގެ ޑިފެންޑަރ ޕުޔޯލް ޖެހި ހަމައެކަނި ގޯލުން ފީފާ ވޯލްޑް ކަޕް 2010 ގެ ފައިނަލަށް ސްޕެއިން ހިނގައްޖެ. ގިނަ ޕާސްތަކާއެކު މޮޅު ކުޅުމެއް ކުޅެމުންދިޔަ ސްޕޭނަށް މެޗްގެ 74 ވަނަ މިނެޓްގައި ލިބުނު ކޯނަރުން ޕުޔޯލް ޖެހި މިގޯލަކީ އޭނާ މިމުބާރާތުގައި ޖެހި ފުރަތަމަ ގޯލެވެ. ބާރަވަނަ ފަހަރަށް ސެމީ ފައިނަލްގައި ކުޅުނު ޖަރުމަނާއި ދެކޮޅަށް، ފުރަތަމަ ފަހަރަށް ސެމީ ފައިނަލްގައި ކުޅުނު ސްޕޭނުން މިމެޗްގެ ފުރިހަމަ ވަގުތު ހަމަކޮށްފައިވަނީ އެޓީމުން އާއްމުކޮށް ދައްކަމުންދާ މޮޅު ކުޅުމާއެކުގައެވެ.
ސައުތު އެފްރިކާގެ ސޮކަރ ސިޓީގައި މިއަންނަ އާދީއްތަ ދުވަހު ކުޅޭ ފައިނަލްމެޗްގެ ނަތީޖާ ކޮންމެ ގޮތަކަށް ނިމިގެންދިޔައަސް، މިމެޗް ވެގެންދާނީ އާ ޓީމެއްގެ ނަން ވޯލްޑް ކަޕްގައި ލިޔެވިގެންދާނެ ތާރީޚީ މެޗަކަށެވެ. އަބަދުވެސް ރީތި މޮޅު ކުޅުމެއް ކުޅޭ ދެޓީމްގެ ގޮތުގައި މަޝްހޫރުކަން ހޯދާފައިވާ ސްޕެއިނާއި ހޮލެންޑް ބައްދަލުކުރާ މިމެޗް ވެގެންދާނީ ފުޓްބޯޅަ މެޗެއް އޭގެ އެއްމެ ފުރިހަމަގޮތުގައި ފެނިގެންދާނެ މެޗަކަށެވެ.
މުބާރާތުގެ ތިންވަނަ ޓީމް ހޮވުމަށްޓަކައި، ރޭ މެޗުން ބަލިވި ޖަރުމަނާއި، ސެމީފައިނަލްގެ ފުރަތަމަ މެޗުގައި ހޮލެންޑް އަތުން ބަލިވި އުރުގުއޭގެ މެޗް ކުޅުމަށް ހަމަޖެހިފައިވަނީ މިއަންނަ ހޮނިހިރު ދުވަހުގެރޭ 11.30 ގައެވެ.
ފީފާ ވޯލްޑް ކަޕް: އުރުގުއޭ ބަލިކޮށް ހޮލެންޑް ފައިނަލަށް ހިނގައްޖެ
0 ހިޔާލު. .

ޖުލައި 07:
ރޭ ކުޅުނު ސެމީ ފައިނަލްގައި 3 – 2 އިން އުރުގުއޭ ބަލިކޮށް މުބާރާތުގެ ފައިނަަލަށް ދިޔަ ހޮލެންޑް ފައިނަލްގައި ބައްދަލުކުރަންޖެހޭނީ ސްޕެއިން ނޫނީ ޖަރުމަނާއެވެ. ރޭގެ މެޗްގައި ހޮލެންޑުން ހޯދި ކާމިޔާބީއަކީ، މިމުބާރާތުގައި އެޓީމް ދެއްކި މޮޅުކުޅުމާއި، ކުރި ހިތްވަރަށް ބަލާއިރު ހައްޤު ކާމިޔާބެކެވެ. ޚާއްސަކޮށް ރޭގެ މެޗްގައި ފުރަތަމަ ގޯލް ޖެހީ މެޗްގެ 18 ވަނަ މިނެޓްގައި ހޮލެންޑްގެ ކެޕްޓަން ޖިއޮވާނީ ވެން ބްރޮކޯސްޓްއެވެ. މިއީ އުމުރުން 35 އަހަރުގެ ވެން ބްރޮންކޯސްޓް މިމުބާރާތުގައި ޖެހި ފުރަތަމަ ގޯލެވެ. އަދި މިގޯލް ހިމެނިފައިވަނީ މިހާތަނަށް މިމުބާރާތުގައި ޖެހި އެއްމެ މޮޅު ގޯލްގެ ގޮތުގައެވެ.
ހާފް ނިމެން މިނެޓް ކޮޅަކަށް ވެފައިވަނިކޮށް އުރުގުއޭގެ ކެޕްޓަން ޑިއޭގޯ ފޯލާން ގޯލެއްޖަހައި މެޗްގެ ނަތީޖާ އެއްވަރުކުރީ މެޗްގެ 41 ވަނަ މިނެޓްގައެވެ. ހޮލެންޑުން ދެވަނަ ފަހަރަށް މެޗްގެ ކުރި ހޯދީ މެޗްގެ 70 ވަނަ މިނެޓްގައި ވެސްލީ ޝްނައިޑާ ޖެހިގޯލުންނެވެ. އަދި އޭގެ ދެމިނެޓް ފަހުން ހޮލެންޑްގެ އާޔެން ރޮބެން ގޯލެއް ޖަހައި ނަތީޖާ ފުޅާކުރިއެވެ. ނަމަވެސް، މެޗްގެ އިތުރު ވަގުތުގައި އުރުގުއޭގެ މެކްސީ ޕެރޭރާ ގޯލެއް ޖަހައި ހޮލެންޑަށް ނުރައްކާކުރިއެވެ.
ޖެހިޖެހިގެން ބަލިނުވެ 24 މެޗުން މޮޅުވުމުން، ގިނަ ބައެއްގެ މެދުގައި ހޮލެންޑް މިހާރު ހިމެނިފައިވަނީ މުބާރާތުގެ ތަށި އުފުލާލާނެ ޓީމެއްގެ ގޮތުގައެވެ.
ފީފާ ވޯލްޑް ކަޕް: ސެމީފައިނަލް – ޖާރމަނީ / ސްޕެއިން
0 ހިޔާލު. .

ޖުލައި 06:
ފީފާ ވޯލްޑް ކަޕް ސެމީ ފައިނަލްގައި ޖާރމަނީ އާއި ސްޕެއިން ބައްދަލުކުރާ މިމެޗަކީ ސްޕެއިން އަތުން ބަދަލު ހިފުމަށް ޖަރުމަނަށް ލިބޭ ރަނގަޅު ފުރުސަތަކެވެ. ޔޫރޯ 2008 ގެ ފައިނަލްގައި ފެނާންޑޯ ޓޮރޭޒް ޖެހި ގޯލުން ޖަރުމަން ބަލިވެފައިވާއިރު، އެމެޗްގައި ކުޅުނު 19 ކުޅުން ތެރިން މިދެޓީމްގައި މިހާރުވެސް ހިމެނެއެވެ. އެއީ ޖަރމަނީގެ 8 ކުޅުން ތެރިންނާއި ސްޕެއިންގެ 11 ކުޅުންތެރިންނެވެ.
ދެޓީމަށް ބަލާއިރު މި މުބާރާތުގައި އެއްމެ ގިނަ ގޯލް ޖަހާފައިވާ ޓީމަކީ ޖަރމަނީއެވެ. އެޓީމުން ޖުމްލަ 13 ގޯލް ޖަހާފައިވާއިރު، ތަފާސް ހިސާބުތަކުން ސްޕެއިން ފާހަގަކުރެވިފައިވަނީ މިހާތަނަށް އެއްމެ ގިނަ ހަމަލާ އުފެއްދި ޓީމްގެ ގޮތުގައެވެ. މި މަޢުލޫމާތުތަކަށް ބަލާއިރު، މިމެޗް ވެގެންދާނީ އާދަޔާ ޚިލާފް މޮޅު ކުޅުމެއް ފެނިގެންދާނެ މެޗަކަށެވެ.
ސެމީ ފައިނަލަށް ޖަރުމަން އައިސްފައިވަނީ ތަފާތު މޮޅު ކުޅުމެއް ދައްކާފައެވެ. ފުރަތަމަ ބުރުގައި ހަތަރެއް ސުމަކުން އޮސްޓްރޭލިއާ ބަލިކޮށް، ދެވަނަ ބުރުގައި ހަތަރެއް އެކަކުން އިންގްލަންޑް ބަލިކޮށް، އެއްމެ ފަހުން ކުއާޓަރ-ފައިނަލްގައި ހަތަރެއް ސުމަކުން އާޖެންޓީނާ ބަލިކޮށްފައިވަނީ ކައުންޓަރ-އެޓޭކްގައި ޖަރުމަންގެ ހުށިޔާރުކަމާއި ނުރައްކާތެރިކަން ސާބިތުކޮށްދީފައެވެ.
ފަހުގެ ތާރީޚްގައި ސްޕެއިން ޓީމުން ދައްކާފައިވާ މޮޅު ކުޅުމާއި އެއްވަރުގެ ކާމިޔާބީތައް އެޓީމަށް ހޯދިފައި ނުވާއިރު، މިއީ ވޯލްޑް ކަޕްގެ ސެމީ ފައިނަލްގައި ސްޕެއިން ކުޅޭ ފުރަތަމަ މެޗެވެ. ވޯލްޑް ކަޕްގެ މިހިސާބަށް ސްޕެއިނަށް އާދެވުނުއިރު، އެޓީމް އެއްމެ ފަހުން ކުޅުނު ތިން މެޗުންވެސް މޮޅުވެފައިވަނީ އެއްމެ ގޯލެއްގެ ތަފާތުންކަން ފާހަގަކުރެވެއެވެ. ގިނަ މީހުން ގަބޫލުކުރާގޮތުން ސްޕެއިނަށް ރަނގަޅު ނަތީޖާތައް ނުނެރެވެނީ މާބޮޑަށް ޑިފެންސަށް ވިސްނައިގެން ކުޅޭތީއެވެ.
ޚަބަރުތައް ބުނާގޮތުން ޖަރުމަނާއި ދެކޮޅަށް މާދަމާރޭ ޑެލް ބޮސްކީ ނެރޭނީ ޕެރަގުއޭ އާއި ދެކޮޅަށް ނެރުނު އެގާރައެވެ. ނަމަވެސް، އިދިކޮޅު ޖަރުމަން ކޯޗަށް ސަސްޕެންޑްގައި ހުރި ތޯމަސް މުލާ ނުލައި ޓީމް ނެރެންޖެހުމުން ދަތިތަކެއް ކުރިމަތިލާންޖެހިފައިވާކަން ފާހަގަކުރެވެއެވެ.
ދެޓީމުގެ ކުޅުންތެރިންގެ ތެރެއިންނަށް ބަލާއިރު ދެޓީމްގައިވެސް ފާހަގަކުރެވޭ ގިނަ ކުޅުންތެރިން ހިމެނެއެވެ. މީގެ ތެރެއިން އެއްމެ ފާހަގަކުރެވޭ ދެކުޅުންތެރިންނަކީ ޖަރުމަންގެ މިރޮސްލާވް ކްލޯސާ އާއި ސްޕެއިންގެ ޑޭވިޑް ވިޔާއެވެ. ސްޕެއިން ޓީމުން މިމުބާރާތުގައި ޖެހި 6 ގޯލްގެ ތެރެއިން 5 ގޯލް ޖަހައިގެން ޑޭވިޑް ވިޔާ ވަނީ އެޑިޑާސް ރަން ބޫޓަށް ވާދަކުރާ ކުޅުންތެރިންގެ ލިސްޓްގެ އެއްވަނައިގައެވެ.
މިހާތަނަށް މިމުބާރާތުގައި 4 ގޯލް ޖަހާފައިވާ ޖަރުމަންގެ މިރޮސްލާވް ކްލޯސާ އަށް މިމެޗް އެއްގޮތައްވުރެ ގިނަ ގޮތްގޮތުން މުހިއްމުވަނީ، މިހާތަނަށް ވޯލްޑް ކަޕްގައި އެއްމެ ގިނަ ގޯލް ޖަހާފައިވާ ބްރެޒިލްގެ ރޮނާލްޑޯއާއި އެއްވަރުކުރުމުގެ ފުރުސަތު ލިބުމުގެ އިތުރުން އެޑިޑާސް ރަން ބޫޓަށް ވާދަކުރުމުގެ ފުރުސަތުވެސް މިމެޗުން އޭނާއަށް ލިބިފައިވާތީއެވެ. ވޯލްޑް ކަޕްގައި 15 ގޯލް ޖަހާފައިވާ ރޮނާލްޑޯ އާއި އެއްވަރުކުރުމަށް ކްލޯސާ ބުދަދުވަހުގެ ރޭ މެޗްގައި ޖަހަންޖެހެނީ އެއްމެ ގޯލެކެވެ. އެހެންކަމުން ކްލޯސާ އާއި ޑޭވިޑް ވިޔާގެ ވާދަވެރިކަން ފެނިގެންދާނެ މިމެޗަކީ، މިދެކުޅުންތެރިންގެ ފުޓްބޯޅަ ކެރިއަރގައި ކުޅޭނެ އެއްމެ މުހިއްމު އެއް މެޗެވެ.
ފީފާ ވޯލްޑް ކަޕް: ސެމީ ފައިނަލް – އުރުގުއޭ / ހޮލެންޑް
0 ހިޔާލު. .

ޖުލައި 06:
ވޯލްޑް ކަޕް ފެށުމުގެ ކުރިން ފުޓްބޯޅައަށް ޝައުގުވެރިވެލައްވާ ބޭފުޅުންގެ މެދުގައި ތަށި ކާމިޔާބު ކުރާނެކަމަށް ލަފާކުރެވޭ ޓީމްތައް ކަނޑައަޅައި ނިންމަމުން ގޮސްފައިވެއެވެ. މުބާރާތް ފެށުމާއެކު ފުޓޯޅަ އެއްގޮތަކަށްވެސް ނުބަލާ މީހުންވެސް ދިޔައީ ތަފާތު ޓީމްތަކަށް ތަށި ދެމުންނެވެ. ނަަމަވެސް ސެމީ ފައިނަލްގައި ހޮލެންޑާއި އުރުގުއޭ ބައްދަލުކުރާނެ ވާހަކަ، ނުވަތަ މިދެޓީމުން ކުރެ ޓީމެއް ފީފާ ވޯލްޑް ކަޕް 2010 ގެ ފައިނަލަށް ހިނގައިދާނެކަމަށް ލަފާކުރި މީހުން ވަރަށްމަދެވެ. ގަބޫލުކުރަން ދަތިވިޔަސް ފީފާ ވޯލްޑް ކަޕް 2010 ގެ ސެމީފައިނަލް ގައި ކޭޕްޓައުންގެ ގްރީން ޕޮއިންޓް ސްޓޭޑިއަމްގައި މިރޭ މިދެޓީމް ބައްދަލުކުރާނެއެވެ. ދެޓީމަކީވެސް ޑިފެންސް ލައިން ވަރުގަދަ، ލިބޭ ފުރުސަތުތަކުން ނަތީޖާ ނެރުމުގައި ދެވަނައެއް ނެތް ފޯވާޑް ލައިނެއް އޮތް ދެޓީމެވެ.
ދެޓީމަށް ބަލާއިރު، އުރުގުއޭ ކުއާޓަރ ފައިނަލަށް ދިޔައީ ފޯރިގަދަ މެޗަކަށްފަހު، ޕެނަލްޓީ ޝޫޓް-އައުޓުން ގާނާ ބަލިކޮށްގެންނެވެ. މިއީ ފާއިތުވި 40 އަހަރުގެ ތެރޭގައި އުރުގުއޭއަށް ސެމީފައިނަލަށް ދެވުނު ފުރަތަމަ ފަހަރެވެ. އެއްމެ ފަހުން އުރުގުއޭ ސެމީ ފައިނަލްގައި ކުޅެފައިވަނީ 1970 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ބްރެޒިލް އާއި ދެކޮޅަށެވެ. އެމެޗުން 3 – 1 އިން ބަލިވެ އުރުގުއޭ އަށް މުބާރާތުން ލިބުނީ ހަތަރުވަނައެވެ.
ހޮލެންޑް ސެމީފައިނަލަށް ދިޔައީ ފަސްފަހަރު މުބާރާތުގެ ތަށި ކާމިޔާބުކޮށްފައިވާ ބްރެޒިލް އާއި ކުއާޓަރ ފައިނަލްގައި ބައްދަލުކޮށް، ދެވަނަ ހާފްގައި ފަހަތުން އަރައި ބްރެޒިލް ބަލިކޮށްގެންނެވެ. ހޮލެންޑް މިހާތަނަށް ވޯލްޑް ކަޕްގެ ތިން ސެމީފައިނަލްގައި ކުޅެފައިވެއެވެ. އެއީ 1974، 1978 އާއި 1998 ގެ ވޯލްޑް ކަޕްގައެވެ. މީގެ ތެރެއިން 1974 އާއި 1978 ގެ ސެމީފައިނަލް މެޗުން މޮޅުވެ މުބާރާތުގެ ފައިނަލްގައި ހޮލެންޑް ކުޅެފައިވެއެވެ. ނަމަވެސް މިދެފަހަރުވެސް ފައިނަލުގައި ހޮލެންޑް ވަނީ ބަލިވެފައެވެ. 1998 ވަނަ އަހަރު ސެމީފައިނަލްގައި ހޮލެންޑް ބަލިވީ ބްރެޒިލް އާއި ބައްދަލުކޮށް 1 – 1 އިން މެޗް އެއްވަރުވުމުން ޕެނަލްޓީ ޖަހައިގެންނެވެ.
ދެޓީމްގެ މުހިއްމު ކުޅުންތެރިންނަށް ބަލާއިރު، އެއްމެ ފާހަގަކުރެވޭ ދެކުޅުންތެރިންނަކީ ޑިއޭގޯ ފޯލާން އާއި ވެސްލީ ޝްނައިޑާ އެވެ. ފޯލާން ވަނީ ގައުމީ ޓީމަށް މިމުބާރާތުގައި 3 ގޯލް ކާމިޔާބުކޮށްދީފައެވެ. ގާނާ މެޗްގައި ރަތްކާޑު ހޯދި އެޓީމްގެ ސުއަރޭޒް ވެސް މިމުބާރާތުގައި ގައުމީ ޓީމަށް 3 ގޯލް ކާމިޔާބުކޮށްދީފައިވާއިރު، ގައުމީ ޓީމަށް 27 ގޯލް ކާމިޔާބުކޮށްދީފައިވާ ފޯލާންއަށް އޭނާގެ ސްކޯ މައްޗަށް ޖެއްސުމުގެ ފުރުސަތު އެބައޮތެވެ.
ފޯލާންއާއި އިދިކޮޅަށް ނުކުންނަ ވެސްލީ ޝްނައިޑާ އަކީ މިހާތަނަށް ވޯލްޑް ކަޕްގައި ފެނިފައިވާ ނުރައްކާތެރި ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއެކެވެ. އޭނާ ވަނީ މިހާތަނަށް މިމުބާރާތުގައި 4 ގޯލް ޖަހައި އެޑިޑާސް ރަން ބޫޓަށް ވާދަކުރާ ލިސްޓްގެ ދެވަނައިގައެވެ.
ފީފާ ވޯލްޑް ކަޕް: ޕެރަގުއޭ ބަލިކޮށް ސްޕެއިން ސެމީފައިނަލަށް ހިނގައްޖެ
0 ހިޔާލު. .

ޖުލައި 04:
ފީފާ ވޯލްޑް ކަޕްގެ ތާރީޚްގައި ސްޕެއިން ދެވަނަ ފަހަރަށް ސެމީފައިނަލަށް ދިޔައީ ރޭ ކުއާޓަރ ފައިނަލްގައި ޕެރަގުއޭއާއި ބައްދަލުކޮށް 1 – 0 އިން މޮޅުވެގެންނެވެ. މީގެ ކުރިން ސްޕެއިން ވޯލްޑް ކަޕްގެ ސެމީފައިނަލަށް ގޮސްފައިވަނީ 1950 ވަނަ އަހަރުއެވެ. އެފަހަރު ސްޕޭނަށް ލިބުނީ މުބާރާތުގެ ހަތަރުވަނައެވެ.
ރޭގެ މެޗްގައި ސްޕެއިންގެ ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ 2005 ވަނަ އަހަރުން ފެށިގެން ޤައުމީ ޓީމަށް ކުޅެމުން އަނަން ފޯވާޑް ކުޅުންތެރިޔާ ޑޭވިޑް ވިޔާއެވެ. މިއީ އޭނާ ޤައުމީ ޓީމަށް ކުޅުނު 63 މެޗްގައި ޖެހި 43 ވަނަ ގޯލެވެ. މިގޯލާއެކު އޭނާ ވަނީ މިމުބާރާތުގައި މިހާތަނަށް އެއްމެ ގިނަ ގޯލް ޖެހި ކުޅުންތެރިންގެ ލިސްޓްގެ ކުރި ހޯދާފައެވެ. މިލިސްޓްގެ އެއްވަނަ 5 ގޯލާއެކު ޑޭވިޑް ވިޔާ ހޯދާފައިވާއިރު، ޖަރުމަންގެ ތޯމަސް މުލާ އާއި މިރޮސްލާވް ކްލޯސާ، ހޮލެންޑްގެ ވެސްލީ ޝްނައިޑަރ، އާޖެންޓީނާގެ ގޮންޒާލޯ ހިގުއިން، އަދި ސްލޮވާކިއާގެ ރޮބަޓް ވިޓެކް ވަނީ މިމުބާރާތުގައި 4 ގޯލް ޖެހި ކުޅުންތެރިންގެ ތެރޭގައެވެ. މީގެ ތެރެއިން އާޖެންޓީނާގެ ހިގުއިން އަށާއި، ސްލޮވާކިއާގެ ވިޓެކް ފިޔަވައި އެހެން ކުޅުންތެރިންނަށް އެޑިޑާސްގެ ރަންބޫޓަށް ވާދަކުރުމުގެ ފުރުސަތު އެބައޮތެވެ.
ސެމީފައިނަލްގައި ސެޕެއިން ބައްދަލުކުރަން ޖެހެނީ ޖަރަމަނާ އެވެ. މިމެޗް ކުޅުމަށް ހަމަޖެހިފައިވަނީ ޖުލައި 07 ވަނަ ދުވަހުގެރޭ 11.30 ގައެވެ. ސެމީފައިނަލްގެ ދެވަނަ މެޗްގައި އުރުގުއޭ އާއި ހޮލެންޑް ބައްދަލުކުރާ މެޗް ކުޅުމަށް ހަމަޖެހިފައިވަނީ ޖުލައި 06 ވަނަ ދުވަހުގެރޭ 11.30 ގައެވެ.
މުބާރާތުގެ ސެމީ ފައިނަލަށް ގޮސްފަައިވާ ހަތަރު ޓީމަށް ބަލާއިރު، ވޯލްޑް ކަޕްގައި ސްޕެއިނަށް މިހާތަނަށް ހޯދިފައިވާ އެއްމެ ބޮޑު ކާމިޔާބަކީ 1950 ވަނަ އަހަރުގެ ސެމީފައިނަލަށް ގޮސް މުބާރާތުގެ 4 ވަނަ ހޯދުމެވެ. ފީފާގެ ރޭންކިންގެ 6 ވަނައިގައި އޮތް ޖަރުމަން މިހާތަނަށް ވޯލްޑް ކަޕްގެ 7 ފައިނަލްގައި ކުޅެ 3 ފަހަރު ތަށި ހޯދާފައިވެއެވެ. މިހާތަނަށް 9 ވޯލްޑް ކަޕްގައި ކުޅެގެން ހޮލެންޑަށް ހޯދުނު އެއްމެ ބޮޑު ކާމިޔާބަކީ 1974 ވަނަ އަހަރާއި 1978 ވަނަ އަހަރުގެ ފައިނަލްގައި ކުޅެ ޖެހިޖެހިގެން ދެފަހަރު މުބާރާތުގެ ރަނަރަޕްކަން ހޯދުމެވެ. މީގެ އިތުރުން ހޮލެންޑް ވަނީ 1998 ވަނަ އަހަރު ވޯލްޑް ކަޕްގެ ސެމީ ފައިލަންގައި ކުޅެ މުބާރާތުގެ ހަތަރުވަނަ ހޯދާފައެވެ. ފީފާ ރޭންކިންގެ 16 ވަނައިގައި އޮތް އުރުގުއޭގެ ތާރީޚަށް ބަލާއިރު އެޓީމަކީ ފުޓްބޯޅައިގައި ގިނަ ކާމިޔާބުތަކެއް ހޯދާފައިވާ ޓީމެކެވެ. 1930 ވަނަ އަހަރު ބޭއްވި ފުރަތަމަ ފީފާ ވޯލްޑް ކަޕް ހޯދުމެގެ ޝަރަފު އުރުގުއޭއިން ހޯދާފައިވާއިރު، 1950 ވަނަ އަހަރުގެ ވޯލްޑް ކަޕް ހޯދާފައިވަނީ ފައިނަލްގައި މުބާރާތް ބޭއްވި ޤައުމު ކަމަށްވާ ބްރެޒިލް 2 – 1 އިން ބަލިކޮށްގެންނެވެ. 3.3 މިލިޔަން އާބާދީގައި ހިމެނޭ އުރުގުއޭ އަކީ މިހާތަނަށް ވޯލްޑް ކަޕް ކާމިޔާބުކުރި އެއްމެ ކުޑަ ގައުމެވެ.
ފީފާ ވޯލްޑް ކަޕް: ފަސޭހަކަމާއެކު ބޮޑު ތަފާތަކުން އާޖެންޓީނާ ބަލިކޮށް ޖަރުމަން ސެމީފައިނަލަށް ހިނގައްޖެ
0 ހިޔާލު. .

ޖުލައި 03:
ހުނަރުވެރި މޮޅު ކުޅުމާއެކު 4 – 0 އިން އާޖެންޓީނާ ބަލިކޮށް ޖަރުމަން ވޯލްޑް ކަޕްގެ ސެމީފައިނަލަށް ހިނގައްޖެ. 2006 ވަނަ އަހަރުގެ ކުއާޓަރ ފައިނަލުގައި ޖަރުމަނާއި ބައްދަލުކޮށް 1 – 1 އިން އެއްވަރުވެ ޕެނަލްޓީން ބަލިވި ޑިއޭގޯ މެރަޑޯނާގެ ޓީމް މެޗަށް ނުކުތީ ޖަރުމަން ޓީމުގެ ކިބައިން ބަދަލު ހިފުމުގެ ވަރުގަދަ އަޒުމްގައެވެ. އެކަމަކު މިމެޗުން ޖަރުމަން ބަލިކޮށްލެވޭނެ އުކުޅެއް އާޖެންޓީނާއަކަށް ނުހޯދުނެވެ. މިމެޗުން އާޖެންޓީނާ ބަލިވުމުން އެޓީމް ވަނީ މުބާރާތުން ކަޓާފައެވެ.
މެޗްގެ 3 ވަނަ މިނެޓްގައި ޖަރުމަން ޓީމުން އާޖެންޓީނާ ކޮޅަށް ވެއްދި ގޯލްވެގެން ގޮސްފައިވަނީ މިމުބާރާތުގައި މިހާތަނަށް ޖެހި އެއްމެ އަވަސް ގޯލްގެ އިތުރުން ފާއިތުވި 32 އަހަރުތެރޭގައި ޖަރުމަން ޓީމުން ޖެހި އެއްމެ އަވަސް ގޯލަށެވެ. އަދި މިއީ ފީފާ ވޯލްޑް ކަޕްގައި ޖަރުމަން ޓީމުން ޖެހި 200 ވަނަ ގޯލެވެ. މި ގޯލް ޖަރުމަނަށް ކާމިޔާބުކޮށްދިނީ ޒުވާން ފޯވާޑް ކުޅުންތެރިއާ ތޯމަސް މުލާއެވެ. މިއީ މިވޯލްޑް ކަޕްގައި މުލާ ކުޅުނު 5 މެޗުން އޭނާ ޖެހި 4 ވަނަ ގޯލެވެ.
މެޗްގެ ފުރަތަމަ ހާފް 1 – 0 އިން ނިމުނުއިރު ގިނަ އިރު ބޯޅަކުޅެ މެޗް ކޮންޓްރޯލް ކޮށްފައިވަނީ ޖަރުމަން ޓީމެވެ. މެޗްގެ ދެވަނަ ހާފްގައިވެސް ފެނިގެންދިޔައީ ޖަރުމަންގެ ޒުވާން ކުޅުންތެރިންގެ މޮޅު ކުޅުމެވެ. ނަތީޖާއެއްގެ ގޮތުން މެޗްގެ 68 ވަނަ މިނެޓްގައި ގައުމީ ޓީމަށް 100 ވަނަ މެޗް ކުޅެމުންދިޔަ ހުނަރުވެރި ފޯވާޑް މިރޮސްލާވް ކްލޯސާ ގޯލެއް ޖަހައި ނަތީޖާ ފުޅާ ކުރިއެވެ. މެޗްގެ ތިނަވަ ގޯލް ޖަރުމަނަށް ކާމިޔާބުކޮށްދިނީ ޑިފެންޑަރ ފްރީޑްރިކް އެވެ. މިއީ އޭނާ ގައުމީ ޓީމަށް ކުޅުނު 77 މެޗްގެ ތެރޭގައި ޖެހި ފުރަތަމަ ގޯލެވެ. މެޗް ނިމެން ދެމިނެޓަށް ވެފައިވަނިކޮށް ޖަރުމަންގެ ހަތަރުވަނަ ގޯލް ކާމިޔާބުކޮށްދިނީ އެޓީމްގެ ދެވަނަ ގޯލްވެސް ޖަހެ މިރޮސްލާވް ކްލޯސާއެވެ. މިއީ އޭނާ ގައުމީ ޓީމަށް ޖަހައިދިން 52 ވަނަ ގޯލެވެ.
ފީފާ ވޯލްޑް ކަޕް: އެފްރިކާގެ އެއްމެ ފަހު ޓީމް ގާނާ މުބާރާތުން ކަޓައިފި
0 ހިޔާލު. .

ޖުލައި 03:
ގައުމު ދިފާއުކުރުމަށްޓަކައި ކުޅުންތެރިއެއްގެ ހައިސިއްޔަތުން ކުރާނެ އެއްމެ ފަހު ކަންތައް ރޭގެ މެޗްގައި އުރުގުއޭގެ ސުއަރޭޒް ކުރިއެވެ. މެޗްގެ ފުރިހަމަ ވަގުތު ހަމަވިއިރު 1 – 1 ގެ ނަތީޖާއިން ދެޓީމް އެއްވަރުވުމުން، ކުޅުނު 15 މިނެޓްގެ ދެވަނަ ހާފް ނިމެންން ސިކުންތު ކޮޅަކަށްވެފައި ވަނިކޮށް ގާނާއިން އުރުގެއޭގެ ގޯލަށް ފުލު ފުލުން ފޮނުވާލި ހަމަލާތައް ގޯލް ލައިން މަތީގައި ހުރެގެން ދިފާއުކުރަންޖެހުނީ ސުއަރޭޒް އަށެވެ. ގައުމީ ޓީމްގެ ކުޅުންތެރިއެއްގެ ހައިސިއްޔަތުން އަދާކުރަންޖެހޭ ގައުމީ ވާޖިބް އަދާކުރުމުގައި އެއްމެ ފަހުން އޭނާއަށް މަޖްބޫރުވީ އިދިކޮޅު ޓީމަށް ޕެނެލްޓީއެއް ހޯދައިދީ، ރަތްކާޑަކާއެކު ދަނޑުން ފައިބާށެވެ. އެއްމެފަހުން ގާނާގެ ޑޮމިނިކް އަދިޔާ ބޮލުން ފޮނުވާލި ބޯޅަ ސުއަރޭޒް އަތުންޖަހައި ބޭރުކުރިއެވެ.
މެޗުގެ އެއްމެ ފަހު ސިކުންތުކޮޅުގައި ގާނާއިން ފޮނުވާލި ބޯޅަ ގޯލް ލައިން ހުރަސްކޮށް އެތެރެއަށް ވަނުމުގައި ހުރަހަކަށް ސުއަރޭޒްގެ އަތް ބޭނުން ކޮށްފައިވާތީ، އެކަމުގެ ބަދަލުގައި އޭނާއަށް ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލުމަށްފަހު، ޕޯޗްގަލްގެ ރެފްރީ ގާނާއަށް ޕެނަލްޓީއެއް ދެއްވިއެވެ. އެވަގުތުކޮޅު ވެގެންދިޔައީ ސޮކާރ ސިޓީ ސްޓޭޑިއަމްގައި މެޗް ބަލަން ތިބި 88 ހާހަށްވުރެ ގިނަ މީހުން ލޯތައް އެއްފަހަރާ އެއް ދިމާލަކަށް ހުއްޓުނު ވަގުތު ކޮޅަކަށެވެ. އެވަގުތުކޮޅަކީ މުބާރާތުގައި މޮޅު ކުޅުމެއް ދައްކާފައިވާ ގާނާގެ މަޝްހޫރު ކުޅުންތެރިޔާ ޖިއާން ޕެނެލްޓީ ޖެހުމަށް ގޮސް ހުއްޓިގެން ހުރި ވަގުތުކޮޅެވެ. އަދި އެއީ މުޅި އެފްރިކާ އެޓީމަކަށްޓަކައި ފަޚްރުވެރިވާ ގާނާގެ ޤައުމީ ފުޓްބޯޅަ ޓީމް މުބާރާތުގެ ސެމީފައިނަލަށް ގެންގޮސްދިނުމުގެ ޒިންމާ ޖިއާންގެ ކޮނޑުގައި އެޅިފައި އޮތް ވަގުތުކޮޅެވެ. ނަމަވެސް ޖިއާން ޖެހި ޕެނަލްޓީ ވެގެންދިޔައީ އޭނާގެ މުޅިހަޔާތުގައި އެޕެނަލްޓީ ޖެހުނު ގޮތާއިމެދު ދެރަވަ ހިތާމަކުރާނެ ޕެނަލްޓީއަކަށެވެ. ޖިއާން ޖެހި ޕެނަލްޓީ ގޯލް ހުރަސް ދަނޑީގައި ޖެހިފައި ނުކުތުމާއެކު، މެޗްގެ ކުޅުން ނިމުނީއެވެ.
އިތުރު ވަގުތުގެ ދެ ހާފްގައިވެސް ގޯލެއް ނުޖެހި، 1 – 1 އިން ދެޓީމް އެއްވަރުވުމުން، ނަތީޖާ ނެރުނު، ޕެނަލްޓީ ޝޫޓް-އައުޓްގެ ފުރަތަމަ ޕެނަލްޓީ ޖެހީ އުރުގުއޭގެ ކެޕްޓަން ފޯލާންއެވެ. ގާނާގެ ފުރަތަމަ ޕެނަލްޓީ ޖެހީ، ޕެނަލްޓީ ޕެނަލްޓީ ޝޫޓް-އައުޓަށް ނުގޮސް މެޗުން މޮޅުވުމުގެ ފުރުސަތު ލިބުނު ޕެނަލްޓީ ކާމިޔާބު ނުކުރެވުނު ޖިއާންއެވެ. ނަމަވެސް މިފަހަރު އޭނާ ޖެހި ޕެނަލްޓީ ގޯލަށް ވެއްދިއެވެ. އުރުގުއޭގެ ދެވަނަ ޕެނަލްޓީ އެޓީމްގެ ވިކްޓޮރީނޯ ކާމިޔާބުކުރިއިރު ގާނާގެ ދެވަނަ ޕެނަލްޓީ އެޓީމްގެ އައްޕިއާ ކާމިޔާބުކޮށްދިނެވެ. އުރުގުއޭގެ ތިނަވަނަ ޕެނަލްޓީވެސް އެޓީމުން ކާމިޔާބުކޮށްފައި ވަނިކޮށް، ގާނާގެ ކެޕްޓަން މެންސާހް ޖެހި ޕެނަލްޓީ އުރުގުއޭގެ ކީޕަރު ދިފާއު ކުރިއެވެ. އެއްގޯލްގެ ކުރީގައި އޮވެ، އުރުގުއޭއިން ޖެހި ހަތަރު ވަނަ ޕެނަލްޓީ އެޓީމަށް ކާމިޔާބު ނުކުރެވުމުން، ގާނާއަށް އެއްވަރު ކުރުމަށް ލިބުނު ފުރުސަތު ގެއްލިގެންދިޔައީ ޑޮމެނިކް އަދިޔާ ޖެހި ޕެނަލްޓީ އުރުގުއޭގެ ކީޕަރު ދިފާއު ކުރުމުންނެވެ. އުރުގުއޭގެ ފަހު ޕެނަލްޓީ ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އަބްރެއު އެވެ.
ޕެނަލްޓީ ޝޫޓް-އައުޓްގައި 4 – 2 އިން އުރުގުއޭ މޮޅުވުމުން އެޓީމް ވަނީ ސެމީފައިނަލަށް ގޮސްފައެވެ. މިއީ 1970 ވަނަ އަހަރުގެ ފަހުން އުރުގުއޭ ވޯލްޑް ކަޕްގެ ސެމީފައިނަލަށް ދިޔަ ފުރަތަމަ ފަހަރެވެ. ސެމީ ފައިނަލަށް އުރުގުއޭ ގެންދިއުމުގައި އެޓީމްގެ މޮޅު ކުޅުންތެރިއާ ސުއަރޭޒް ހޯދި ރަތްކާޑުގެ ސަބަބުން ސެމީފައިނަލް މެޗްގައި އޭނާއަށް ނުކުޅެވޭނެއެވެ. ސެމީފައިނަލްގައި އުރުގުއޭ ކުރިމަތިލާން ޖެހިފައިވަނީ ބްރެޒިލް ބަލިކޮށް ސެމީފައިނަލަށް ދިޔަ ހޮލެންޑާއެވެ. މިމެޗް ކުޅުމަށް ހަމަޖެހިފައިވަނީ ޖުލައި 6 ވަނަ ދުވަހުގެ ރޭ 11:30 ގައެވެ.
ފީފާ ވޯލްޑް ކަޕް: ފަހަތުން އަރައި ބްރެޒިލް ބަލިކޮށް ހޮލެންޑް ސެމީފައިނަލަށް ހިނގައްޖެ
0 ހިޔާލު. .

ޖުލައި 02:
ފީފާ ވޯލްޑް ކަޕް 2010 ގެ ކުއާޓަރ ފައިނަލްގައި ބްރެޒިލް އާއި ބައްދަލުކޮށް ފަހަތުން އަރައި 2 – 1 ން މޮޅުވެ ހޮލެންޑް މުބާރާތުގެ ސެމީފައިނަލަށް ހިނގައްޖެ. މެޗް ފެށިގެން 10 ވަނަ މިނެޓްގައި ބްރެޒިލްގެ ރޮބީނިއޯ ޖެހިގޯލުން ބްރެޒިލް ކުރިހޯދާފައިވަނިކޮށް ނަތީޖާ އެއްވަރުވީ ދެވަނަ ހާފްގައި ހޮލެންޑްގެ ޝްނައިޑާ ފޮނުވާލި ބޯޅައެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި ބްރެޒިލްގެ މެލޯ ބޮލުގައި ޖެހިފައިވަން ގޯލުންނެވެ. ހޮލެންޑް މޮޅުވި ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ މެޗްގެ 68 ވަނަ މިނެޓްގައި ރޮބެން ނަގައިދިން ކޯނަރަކުން ޝްނައިޑާއެވެ.
ޖެހިޖެހިގެން ފަސްމެޗުން މޮޅުވެ ވޯލްޑް ކަޕްގެ ސެމީ ފައިނަލަށް ހޮލެންޑް ގޮސްފައިވާއިރު، އެޓީމް ވަނީ 1974، 1978، 1998 ގެ ވޯލްޑް ކަޕް ސެމީފަނަލުގައި ކުޅެފައެވެ.
މިމެޗްގެ 72 ވަނަ މިނެޓްގައި ބްރެޒިލްގެ މެލޯ އަށް ވަނީ ރަތްކާޑު ދައްކާފައެވެ.
ފީފާ ވޯލްޑް ކަޕް: ސްޕެއިން އަތުން ބަލިވެ ޕޯޗްގަލްގެ މުބާރާތުން ކަޓައިފި
0 ހިޔާލު. .

ޖޫން 29:
ދެވަނަ ބުރުގައި ރޭ ސްޕެއިން އާއި ޕޯޗްގަލް ބައްދަލުކުރި މެޗްގެ 63 ވަނަ މިނެޓްގައި ސްޕެއިންގެ ޑޭވިޑް ވިޔާ ޖެހި ގޯލާއެކު ސްޕޭނުން ޕޯޗްގަލްގެ މައްޗަށް 1 – 0 އިން ކުރި ހޯދައިގެން ކުއާޓަރ ފައިނަލަށް ހިނގައްޖެ. މިމެޗުން ޕޯޗްގަލް ބަލިވުމުން އެޓީމް ވަނީ މުބާރާތުން ކަޓާފައެވެ.
މިމެޗަށް ދެޓީމްވެސް ނުކުތީ ދެޓީމްގެ ރިކޯޑް ދިފާއުކުރުމަށެވެ. ސްޕެއިން ނުކުތީ އެމީހުން އެއްމެ ފަހުން ކުޅުނު 31 މެޗްގެ ތެރެއިން 29 މެޗުން މޮޅުވެފައިވާތީ، އެރިކޯޑް ދެމެހެއްޓުމަށެވެ. އަނެއްކޮޅުން ކާލޯސް ކެރޮޝްގެ ބެލުމުގެ ދަށުން ޕޯޗްގަލް ކުޅުނު 24 މެޗުގެ ތެރެއިން 20 މެޗުން މޮޅުވެފައިވާތީ ޕޯޗްގަލް ނުކުތީ އެރިކޯޑް ދަމަހައްޓާށެވެ.
ކުއާޓަރ ފައިލަންގައި ސްޕެއިނާއި ޕެރަގުއޭ ބައްދަލުކުރާ މެޗް ކުޅުމަށް ހަމަޖެހިފައިވަނީ 3 ޖުލައި 2010 ވަނަ ދުވަހުގެ ރޭ 11:30 ގައެވެ.
ފީފާ ވޯލްޑް ކަޕް: ފުރަތަމަ ފަހަރަށް ވޯލްޑް ކަޕްގެ ކުއާޓަރ ފައިނަލަށް އުރުގުއޭ ހިނގައްޖެ
0 ހިޔާލު. .

ޖޫން 29:
ރޭ ފީފާ ވޯލްޑް ކަޕްގެ ދެވަނަ ބުރުގައި ޖަޕާނާއި އުރުގުއޭ ބައްދަލުކުރި މެޗްގެ ފުރިހަމަ ވަގުތު ހަމަވެ، އިތުރު ވަގުތުގެ ދެހާފް ކުޅެ ނިމުނުއިރުވެސް ދެޓީމުންކުރެ ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވުމުން ކުއާޓަރ ފައިނަލަށް ދާނެ ޓީމެއް ކަނޑައެޅި ޕެނެލްޓީ ޖަހައިގެންނެވެ. ޕެނަލްޓީ ޝޫޓްއައުޓްގައި ޖަޕާނުން ޖަޕާނުންޖެހި 4 ވަނަ ޕެނަލްޓީ ގޯލް ހުރަސް ދަނޑީގައި ޖެހިފައި ނުކުތުމުން ޕެނަލްޓީ ޝޫޓްއައުޓުން 5 – 3 ގެ ސްކޯއިން މޮޅުވެ، ޕެރަގުއޭ ވަނީ އެގައުމުގެ ތާރީޚްގައި ފުރަތަމަ ފަހަރަށް ވޯލްޑް ކަޕްގެ ކުއާޓަރ ފައިނަލަށް ގޮސްފައެވެ.
ކުއާޓަރ ފައިނަލްގައި ޕެރަގުއޭ އާއި ސްޕެއިން ބައްދަލުކުރާ މެޗް ކުޅުމަށް ހަމަޖެހިފައިވަނީ 3 ޖުލައި 2010 ވަނަ ދުވަހުގެ ރޭ 11:30 ގައެވެ.
ފީފާ ވޯލްޑް ކަޕް: ޖެހިޖެހިގެން ތިންވަނަ ފަހަރަށް ޗިލީ ބަލިކޮށް ބްރެޒިލްއިން ހެޓްރިކް ހަދައިފި
0 ހިޔާލު. .

ޖޫން 29:
ވޯލްޑް ކަޕްގައި ޖެހިޖެހިގެން ތިންފަހަރު ޗިލީ ބަލިކޮށް ބްރެޒިލް އިން ހެޓްރިކް ހެދީ ދެވަނަ ބުރުގައި ރޭ ކުޅުނު މެޗުން ޗިލީގެ މައްޗަށް 3- 0 އިން ކުރި ހޯދައިގެންނެވެ. މީގެ ކުރިން 1962 ވަނަ އަހަރު ސެމީ ފައިނަލްގައި އަދި 1998 ވަނަ އަހަރު ދެވަނަ ބުރުގައި ބްރެޒިލް ވަނީ ޗިލީ އަތުން މޮޅުވެފައެވެ. މިދެފަހަރުވެސް ޗިލީއަތުން ބްރެޒިލް މޮޅުވެފައިވަނީ 4 – 0 ގެ ބޮޑު ތަފާތަކުންނެވެ. ބްރެޒިލް ވަނީ މިމުބާރާތުގެ ކޮލިފައިންގ ދެމެޗުންވެސް ޗިލީ ބަލިކޮށްފައެވެ.
ޑުންގާގެ ޓީމުން މެޗްގެ ކޮންޓްރޯލް ހޯދީ ފުރަތަމަ ހާފް ނިމެން 10 މިނެޓަށް ވެފައިވަނިކޮށް ޖުއާން އާއި ލުއިސް ފަބިއާނޯ ޖެހި އަވަސް ދެގޯލުންނެވެ. ދެވަނަ ހާފްގައި ޗިލީއިން ބަދަލުތަކެއް ގެނެސް ބްރެޒިލް ކޮޅަށް ގޯލެއްޖެހޭތޯ މަސައްކަތް ކުރިއެވެ. ނަމަވެސް ޗިލީއަށް އެކަން ކާމިޔާބު ނުވަނީސް ބްރެޒިލްގެ ރޮބީނިއޯ ޗިލީގެ ޑިފެންސް ފޫއަޅުވާލުމަށްފަހު 3 ވަނަ ގޯލް ޖެހިއެވެ. މިއީ ރޮބީނިއޯ ޗިލީއާއި ދެކޮޅަށް ކުޅުނު 6 މެޗުގައި ޗިލީކޮޅަށް ޖެހި 8 ވަނަ ގޯލެވެ.
ކުއާޓަރ ފައިނަލްގައި ބްރެޒިލް އާއި ހޮލެންޑް ބައްދަލުކުރާ މެޗް ކުޅުމަށް ހަމަޖެހިފައިވަނީ 2 ޖުލައި 2010 ވަނަ ދުވަހުގެރޭ 7.30 ގައެވެ.
ފީފާ ވޯލްޑް ކަޕް: ސްލޮވާކިއާ ބަލިކޮށް ހޮލެންޑް ކުއާޓަރ ފައިނަލަށް ހިނގައްޖެ
0 ހިޔާލު. .

ޖޫން 29:
ވޯލްޑް ކަޕްގެ ދެވަނަ ބުރުގައި ރޭ ސްލޮވާކިއާ އާއި ހޮލެންޑް ބައްދަލުކުރި މެޗް 2 – 1 އިން މޮޅުވީ ހޮލެންޑެވެ. މިމެޗުން މޮޅުވުމުން މުބާރާތުގައި ކުޅުނު 4 މެޗުން މޮޅުވެގެން ހޮލެންޑް ވަނީ ކުއާޓަރ ފައިނަލަށް ގޮސްފައެވެ. މިއީ އާޖެންޓީނާ ފިޔަވައި ކުޅުނު 4 މެޗުން މޮޅުވުގެން ކުއާޓަރަ ފައިނަލަށް ދިޔަ ހަމައެކަނި ޓީމެވެ. އަދި މިއީ ވޯލްޑް ކަޕްގައި ހޮލެންޑް ޓީމަށް ޖެހިޖެހިގެން 4 މެޗް ކާމިޔާބުކުރެވުނު ފުރަތަމަ ފަހަރެވެ.
ހޮލެންޑުން މިމެޗްގައި ގޯލްޖެހީ މެޗްގެ 18 ވަނަ މިނެޓްގައި ރޮބެން އާއި 84 ވަނަ މިނެޓްގައި ޝްނައިޑާއެވެ. ސްލޮވާކިއާގެ ގޯލްޖެހީ މެޗްގެ 90 މިނެޓް ހަމަވެގެން ކުޅުނު އިތުރު ވަގުތުގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުން ވީޓެކް އެވެ.
ކުއާޓަރު ފައިނަލްގައި ހޮލެންޑާއި ބްރެޒިލް ބައްދަލުކުރާމެޗް ކުޅުމަށް ހަމަޖެހިފައިވަނީ 2 ޖުލައި 2010 ވަނަ ދުވަހުގެ ރޭ 7.30 ގައެވެ.
ފީފާ ވޯލްޑް ކަޕް: ކުއާޓަރ ފައިނަލްގައި ޖަރުމަނާއި ބައްދަލުކުރަން އާޖެންޓީނާއިން ތައްޔާރުވެއްޖެ
0 ހިޔާލު. .

ޖޫން 28:
ފީފާ ވޯލްޑް ކަޕް 2010 ގެ ދެވަނަ ބުރުގައި ރޭ ކުޅުނު މެޗުން މޮޅުވެ ކުއާޓަރ ފައިނަލްގައި ޖަރުމަނާއި ބައްދަލުކުރަން އާޖެންޓީނާއިން ތައްޔާރުވެއްޖެ. މިމެޗްގައި އާޖިންޓާނާގެ ފުރަތަމަ ގޯލް މެކްސިކޯ ކޮޅަށް ޖެހީ ޓެވޭޒްއެވެ. ޓެވޭޒްގެ މިގޯލަކީ ދެމީހަކު ހިޔާލުތަފާތު ނުވާފަދަ ސާފު އޮފްސައިޑް ގޯލެކެވެ. ނަމަވެސް އިޓަލީގެ ރެފްރީ ރޮބާޓޯގެ ނިންމުމަކަށްވީ އެއީ ރަނގަޅު ގޯލެއް ކަމަށެވެ. އާޖެންޓީނާގެ ދެވަނަ ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ މެކްސިކޯގެ ޑިފެންޑަރ ރިކާޑޯ އަށް ހެދުނު ގޯހަކާއި ގުޅިގެން ލިބުނު ބޯޅައަކުން ރިއާލް މެޑްރިޑްގެ ފޯވާޑް ހިގުއައިންއެވެ. މިއީ މިވޯލްޑް ކަޕްގައި އޭނާ ޖެހި 4 ވަނަ ގޯލެވެ. މިގޯލާއެކު އޭނާ ވަނީ މިމުބާރާތުގެ އެއްމެ ގިނަ ގޯލްޖެހި ކުޅުންތެރިންގެ ލިސްޓްގެ ކުރިއަށް އަރާފައެވެ.
މެޗްގެ ދެވަނަ ހާފް ފެށިގެން 6 މިނެޓް ގައި އާޖެންޓީނާގެ ތިންވަނަ ގޯލް ޖެހިއެވެ. މިގޯލް އެޓީމަށް ޖަހައިދިނީ މެޗްގެ ފުރަތަމަ ގޯލްވެސް ޖެހި ކުޅުންތެރިއާ މެންޗަސްޓާ ސިޓީގެ ފޯވާޑް ޓެވޭޒް އެވެ. މިމެޗްގެ މޮޅު ކުޅުންތެރިއާގެ މަގާމްވެސް ލިބިފައިވަނީ ޓެވޭޒް އަށެވެ.
މިމެޗުން މެކްސިކޯ ބަލިވުމުން މެކްސިކޯގެ ކޯޗް ބުނެފައިވަނީ ޓެވޭޒްގެ ގޯލާއި ގުޅޭގޮތުން ރެފްރީ ނިންމެވި ނިންމުމަށް ވާހަކަ ދައްކަން ބޭނުން ނޫންކަމަށާއި، ނަމަވެސް އޮފްސައިޑް ގޯލްގެ ސަބަބުން ކުޅުންތެރިންގެ ކޮންސަންޓްރޭޝަން ގެއްލުނު ކަމަށެވެ. އިތުރަށް ކޯޗް ބުނީ އޭނާގެ ޓީމްގައި ގިނައީ 21 އަހަރުގެ ކުޅުންތެރިންކަމަށާއި، ހަތަރު އަހަރުފަހުން އެކުޅުންތެރިން މިއަށްވުރެ ރަނގަޅު ކުޅުމެއް ދައްކާނެކަމަށެވެ.
ކުއާޓަރ ފައިނަލްގައި އާޖެންޓީނާ އާއި ޖަރުމަން ބައްދަލުކުރާ މެޗް ކުޅުމަށް ހަމަޖެހިފައިވަނީ 3 ޖުލައި 2010 ވަނަ ދުވަހުގެ ރޭ 7.00 ގައެވެ.
ފީފާ ވޯލްޑް ކަޕް: ތާރީޚްގެ ސަފުހާތަކުން ޖަރުމަނާއި އިންގްލަންޑްގެ މެޗްތައް ވަކިކުރެވޭނެ ގޮތެއް ނެތް
0 ހިޔާލު. .

ޖޫން 27:
ޖަރުމަނު ޒުވާން ޓީމުން ހައިރާންކުރަނިވި މޮޅު ކުޅުމެއް ކުޅެ 4 – 1 ގެ ބޮޑު ތަފާތަކުން އިންގްލޭންޑް ބަލިކޮށް ވޯލްޑް ކަޕްގެ ކުއާޓަރ ފައިނަލަށް ހިނގައްޖެ. މިރޭ 7.30 ގައި ކުޅެންފެށި މިމެޗްގެ 20 ވަނަ މިނެޓްގައި މިރޮސްލާވް ކްލޯސާ ޖެހި ގޯލާއި 32 ވަނަ މިނެޓްގައި ލޫކަސް ޕްޑޮލްސްކީ ޖެހިގޯލާއެކު 2 ގޯލުގެ ތަފާތަކުން ޖަރުމަނު ކުރިހޯދާފައިވަނިކޮށް 37 ވަނަ މިނެޓްގައި އިންގްލޭންޑް ޓީމުގެ އަޕްސަން ގޯލެއް ޖަހައި ފަރަގު ކުޑަކުރިއެވެ. އޭގެ މިނިޓެއް ފަހުން ފްރެންކް ލަމްޕާޑްގެ ބާރު ޝޮޓެއް ގޯލުގެ ހުރަސް ދަނޑީގައި ޖެހިފައި ގޯލް ރޮނގު ހުރަސްކޮށް އެތެރެއަށް ވަނެވެ. ނަމަވެސ އުރުގުއޭގެ ލައިންސްމަންއަށް އެބޯޅަ ގޯލަށް ވަންކަމަކަށް ނުފެނުނެވެ. އެހެންކަމުން އެއީ ގޯލެއްކަމަށް ރެފްރީ ނުނިންމެވިއެވެ.

ލަމްޕާޑްގެ “ޖިއޮފް ހަސްޓް ސްޓައިލް ގޯލް” ރެފްރީ ގަބޫލު ނުކުރުން ވެގެން ގޮސްފައިވަނީ ތާރީޚްގެ ސަފުހާތަކުން މިދެޓީމްގެ މެޗްތައް ވަކިކުރެވޭނެ ގޮތެއް ނެތްކަމެވެ. 1966 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ފައިނަލް މެޗްގައި ހުޅަނގު ޖަރުމަނާއި އިންގްލޭންޑް ބައްދަލުކުރި މެޗްގައި އިންގްލޭންޑް މޮޅުވި ގޯލް ޖަހައިދިން ޖިއޮފް ހަސްޓް ޖެހި ގޯލް ވެގެން ގޮސްފައިވަނީ މިހާތަނަށްވެސް ބަހުސް ކުރެވެމުންދާ ގޯލަކަށެވެ. ގޯލް ހުރަސް ދަނޑީގައި ޖެހިފައި ފޭބި ބޯޅަ ގޯލް ރޮނގު ހުރަސްކޮށް އެތެރެއަށް ވަންތޯ ސުވާލުކުރުމުގެ ފުރުސަތު އޮތް ނަމަވެސް މިރޭގެ މެޗްގައި ފްރެންކް ލަމްޕާޑް ޖެހި ގޯލާއި މެދު ސުވާލުކުރެވޭނެ ފުރުސަތެއް ނެތެވެ. ނަމަވެސް ޖަރުމަނުން މިކަން ބަލައިގަތީ 44 އަހަރު ފަހުން އެމީހުންނަށް އިންސާފު ލިބުނީކަމަށެވެ.
ދެވަނަ ހާފްގެ ކުޅުން ފެށިގެން އިންގްލޭންޑުގެ ގިނަ ހަމަލާތަކެއް ޖަރުމަން ގޯލަށް އަމާޒުވިއެވެ. ނަމަވެސް ޖަރުމަން ޓީމްގެ ޒުވާން ކީޕަރު ފޫއަޅުވާލެވޭނެ ގޮތެއް އިންގްލޭންޑަށް ނުހޯދުނެވެ. މެޗްގެ އޮއިވަރު ބަދަލުވީ 67 ވަނަ މިނެޓްގައި އިންގްލަންޑްގެ ކީޕަރު ޑޭވިޑް ޖޭމްސްއަށް ވީނުވީއެއް ނޭނގޭ ވަރަށް ބާރަށް ޖަރުމަން ޓީމުގެ މިޑްފީލްޑް ކުޅުންތެރިޔާ ތޯމަސް މުލާ ފޮނުވާލި ބޯޅަ ގޯލުގެ ތެރެއަށް ވަދެގެންނެވެ. އޭގެ 3 މިނެޓް ފަހުން ޖަރުމަންގެ ކްލޯސާ އާއި އޯޒިލް ގުޅިގެން ވަރަށް ހުސްކޮށްދިން ބޯޅައެއް ގޯލަށް ފޮނުވާލައިގެން އުމުރުން އެއްމެ 20 އަހަރުގެ މުލާ އޭނާގެ ޓީމަށް މެޗްގެ 4 ވަނަ ގޯލް ޖަހައިދިނެވެ. މިއީ މުލާ މި މުބާރާތުގައި ޖެހި 3 ވަނަ ގޯލެވެ.
ފީފާ ވޯލްޑް ކަޕް: މެކްސިކޯ ވަނީ އާޖެންޓީނާ ކިބައިން ބަދަލު ހިފުމަށް ފެންބޮވައިގެންފައި
0 ހިޔާލު. .

ޖޫން 27:
މީގެ ހަތަރު އަހަރު ކުރިން 2006 ވަނަ އަހަރުގެ ޖޫން މަހު 26 ވަނަ ދުވަހު ޖަރުމަނުގެ ލިޕްޒިގް ގައި އާޖެންޓީނާ އާއި މެކްސިކޯ 18 ވަނަ ވޯލްޑް ކަޕްގެ ދެވަނަ ބުރުގައި ބައްދަލުކުރިއެވެ. އެމެޗް އާޖެންޓީނާއިން 2 – 1 އިން ކާމިޔާބުކޮށް މެކްސިކޯގެ އުއްމީދުތައް ކަރުނައަށް ބަދަލުކުރިއެވެ. އޭގެ ހަތަރު އަހަރު ފަހުން ހާވިއާ އަގުއޭރީ ގެ ކުޅުންތެރިން މިވަނީ އާޖެންޓީނާގެ ކިބައިން ބަދަލު ހިފުމަށް ފެންބޮވައިގެންފައެވެ. އެހެންނަމަވެސް އުފެދޭ ސުވާލަކީ މިހާތަނަށް ވޯލްޑް ކަޕްގައި އެއްމެ ފުރިހަމަ ކުޅުމެއް ދައްކަމުން އައިސްފައިވާ އާޖެންޓީނާގެ މައްޗަށް ކުރި ހޯދައި މަރަޑޯނާގެ އާދަޔާ ޚިލާފް ހަރަކާތްތައް ކެމެރާތަކުގެ އަމާޒަކަށް ހެދިދާނެތޯއެވެ؟
މެކްސިކޯ އާއި އާޖެންޓީނާ ބައްދަލުކުރާ މިމެޗަކީ ބާސެލޯނާ ޓީމްގެ ދެކުޅުންތެރިން ކަމަށްވާ މާކޭޒް އާއި މެސީ ގެ ކުރިމަތިލުންތައް އަނެއްކާވެސް އިތުރު ހަރުފަތަކަށް ގެންދާނެ މެޗެކެވެ. މީގެ ކުރިން 2006 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި މާކޭޒް ގޯލެއް ޖަހާފައިވަނިކޮށް ބަދަލުކުޅުންތެރިއެއްގެ ގޮތުގައި މެޗްގެ 84 ވަނަ މިނެޓްގައި ކުޅެން އަރައި މެކްސިކޯ ކޮޅަށް މެސީ ގޯލެއް ޖެހިއެވެ. ނަމަވެސް 1 – 1 އިން އެއްވަރު ވެފައި ވަނިކޮށް މެސީ ޖެހިގޯލް އޮފްސައިޑް ކަމަށް ރެފްރީ ނިންމެވިއެވެ. މިހާތަނަށް މިވޯލްޑް ކަޕްގައި މެސީއަށް ގޯލެއް ކާމިޔާބުކުރެވިފައި ނުވާއިރު މެކްސިކޯގެ މާކޭޒް މިމުބާރާތް ހުޅުވި މެޗްގައި ސައުތު އެފްރިކާ އާއި ދެކޮޅަށް ގޯލެއް ޖަހާފައެވެ.
ފީފާ ވޯލްޑް ކަޕް: ޖަރުމަނާއި އިންގްލަންޑް މެޗަކީ މުޅި ދުނިޔެ ފުޓްބޯޅައަށް ހުއްޓޭނެ މެޗެއް
0 ހިޔާލު. .

ޖޫން 27:
ފީފާ ވޯލްޑް ކަޕްގެ ތާރީޚްގައި ޖަރުމަނާއި އިންގްލަންޑް ބައްދަލުކުރާ މެޗްތައް ވެގެން ގޮސްފައިވަނީ ފުޓްބޯޅައަށް މުޅި ދުނިޔެ ހުއްޓޭ މެޗްތަކަކަށެވެ. މިއީ ޖަރުމަނާއި އިންގްލަންޑް ވޯލްޑަ ކްޕގައި ބައްދަލުކުރާ ފަސްވަނަ މެޗެވެ. މީގެ ކުރިން މިދެޓީމް ބައްދަލުކުރި ހަތަރު މެޗްގެ ތެރެއިން އިންގްލެންޑަށް ކާމިޔާބުހޯދިފައި ވަނީ 1966 ހަވަނަ އަހަރުގެ ވޯލްޑް ކަޕް ފައިނަލް މެޗްގައި ވެސްޓް ޖަރުމަނާއި ދެކޮޅަށެވެ. އެމެޗް އިންގްލަންޑް ކާމިޔާބުކޮށް ވޯލް ކަޕް ތަށި ހޯދީ 4 ލަނޑު 2 ލަނޑުންނެވެ.
މިމުބާރާތުގައި ޖަރުމަނުގެ ޒުވާން ޓީމް ގްރޫޕް-ޑީގެ އެއްވަނަ ހޯދައިގެން ދެވަނަ ބުރަށް އައިސްފައިވަނީ ގްރޫޕް މެޗްތަކުގައި ތަފާތު ކުޅުމެއް ދައްކާފައެވެ. އެގޮތުން ސާބިއާ އަތުން ބަލިވި ބަލިވުމަކީ ޖަރުމަނާއި މެދު ގިނަ ބައެއްގެ ހިތުގައި ސުވާލްތަކެއް އުފެދުނު މެޗަކަށެވެ. އަދި ހަމައެއާއެކު އޮސްޓްރޭލިއާ މެޗުން 4 – 0 އިން މޮޅުވެ ގާނާ އަތުން 1 – 0 ގެ ނަތީޖާއިން މޮޅުވެ ދެވަނަ ބުރަށް ދިއުމުން ޖަރުމަނާއި މެދު އުއްމީދު ކަނޑާލި ސަޕޯޓަރުން އެނބުރި ޓީމަށް ހިތްވަރުދޭން ފެށިއެވެ.
އިންގްލަނޑް ސައުތު އެފްރިކާއަށް ދިޔައީ މާޒީގައި އެޓީމަށް ކުރިމަތިވެފައިވާ ނާކާމިޔާބީތައް ބަދަލުކޮށްލުމުގެ އަޒުމާއި އުއްމީދުގައެވެ. އެހެންނަމަވެސް ގްރޫޕް މެޗްތަކުގައި އުއްމީދުކުރި ފަދަ މޮޅު ކުޅުމެއް ދެއްކިފައި ނުވާތީ ފުޓްބޯޅައަށް ލޯބިކުރާ ފަރާތްތަކުގެ ހިތްތަކުން އެޓީމްގެ ބަރުދަން ދަށަށް ދިޔައެވެ. ގްރޫޕް-ސީ ގެ ދެވަނަ ޓީމްގެ ގޮތުގައި އިންގްލަންޑް ދެވަނަ ބުރަށް އައިސްފައިވަނީ ގްރޫޕްގެ ފުރަތަމަ މެޗުން ޔޫ.އެސް.އޭ އާއި ބައްދަލުކޮށް 1 – 1 އިން އެއްވަރުވެ، އަލްޖީރިއާ މެޗުންވެސް ގޯލެއް ނުޖެހި ދެވަނަ ބުރަށް ދިއުމުގެ އުއްމީދު ގެއްލިފައިވަނިކޮށް ސްލޮވޭނިއާ މެޗުން 1 – 0 އިން މޮޅުވެގެންނެވެ.
ދެ ޓީމްގައިވެސް ފާހަގަކުރެވޭ މޮޅު ކުޅުންތެރިންތަކެއް ހިމެނޭ މިމެޗަކީ ބެޔާންމިއުނިކްގެ ލާމް އާއި ލިވަޕޫލްގެ ޖެރާޑްގެ ކެޕްޓަން ކަމުގައި މިދެޓީމް ބައްދަލުކުރާ ފުރަތަމަ މެޗެވެ. ޖަރުމަންގެ ކެޕްޓަން ބަލަކް އާއި އިންގްލަންޑްގެ ކެޕްޓަން ރިއޯ ފާޑިނަންޑް އަށް އަނިޔާވުމާއި ގުޅިގެން އެދެކުޅުންތެރިންގެ ބަދަލުގައި ޓީމާއި ހަވާލުވި މިދެކުޅުންތެރިންގެ ފަރާތުން ހަގީގީ ލީޑަރޝިޕް ކޮލިޓީ މިމެޗުން ފެންނާނެކަމަށް ގިނަބަޔަކު އުއްމީދުކުރެއެވެ.
ފީފާ ވޯލްޑް ކަޕް: އަހަރެންނަކީ ދުނިޔޭގަ ހުރި އެއްމެ އުފާވެރި މީހާ – ޖިޔާން
0 ހިޔާލު. .

ޖޫން 27:
ދެވަނަ ބުރުގައި ރޭ ޔޫ.އެސް.އޭ އާއި ގާނާ ބައްދަލުކުރި މެޗް 2 – 1 އިން ގާނާ ކާމިޔާބުކޮށްފި. މިމެޗުން ގާނާ މޮޅުވުމުން އެޓީމް ވެފައިވަނީ މިހާތަނަށް ވޯލްޑް ކަޕްގެ ކުއާޓަރ ފައިނަލުން ޖާގަ ހޯދި އެފްރިކާގެ 3 ވަނަ ޓީމްގެ ޝަރަފު ހޯދާފައެވެ. މީގެ ކުރިން 1990 ވަނަ އަހަރު ކެމަރޫން 2002 ގައި ސެނެގާލް ވަނީ ވޯލްޑް ކަޕްގެ ކުއާޓަރ ފައިނަލްގައި ކުޅެފައެވެ. ރޭގެ މެޗުން ގާނާ މޮޅުވީ މެޗްގެ ފުރިހަމަ ވަގުތު (90 މިނެޓް) ހަމަވިއިރު ދެޓީމް 1 – 1 އިން އެއްވަރުވުމުގެ ސަބަބުން ކުޅުނު 15 މިނެޓްގެ ދެހާފްގެ ތެރެއިން ފުރަތަ ހާފްގެ 3 ވަނަ މިނެޓްގައި ގާނާގެ މަޝްހޫރު ކުޅުންތެރިޔާ އަސަމޯއާ ޖިޔާން ޖެހި ގޯލުންނެވެ. މިއީ މިއަހަރު އޭނާ ގައުމީޓީމަށް ޖަހައިދިން 7 ވަނަ ގޯލެވެ.
މިމެޗަށްފަހު ޖިޔާން ބުނެފައިވަނީ އޭނާއަކީ މިހާރު ދުނިޔޭގައި ހުރި އެއްމެ އުފާވެރި މީހާކަމަށެވެ. “2006 ގައި އަހަރެމެން ދެވަނަ ބުރަށް ދިޔައިން. މިމުބާރާތުގައި އޭގެ އެއްފިޔަވަޅު ކުރިއަށް އަޅައި ކުއާޓަރ ފައިނަލުން އަހަރެމެން މިވަނީ ޖާގަ ހޯދާފައި. މިއީ މުޅި އެފްރިކާ އާއި ގާނާ ފަޚްރުވެރިވާނެކަމެއް” މެޗަށްފަހުން ޖިޔާން ބުނެފައިވެއެވެ.
ކުއާޓަރ ފައިނަލްގައި ގާނާއާއި ބައްދަލުކުރާނީ ދެވަނަބުރުގައި ރޭ ދެކުނު ކޮރެއާ އާއި ބައްދަލުކޮށް 2 – 1 އިން މޮޅުވި އުރުގުއޭ އެވެ. މިމެޗް ކުޅުމަށް ހަމަޖެހިފައިވަނީ ޖުލައި 2 ވަނަ ދުވަހުގެ ރޭ 11:30 ގައި ޖޮހަނަސްބާގްގައެވެ.
ފީފާ ވޯލްޑް ކަޕް: ލުއިސް ސުއާރޭޒްގެ ހުވަފެން ހަގީގަތަކަށް ވެއްޖެ
0 ހިޔާލު. .

ޖޫން 27:
ރޭ ކުޅުނު ފީފާ ވޯލްޑް ކަޕް 2010 ގެ ދެވަނަ ބުރުގެ ފުރަތަމަ މެޗުގައި ދެކުނު ކޮރެއާ ކޮޅަށް ދެގޯލް ޖަހައި ލުއިސް ސުއާރޭޒް އޭނާގެ ހުވަފެން ހަގީގަތަކަށް ހަދައިފި. މެޗްގެ ފުރަތަމަ ހާފް ނިމިގެންދިޔައީ މެޗްގެ 8 ވަނަ މިނެޓްގައި ލުއިސް ސުއާރޭޒް ޖެހި ގޯލާއެކު ކުރީގައި އޮވެގެންނެވެ. ނަމަވެސް ދެވަނަ ހާފްގައި ދެކުނު ކޮރެއާގެ ހަމަލާތައް ވަރުގަދަކޮށް މެޗްގެ 68 ވަނަ މިނެޓްގައި ލީ ޗުން ޔޮންގް ގޯލެއް ޖަހައި މެޗްގެ ނަތީޖާ އެއްވަރުކުރިއެވެ. މިއީ މިމުބާރާތުގައި އުރުގުއޭ ކޮޅަށް ވަން ފުރަތަމަ ގޯލްވެސް މެއެވެ. މެޗްގެ ނަތީޖާ އުރުގުއޭ ކޮޅަށް ބަދަލުކުރުމަށް އެޓީމުން ކުރަމުންދިޔަ މަސައްކަތް ކާމިޔާބުވީ މެޗްގެ 80 ވަނަ މިނެޓްގައި ލުއިސް ސުއާރޭޒް ޖެހި ދެވަނަ ގޯލުންނެވެ.
މެޗަށްފަހު އުމުރުން 23 އަހަރުގެ ލުއިސް ސުއާރޭޒް ބުނެފައިވަނީ މިއީ އޭނާ އަބަދުވެސް ދެކެމުން އައި ހުވަފެނެއް ކަމަށާއ، މިއުފާވެރިކަން އުރުގުއޭގައި ފާހަގަކުރާނެ ގޮތް އޭނާއަށް ސިފަކުރަން އުނދަގޫކަމަށެވެ. މީގެ އިތުރުން ސުއާރޭޒް ބުނީ މިކާމިޔާބަކީ އުރުގުއޭއަށް ހައްގު ކާމިޔާބެއް ކަމަށާއި، މުޅު އުރުގުއޭ ވަނީ ގައުމީ ޓީމާއެއްކޮށް ކަމަށެވެ.
ޔޫ.އެސް.އޭ – ގާނާ
0 ހިޔާލު. .

ޖޫން 26:
ދެވަނަ ބުރުގައި ޔޫ.އެސް.އޭ އާއި ގާނާ މިއަދު ވޯލްޑް ބައްދަލުކުރާއިރު ކުއާޓަރ ފައިނަލަށް ދާނީ ކޮންޓީމެއްތޯ ސުވާލުކުރުމުގެ ބޭނުމެއް ނެތެވެ. މިދެޓީމުންވެސް މިހާތަނަށް ކުޅެފައިވަނީ އިދިކޮޅު ޓީމްގެ ކުޅުން ހުއްޓުވުމުގެ ބަދަލުގައި ބޮޑަށް އެޓޭކިން ފުޓްބޯޅައެކެވެ. އެހެންކަމުން މިމެޗް ވެގެންދާނީ ބަލާހިތްވާ އަދި ގިނަ ކާޑްތަކެއް ފެނިގެންދާނެ މެޗެއްކަމަށް ވަރަށް ބޮޑަށް ބެލެވެއެވެ.
މިމެޗްގައި ޔޫ.އެސް.އޭ ގެ ކޯޗް ބޮބް ބްރެޑްލީ މެޗް ކުރިއަށް ގެންދާނީ މިހާތަނަށް ޔޫ.އެސް.އޭ އަށް ދެގޯލް ކާމިޔާބުކޮށްދީފައިވާ އެލް.އޭ ގެލެކްސީގެ ފޯވާޑް ލެންޑަން ޑޮނޮވަން ހަމަލާތަކަށް ރާވައިގެންނެވެ. ޑޮނަވަން އަކީ އެއްމެ އަލްޖީރިއާ މެޗްގެ އެއްމެ ފަހުވަގުތުކޮޅުގައި ގޯލެއް ޖަހައިގެން ޔޫ.އެސް.އޭ ދެވަނަ ބުރަށް ގެނެސްދިން ކުޅުންތެރިއާއެވެ. މިމެޗްގައި ގާނާގެ ކޯޗް މިލޮވާން ރަޖަވިޗް އޭނާގެ ޓީމް އެޓޭކް ރާވާފައިވަނީ މިއަހަރު މިހާތަނަށް ގާނާއިން ޖެހި ބައިނަލް އަޤްވާމީ 10 ގޯލްގެ ތެރެއިން 6 ގޯލް އެޓީމަށް ކާމިޔާބުކޮށްދީފައިވާ އަސަމޯއާ ހަމަލާތަކަށް ރާވައިގެންނެވެ. ވޯލްޑް ކަޕްގެ ދެވަނަ ބުރަށް ގާނާ ގެނެސްދިނުމުގައި އަސަމޯއާ ވަނީ ސާބިއާ އާއި އޮސްޓްރޭލިއާ ކޮޅަށްވެސް ގޯލް ޖަހާފައެވެ.
އުރުގުއޭ – ދެކުނު ކޮރެއާ
0 ހިޔާލު. .

ޖޫން 26:
ސައުތު އެފްރިކާ އާއި މެކްސިކޯ ބަލިކުރުމަށްފަހު ގްރޫޕް-އޭ ގެ އެއްވަނަ ހޯދި އުރުގުއޭ މިއަދު ދެވަނަ ބުރުގައި ދެކުނު ކޮރެއާ އާއި ބައްދަލުކުރާއިރު އެޓީމަކީ މިހާތަނަށް ވޯލްޑް ކަޕްގައި ޑިފެންސާއި އެޓޭކް އެއްމެ އޯގަނައިޒްކޮށް ދައްކަމުން އައިސްފައިވާ ޓީމެވެ. މިހާތަނަށް އުރުގުއޭގެ ޑިފެންސް ފޫއަޅުވާލެވިފައި ނުވާއިރު، އުރުގުއޭގެ ނުރައްކާތެރި ހަމަލާތައް ހުއްޓުވުމަށް އިދިކޮޅު ޓީމްތަކަށް ވަނީ ނުކުޅެދިފައެވެ.
އަނެއްކޮޅުން ބަލާއިރު ހޫ ޖުން މޫ ގެ ކުޅުންތެރިން ވަނީ އެމީހުންނާއި ހަވާލުކުރެވުނު ޒިންމާ ފުރިހަމައަށް އަދާކޮށް ކަނޑައެޅި ޓާގެޓް ހާސިލްކޮށް ގައުމުން ބޭރުގައި ފުރަތަމަ ފަހަރަށް ވޯލްޑް ކަޕްގެ ދެވަނަބުރަށް ޓީމް ގެންގޮސްފައެވެ. އެހެންކަމުން މިއަދުގެ މެޗުން އެޓީމަށް ގެއްލޭނެ އިތުރު އެއްޗެއް ނެތެވެ.
މިމެޗްގެ މުހިއްމު ކުޅުންތެރިންގެ ތެރޭގައި މުބާރާތް ބާއްވާ ގައުމާއި ދެކޮޅަށް ގޯލް ޖެހި އުރުގުއޭ ޓީމްގެ ޑިއޭގޯ ފޯލާން އާއި ތަފާތު ތިން ވޯލްޑް ކަޕްގައި ގޯލް ޖެހި އޭޝިއާގެ ދެވަނަ ކުޅުންތެރިއާގެ މަގާމް ހޯދާފައިވާ ދެކުނު ކޮރެއާގެ ޓީމްގެ ކެޕްޓަން އަދި މެންޗަސްޓާރ ޔުނައިޓެޑްގެ ޕާކް ޖީ-ސަން ހިމެނެއެވެ. މިދެކުޅުންތެރިންވެސް ވަނީ މިހާތަނަށް ކުޅުނު ގްރޫޕް މެޗްތަކުގެ މޮޅު ކުޅުންތެރިއާގެ މަގާމްވެސް ހޯދާފައެވެ.
މިއަދުގެ މެޗުން މޮޅުވާ ޓީމް ކުއާޓަރ ފައިނަލްގައި ބައްދަލުކުރަންޖެހޭނީ ޔޫ.އެސް.އޭ ނުވަތަ ގާނާ އާއެވެ. މިމެޗް ކުޅުމަށް ހަމަޖެހިފައިވަނީ 2 ޖުލައި 2010 ވަނަ ދުވަހު ޖޮހަނަސްބާގްގައެވެ.
ފީފާ ވޯލްޑް ކަޕް: ޕޯޗްގަލް ބްރެޒިލް މެޗް އެއްވަރުވެ ދެޓީމްވެސް ދެވަނަ ބުރަށް ހިނގައްޖެ
0 ހިޔާލު. .

ޖޫން 26:
ގްރޫޕް-ޖީ ގެ ފަހު ދެމެޗްގެ ތެރެއިން ޕޯޗްގަލް އާއި ބްރެޒިލް ބައްދަލުކުރި މެޗް ދެޓީމުން ކުރެ ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި އެއްވަރުވެއްޖެ. މިމެޗް އެއްވަރުވުމުން ގްރޫޕްގެ އެއްވަނަ ލިބުނީ ބްރެޒިލް އަށެވެ. ގްރޫޕްގައި ކުޅުނު ދެމެޗުން އެއްވަރުވެ އެއްމެޗުން މޮޅުވެގެން 5 ޕޮއިންޓާއެކު ޕޯޗްގަލް ދެވަނަ ބުރަށް ދިޔައީ ގްރޫޕްގެ ދެވަނަ ޓީމްގެ ގޮތުގައެވެ.
ފުރަތަމަ ބުރުގެ މެޗްތައް ނިމުނުއިރު އެއްމެ ގިނަ ގޯލް ޖެހި ދެވަނަ ޓީމްގެ ގޮތުގައި ހިމެނި ދެވަނަ ބުރަށް ޕޯޗްގަލް ދިޔައިރު އެޓީމްގެ ކޮޅަށް މިހާތަނަށް ލަނޑެއް ވަދެފައި ނުވާކަން ފާހަގަކުރެއެވެ. ޕޯޗްގަލް ދެވަނަ ބުރަށް ދިޔައިރު ޖުމްލަ 7 ގޯލް ޖަހާފައިވާއިރު މިއަދަދަށް ދެން ގޯލް ޖަހާފައިވާ ޓީމަކީ އާޖެންޓީނާއެވެ. ދެވަނަ ބުރަށް ދިޔަ ޓީމްތަކުގެތެރެއިން ޕޯޗްގަލް ފިޔަވައި މިހާތަނަށް ބައިކޮޅަށް ގޯލެއް ވަދެފައިނުވާ ދެވަނަ ޓީމަކީ އުރުގުއޭއެވެ.
ފީފާ ވޯލްޑް ކަޕް: އުތުރު ކޮރެއާ އަތުން މޮޅުވި ނަމަވެސް އައިވަރީ ކޯސްޓަށް މުބާރާތުން ކަޓައިފި
0 ހިޔާލު. .

ޖޫން 26:
ގްރޫޕް-ޖީގެ ފަހު ދެމެޗްގެ ތެރެއިން އައިވަރީ ކޯސްޓާއި އުތުރު ކޮރެއާ ބައްދަލުކުރި މެޗް 3 – 0 އިން އައިވަރީ ކޯސްޓް ކާމިޔާބުކުރިނަމަވެސް ދެވަނަ ބުރަށް ނުގޮސް އެޓީމް މުބާރާތުން ކަޓައިފި. ޗިލީއިން އުތުރު ކޮރެއާ މެޗަށް ނުކުތީ މަދުވެގެން 9 ގޯލްގެ ތަފާތުން މޮޅުވެ، ގްރޫޕްގެ ދެވަނައިގައި 4 ޕޮއިންޓާއެކު އޮތް ޕޯޗްގަލް ބްރެޒިލް އަތުން ބަލިވެ، ގޯލްގެ ތަފާތުން ދެވަނަ ބުރަށް ދިއުމުގެ އުއްމީދުގައެވެ. ނަމަވެސް ޗިލީއިން އުއްމީދުކުރި އެއްވެސް ނަތީޖާއެއް މިދެމެޗުންވެސް ހާސިލް ނުވުމުގެ ސަބަބުން އެޓީމްވަނީ 4 ޕޮއިންޓާއެކު މުބާރާތުން ކަޓާފައެވެ. އުތުރު ކޮރެއާ މުބާރާތުން ކަޓާފައިވަނީ ކުޅުނު ތިންމެޗުން ބަލިވެ ބައިކޮޅަށް 12 ގޯލް ވަދެ އެއްމެ ޕޮއިންޓެއްވެސް ނުލިބިއެވެ.
ފީފާ ވޯލްޑް ކަޕް: ގްރޫޕްގެ އެއްވަނަ ހޯދައިގެން ދެވަނަ ބުރަށް ސްޕެއިން ހިނގައްޖެ
0 ހިޔާލު. .

ޖޫން 26:
ޑޭވިޑް ވިއާ މެޗްގެ 24 ވަނަ މިނެޓް ޖެހި ގޯލްގެ އިތުރުން 37 ވަނަ މިނެޓްގައި އަންޑްރޭ އިނިއެސްޓާ ޖެހި ގޯލާއެކު 2 – 1 ގެ ނަތީޖާއިން ޗިލީގެ މައްޗަށް ކުރި ހޯދައިގެން ސްޕެއިން ދެވަނަ ބުރަށް ހިނގައްޖެއެވެ. މިމެޗްގައި ޗިލީގެ އެސްޓްރާޑާ އަށް ދެރީނދޫ ކާޑު ހަމަވެގެން ރަތްކާޑު ދައްކައި ދަނޑުން ފޮނުވާލިފަހުން މެޗްގެ 47 ވަނަ މިނެޓްގައި ޗިލީއިން ގޯލެއްޖަހައި ގޯލްގެ ފަރަގު ކުޑަކުރިއެވެ. މިގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ ރޮޑްރިގޯ މިލާއެވެ.
މިމެޗުން ޗިލީ ބަލިވިޔަސް 6 ޕޮއިންޓާއެކު ގްރޫޕްގެ ދެވަނަ ޓީމްގެ ގޮތުގައިވަނީ ދެވަނަ ބުރަށް ގޮސްފައެވެ. ޗިލީއަށްވުރެ އެއްގޯލް ކުރި ހޯދައިގެން މިގްރޫޕްގެ އެއްވަނަ ހޯދި ސްޕެއިން ދެވަނަ ބުރުގައި ބައްދަލުކުރަން ޖެހޭނީ ގްރޫޕް-ޖީ އިން ދެވަނަ ހޯދައިގެން ދެވަނަ ބުރަށް ގޮސްފައިވާ ޕޯޗުގަލް އާއެވެ.
ފީފާ ވޯލްޑް ކަޕް: ސްވިޓްޒަލެންޑް ހޮންޑިއުރަސް މެޗް އެއްވަރުވެ ދެޓީމް މުބާރާތުން ކަޓައިފި
0 ހިޔާލު. .

ޖޫން 26:
ދެގޯލްގެ ތަފާތަކުން މިމެޗުން މޮޅުވެގެން ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު ސްވިޓްޒަލެންޑަށް އޮތްނަމަވެސް ގޯލެއް ނުޖެހި މެޗް އެއްވަރުވުމުން ހޮންޑިއުރާސް އާއެކު ސްވިޓްޒަލެންޑްވެސް ވަނީ މުބާރާތުން ކަޓާފައެވެ. މިދެޓީމް ހިމެނޭ ގްރޫޕް-އެޗް އިން ދެވަނަ ބުރަށް ގޮސްފައިވަނީ ސްޕެއިން އާއި ޗިލީއެވެ.
ފީފާ ވޯލްޑް ކަޕް: ކުޅުނު ހުރިހާ މެޗުން މޮޅުވެގެން ދެވަނަބުރަށް ހޮލެންޑް ހިނގައްޖެ
0 ހިޔާލު. .

ޖޫން 25:
ވޯލްޑް ކަޕް 2010 ގެ ފުރަތަމަ ބުރުގައި ކުޅުނު ހުރިހާ މެޗުން މޮޅުވެގެން މިހާތަނަށް ދެވަނަ ބުރަށް ގޮސްފައިވަނީ ދެޓީމެވެ. އެއީ ރޭ ގްރޫޕް-އީ ގައި ކެމްރޫން އާއި ބައްދަލުކޮށް މޮޅުވެގެން ދެވަނަ ބުރަށް ދިޔަ ހޮލެންޑާއި، ގްރޫޕް-ބީ ގައި ކުޅުނު ހުރިހާ މެޗުން މޮޅުވެގެން ދެވަނަ ބުރަށް ދިޔަ އާޖެންޓީނާއެވެ. ރޭގެ މެޗަށް ހޮލެންޑް ނުކުތްއިރުވެސް އެޓީމަށްވަނީ 6 ޕޮއިންޓާއެކު ދެވަނަ ބުރުގެ ޖާގަ ކަށަވަރުވެފައެވެ. އަދި ހޮލެންޑާއި ބައްދަލުކުރި ކެމަރޫން މެޗަށް ނުކުތީ ކުޅުނު ދެމެޗުން ބަލިވެ މުބާރާތުން ކަޓާފައިވަނިކޮށެވެ. ރޭގެ މެޗުން ހޮލެންޑް މޮޅުވުމުން ހޮލެންޑް ދެވަނަ ބުރަށް ގޮސްފައިވަނީ ގްރޫޕްގެ އެއްވަނަ ޓީމްގެ ގޮތުގައެވެ. އެހެންކަމުން ދެވަނަ ބުރުގައި އެޓީމް ވާދަކުރަންޖެހޭނީ ގްރޫޕް-އެފް ގެ ދެވަނަ ޓީމް ސްލޮވާކިއާ އާއެވެ. މިމެޗް ކުޅުމަށް ހަމަޖެހިފައިވަނީ 28 ޖޫން ގައެވެ.
ފީފާ ވޯލްޑް ކަޕް: ޑެންމާކް ބަލިކޮށް މުބާރާތުގެ ދެވަނަ ބުރަށް ޖަޕާން ހިނގައްޖެ
0 ހިޔާލު. .

ޖޫން 25:
ފީފާ ވޯލްޑް ކަޕް 2010 ގެ ދެވަނަ ބުރަށް ދިއުމަށްޓަކައި ރޭ ޖަޕާނާއި ޑެންމާކްގެ ދެމެދުގައި ކުޅުނު މެޗުން ޖަޕާން ކާމިޔާބު ހޯދައިފި. ޑެންމާކް އަތުން ޖަޕާން މޮޅުވީ 3 ލަނޑު 1 ލަނޑުންނެވެ. މިމެޗަށް ދެޓީމް ނުކުތްއިރު ކޮންމެ ޓީމަކަށްވެސް 3 ޕޮއިންޓް ލިބިފައިވާއިރު ގޯލްގެ ތަފާތުން ގްރޫޕްގެ ދެވަނައިގައި އޮތީ ޑެންމާކްއެވެ. އެހެންކަމުން މެޗް ޑްރޯކޮށްގެން ޑެންމާކަށް ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު ބޮޑުވިނަމަވެސް ޖަޕާނަށް އޮތް ހަމައެކަނި ފުރުސަތަކީ މެޗުން މޮޅުވުމެވެ.
ފީފާ ވޯލްޑް ކަޕް: ނިއުޒިލެންޑް މެޗުން އެއްވަރުވެ ޕެރަގޫއޭ ދެވަނަ ބުރަށް ހިނގައްޖެ
0 ހިޔާލު. .

ޖޫން 25:
ރޭ ގްރޫޕް-އެފް ގެ އެއްވަނައިގައި 4 ޕޮއިންޓާއެކު އޮތް ޕެރަގުއޭ އާއި 2 ޕޮއިންޓާއެކު ގްރޫޕްގެ ފުލުގައި އޮތް ނިއުޒިލެންޑް ބައްދަލުކުރި މެޗް ދެޓީމުންކުރެ ޓީމަކަށް ގޯލެއް ނުޖެހި އެއްވަރުވުމުން 5 ޕޮއިންޓާއެކު ގްރޫޕްގެ އެއްވަނަ ހޯދައިގެން ޕެރަގުއޭ ދެވަނަ ބުރަށް ހިނގައްޖެ. މިމެޗުން މޮޅުވެގެން ދެވަނަ ބުރަށް ދިއުމަށްޓަކައި ނިއުޒިލެންޑުން ކުރަމުންދިޔަ މަސައްކަތް ނާކާމިޔާބުކޮށް ޕެރަގުއޭއިން ދެވަނަ ބުރަށް ގޮސްފައިވާއިރު ދެވަނަ ބުރުގައި އެޓީމް ބައްދަލުކުރަންޖެހޭނީ ގްރޫޕް-އީ ގެ ދެވަނަ ޓީމް ޖަޕާނާއެވެ. މިމެޗް ކުޅުމަށް ހަމަޖެހިފައިވަނީ 29 ޖޫން ގައެވެ.
ފީފާ ވޯލްޑް ކަޕް:އެއްމެ ފަހުގެ ޗެމްޕިން މުބާރާތުގެ ފުރަތަމަ ބުރުން ކަޓައިފި
0 ހިޔާލު. .

ޖޫން 25:
ފީފާ ވޯލްޑް ކަޕް 2006 ގެ ޗެމްޕިއަން އިޓަލީ މުބާރާތުގެ ފުރަތަމަ ބުރުން ކެޓީ ގްރޫޕް ސްޓޭޖްގައި ކުޅުނު ދެމެޗުން އެއްވަރުވެ ފަހު މެޗްގައި ސްލޮވާކިއާ އަތުން 3 – 2 އިން ބަލިވުމުންނެވެ. ރޭ ކުޅުނު މިމެޗްގައި ސްލޮވާކިއާގެ ފުރަތަމަ ގޯލް ޖެހީ މެޗްގެ 25 ވަނަ މިނެޓްގައި އެޓީމްގެ ވީޓޭކް އެވެ. ދެވަނަ ގޯލް 73 ވަނަ މިނެޓްގައި ސްލޮވާކިއާގެ ދެވަނަ ގޯލްވެސް ކާމިޔާބުކޮށްދިނީ ރޮބަޓް ވީޓޭކް އެވެ. މުބާރާތުގައި ދެމިތިބުމަށްޓަކައި އިޓަލީން ކުރަމުންދިޔަ މަސައްކަތުން އެޓީމްގެ ފުރަތަމަ ގޯލް ކާމިޔާބުކޮށްދިނީ 81 ވަނަ މިނެޓްގައި ފޯވާޑް ޑި ނަޓާލޭ އެވެ. އިޓަލީގެ މިގޯލާއެކު ސްލޮވާކިއާއިން 3 ވަނަ ގޯލް ޖެހިއެވެ. މެޗްގެ 89 މިނެޓްގައި މިގޯލް ޖެހީ ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ކޮޕްނެކް އެވެ. މެޗްގެ ފުރިހަމަ ވަގުތު ހަމަވިފަހުން އިޓަލީން ދެވަނަ ގޯލެއް ޖެހިއެވެ. މިގޯލް ޓީމަށް ކާމިޔާބު ކޮށްދިނީ ކުއަގްލިއޭރާއެވެ.
ރޭގެ މެޗުން އިޓަލީ ބަލިވުމުން އެޓީމް މުބާރާތުން ވަކިވީ ކުޅުން 3 މެޗުން ޖުމްލަ 2 ޕޮއިންޓާއެކު ގްރޫޕްގެ އެއްމެ ބަލި ޓީމްގެ ގޮތުގައި ހިމެނިގެންނެވެ. މިމެޗުން ސްލޮވާކިއާ މޮޅުވުމުން 4 ޕޮއިންޓާއެކު އެޓީމް ވަނީ ގްރޫޕްގެ ދެވަނަ ހޯދައިގެން ދެވަނަ ބުރަށް ކޮލިފައިވެފައެވެ.
ފީފާ ވޯލްޑް ކަޕް: ޖަރުމަނާއި ގާނާ ދެވަނަ ބުރަށް ހިނގައްޖެ
0 ހިޔާލު. .

ޖޫން 24:
ގްރޫޕް-ޑީ ގެ ފަހު ދެމެޗްގެ ތެރެއިން ޖަރުމަނާއި ގާނާ ބައްދަލުކުރި މެޗް ފެށުނުއިރު ގްރޫޕްގެ އެއްވަނައިގައި 4 ޕޮއިންޓާއެކު އޮތީ ގާނާއެވެ. 3 ޕޮއިންޓާއެކު 2 ވަނައިގައި އޮތީ ޖަރުމަނެވެ. އެއްވަގުތެއްގައި ކުޅުނު ގްރޫޕްގެ ދެވަނަ މެޗްގައި އޮސްޓްރޭލިއާ އާއި ސާބިއާ ބައްދަލުކުރި މެޗްގެ ކުޅުން ފެށުނުއިރު ސާބިއާ އޮތީ 3 ޕޮއިންޓާއެކު ގޯލްގެ ތަފާތުން ޖަރުމަންގެ ފަހަތުގައެވެ. އެހެންކަމުން މިމެޗް ވެގެންދިޔައީ ޖަރުމަން ޓީމަށް ވަރަށް މުހިއްމު މެޗަކަށެވެ. ދެވަނަ ބުރަށް ދިއުމަށްޓަކައި ޖަރުމަނަށް އޮތީ މިމެޗުން މޮޅުވުން ނުވަތަ އެއްވަރު ކުރުމެވެ. ގާނާއަށް މިމެޗް ކާމިޔާބު ނުކުރެވުނަސް ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު ބޮޑެވެ. ނަމަވެސް ގިނަ ގޯލްތަކެއް ބައިކޮޅަށް ވަދެއްޖެނަމަ އޮސްޓްރޭލިއާ ސާބިއާ މެޗްގެ ނަތީޖާ ނުކުންނަ ގޮތަކުން ގާނާ މުބާރާތުން ކަޓާނެއެވެ. މިހުރިހާ ކަމަކަށް ބަލައިގެން ފަރުވާތެރި ކުޅުމެއް ކުޅުނު މިމެޗްގެ ނަތީޖާ ވެގެންދިޔައީ ދެޓީމަށްވެސް ވޯލްޑް ކަޕްގެ ދެވަނަ ބުރުން ފުރުސަތު ލިބިގެން ދިޔަ ނަތީޖާއަކަށެވެ. މިމެޗް 1 – 0 އިން ޖަރުމަން ކާމިޔާބުކުރުމުން އެޓީމްވަނީ ގްރޫޕްގެ އެއްވަނަ ހޯދައިގެން ދެވަނަ ބުރަށް ގޮސްފައެވެ. ގްރޫޕްގެ ދެވަނަ މަގާމްގައި އޮވެގެން ދެވަނަ ޓީމެއްގެ ގޮތުގައި ދެވަނަ ބުރަށް ދިޔައީ ގާނާއެވެ.
ފީފާ ވޯލްޑް ކަޕް: ސާބިއާ އަތުން މޮޅުވި ނަމަވެސް އޮސްޓްރޭލިއާ އަށް ދެވަނަ ބުރުން ޖާގައެއް ނުލިބުނު
0 ހިޔާލު. .

ޖޫން 24:
ރޭ ގްރޫޕް—ޑީ ގައި ސާބިއާ އަތުން 2 – 1 ން މޮޅުވި ނަމަވެސް ގޯލްގެ ތަފާތުން ގާނާގެ މައްޗަށް އޮސްޓްރޭލިއާއަށް ކުރި ނުހޯދުނެވެ. އެއްވަގުތެއްގައި ކުޅުނު ގްރޫޕްގެ ދެމެޗްގެ ތެރެއިން ގާނާ އާއި ޖަރުމަން ބައްދަލުކުރި މެޗުން 1 – 0 އިން ގާނާ ބަލިވުމުން ދެވަނަ ބުރަށް ދިއުމަށްޓަކައި އޮސްޓްރޭލިއާއިން ސާބިއާގެ މައްޗަށް މަދުވެގެން 3 ގޯލްގެ ތަފާތަކުން ކުރިހޯދަންޖެހެއެވެ. ޖަރުމަން މެޗުން ގާނާ ބަލިވުމުން ދެވަނަ ބުރަށް ދިއުމަށްޓަކައި ސާބިއާއަށް ޖެހެނީ އޮސްޓްރޭލިއާ އަތުން މޮޅުވާށެވެ. ނަމަވެސް މިމެޗްގެ ނަތީޖާ ވެގެން ގޮސްފައިވަނީ ދެޓީމްވެސް ދެވަނަ ބުރަށް ނުގޮސް މުބާރާތުން ވަކިވާން ޖެހުނު ސްކޯއަކަށެވެ.
ފީފާ ވޯލްޑް ކަޕް: ސަޕޯޓަރުން ކުރިމަތި ކުރަމުންދިޔަ ސުވާލްތަކަށް އިންގްލަންޑުން ޖަވާބުދީފި
0 ހިޔާލު. .

ޖޫން 24:
އިންގްލަންޑް ޓީމަށް ސަޕޯޓަރުން ކުރިމަތި ކުރަމުންދިޔަ ސުވާލްތަކަށާއި ކިޔަމުންދިޔަ ފާޑުކިއުންތަކަށް އެޓީމުން ޖަވާބު ދިނީ ރޭ ގްރޫޕް-ސީ ގައި ސްލޮވޭނިއާ އާއި ބައްދަލުކޮށް މޮޅުވެގެންނެވެ. އިންގްލަންޑް ދެވަނަ ބުރަށް ގެންގޮސްދިން ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ މެޗްގެ 23 ވަނަ މިނެޓްގައި ޖަމެއިން ޑެފޯއެވެ.މިމެޗުން ސްލޮވޭނިއާ ބަލިވުމުން އެޓީމް ވަނީ ވޯލްޑް ކަޕުން ކަޓާފައެވެ.
ސްލޮވޭނިއާ އަތުން 1 – 0 އިން މޮޅުވެ އިންގްލަންޑް ދެވަނަ ބުރަށް ދިޔައިރު ކުޅުނު ތިންމެޗުން އެޓީމް ކޮޅަށް ވަދެފައިވަނީ އެއްމެ ގޯލެކެވެ. އެހެންކަމުން އިންގްލަންޑް ހިމެނިފައިވަނީ މިހާތަނަށް ދެވަނަ ބުރަށް ދިޔަ ޓީމްތަކުގެ ތެރެއިން ޑިފެންސް އެއްމެ ވަރުގަދަ ޓީމްތަކުގެ ތެރޭގައެވެ.
ދެވަނަ ބުރުގައި އިންގްލަންޑް ކުރިމަތިލާންޖެހެނީ ގްރޫޕް-ޑީ އިން އެއްވަނަ ހޯދީ ޖަރުމަން ޓީމާއެވެ. މިމެޗް ކުޅުމަށް ހަމަޖެހިފައިވަނީ 27 ޖޫން 2010 ވަނަ ދުވަހުގެ ރޭ 19:00 ގައެވެ.
ފީފާ ވޯލްޑް ކަޕް: އިތުރު ވަގުތުކޮޅުގައި ޖެހި ގޯލާއެކު ޔޫ.އެސް.އޭ ގްރޫޕްގެ އެއްވަނަ ހޯދައިގެން ދެވަނަ ބުރަށް ހިނގައްޖެ
0 ހިޔާލު. .

ޖޫން 24:
މެޗްގެ 90 މިނެޓް ކުޅުން ހަމަވިއިރުވެސް ޔޫ.އެސް.އޭ އޮތީ ގްރޫޕްގެ 3 ވަނައިގައެވެ. ހަމައެއާއެކު ގްރޫޕް-ސީ ގައި އެއްވަގުތެއްގައި ކުޅެމުންދިޔަ ސްލޮވޭނިއާ އިންގްލަންޑް މެޗުން 1 – 0 އިން ސްލޮވޭނިއާ ފަހަތުގައި އޮތްނަމަވެސް މެޗްގެ 90 ވަނަ މިނެޓް ކުޅުނު އިރު ސްލޮވޭނިއާ އޮތީ ގްރޫޕްގެ 2 ވަނައިގައެވެ. އެއްވަނައިގައި އޮތީ އިންގްލަންޑެވެ. މިހުރިހާކަމެއް ބަދަލުވެގެން ދިޔައީ ޔޫ.އެސް.އޭ އަލްޖީރިއާ މެޗްގެ އިތުރު ވަގުތުކޮޅުގައި ޔޫ.އެސް.އޭގެ ތަޖްރިބާކާރު ފޯވާޑް ކުޅުންތެރިއާ ލެންޑަން ޑޮނަވަން އަލްޖީރިއާ ކޮޅަށް ޖެހި ގޯލުންނެވެ.
ގްރޫޕްގެ 3 ވަނަ މަޤާމްގައި އޮވެ މުބާރާތުން ވަކިވާ އެއްމެ 3 މިނެޓަށް ވެފައިވަނިކޮށް ޔޫ.އެސް.އޭ އިން ޖެހި ގޯލާއެކު ގްރޫޕްގެ 1 ވަނަ ހޯދައިގެން އެޓީމް ދެވަނަ ބުރަށް ހޮވޮފައިވާއިރު، ޔޫ.އެސް.އޭގެ ގޯލް ކާމިޔާބުކުރުމާއި ހަމައަށް 4 ޕޮއިންޓާއެކު ގްރޫޕްގެ 2 ވަނަ މަޤާމްގައި އޮތް ސްލޮވޭނިއާ ވަނީ ގްރޫޕްގެ 3 ވަނަ އަށް ވެއްޓި މުބާރާތުން ކަޓާފައެވެ. މިމެޗުން ޔޫ.އެސް.އޭ މޮޅުވުމުން ގްރޫޕްގެ އެއްވަނައިގައި އޮތް އިންގްލެންޑް ވަނީ ޕޮއިންޓްގެ ގޮތުން ޔޫ.އެސް.އޭ އާއި އެއްވަރުވެ ގޯލްގެ ތަފާތުން ގްރޫޕްގެ ދެވަނަ ޓީމެއްގެ ގޮތުގައި ދެވަނަ ބުރަށް ހޮވިފައެވެ.
ފީފާ ވޯލްޑް ކަޕް: އެއްވެސް މެޗަކުން ބަލިނުވެ އާޖެންޓީނާ ދެވަނަ ބުރަށް ހިނގައްޖެ
0 ހިޔާލު. .

ޖޫން 23:
މަރަޑޯނާގެ އާޖެންޓީނާއިން ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ 19 ވަނަ ވޯލްޑް ކަޕްގެ ދެވަނަ ބުރަށް ހިނގައްޖެ. ރޭ ގްރޫޕް-ބީ ގައި އާޖެންޓީނާ އާއި ގްރީސް ބައްދަލުކުރި މެޗް އާޖެންޓީނާ ކާމިޔާބުކުރީ 2 – 0 ލަނޑުންނެވެ. މިނަތީޖާ އާއެކު ގްރޫޕްގައި ކުޅުނު 3 މެޗުން މޮޅުވެ 9 ޕޮއިންޓާއެކު އާޖެންޓީނާ ވަނީ ގްރޫޕްގެ އެއްވަނަ ހޯދައިގެން ދެވަނަ ބުރަށް ގޮސްފައެވެ. ދެވަނަ ބުރުގައި އާޖެންޓީނާ ކުޅެން ޖެހޭނީ ގްރޫޕް-އޭ އިން ދެވަނަ ހޯދައިގެން ދެވަނަ ބުރަށް ދިޔަ މެކްސިކޯ ޓީމާއެވެ.
ރޭގެ މެޗުން ގްރީސް ބަލިވުމުން އެޓީމް ވަނީ 3 ޕޮއިންޓާއެކު މުބާރާތުން ކަޓާފައެވެ. ގްރޫޕް-ބީ އިން ދެވަނަ ބުރަށް ދިޔަ ދެވަނަ ޓީމަކީ ދެކުނު ކޮރެއާއެވެ. ދެކުނު ކޮރެއާ ދެވަނަ ބުރަށް ދިޔައީ ރޭ ނައިޖީރިއާ އާއި ބައްދަލުކޮށް 2 – 2 މެޗް އެއްވަރު ކޮށްގެން 4 ޕޮއިންޓާއެކުވެ.
ފީފާ ވޯލްޑް ކަޕް: ދެކުނު ކޮރެއާ ނައިޖީރިއާ މެޗް އެއްވަރުވެ ނައިޖީރިއާ ވޯލްޑް ކަޕުން ކަޓައިފި
0 ހިޔާލު. .

ޖޫން 23:
އެފްރިކާ ޓިމްތަކުގެ ތެރެއިން އެއްމެ ފަހުން ވޯލްޑް ކަޕުން އަލްވަދާއު ކިޔަން ޖެހުނުޓީމަކީ ނައިޖީރިއާއެވެ. ނައިޖީރިއާ ވޯލްޑް ކަޕުން ކެޓީ ރޭ ކުޅުނު ގްރޫޕް ފަހު މެޗުން ދެކުނު ކޮރެއާ އާއި ބައްދަލުކޮށް އެއްވަރު ވުމުންނެވެ. މިމެޗާއި އެކުއެކީގައި ކުޅެމުންދިޔަ އާޖެންޓީނާ ގްރީސް މެޗްގެ ނަތީޖާއަށް ބުރަވެ ދެގޯލްގެ ތަފާތަކުން މެޗުން މޮޅުވުމުން ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު އޮތް ނައިޖީރިއާއިން މެޗްގެ ކުރީ ކޮޅު ގޯލެއް ޖަހައި ކުރި ހޯދިނަމަވެސް މެޗް ނިމިގެން ދިޔައީ 2 – 2 އިން އެއްވަރުވެގެންނެވެ.
މިނަތީޖާއާއެކު ގްރޫޕްގެ ދެވަނަ ޓީމެއްގެ ގޮތުގައި 4 ޕޮއިންޓާއެކު ދެކުނު ކޮރެއާ ވަނީ ދެވަނަ ބުރަށް ގޮސްފައެވެ. މިގްރޫޕްގެ ހުރިހާ މެޗަކުން މޮޅުވެ 9 ޕޮއިންޓާއެކު ގްރޫޕްގެ އެއްވަނަ ހޯދައިގެން ދެވަނަ ބުރަށް ދިޔަ ދެވަނަ ޓީމަކީ އާޖެންޓީނާއެވެ. ނޮކް-އައުޓް ސްޓޭޖްގައި ދެކުނު ކޮރެއާ ބައްދަލުކުރަންޖެހޭނީ ގްރޫޕް-އޭ އިން އެއްވަނަ ހޯދި އުރުގުއޭ އާއެވެ. އާޖެންޓީނާ ބައްދަލުކުރަންޖެހޭނީ ގްރޫޕް-އޭ ގެ ދެވަނަ ޓީމް ކަމަށްވާ މެކްސިކޯ އާއެވެ.
ފީފާ ވޯލްޑް ކަޕް: ފްރާންސް އަތުން މޮޅުވިނަމަވެސް ފްރާންސާއެކު ސައުތު އެފްރިކާއަށް ވޯލްޑް ކަޕް ނިމިއްޖެ
0 ހިޔާލު. .

ޖޫން 22:
ފްރާންސާއި ބައްދަލުކުރި މެޗުން ސައުތު އެފްރިކާ މޮޅުވިނަމަވެސް ފްރާންސާއެކު ސައުތު އެފްރިކާވެސް ވޯލްޑް ކަޕުން ކަޓައިފި. 2 – 1 އިން ސައުތު އެފްރިކާ މޮޅުވުމުން އެޓީމަށް 4 ޕޮއިންޓް ލިބުނު ނަމަވެސް ގޯލްގެ ތަފާތުން ދެވަނަ ބުރަށް ދިޔައީ މެކްސިކޯއެވެ. ނަމަވެސް ވޯލްޑް ކަޕް މެޗެއްގައި ފްރާންސް އަތު މޮޅުވުމަކީ ސައުތު އެފްރިކާއަށް ލިބުނު އުފަލެކެވެ.
ފީފާ ވޯލްޑް ކަޕް: މެކްސިކޯ މެޗުން މޮޅުވެ އުރުގުއޭ 7 ޕޮއިންޓާއެކު ދެވަނަ ބުރަށް ހިނގައްޖެ
0 ހިޔާލު. .

ޖޫން 22:
ގްރޫޕް-އޭ ގައި މެކްސިކޯ އާއި އުރުގުއޭ ކުޅެމުން ދިޔައިރު އެގްރޫޕް ގައި ހިމެނޭ އަނެއް ދެޓީމް ކަމަށްވާ ސައުތު އެފްރިކާއާއި ފްރާންސް ވެސް ދިޔައީ ކުޅެމުންނެވެ. އެއްވަގުތެއްގައި ކުޅުނު މިދެމެޗާއި ބެހޭގޮތުން މެޗް ފެށުމުގެ ކުރިން ތަފާތު ވާހަކަތަކެއްވަނީ ދެކެވިފައެވެ. މިގޮތުން ފްރާންސާއި ސައުތު އެފްރިކާ ކުޅުނު މެޗްގެ ނަތީޖާ ކޮންމެ ގޮތަކަށް ނުކުތަސް މެކްސިކޯ އުރުގުއޭ މެޗް ޑްރޯކޮށްގެން ދެޓީމުން ދެވަނަ ބުރުގެ ޖާގަ ހޯދުމަށް ރާވާފައިވާކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރިއެވެ. ނަމަވެސް މިދެޓީމުން ދެއްކި ކުޅުމަށް ބަލާއިރު އެފަދަ ތުހުމަތުތައް ކުރި ފަރާތްތަކުން އެދެޓީމްގެ ކިބައިން މަޢާފަށް އެދެންޖެހެއެވެ.
ދެޓީމްގެ ކުޅުމަށް ބަލާއިރު ދެޓީމުންވެސް މަސައްކަތް ކުރަމުން ދިޔައީ ދެވަނަ ބުރުގައި އާޖެންޓީނާ އާއި ކުޅެން ނުޖެހޭނެ ނަތީޖާއެއް ހޯދުމަށެވެ. 1 - 0 ގެ ނަތީޖާއިން މިމެޗް އުރުގުއޭ ކާމިޔާބުކުރުމުން 7 ޕޮއިންޓާއެކު އެޓީމް ވަނީ ގްރޫޕްގެ އެއްވަނަ ހޯދައިގެން ދެވަނަބުރަށް ގޮސްފައެވެ.
ގްރޫޕް-އޭ ގައި އެއްވަގުތެއްގައި ކުޅުނު ދެމެޗްގެ ތެރެއިން ފްރާންސާއި ބައްދަލުކޮށް 2 – 1 އިން ސައުތު އެފްރިކާ މޮޅުވުމުން އެޓީމަށް 4 ޕޮއިންޓް ލިބިފައިވާއިރު އުރުގުއޭ އަތުން ބަލިވުމުން މެކްސިކޯއަށްވެސް ލިބިފައިވަނީ 4 ޕޮއިންޓެވެ. ނަމަވެސް ގޯލްގެ ތަފާތުން ދެވަނަ ބުރަށް ދިޔައީ މެކްސިކޯއެވެ. އެހެންކަމުން މުބާރާތް ބާއްވާ ގައުމު ކަމަށްވާ ސައުތު އެފްރިކާ އާއި 1998 ވަނަ އަހަރުގެ ވޯލްޑް ކަޕް ޗެމްޕިއަން ފްރާންސް ވަނީ 19 ވަނަ ވޯލްޑް ކަޕްގެ ފުރަތަމަ ބުރުން ކަޓާފައެވެ.
0 ހިޔާލު. .
ޖޫން 22: ވޯލްޑް ކަޕްގެ މިސްރާބު ގެއްލިފައިވަނިކޮށް ޑޭވިޑް ވިޔާގެ ދެގޯލާއެކު ޔޫރަޕްގެ ޗެމްޕިއަން ސްޕޭން ހަމަ މަގަށް އެޅިއްޖެ. ވޯލްޑް ކަޕްގެ ފުރަތަމަ މެޗްގައި ސްވިޒްލެންޑް އަތު ސްޕެއިން ބަލިވުމުން އެޓީމާއި މެދު ގިނަ ބަޔަކު ކުރަމުން އައި އުއްމީދު ފަނޑުވިއެވެ. ނަމަވެސް ރޭ ހޮންޑިއުރަސް މެޗުން 2 – 0 އިން މޮޅުވުމުން އެޓީމަށް ވަނީ ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު ހުޅުވިފައެވެ. އަދި ރޭގެ މެޗްގައި ސްޕޭން ދެއްކި މޮޅު ކުޅުމުގެ ސަބަބުން ވޯލްޑް ކަޕްގެ މިސްރާބު އަލުން އަތުލާފައިވާކަމަށް އެޓީމްގެ ސަޕޯޓަރުން ގަބޫލުކުރެއެވެ. ނަމަވެސް އަމިއްލަ ބާރުގައި ދެވަނަ ބުރަށް ދާން ބޭނުންނަމަ ކުރިއަށް އޮތް ޗިލީ މެޗުން ސްޕެއިން މޮޅުވާންޖެހެއެވެ.
ވޯލްޑް ކަޕް: ޑޭވިޑް ވިޔާގެ ދެގޯލާއެކު ސްޕެއިންގެ ސަޕޯޓަރުންނަށް ހިނިތުންވުން ގެނެސްދީފި

0 ހިޔާލު. .
ޖޫން 21: ސްވިޒްލެންޑާއި ޗިލީ ބައްދަލުކުރި މެޗުން ސްވިޒްލެންޑް ބަލިވެ، އެޓީމުން ދަމަހައްޓަމުން އައި ޑިފެންސިވް ރިކޯޑް ވަނީ ނިމިފައެވެ. ސްވިޒްލެންޑްގެ 550 މިނެޓްގެ ޑިފެންސިވް ވޯލްޑް ކަޕް ރިކޯޑް ނިމުމަކަށް ގެނުވީ މެޗްގެ 75 ވަނަ މިނެޓްގައި ޗިލީގެ ގޮންޒާލެސް ޖެހި ގޯލުންނެވެ. ގޮންޒާލެސްގެ މިގޯލާއެކު 1 – 0 އިން މޮޅުވުމުން ޗިލީއަށް ވަނީ ދެމެޗް ކުޅެގެން 6 ޕޮއިންޓް ލިބިފައެވެ. އެހެންކަމުން ގްރޫޕް-އެޗް އިން ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު އެއްމެ ބޮޑު އެއްޓީމަކީ ޗިލީއެވެ. މިމެޗުން ސްވިޒްލެންޑް ބަލިވުމުން އެޓީމަށް ވަނީ ދެވަނަ ބުރަށް ދިއުމުގައި އަމިއްލަ ބާރުގެއްލިފައެވެ. ދެވަނަ ބުރަށް ދިއުމަށްޓަކައި ސްވިޒްލެންޑަށް ކުރެވެން އޮތް ހަމައެކަނި ކަމަކީ ހޮންޑިއުރަސް މެޗުން މޮޅުވެ ސްޕެއިނާއި ޗިލީ ބައްދަލުކުރާ މެޗް ބަލަން ތިބުމެވެ. މިމެޗްގައި ސައުދިއަރަބިއާގެ ރެފްރީ ވަނީ 9 ރީނދޫ ކާޑާއި 1 ރަތްކާޑު ދައްކާފައެވެ. މީގެ ތެރެއިން ގިނަ ކާޑުތަކަކީ އިންސާފުން އެއްކިބާވެ ދައްކާފައިވާ ކާޑުތަކެއްކަމަށް ޔޫރަޕްގެ ކޮމެންޓޭޓަރުން ފާހަގަކޮށްފައިވެއެވެ. އޭގެ ތެރޭގައި ސްވިޒްލެންޑްގެ މިޑްފީލްޑަރު ބެހްރާމީއަށް ދެއްކި ސީދާ ރަތްކާޑު ހިމެނެއެވެ. މިގޮތައް ގިނަ ކާޑުތަކެއް މިމެޗްގައި ފެނިގެންގޮސްފައިވަނީ ޔޫރަޕްގެ ފުޓްބޯޅައަށް ސައުދީއަރަބިއާގެ ރެފްރީ ހޭނިފައި ނެތުމުންކަމަށްވެސް ފުޓްބޯޅަ ދިރާސާ ކުރާފަރާތްތަކުން ބުނެފައިވެއެވެ. އެފަރާތްތަކުން ބުނާގޮތުން ފުޓްބޯޅައިގެ ގަވާއިދު ހުރިހާ ގައުމުތަކުގައި އެއްގޮތަކަށް ތަންފީޒުކުރިއަސް ދުނިޔޭގެ އެކި ބައްރުތަކުގައި ފުޓްބޯޅަ ކުޅޭ ގޮތް ތަފާތުކަމަށެވެ.
ވޯލްޑް ކަޕް: ސްވިޒްލެންޑް ދަމަހައްޓަމުން އައި ދިފާއީ ރެކޯޑް ޗިލީއިން ފޫއަޅުވާލައިފި

0 ހިޔާލު. .
ޖޫން 21: ޕޯޗްގަލް އާއި އުތުރު ކޮރެއާ ބައްދަލުކުރި މެޗް 7 – 0 ގެ ބޮޑު ތަފާތަކުން ޕޯޗްގަލް ކާމިޔާބުކޮށްފި. މިމެޗްގެ ފުރަތަމަ ހާފްގެ 29 ވަނަ މިނެޓްގައި ޓިއާއޯގެ ޕާހަކުން މެރޭލެސް ޖެހި ގޯލް ފިޔަވައި ބާކީ 6 ގޯލް ޖަހާފައިވަނީ ފަހު ހާފްގައެވެ. ފަހު ހާފްގައި ޕޯޗްގަލްއަށް ގޯލްތައް ކާމިޔާބުކޮށްދީފައިވަނީ ޓިއާގޯ 2 ގޯލް، ސިމާއޯ، ހޫގޫ، އަލްމައިޑާ، ލިއެޑްސަން އަދި ކެޕްޓަން ރޮނާލްޑޯއެވެ. މިއީ ބައިނަލްއަޤްވާމީ މުބާރާތެއްގައި ގޯލެއް ނުޖެހި 16 މަސްދުވަސް ފާއިތުވިފަހުން ރޮނާލްޑޯ ޖެހި ފުރަތަމަ ގޯލެވެ. މިމެޗްގެ މޮޅު ކުޅުންތެރިއާގެ މަޤާމް ހޯދީ ޕޯޗްގަލްގެ 7 ވަނަ ގޯލް ކާމިޔާބުކޮށްދިން ޖާޒީނަމްބަރ 7 ކްރިސްޓިއާނޯ ރޮނާލްޑޯއެވެ.
ފީފާ ވޯލްޑް ކަޕް: ބޮޑުތަފާތަކުން ޕޯޗްގަލް އިން އުތުރު ކޮރެއާ ބަލިކޮށްފި

0 ހިޔާލު. .
ޖޫން 21: ގްރޫޕް-ޖީ ގައި ރޭ ކުޅުނު މެޗުން އައިވަރީ ކޯސްޓް ބަލިކޮށް ބްރެޒިލް އިން ދެވަނަ ބުރުގެ ޖާގަ ކަށަވަރުކޮށްފި. އައިވަރީ ކޯސްޓާއި ބައްދަލުކޮށް 3 – 1 އިން މޮޅުވުމުން ބްރެޒިލަށް ވަނީ ދެވަނަ ބުރުގެ ޖާގަ ކަށަވަރު ވެފައެވެ. ބްރެޒިލް ކުޅުނު ދެމެޗުން މޮޅުވެ 6 ޕޮއިންޓް ލިބިފައިވާއިރު ކުރިއަށް އޮތީ ޕޯޗްގަލް މެޗެވެ. ޕޯޗްގަލް މިއަދު ހަވީރު އުތުރު ކޮރެއާއާއި ބައްދަލުކުރާއިރު އެޓީމަށް މިހާތަނަށް ލިބިފައިވަނީ 1 ޕޮއިންޓެވެ. އެހެންކަމުން ބްރެޒިލް މެޗަށް ދާއިރު އެއްމެ ގިނަވެގެން އެޓީމަށް ހޯދެން އޮތީ 5 ޕޮއިންޓެވެ. އައިވަރީ ކޯސްޓަށް އެއްޕޮއިންޓް ލިބިފައިވާއިރު ބާކީ އޮތީ އެއްމެޗެވެ. އެއީ 25 ޖޫން ގައި ކުޅެންޖެހޭ އުތުރު ކޮރެއާ މެޗެވެ. ބްރެޒިލް ޕޯޗްގަލް އާއި ކުރިމަތިލާއިރު ދިމާވާނެ އެއްމެ ބޮޑު ހުރަހަކީ ރޭގެ މެޗްގައި ރަތްކާޑު ދެއްކި ކަކާ އަށް ނުކުޅެވޭ މައްސަލައެވެ.
ފީފާ ވޯލްޑް ކަޕް: އައިވަރީ ކޯސްޓް ބަލިކޮށް ބްރެޒިލް އިން ދެވަނަ ބުރުގެ ޖާގަ ކަށަވަރުކޮށްފި

0 ހިޔާލު. .
ޖޫން 20: މިހާތަނަށް ސައުތު އެފްރިކާ 2010 ގައި ފެނުނު އެއްމެ އާދަޔާ ޚިލާފް އެއްކަމަކީ އެއްމެ ފަހުގެ ޗެމްޕިއަން އިޓަލީ އަށް މޮޅުވިޔަ ނުދީ ނިއުޒިލެންޑުން ހިފެހެއްޓި ހިފެހެއްޓުމެވެ. ހަތަރު ފަހަރު ދުނިޔޭގެ ޗެމްޕިއަންކަން ހޯދާފައިވާ އިޓަލީކޮޅަށް މެޗްގެ 7 ވަނަ މިނެޓްގައި ނިއުޒިލެންޑުން ގޯލެއްޖަހާފައި ވަނިކޮށް އިޓަލީއަށް މެޗުން ބަލިނުވެ ސަލާމަތްވީ މެޗްގެ 29 ވަނަ މިނެޓްގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުންނެވެ. މިމެޗް އެއްވަރުވުމުން ގްރޫޕް-އެފް ގެ އެއްވަނައިގައި އޮތީ 4 ޕޮއިންޓާއެކު ޕެރަގުއޭއެވެ. ކުޅުނު ދެމެޗުން އެއްވަރުވެގެން އިޓަލީ އާއި ނިއުޒިލެންޑަށް 2 ޕޮއިންޓް ލިބިފައިވާއިރު ގޯލްގެ ތަފާތުން 2 ވަނައިގައި އޮތީ އިޓަލީއެވެ. ސްލޮވާކިއާ ކުޅުނު ދެމެޗުން ބަލިވުމުގެ ސަބަބުން ޕޮއިންޓެއް ނުލިބި އޮތީ ގުރޫޕްގެ އެއްމެ ފުލުގައެވެ.
ފީފާ ވޯލްޑް ކަޕް: ދުނިޔޭގެ ޗެމްޕިއަން މޮޅުވިޔަނުދީ ނިއުޒިލެންޑުން ހިފަހައްޓައިފި

0 ހިޔާލު. .
ޖޫން 20: ގްރޫޕް-އެފް ގައި މިއަދު ހަވީރު ސްލޮވާކިއާ އާއި ބައްދަލުކޮށް 2 – 0 އިން ޕެރަގުއޭ މޮޅުވެ، ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު ބޮޑުކޮށްފި. މިމެޗްގައި ޕެރަގުއޭއަށް ގޯލް ކާމިޔާބުކޮށްދީފައިވަނީ މެޗްގެ 27 ވަނަ މިނެޓްގައި އެންރީކޭ ވިއެރާ އާއި 86 ވަނަ މިނެޓްގައި ކްރިސްޓިއަން ރިވެރޮސް އެވެ. ޕެރަގުއޭ މިމެޗުން މޮޅުވުމުން އެޓީމަށް 4 ޕޮއިންޓް ލިބިފައިވާއިރު ސްލޮވާކިއާ އަށް ލިބިފައިވަނީ އެއްމެ ޕޮއިންޓެކެވެ. މިގްރޫޕްގައި ދެން ހިމެނޭ ދެޓީމް ކަމަށްވާ އިޓަލީ އާއި ނިއުޒިލެންޑް މިރޭ ބައްދަލުކުރާއިރު މިދެޓީމަށްވެސް މިހާތަނަށް ލިބިފައިވަނީ އެއްޕޮއިންޓެވެ.
ފީފާ ވޯލްޑް ކަޕް: ސްލޮވާކިއާ ބަލިކޮށް ގްރޫޕްގެ އެއްވަނައަށް ޕެރަގުއޭ ހިނގައްޖެ

0 ހިޔާލު. .
ޖޫން 20: ކެމަރޫން ޓީމް އެނބުރި ގައުމަށް ދާއިރު ގައުމު ތިމާއަށް ކޮށްދެނީ ކޮންކަމެއްތޯ ބެލުމުގައި އަވަދިނެތި އުޅުނު ކުޅުންތެރިން މިއަދު އަމިއްލަ ނަފްސާއި ކުރާނެ ސުވާލަކީ ތިމާ ގައުމަށް ކޮށްދިނީ ކޮންކަމެއްތޯއެވެ. ސެމިއަލް އެޓޫ އާއި ބެހޭގޮތުން ކެމަރޫންގެ ފުޓްބޯޅަ ތަރި ރޮޖަރ މިލާ ބުނެފައިވަނީ އެޓޫއަށް މުހިއްމީ ގައުމަށްވުރެ އޭނާ ކުޅޭ ކްލަބް ކަމަށެވެ. ރޭގެ މެޗުން ޑެންމާކާއި ބައްދަލުކޮށް 2 – 1 އިން ކެމަރޫން ބަލިވި ބަލިވުން ގުޅިފައިވަނީ އެޓޫއާއި ބެހޭގޮތުން ރޮޖަރ މިލާ ދެއްކެވި ވާހަކަ ކަމަށްވުމީވެސް އެކަށީގެންވާކަމެކެވެ. ނަމަވެސް މެޗްގެ 10 ވަނަ މިނެޓްގައި ގޯލެއް ޖަހައި އެޓޫ އޭނާގެ ގައުމު ނަގާ ކޮޅަށް ޖެހިއެވެ. އެޓޫގެ މިގޯލަށްފަހު މާގިނަ އިރުތަކެއް ނުވެ މެޗްގެ 33 ވަނަ މިނެޓްގައި ޑެންމާކުން ގޯލެއް ޖަހައި ކެމަރޫން ބިމަށް ތިރިކުރިއެވެ. އެހިސާބުން އަނެއްކާވެސް ކެމަރޫންގެ ކުޅުންތެރިން ގައުމުގެ ދިފާއުގައި ގިނަ ހަމަލާތަކެއް އުފެއްދިއެވެ. އޭގެ ތެރޭގައި ޑެންމާކްގެ ގޯލަށް އެޓޫ ފޮނުވާލި ބާރު ޝޮޓްތައް ފާހަގަކުރެވެއެވެ. ނަމަވެސް މެޗްގެ 61 ވަނަ މިނެޓްގައި ޑެންމާކުން އިތުރު ގޯލެއް ޖަހައި ވޯލްޑް ކަޕުން ވަކިވާން ކެމަރޫނަށް މަޖްބޫރު ކުރިއެވެ. ރޭގެ މެޗުން ކެމަރޫން ބަލިވުމުން ގްރޫޕްގެ އެއްވަނަ މަގާމްގައި އޮތް ހޮލެންޑަށް ދެވަނަ ބުރުގެ ޖާގަ ވަނީ ކަށަވަރުވެފައެވެ. މިގްރޫޕުން ދެވަނަ ބުރަށްދާނީ ޖޫން 24 ވަނަ ދުވަހު ކުޅޭ ޖަޕާން ޑެންމާކް މެޗުން މޮޅުވާ ބައެކެވެ.
ފީފާ ވޯލްޑް ކަޕް: ކެމަރޫން ޓީމް ވޯލްޑް ކަޕުން އަލްވަދާޢު ކިޔައިފި

0 ހިޔާލު. .
ޖޫން 19: މެޗްގެ 25 ވަނަ މިނެޓުން ފެށިގެން 10 ކުޅުންތެރިންނާއެކު ކުޅެމުންދިޔަ އޮސްޓްރޭލިއާ ގާނާއިން ހިފަހައްޓައިފި. މެޗްގެ 11 ވަނަ މިނެޓްގައި އޮސްޓްރޭލިއާއިން ގޯލެއް ޖަހައި ކުރިހޯދާފައިވަނިކޮށް އޮސްޓްރޭލިއާގެ މަޝްހޫރު ކުޅުންތެރިއާ ހެރީ ކެވެލް (ޖ10) ޕެނެލްޓީ އޭރިއާ ތެރެއިން ބޯޅައިގައި އަތްލުމުން އޭނާއަށް ރެފްރީ ދެއްކި ރަތްކާޑާއެކު ގާނާއަށް ލިބުނު ޕެނެލްޓީއިން މެޗްގެ ސްކޯ އެއްވަރުކޮށްދިނީ މިމެޗްގެ މޭން އޮފްދަ މެޗަށްވެސް ހޮވުނު އަސްމޮއާ ޖިއާންއެވެ. އެކަކު މަދުކޮށް ކުޅުނު ނަމަވެސް ވަރަށް ހަމަހަމަ ކުޅުމެއް ދެޓީމުން ކުޅުނު މިމެޗް އެއްވަރުވުމުން ހަތަރު ޕޮއިންޓާއެކު ގްރޫޕްގެ އެއްވަނައިގައި އޮތީ ގާނާއެވެ. އަދި މިމެޗުން ލިބުނު އެއް ޕޮއިންޓާއެކު ދެމެޗް ކުޅެގެން ގްރޫޕްގެ އެއްމެ ފުލުގައި އޮތީ އޮސްޓްރޭލިއާއެވެ. ގްރޫޕްގައި ދެން ހިމެނޭ ސާބިއާ އާއި ޖަރުމަނަށް ތިންޕޮއިންޓް ލިބިފައިވާއިރު ގޯލްގެ ތަފާތުން ދެވަނައިގައި އޮތީ ޖަރުމަނެވެ. އެހެންކަމުން މިގުރޫޕުން ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު ހަތަރު ޓީމަށްވެސް އެބައޮތެވެ. ނަމަވެސް މީގެ ތެރެއިން ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު އެއްމެ ބޮޑީ ގާނާ އާއި ޖަރުމަން އަދި ސާބިއާއަށެވެ.
ފީފާ ވޯލްޑް ކަޕް: 10 ކުޅުންތެރިންނާއެކު ކުޅެމުންދިޔަ އޮސްޓްރޭލިއާ ގާނާއި ހިފަހައްޓައިފި

0 ހިޔާލު. .
ޖޫން 19: މިދިޔަ ބުރާސްފަތި ދުވަހު ފްރާންސް ބަލިވި މެޗްގެ ހާފް ޓައިމްގައި ނިކޮލަސް އަނިލްކާ އާއި ފްރާންސްގެ ކޯޗާއި ދެމެދު ހިނގި އަރާރުމެއްގައި ކޯޗާއި ދިމާލަށް ހަޑި ހުތުރު ބަހުން އަނިލްކާ މުހާތަބުކުރުމާއި ގުޅިގެން އޭނާ ޓީމުން ވަކިކޮށް އަނބުރާ ގައުމަށް ފޮނުވާލުމަށް ފްރާންސްގެ ފުޓްބޯޅަ އެސޯސިއޭޝަނުން ނިންމައިފި ކަމަށް ފްރާންސްގެ ނޫސްތަކުން ބުނެފި. ފްރާންސްގެ މަޝްހޫރު ނޫހެއް ކަމަށްވާ ލިއިކުއިޕޭ ނޫހުން ހާމަކޮށްފައިވާ ގޮތުން މެކްސިކޯ މެޗްގެ ފުރަތަމަ ހާފްގައި އަނިލްކާގެ ކުޅުމާއި މެދު ހިތްހަމަ ނުޖެހިގެން ކޯޗް ވާހަކަ ދެއްކުމުން، އަލިންކާ ވަނީ ވަރަށް މުޑުދާރު ބަސްތަކެއް ބޭނުންކޮށް ކޯޗަށް ރައްދު ދީފައެވެ. މިގޮތަށް ކޯޗާއި ޒުވާބުކުރުން އޭނާ ކުޅުމުން ބާލާނެ ކަމަށް ކޯޗް ބުނެފައިވާ ކަމަށްވެސް އެނޫހުން ބުނެފައިވެއެވެ. ކޯޗްގެ މިނިންމުން މެޗްގެ ދެވަނަ ހާފް ފެށުމާއެކު ތަންފީޒުކޮށް އަނިލްކާގެ ބަދަލުގައި އެންޑްރީ ޕިއެރީ ކުޅެން އެރުވިކަން ފާހަގަކުރެވެއެވެ. އަނިލްކާ ރަށަށް ފޮނުވާލުމަށް ހަމަޖެހިފައިވަނީ މާދަމާ ކަމަށްވެސް އެނޫހުގައި ބުނެފައިވެއެވެ. ބުރާސްފަތި ދުވަހު ކުޅުނު މެޗްގެ ދެވަނަ ހާފްގައި 2 ގޯލް ޖަހައި 1998 ގެ ފީފާ ވޯލްޑް ކަޕް ޗެމްޕިއަން ފްރާންސްގެ މައްޗަށް މެކްސިކޯއިން ކުރި ހޯދުމުން ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު ފްރާންސަށް ވަނީ ވަރަށް ހަނިވެފައެވެ. ފްރާންސަށް ދެވަނަ ބުރަށް ދެވެން އޮތީ ކުރިއަށް އޮތް ސައުތު އެފްރިކާ މެޗްގައި 4 ގޯލްގެ ތަފާތަކުން މޮޅު ވެގެންނެވެ. ނަމަވެސް އުރުގުއޭ އާއި މެކްސިކޯ ބައްދަލުކުރާ މެޗް އެއްވަރު ވެއްޖެ ނަމަ ކިތައްމެ ތަފާތު ބޮޑު ނަތީޖާއަކުން ފްރާންސް މޮޅު ވިޔަސް އެޓީމް ވޯލްޑް ކަޕުން އަލްވަދާއު ކިޔަންޖެހޭނެއެވެ.
ފީފާ ވޯލްޑް ކަޕް: ނިކޮލަސް އަނިލްކާ ޓީމުން ވަކިކޮށް ގައުމަށް ފޮނުވާލަން ނިންމައިފި

0 ހިޔާލު. .
ޖޫން 19: ގްރޫޕް-އީ ގައި ޖަޕާނާއި ހޮލެންޑް ބައްދަލުކުރި މެޗް 1 – 0 އިން ހޮލެންޑް ކާމިޔާބުކޮށްފި. މެޗްގެ 53 ވަނަ މިނެޓްގައި ޖަޕާނުގެ ގޯލަށް ބާރު ޝޮޓެއް ފޮނުވާލައިގެން ހޮލެންޑަށް މެޗް ކާމިޔާބުކޮށްދިނީ އިންޓަރ މިލާންގެ ތަރި ވެސްލީ ސްނައިޑާ އެވެ. މިމެޗުން ހޮލެންޑް މޮޅުވުމުން ގްރޫޕްގެ ބާކީ ހުރި މެޗްތަކުގެ ނަތީޖާ ކޮންމެ ގޮތަކަށް ނުކުތަސް އަމިއްލަ ބާރުގައި ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު އެޓީމަށް ވަނީ ލިބިފައެވެ. މިގްރޫޕްގެ ޕޮއިންޓް ޓޭބަލަށް ބަލާއިރު ކުޅުނު ދެމެޗުން މޮޅުވެގެން ހޮލެންޑް އޮތީ ޕޮއިންޓް ޓޭބަލްގެ އެއްވަނަ މަގާމްގައެވެ. ދެވަނަ މަގާމްގައި އޮތީ ކެމަރޫން އަތުން 1 – 0 ން މޮޅުވެ މިއަދު މެޗުން ބަލިވި ޖަޕާނެއެވެ. ތިންވަނަ އަދި ހަތަރު ވަނައިގައި އޮތީ ގްރޫޕްގައި ކުޅުނު ފުރަތަ މެޗުން ބަލިވި ކެމަރޫން އާއި ޑެންމާކް އެވެ.
ފީފާ ވޯލްޑް ކަޕް: ޖަޕާން ބަލިކޮށް ހޮލެންޑުން ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު ބޮޑުކޮށްފި

0 ހިޔާލު. .
ޖޫން 19 ފީފާ ވޯލްޑް ކަޕްގައި ރޭ އިންގްލެންޑާއި އަލްޖީރިއާ ބައްދަލުކުރި މެޗް ދެޓީމުން ކުރެ ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެއްޖެ. އިންގްލަންޑްގެ ކޯޗް ކަޕެއްލޯގެ 64 ވަނަ އުފަންދުވަހު ކުޅުނު މިމެޗް ނިމިގެން ސްޓޭޑިއަމުން އޭނާ ނިކުމެގެންދިޔައީ ވަތަށް އިސްޖަހައިގެންނެވެ. ޝާހީ އާއިލާގެ ދެބޭފުޅުން ކަމަށްވާ ޕްރިންސް ވިލިއަމް އާއި ހެރީ އާއެކު ސާޅީސް ހާސް އިންގްލަންޑް ސަޕޯޓަރުންގެ ކުރިމަތީގައި އަލްޖީރިއާ ދައްކާފައިވާ މޮޅު ކުޅުމަކީ އިނގިރޭސި ސަޕޯޓަރުންނަށް ގަބޫލުކުރެވޭނެ ކަމެއް ނޫނެވެ. ނަމަވެސް މިޗްގެ ބޯލް ޕޮޒިޝަނަށް ބަލާއިރު 52 ޕަސެންޓް ކޮންޓްރޯލް ކޮށްފައިވަނީ އަލްޖީރިއާއިންނެވެ. ގްރޫޕް-ސީ ގައި މިހާރު ކޮންމެ ޓީމަކަށް ބާކީ 1 މެޗް އޮތް އިރު ޕޮއިންޓް ޓޭބަލްގެ އެއްވަނައި ގައި އޮތީ 4 ޕޮއިންޓާއެކު ސްލޮވޭނިއާއެވެ. ކުޅުނު ދެމެޗުން އެއްވަރުވެގެން 2 ޕޮއިންޓާއެކު ދެވަނަ އަދި ތިންވަނަ މަޤާމްގައި އޮތީ ޔޫ.އެސް.އޭ އާއި އިންގްލަނޑް އެވެ. 1 ޕޮއިންޓާއެކު އެއްމެ ފުލުގައި އޮތީ އަލްޖީރިއާއެވެ. ނަމަވެސް އަދި އެއްވެސް ޓީމަކަށް ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު މުޅިން ނުގެއްލެއެވެ.
ފީފާ ވޯލްޑް ކަޕް: އަލްޖީރިއާ އިން އިންގްލަންޑަށް ފިލާވަޅެއް ދީފި

0 ހިޔާލު. .
ޖޫން 18: ގްރޫޕް-ސީ ގައި ސްލޮވޭނިއާ އާއި އެމެރިކާ ބައްދަލުކުރި މެޗް 2 – 2 އިން އެއްވަރުވެ އެމެރިކާ ސަލާމަތްވެއްޖެ. ސްލޮވޭނިއާ އިން މެޗްގެ ފުރަތަމަ ހާފްގައި ދެގޯލް ޖަހައި ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު ހޯދާފައިވަނިކޮށް ފަހަތުން އަރައި ދެވަނަ ހާފްގައި ދެގޯލް ޖަހައިގެން އެމެރިކާއިންވަނީ ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު ހޯދާފައެވެ. މިމެޗްގައި ސްލޮވީނިއާއިން ގޯލް ޖަހާފައިވަނީ ބީރްސާ އާއި ލުބިޔަންކިޗް އެވެ. އެމެރިކާގެ ފުރަތަމަ ގޯލް ޖެހީ މެޗްގެ 48 ވަނަ މިނެޓްގައި ޑޮނޮވަންއެވެ. ދެވަނަ ގޯލް މެޗްގެ 82 ވަނަ މިނެޓްގައި ޖެހީ އެމެރިކާ ކޯޗް ބޮބް ބްރެޑްލީގެ ދަރިއެއް ކަމަށްވާ މައިކަލް ބްރެޑްލީއެވެ. އޭގެ މިނެޓް ކޮޅެއް ފަހުން އެމެރިކާއިން ސްލޮވީނިއާގެ ގޯލް ފޫއަޅުވާލިއެވެ. ނަމަވެސް އެއީ ގޯލެއްކަމަށް ނިންމުމުގެ ބަދަލުގައި އެގޯލް ވެއްދުމުގައި އެމެރިކާ ކުޅުންތެރިން ފައުލްކުރި ކަމަށް ރެފްރީ ނިންމެވިއެވެ. މިމެޗް އެއްވަރުވުމުން މިގްރޫޕުުން ދެވަނަ ބުރަށް ދާނެ ޓީމްތައް އެނގޭނީ މިރޭ ކުޅޭ އަލްޖީރިއާ އިންގްލަންޑް މެޗާއި މެއި 23 ގައި ކުޅޭ ސްލޮވީނިއާ އިންގްލަންޑް މެޗާއި، އަލްޖީރިއާ އެމެރިކާ މެޗްގެ ނަތީޖާއިންނެވެ.
ފީފާ ވޯލްޑް ކަޕް: މެޗްގެ ފަހުވަގުތުކޮޅު ޖެހި ގޯލުން އެމެރިކާ ސަލާމަތްވެއްޖެ

0 ހިޔާލު. .
ޖޫން 18: ފީފާ ވޯލްޑް ކަޕް ގްރޫޕް-ޑީ ގައި މިއަދު ހަވީރު ކުޅުން މެޗްގައި ޖަރުމަނާއި ބައްދަލުކޮށް 1 – 0 އިން މޮޅުވެ ސާބިއާއިން ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު ބޮޑުކޮށްފި. ގަނަ ބަޔަކު ހީކުރިގޮތާއި ޚިލާފަށް ޖަރުމަނާއި ދެކޮޅަށް މޮޅު ކުޅުމެއް ކުޅެ މެޗްގެ 38 ވަނަ މިނެޓްގައި ސަބިއާގެ ގޯލް ކާމިޔާބުކޮށްދިނީ މިލާން ޖޮވަނޮވިޗް އެވެ. މިމެޗްގެ މޮޅު ކުޅުންތެރިއާގެ މަޤާމް ހޯދީ ޖަރުމަނުގެ ގިނަ ހަމަލާތަކެއް ދިފާއުކޮށް ލޫކަސް ޕޮޑޯސްކީގެ ޕެނަލްޓީ ދިފާއުކުރި ސާބިއާގެ ކީޕަރ ވުލަޑަމިއަރ ސްޓޮކޮވިޗް އެވެ. މިގްރޫޕްގެ ޕޮއިންޓް ޓޭބަލަށް ބަލާއިރު އޮސްޓްރޭލިއާ ފިޔަވައި ކޮންމެ ޓީމަކަށް ލިބިފައިވަނީ 3 ޕޮއިންޓެވެ. އެހެންކަމުން މިގްރޫޕުން ދެވަނަ ބުރަށް ދާނީ ކޮންބައެއްކަން އެނގޭނީ ގްރޫޕްގެ ފަހު މެޗްތައް ކުޅެ ނިމުމުންނެވެ. މިގްރޫޕްގައި ދެން ޖަރުމަން ކުޅެންޖެހޭނީ ގާނާ އާއެވެ. ސާބިއާ އާއި ބައްދަލުކުރާނީ އޮސްޓްރޭލިއާއެވެ. ސްޕޭންގެ ރެފްރީ އަލްބާޓޯ ރެފްރީކަން ކުރި މި މެޗްގައި ފާހަގަކުރެވޭ ގިނަ ކަންތައްތަކެއް ހިނގާފައިވެއެވެ. އޭގެ ތެރޭގައި އެއްމެ ފާހަގަކުރެވޭ އެއްކަމަކީ ރެފްރީ އަލްބާޓޯގެ ނިންމުންތަކާއި އިދިކޮޅަށް ވާހަކަދެއްކޭނެ ފުރުސަތު ބޮޑު ގިނަ ނިންމުންތައް ނިންމައި، މެޗްގައި 8 ރީނދޫ ކާޑައި 1 ރަތް ކާޑު ދައްކާފައިވާކަމެވެ. މިއީ މިވޯލްޑް ކަޕްގައި މިހާތަނަށް އެއްމެ ގިނަ ކާޑް ދެއްކި މެޗެވެ. މީގެ އިތުރުން މިއަދު މެޗުން ޖަރުމަން ބަލިވުން ވެގެންދިޔައީ 1986 ވަނަ އަހަރުގެ ފަހުން ވޯލްޑް ކަޕްގެ ފުރަތަމަ ބުރުގެ މެޗަކުން ބަލިވި ފުރަތަމަ މެޗަށެވެ. އަދި ޖަރުމަނުގެ މިރޮސްލާވް ކްލޯސާ އަށް މިމެޗްގައި ދެއްކި ރަތް ކާޑު ވެގެން ގޮސްފައިވަނީ ފާއިތުވި 18 އަހަރު ތެރޭގައި ޖަރުމަން ޓީމްގެ ކުޅުންތެރިއަކަށް ދެއްކި ފުރަތަމަ ރަތްކާޑަށެވެ. މީގެ އިތުރުން މިއަދުގެ މެޗްގައި ޖަރުމަނަށް ލިބުނު ޕެނެލްޓީ ނާކާމިޔާބުވުން ވެގެން ގޮސްފައިވަނީ 1974 ވަނަ އަހަރު ވޯލްޑް ކަޕް ގްރޫޕް ސްޓޭޖްގައި ޕޮލަންޑާއި ދެކޮޅަށް ޖަރުމަނުގެ އުލީ ހޯއެންސް ޖެހި ޕެނަލްޓީ ނާކާމިޔާބުވިފަހުން މެޗެއްގެ ތެރެއިން ޖަރުމަނަށް ނާކާމިޔާބުވި ފުރަތަމަ ޕެނަލްޓީއަށެވެ.
ފީފާ ވޯލްޑް ކަޕް: ޖަރުމަނު ބަލިކޮށް ސާބިއާއިން ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު ބޮޑުކޮށްފި

0 ހިޔާލު. .
ޖޫން 18: ވޯލްޑް ކަޕް ގްރޫޕް-އޭ ގައި ރޭ ކުޅުނު މެޗުން މެކްސިކޯ އާއި ބައްދަލުކޮށް ފްރާންސް ބަލިވީ 2 – 0 ނެވެ. މިނަތީޖާއާއެކު ދެވަނަ ބުރަށް ދިއުމަށް ފްރާންސަށް ވަނީ ހުރަސްތަކެއް ކުރިމަތިވެފައެވެ. ރޭގެ މެޗްގައި މެކްސިކޯ އިން ޖެހި ދެގޯލްވެސް ޖަހާފަައިވަނީ ބަދަލު ކުޅުންތެރިންގެ ގޮތުގައި ކުޅެން ނުކުތް 2 ކުޅުންތެރިންނެވެ. އެއީ މެޗްގެ 55 ވަނަ މިނެޓްގައި ކުޅެން އެރި ހާވިއާ ހެނާންޑޭޒް 64 ވަނަ މިނެޓްގައި ޖެހި ގޯލާއި 62 ވަނަ މިނެޓްގައި ކުޅެން އެރި ބްލަންކޯ ޖެހި ޕެނަލްޓީއެވެ. ބްލަންކޯގެ މިގޯލާއެކު އޭނާ ވަނީ ތަފާތު 3 ވޯލްޑް ކަޕެއްގައި ގޯލް ޖެހި މެކްސިކޯގެ ފުރަތަމަ ކުޅުންތެރިއާގެ ޝަރަފު ހޯދާފައެވެ. އަދި ހަމައެހެންމެ މިއީ ވޯލްޑް ކަޕްގައި ގޯލް ޖެހި ތިންވަނައަށް އެއްމެ އުމުރުން ދުވަސްވީ ކުޅުންތެރިއާއެވެ. ބްލަންކޯ ވަނީ 1998 އަދި 2002 ވަނަ އަހަރު ވޯލްޑް ކަޕްގައި ގޯލް ޖަހާފައެވެ. ބްލަންކޯގެ އުމުރަކީ 37 އަހަރެވެ. މިގްރޫޕްގެ ކޮންމެ ޓީމަކަށްވެސް ބާކީ 1 މެޗް އޮތް އިރު ގްރޫޕްގެ އެއްވަނަ މަގާމްގައި މިވަގުތު އޮތީ 4 ޕޮއިންޓާއެކު އުރުގުއޭ އެވެ. އެއް ގޯލްގެ ތަފާތަކާއެކު 4 ޕޮއިންޓާއެކު ދެވަނަ މަގާމްގައި އޮތީ ރޭގެ މެޗުން މޮޅުވި މެކްސިކޯއެވެ. 1 ޕޮއިންޓާއެކު ފްރާންސް 3 ވަނައިގައި އޮތް އިރު ދެކުނު އެފްރިކާއަށްވެސް ލިބިފައިވަނީ 1 ޕޮއިންޓެވެ. އެހެންކަމުން 2006 ވަނަ އަހަރު ވޯލްޑް ކަޕް ފައިނަލްގައި ކުޅުނު ފްރާންސަށް ދެވަނަ ބުރަށް ދެވެން އޮތީ ބާކީ އޮތް ސައުތު އެފްރިކާ މެޗުން މަދުވެގެން 4 ގޯލްގެ ތަފާތަކުން މޮޅުވެ، އުރުގުއޭ އާއި މެކްސިކޯ ބައްދަލުކުރާ މެޗްން ކޮންމެވެސް އެއްޓީމެއް ބަލިވެގެންނެވެ. މިމެޗް އެއްވަރު ވެއްޖެނަމަ 5 ޕޮއިންޓާއެކު ދެވަނަ ބުރަށް ދާނީ އުރުގުއޭ އާއި މެކްސިކޯއެވެ.
ފީފާ ވޯލްޑް ކަޕް: މެކްސިކޯ އަތުން ބަލިވެ ދެވަނަ ބުރަށް ދިއުމުގައި ފްރާންސަށް އަމިއްލަ ބާރު ގެއްލިއްޖެ
0 ހިޔާލު. .
ޖޫން 17: މެޗްގެ 33 ވަނަ މިނެޓްގައި ނައިޖީރިއާގެ ސާނީ ކެއިޓާއަށް ކޮލަމްބިއާގެ ރެފްރީ އޮސްކާ ރުއިޒް ދެއްކި ރަތްކާޑުގެ ފައިދާ ގްރީސް އިން ނެގީ ނައިޖީރިއާ 1 ގޯލް ޖަހާފައިވަނިކޮށް ފަހަތުން އަރައި 2 ގޯލް ޖަހައިގެންނެވެ. ނައިޖީރިއާގެ ގޯލް މެޗްގެ 13 ވަނަ މިނެޓްގައި ޖަހާފައިވަނީ ހިލޭ ޖެހުމަކީ ޖާޒީ ނަމްބަރު 16 ކަލޫ އުޗޭއެވެ. ގްރީސްގެ ފުރަތަމަ ގޯލް މެޗްގެ 44 ވަނަ މިނެޓްގައި ޖެހީ ސަލްޕިންޑީގިސް އެވެ. މިއީ ވޯލްޑް ކަޕް މެޗެއްގައި ގްރީސް އިން ޖެހި ފުރަތަމަ ގޯލެވެ. ގްރީސްގެ ދެވަނަ ގޯލް ޖަހާފައިވަނީ މެޗްގެ 71 ވަނަ މިނެޓްގައި އެޓީމްގެ ޑިފެންޑަރ ޓޮރޮސިޑީސް އެވެ. މިގޯލަކީ ފުލުފުލުން ނައިޖީރިއާގެ ގޯލަށް ގްރީސް އިން ފޮނުވާލި ހަމަލާތަކުގެ ތެރެއިން ކީޕަރު އެނީމާ އަތުގައި ޖެހިފައި ނުކުތް ބޯޅައެއް ގޯލަށް ވައްދައިގެން ޖެހި ގޯލެކެވެ. މިނަތީޖާއާއެކު ގްރީސް ވަނީ 3 ޕޮއިންޓާއެކު ގްރޫޕް-ބީ ގެ ތިންވަނަ މަގާމްގައެވެ. ގޯލްގެ ތަފާތުން 3 ޕޮއިންޓާއެކު ދެވަނައިގައި އޮތީ ދެކުނު ކޮރެއާއެވެ. މިގްރޫޕްގެ 1 ވަނައިގައި 6 ޕޮއިންޓާއެކު އޮތީ އާޖެންޓީނާއެވެ. އެހެންކަމުން މިގްރޫޕުން ދެވަނަ ބުރަށް ދާނެ 2 ޓީމް އެނގޭނީ ގްރޫޕްގެ ފަހު މެޗްތައް ކުޅެ ނިމުމުންނެވެ.
ފީފާ ވޯލްޑް ކަޕް: 10 ކުޅުންތެރިންނާއެކު ކުޅުނު ނައިޖީރީ ބަލިކޮށް ގްރީސް އިން ދެވަނަ ބުރަށް ދިއުމުގެ އުއްމީދު އާކޮށްފި
0 ހިޔާލު. .
ޖޫން 17: ގޮންޒާލޯ ހިގުއައީން ގެ ތާރީޚީ ހެޓްރިކާއެކު އާޖެންޓީނާއިން ވޯލްޑް ކަޕްގެ ދެވަނަ ބުރުގެ ޖާގަ ގާތްގަނޑަކަށް ކަށަވަރުކޮށްފިއެވެ. ދެކުނު ކޮރެއާއި ބައްދަލުކޮށް އާޖެންޓީނާ މޮޅުވީ 4 ލަނޑު 1 ލަނޑުންނެވެ. އާޖެންޓީނާގެ ފުރަތަމަ ގޯލަކީ މެޗްގެ 17 ވަނަ މިނެޓްގައި މެސީ ފޮނުވާލި ހިލޭޖެހުމެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި ދެކުނު ކޮރެއާގެ ޗޫ ޔުންގް ގެ ފައިގައި ޖެހިފައި ބައިކޮޅަށް ވަން ގޯލެކެވެ. އޭގެ ފަހުން 33، 76، 80 ވަނަ މިނެޓްގައި ގޮންޒާލޯ ހިގުއައީން ޖެހި 3 ގޯލާއެކު މެޗް ނިމިގެން ދިޔައީ އާޖެންޓީނާގެ ފަރާތުން ގިނަ ބަޔަކު ދެކެން ބޭނުންވެފައިވާ މޮޅު ކުޅުމަކާއެކުއެވެ. މިޗެށްފަހު ފުޓްބޯޅައިގެ ތަރި އަދި މިހާރު އާޖެންޓީނާގެ ކޯޗް މަރަޑޯނާ ބުނެފައިވަނީ އޭނާ ބޭނުންވަނީ މެސީ އަބަދުވެސް ބޯޅައާއި ކުޅުމަށް ކަމަށާއި، މެސީ ހިތްހަމަޖެހިގެން ކުޅޭނަމަ ޓީމްގެ އެއްމެން ތިބޭނީ ހިތްހަމަޖެހިގެން ކަމަށެވެ. މަތީގައި އެވާ ފޮޓޯއިން ތިޔަ ފެންނަނީ 1986 ވަނަ އަހަރު ވޯލްޑް ކަޕްގެ ސެމީ ފައިނަލްގައި ބެލްޖިއަމް އާއި ދެކޮޅަށް އާޖެންޓީނާ ކުޅުނު މެޗްގައި މަރަޑޯނާ 5 ޑިފެންޑަރުންނާއި ކުރިމަތިލާ މަންޒަރާއި، މިއަދު ސައުތު ކޮރެއާއި ދެކޮޅަށް އާޖެންޓީނާ ކުޅުނު މެޗްގައި އުމުރުން 22 އަހަރުގެ މެސީ ސައުތު ކޮރެއާގެ ޑިފެންޑަރުންނާއި ކުރިމަތިލާ މަންޒަރެވެ. މިދެކުޅުންތެރިންގެވެސް ޖާޒީ ނަންބަރަކީ 10 އެވެ.
ފީފާ ވޯލްޑް ކަޕް: ވޯލްޑް ކަޕް 2010 ގެ ފުރަތަ ހެޓްރިކާއެކު އާޖެންޓީނާއިން ދެވަނަ ބުރަށް މިސްރާބު ޖަހައިފި

0 ހިޔާލު. .
ޖޫން 17: އަމިއްލަ ގައުމުގައި ކުރިއަށްދާ ވޯލްޑް ކަޕްގައި ރޭ ސައުތު އެފްރިކާ ބަލިވުން ވެގެންދިޔައީ އެގައުމަށް ހަމަހިމޭންކަން ގެނުވި ކަމަކަށެވެ. އުރުގުއޭއާއި ބައްދަލުކޮށް 3 – 0 ގެ ބޮޑު ތަފާތަކުން ބަލިވުމުން ވޯލްޑް ކަޕާއިމެދު ސައުތު އެފްރިކާއިން ކުރަމުން އައި އުއްމީދުވަނީ ފަނޑުވެފައެވެ. ގިނަ ބަޔަކު ގަބޫލުކުރަނީ ރޭގެ މެޗްގައި ސައުތު އެފްރިކާގެ ގޯލް ކީޕަރަށް ދެއްކި ރަތް ކާޑާއެކު ސައުތު އެފްރިކާއަށް ވޯލްޑް ކަޕް ނިމުނީ ކަމަށެވެ. ކީޕަރަށް ދެއްކި ރަތް ކާޑްގެ ސަބަބުން ކުރިއަށް އޮތް ފްރާންސް މެޗްގައި އޭނާއަށް ނުކުޅެވޭނެއެވެ. އެމެޗުން މޮޅުވެގެން ނޫނީ ސައުތު އެފްރިކާއަށް ވޯލްޑް ކަޕްގައި އިތުރު ފުރުސަތެއް ނެތެވެ. ރޭގެ މުޅި މެޗަށް ބަލާއިރު ގިނަ ވަގުތު ކުޅުނީ ސައުތު އެފްރިކާއެވެ. އެހެން ނަމަވެސް ގިނަ ހަމަލާތައް އުފެއްދާފައިވަނީ އުރުގުއޭއިންނެވެ. އުރުގުއޭއިން 19 ހަމަލާ އުފައްދައި 6 ޝޮޓް ގޯލަށް އަމާޒުކޮށްފައިވެއެވެ. ދެކުނު އެފްރިކާ އަށް 10 ހަމަލާ އުފެއްދުނު އިރު ގޯލަށް އަމާޒުކުރެވިފައިވަނީ އެއްމެ 3 ހަމަލާއެވެ. ރޭގެ މެޗްގެ މޮޅު ކުޅުންތެރިއާގެ މަޤާމް ހޯދީ އުރުގުއޭއަށް 2 ގޯލް ކާމިޔާބުކޮށްދިން ޑިއޭގޯ ފޯލާން އެވެ.
ފީފާ ވޯލްޑް ކަޕް: ރޭގެ މެޗުން ބަލިވުމުން ސައުތު އެފްރިކާއަށް ހަމަހިމޭންކަން ގެނުވައިފި
0 ހިޔާލު. .
ޖޫން 16: ވޯލްޑްކަޕް ގްރޫޕް-އެޗް ގައި މިރޭ ސްވިޓްޒަލެންޑް ކުޅުނު މެޗާއެކު ގިނަ ކަންތައްތަކެއް ބަދަލުވެއްޖެއެވެ. މިހާތަނަށް ފުޓްބޯޅައިގައި މާބޮޑު ކާމިޔާބެއް ލިބިފައި ނުވާ ޤައުމަކުން ޔޫރަޕްގެ އެންމެ ފަހުގެ ޗެމްޕިއަން ބަލިކޮށްލުމަކީ އާދައިގެ ކަމެއް ނޫނެވެ. އަދި އެީ އެހާ ފަސޭހައިން ކުރެވޭނެ ކަމެއްވެސް ނޫނެވެ. ނަމަވެސް ފީފާ ވޯލްޑް ކަޕް 2010 ގައި ސްވިޓްޒަލެންޑް ކުޅެން ޖެހުނު ފުރަތަމަ މެޗްގައި އެޓީމުން މިވަނީ އާދަޔާ ޚިލާފް ހިތްވަރކާއެކު ޔޫރަޕްގެ އެއްމެ ފަހުގެ ޗެމްޕިއަންކަމަށްވާ ސްޕެއިން 1 – 0 ން ބަލިކޮށްފައެވެ. މެޗްގެ 52 ވަނަ މިނެޓްގައި ސްވިޓްޒަލެންޑްގެ މިޑްފީލްޑަރ ޖެލްސެން ފެނާންޑޭޒް ސްޕޭންގެ ގޯލް ފޫއަޅުވާލުމާއެކު ފުރަތަމަ ފަހަރަށް ވުވުޒެލާގެ އަޑު ހުއްޓުމަކަށް އައެވެ. މިއީ މިމުބާރާތުގައި ވުވުޒެލާގެ އަޑު ހިނދުކޮޅަކަށް މެދުކެނޑުނު ފުރަތަމަ ފަހަރެވެ. މިރޭގެ މެޗުން ސްޕޭން ބަލިވުމަކީ ގިނަ ބަޔަކަށް ގަބޫލުކުރަން އެހާ ފަސޭހަކަމެއް ނޫނެވެ. މިއީ އެޓީމް އެއްމެ ފަހުން ކުޅުނު 49 މެޗްގެ ތެރެއިން ބަލިވި ދެވަނަ މެޗެވެ. އަދި މިއީ މިދެޓީމް މިހާތަނަށް ބައްދަލުކުރި 18 މެޗްގެ ތެރެއިން ސްޕެއިން ބަލިވި ފުރަތަމަ މެޗެވެ. މިމެޗަށްފަހު ސްޕެއިންގެ ކޯޗް ޑެލްބޮސްކީ ބުނެފައިވަނީ ސްވިޓްޒަލެންޑުން ދެއްކި ކުޅުމަށްބަލާއިރު ސްވިޓްޒަލެންޑަށް ލިބިނު ކާމިޔާބީ އެމީހުންނަށް ހައްޤު ނޫންކަމަށެވެ. މެޗަށްފަހު ސްވިޓްޒަލެންޑްގެ ކޯޗް ބުނެފައިވަނީ މިމެޗާއެކު ސްވިޓްޒަލެންޑުގެ ނަން ތާރީޚް ފޮތްތަކުގައި ލިޔެވިގެން ހިންގައްޖެކަމަށެވެ.
ފީފާ ވޯލްޑް ކަޕް: ޔޫރަޕްގެ ޗެމްޕިއަން ސްޕެއިން ބަލިކޮށް ސްވިޓްޒަލެންޑުން ދުނިޔެ ސިއްސުވާލައިފި
0 ހިޔާލު. .
ޖޫން 16: ސައުތު އެފްރިކާ 2010 ފީފާ ވޯލްޑް ކަޕްގައި މިހާތަނަށް އެއްމެ ހިތްގައިމު ކުޅުމެއް ފެނުނު މެޗް ޗިލީ ކާމިޔާބުކުރީ 1 – 0 ލަނޑުންނެވެ. މިމެޗްގައި ހޮންޑިއުރަސް އަށް ލަނޑެއް ކާމިޔާބު ނުވިނަމަވެސް އެޓީމުން މޮޅު ކުޅުމެއް ދައްކާފައިވެއެވެ. ހިތްގައިމު އެޓޭކިން ފުޓްބޯޅައެއް ކުޅުނު މިމެޗްގައި ޗިލީގެ ގޯލް ކާމިޔާބުކޮށްދިނީ މެޗްގެ 34 ވަނަ މިނެޓްގައި ބޯޝުއާއެވެ. ބޯޝުއާ މިގޯލް ކާމިޔާބުކޮށްދިން ނަމަވެސް މިމެޗްގައި މޮޅު ކުޅުމެއް ކުޅެ ގިނަ ބައެއްގެ ސަމާލުކަން ހޯދާފައިވާ ކުޅުންތެރިއަކީ ޗިލީގެ 7 ނަންބަރު ސަންޗޭޒް އެވެ.
ފީފާ ވޯލްޑް ކަޕް: ހޮންޑިއުރަސް – ޗިލީ މެޗަކީ މިހާތަނަށް އެއްމެ ހިތްގައިމު ކުޅުމެއް ފެނުނު މެޗް
0 ހިޔާލު. .
ޖޫން 15: ފީފާ ވޯލްޑްކަޕް މުބާރާތް 5 ފަހަރު ކާމިޔާބުކޮށްފައިވާ ހަމައެކަނި ޤައުމު ކަމަށްވާ ބްރެޒިލް އާއި އުތުރު ކޮރެއާ ބައްދަލުކުރި މެޗް 2 – 1 ން ކާމިޔާބުކުރީ ބްރެޒިލް އެވެ. މިމެޗްގައި އުތުރު ކޮރެއާއިން ބްރެޒިލާއި ދެކޮޅަށް މޮޅު ކުޅުމެއް ދައްކާފައިވެއެވެ. ޚާއްސަކޮށް ބްރެޒިލްގެ މޮޅު ކުޅުންތެރިން ހިފެހެއްޓުމުގައި އަދި ފަހަތުން އަރައި ހަމަލާތައް އުފެއްދުމުގައި ގިނަ ބަޔަކު ހައިރާން ވާފަދަ މޮޅު ކުޅުމެއް އުތުރު ކޮރެއާގެ ކުޅުންތެރިން ދައްކާފައިވެއެވެ. ބްރެޒިލް ޓީމުން 2 ލަނޑު ޖަހާފައިވަނިކޮށް މެޗް ނިމެން އުޅެނިކޮށް އުތުރު ކޮރެއާގެ ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ ޖޭ ޔުން ނާމް އެވެ. ބްރެޒިލް ޓީމުން ގޯލް ޖަހާފައިވަނީ 55 ވަނަ މިނެޓްގައި ޑިފެންޑަރ މައިކޮން އާއި 72 ވަނަ މިނެޓްގައި މިޑްފީލްޑް ކުޅުންތެރިއާ އެލާނޯއެވެ. މިމެޗްގެ މޮޅު ކުޅުންތެރިއާގެ މަޤާމް ހޯދީ ބްރެޒިލްގެ ޑިފެންޑަރ މައިކޮންއެވެ. މިއީ އުތުރު ކޮރެއާ ފީފާ ވޯލްޑް ކަޕްގައި ކުޅޭ ދެވަނަ ފަހަރެވެ. އެއްމެ ފުރަތަމަ އުތުރު ކޮރެއާ ވޯލްޑްކަޕްގައި ކުޅެފައިވަނީ 1966 ވަނަ އަހަރުއެވެ. އެފަހަރު ގްރޫޕް ސްޓޭޖްގައި އިޓަލީ ބަލިކޮށް އުތުރު ކޮރެއާ ކުއާޓަރ ފައިނަލުން ޖާގަ ހޯދިއެވެ. ކުއާޓަރ ފައިނަލުގައި އުތުރު ކޮރެއާ ބަލިވީ ޕޯޗްގަލް އާއި ބައްދަލުކޮށް 5 ލަނޑު 3 ލަނޑުންނެވެ.
ފީފާ ވޯލްޑް ކަޕް: ބްރެޒިލާއި ދެކޮޅަށް އުތުރު ކޮރެއާއިން ގިނަ ބަޔަކު ހައިރާން ވާފަދަ މޮޅު ކުޅުމެއް ދެއްކި
0 ހިޔާލު. .
ޖޫން 15: މިރޭ ފީފާ ވޯލްޑް ކަޕްގައި ގްރޫޕް-ޖީ ގައި ހިމެނޭ އައިވަރީ ކޯސްޓާއި ޕޯޗްގަލް ބައްދަލުކުރި މެޗް އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހިވަނީ އެއްވަރު ވެފައެވެ. މިމެޗްގައި ދެޓީމުންވެސް ހަމަލާތައް އުފެއްދުމުގެ ބަދަލުގައި ބޮޑަށް ޑިފެންސަށް ބަލައިގެން ކުޅެފައިވާކަން ފާހަގަކުރެވެއެވެ. މިމެޗްގައި އެއްމެ ބޮޑަށް ފާހަގަކުރެވުނު އެއްކަމަކީ އައިވަރީ ކޯސްޓްގެ ދެބެއިން ކަމަށްވާ ޔާޔާ އަދި ކޮލޯ ޓޯރޭ ކުޅެފައިވާކަމެވެ. މިމެޗްގެ މޭން އޮފްދަ މެޗަށް ހޮވޮފައިވަނީ ޕޯޗްގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ.
ފީފާ ވޯލްޑް ކަޕް: އައިވަރީ ކޯސްޓް / ޕޯޗްގަލް
0 ހިޔާލު. .
ޖޫން 15: މިއަދު ހަވީރު ފީފާ ވޯލްޑް ކަޕްގައި ސްލޮވޭކިއާ ނިއުޒިލެންޑް ބައްދަލުކުރި މެޗް 1 – 1 ން އެއްވަރުވީ މެޗްގެ އެއްމެ ފަހު ސިކުންތުކޮޅު ނިއުޒިލެންޑްގެ ޒުވާން ޑިފެންޑަރ ވިންސްޓަން ޖެހި ގޯލުންނެވެ. މެޗްގެ 50 ވަނަ މިނެޓްގައި ސްލޮވޭކިއާގެ ގޯލް ކާމިޔާބުކޮށްދިނީ އުމުރުން 28 އަހަރުގެ ރޮބާޓް ވީޓެކް އެވެ. މިއީ ސްލޮވާކިއާ އިން ވޯލްޑްކަޕް މެޗެއްގައި ޖެހި ފުރަތަމަ ގޯލެވެ. މިއަދުގެ މެޗް އެއްވަރު ވުމުން ލިބުނު ޕޮއިންޓަކީ މިދެޓީމަށްވެސް ވޯލްޑްކަޕް ތާރީޚްގައި ލިބުނު ފުރަތަމ ޕޮއިންޓެވެ. މި މެޗްގެ މޮޅު ކުޅުންތެރިއާގެ މަޤާމު ހޯދީ ސްލޮވާކިއާށް ގޯލް ކާމިޔާބުކޮށްދިން ރޮބާޓް ވީޓެކް އެވެ. މިގްރޫޕްގައި ދެން ހިމެނޭ ޕެރަގުއޭ އާއި އިޓަލީ ރޭ ކުޅުނު މެޗްވެސް 1 – 1 ން އެއްވަރުވެފައިވާތީ މިގްރޫޕްގެ ހުރިހާ ޓީމަކަށް މިހާތަނަށް ލިބިފައިވަނީ 1 ޕޮއިންޓެވެ.
ފީފާ ވޯލްޑް ކަޕް: ސްލޮވޭކިއާ / ނިއުޒިލެންޑް މެޗް
0 ހިޔާލު. .
ވޯލްޑްކަޕް 2006 ވަނަ އަހަރުގެ ތަށި ދިފާއު ކުރުމަށް 2010 ވަނަ އަހަރުގެ ވޯލްޑްކަޕް އަށް ނިކުތް އިޓަލީ ޓީމް މިމުބާރާތުގައި އިޓަލީ ކުޅުނު ފުރަތަމަ މެޗްގައި މިރޭ 1-1 ގެ ނަތީޖާ އަކުން ޕެރަގުއާއީ އެއްވަރު ވެގެން ނިމިއްޖެއެވެ. މެޗެބަލަން ތިބި ހުރިހާ އެންމެން ސިއްސުވާލީ މެޗްގެ 39 ވަނަ މިނިޓްގައި ޕެރަގުއާއީގެ އެންޓޮލިން އަލްކަރާޒް ބޮލުން ޖަހާ އިޓަލީގެ ގޯލަށް ވައްދާލި ބޯޅައަކުންނެވެ. މިމެޗްގެ މޭން-އޮފް-ދި-މެޗް، އަލްކަރާޒް ޕެރަގުއާއީ އަށް މިލަނޑު ކާމިޔާބު ކޮށްދިނީ ޓޮރޭޒް ނަގައި ދިން ހިލޭޖެހުމަކުންނެވެ. އަދި ޕެރަގުއާއީ އިން އިޓަލީގެ ގޯލަށް ފޮނުވާލި ފުރަތަމަ ހަމަލާވެސް މެއެވެ. މުޅި މެޗްގެ ބޮޑުބައި އިޓަލީ އިން ކުޅެފައި ވާއިރު އެއްވަރު ކޮށްދިން ގޯލް ޖަހާދިނީ މެޗްގެ 63 ވަނަ މިނިޓްގައި އިޓަލީގެ ޕެޕޭ ނަގައިދިން ކޯނަރަކުން ޑިރޯސީ އެވެ. މެޗްގެ 90 މިނިޓާއި އިތުރު 3 މިނިޓް އެކީ ކުޅެވިފައި ވާއިރު އިޓަލީ އިން ވަނީ ޖުމްލަ 10 ހަމަލާއެއް ޕެރަގުއާއީގެ ގޯލަށް ފޮނުވާލާފައެވެ. މީގެ ތެރެއިން ގޯލަށް އަމާޒުވެފައި ވަނީ 5 ހަމަލާ އެވެ. ފެރަގުއާއީ އިން ޖުމްލަ 8 ހަމަލާ އިޓަލީގެ ގޯލަށް ފޮނުވާފައި ވާއިރު ގޯލަށް އަމާޒުވީ އެއްހަމަލާ އެވެ. ދެ ޓީމުން ވެސް 15 ފައުލް ކޮށްފައިވާ އިރު ފެނިގެން ގޮސްފައި ވަނީ 2 ރީދޫ ކާޑެވެ. އެއީ މެޗްގެ 62 ވަނަ މިނިޓްގައި ޕެރަގުއާއީގެ ކަސީރެސް ކުރި ފައުލްއަކާ ގުޅިގެންނެވެ. ދެން ރީދޫ ކާޑެއް ފެނިފައި ވަނީ މެޗްގެ 70ވަނަ މިނިޓްގައި އިޓަލީގެ ކަމޮރަނޭސީ ކުރިފައުލަކާ ގުޅިގެންނެވެ. މެޗްގެ ފަހުމިނިޓްތަކުގައި އިޓަލީ އިން ވަނީ ވަރަށް ގަދައަށް ކުޅެ މެޗެގެ ލީޑް ލިބޭތޯ މަސައްކަތް ކޮށްފައެވެ. ނަމަވެސް ޕެރަގުއާއީގެ ގޯލްގެ ދާގަނޑުގައި ބޯޅަޖެއްސޭގޮތެއް ނުވެ މެޗް ނިމިގެން ދިޔައީއެވެ.
އެންމެ ފަހުގެ ވޯލްޑްކަޕް ޗެމްޕިއަން، އިޓަލީ އާއި ޕެރަގުއާއީ ބައްދަލު ކުރި މެޗްވީ އެއްވަރު
0 ހިޔާލު. .
ސައުތު އެޕްރިކާގައި މިހާރު ކުރިއަށްދާ ވޯލްޑް ކަޕް މުބާރާތުގައި މިރޭ ޖަޕާނުން ކުޅުނު މި މުބާރާތުގެ ފުރަތަމަ މެޗުގައި ކެމެރޫން އަތުން 1-0 އިން މޮޅުވެއްޖެއެވެ. ޖަޕާންގެ ލަނޑު ކާމިޔާބު ކޮށްދިނީ މަޓްސުއި ނަގާދިން ހުރަހަކުން ކެއިސޫކޭ ހޮންޑާ އެވެ. މިމެޗްގައި މޮޅު ކުޅުމެއް ކުޅެފައި ވަނީ ކެމެރޫން އިންނެވެ. ކެމެރޫން މިމެޗްގައި %54 ބޯޅަ ގެންގުޅުނު އިރު ޖަޕާން އަށް ބޯޅަ ގެންގުޅެވުނީ %46 އަށެވެ. ކެމެރޫން އިން ޖަޕާންގެ ގޯލަށް ގިނަ ހަމަލާތަކެއް އަމާޒު ކުރިނަމަވެސް ގޯލެއް ކާމިޔާބު ކުރެވޭ ގޮތެއް ނުވެއެވެ. ޖަޕާނުން ކެމެރޫންގެ ގޯލަށް 5 ހަމާލާ ފޮނުވި އިރު 5 ހަމަލާވެސް ވަނީ ގޯލާ އަމާޒުވެފައެވެ. މިމެޗުގައި ޖަޕާނުން ކުޅެފައިވަނީ ކުޅުންތެރިން ފަހަތަށް ޖައްސައިގެން ޑިފެންސިވް ކުޅުމެކެވެ. ސެމުއެލް އެޓޫގެ ކެޕްޓަން ކަމުގައި ކެމެރޫން މިރޭ ކުޅެ ބަލިވެފައިވާއިރު، މިއީ ވޯލްޑްކަޕް ފުރަތަމަ މެޗެއްގައި ކެމެރޫން ބަލިވި ފުރަތަމަ ފަހަރުވެސް މެއެވެ،
ހޮންޑާގެ ލަނޑާއި އެކު ޖަޕާން ފުރަތަމަ ފަހަރަށް ގައުމުން ބޭރުގައި ވޯލްޑް ކަޕް މެޗަކުން މޮޅުވެއްޖެ
0 ހިޔާލު. .
ގްރޫޕް-އީ / 14 ޖޫން / ހޮލެންޑް – ޑެންމާކް: މިއަދު ހަވީރު ހޮލެންޑާއި ޑެންމާކް ބައްދަލުކުރި މެޗް 2 – 0 ން ކާމިޔާބުކުރީ ހޮލެންޑެވެ. މިމެޗްގެ ފުރަތަމަ ލަނޑު ހޮލެންޑަށް ކާމިޔާބުވީ އެޓީމްގެ ރޮބިން ވެންޕާސީ ނަގައިދިން ހުރަހެއް ޑެންމާކްގެ ކުޅުންތެރިން ދިފާޢުކުރަން އުޅުމުގެ ތެރޭގައި އެޓީމްގެ އެސް.ބީ ޕޯލްސެންގެ ބޮލުގައި ޖެހި ބައިކޮޅަށް ވަނުމުންނެވެ. ދެވަނަ ލަނޑު ހޮލެންޑަށް ކާމިޔާބުކޮށްދިނީ ލިވަޕޫލަށް ކުޅޭ ފޯވާޑް ޑާކް ކުއިޓް އެވެ. މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ހޮލެންޑްގެ ވެސްލީ ސްނައިޑަރ އެވެ.
ވޯލްޑްކަޕް: 14 ޖޫން 2010

0 ހިޔާލު. .
ގްރޫޕް-ސީ / 13 ޖޫން / އަލްޖީރިއާ – ސްލޮވީނިއާ: ވޯލްޑްކަޕް ފުޓްބޯޅް މުބާރާތުގައި އިއްޔެ ކުޅުނު 3 މެޗްގެ ތެރެއިން ހަވީރު 16:30 ގައި މޮކާބާ ސްޓޭޑިއަމްގައި ކުޅުނު މެޗުން އަލްޖީރިއާ އާއި ބައްދަލުކޮށް 1 – 0 ން މޮޅުވީ ސްލޮވީނިއާއެވެ. ފަހު ހާފްގައި ކުޅެން އެރި އަބްދުލްކަދަރަށް ރަތް ކާޑު ދެއްކުމާއި ގުޅިގެން 10 ކުޅުންތެރިންނާއެކު ކުޅެމުންދިޔަ އަލްޖީރިއާ ކޮޅަށް މެޗްގެ 79 ވަނަ މިނެޓްގައި ގޯލެއްޖަހައި ސްލޮވީނިއާ މެޗުން މޮޅުކޮށްދިނީ ޓީމްގެ ކެޕްޓަން ރޮބަޓް ކޯރެން އެވެ. މިއީ ވޯލްޑްކަޕް މެޗަކުން ސްލޮވީނިއާ މޮޅުވި ފުރަތަމަ ފަހަރެވެ. މިމެޗްގެ މޮޅު ކުޅުންތެރިއާގެ މަޤާމަށް ހޮވިފައިވަނީ ސްލޮވީނިއާގެ ކެޕްޓަން ރޮބަޓް ކޯރެން އެވެ. ގްރޫޕް-ޑީ / 13 ޖޫން / ސާބިއާ – ގާނާ: ގްރޫޕް-ޑީ ގެ ސާބިއާ އާއި ގާނާ ބައްދަލުކުރި މެޗް 1 – 0 ން ކާމިޔާބުކުރީ ގާނާއެވެ. މެޗްގެ 85 ވަނަ މިނެޓްގައި ގާނާއަށް ލިބުނު ޕެނަލްޓީއަކުން މިގޯލް ކާމިޔާބުކޮށްދިނީ ފްރާންސްގެ ރޭނީސްއަށް ކުޅެމުން އަންނަ އުމުރުން 24 އަހަރުގެ އަސަމޯއާ ޖިއާން އެވެ. ގާނާ އަށް މިޕެނަލްޓީ ލިބުނީ ސާބިއާގެ ޕެނަލްޓީ އޭރިއާތެރެއިން ކުޒްމަނޯވިޗްގެ އަތުގައި ބޯޅަ ޖެހުމުންނެވެ. މިމެޗްގައި 2 ރީނދޫ ކާޑް ހަމަވެގެން ސާބިއާގެ ލުކޮވިޗަށް ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލާފައިވެއެވެ. މެޗްގެ މޮޅު ކުޅުންތެރިއާގެ މަޤާމަށް ހޮވިފައިވަނީ ގާނާގެ ގޯލް ކާމިޔާބްކޮށްދިން އަސަމޯއާ އެވެ. ގްރޫޕް-ޑީ / 13 ޖޫން / ޖާރުމަން – އޮސްޓްރޭލިއާ: އިއްޔެ ރޭ ކުޅުނު ގްރޫޕް ޑީގެ ދެވަނަ މެޗަކީ މިވޯލްޑް ކަޕްގައި މިހާތަނަށް އެއްމެ ގިނަ ގޯލް ޖެހިމެޗެވެ. މިމެޗްގައި ޖަރަމަން ޓީމުން ވަނީ އޮސްޓްރޭލިއާ ކޮޅަށް 4 ގޯލްޖަހާފައެވެ. މިމެޗްގައި ގޯލް ޖެހި ކުޅުންތެރިންނަކީ ޖަރަމަން ޓީމްގެ ލޫކަސް ޕޮޑޯލްސްކީ، މިރޮސްލާވް ކްލޯސާ، ތޯމަސް މުލާ، އަދި ކަކާއު އެވެ. މިމެޗްގައި އޮސްޓްރޭލިއާގެ އެއްމެ މުހިއްމު ކުޅުންތެރިއާ ޓިމް ކޭހިލް އަށް ވަނީ ރަތްކާޑު ދައްކާފައެވެ. މެޗްގެ މޮޅު ކުޅުންތެރިއާގެ މަޤާމް ހޯދީ ޖަރުމަންގެ ލޫކަސް ޕޮޑޯލްސްކީއެވެ.
ވޯލްޑްކަޕް: 13 ޖޫން 2010

